Support Us

އަނިޔާވެރި ވެރިމީހާގެ ކުރިމަތީގައި ހައްޤުބަސް ބުނަން ކެރުމުގެ މިސާލެއް

މީލާދީން 694- 714 އާ ހަމަޔަށް އިރާގުގެ ގަވަރުނަރަކަށް ހުންނެވީ ހައްޖާޖު ބިން ޔޫސުފެވެ. އޭނާއަކީ ވަރަށް ހަރުކަށި އަދި ބިރުވެރި ވެރިއެއްގެ ގޮތުގައި މީސްތަކުންގެ މެދުގައި މަޝްހޫރުވެފައިވާ މީހެކެވެ. ވަރަށް ކުދިކުދި ޝައްކުތައް ކުރެވިގެންވެސް އެތައްބަޔަކު ޤަތުލުކުރެއްވިއެވެ. އެހެންކަމުން އޭނާއާ ދެކޮޅަށް ބަސްބުނަން ކެރެނީވެސް ވަރަށް މަދު ބަޔަކަށެވެ. ބައެއް ޢިލްމުވެރިންވެސް ތިއްބެވީ ބަހެއް ބުނެލަންވެސް ނުކެރިފައެވެ. ނަމަވެސް އޭރުވެސް ޝެއިޚް ގައްތާނު ފަދައިން ހައްޤުބަސް ވިދާޅުވާ ބޭކަލުން ތިއްބެވިއެވެ.

އަބޫ ޢަބްދުﷲ ބިން ކަތީރު ރިވާކުރައްވާފައިވެއެވެ. އެއްފަހަރެއްގައި ޙައްޖާޖު ބިން ޔޫސުފް، ތާބިޢީންގެ މަޝްހޫރު ޢިލްމުވެރިއެއް ކަމުގައިވާ ސަޢީދު ބިން އަލްމުޞައްޔަބުގެ އަރިހުގައި ނަމާދު ކުރެއްވިއެވެ. އަދި ޙައްޖާޖު އިމާމުމީހާ އަށް ވުރެ ކުރިން ސަޖިދައަށް ގޮސް، ސަޖިދައިން ތެދުވެ ނަމާދުގައި އިމާމު މީހާއަށް ވުރެ ކުރިއަރައި ދާންފެށިއެވެ. މިކަން ސަޢީދު ބިން އަލް-މުޞައްޔަބަށް ފާހަގަކުރެވުނެވެ. އެހެންކަމުން އިމާމު މީހާ ސަލާމްދީ އަވަދިވުމާ އެކު ސަޢީދު ހައްޖާޖުގެ ފަހަތުން އޭނާގެ ހެދުމުގައި ހިފެހެއްޓިއެވެ. އޭރު ސަޢީދު އިންނެވީ ނަމާދުކޮށް އަވަދިވެގެން އެކަލޭގެފާނު ކުރައްވާ ޒިކުރުތައް ކުރައްވާށެވެ. ދެން އެއްގޮތަކަށްވެސް ހައްޖާޖަށް ދިޔަ ނުދެއްވިއެވެ. ތެދުވާ އިރަށް ހެދުމުގައި ހިފައި ބާރުކުރައްވައި އިށީންނަން މަޖުބޫރުކުރައްވައެވެ. މިގޮތުގައި އެކަލޭގެފާނު ޒިކުރުކޮށް އަވަދިވަންދެން ހިފަހައްޓާލެއްވިއެވެ. އެޔަށްފަހު މިސްކިތުން ނިކުމެވަޑައިގަންނަވަމުން، ސަޢީދު އެކަލޭގެފާނު ބޫޓުކޮޅު އަތަށް ހެޔޮވަރުކޮށްލާފައި ހައްޖާޖުގެ މޫނާ ދިމާލަށް އަތް ހޫރުވާލިއެވެ. އަދި ބޫޓުން ހައްޖާޖުގެ މޫނުގައި ޖަހަން އުޅޭ ފަދައިން ހަރަކާތްކުރައްވާފައި ވިދާޅުވިއެވެ.

"ވަގުކަލޭގެޔާއެވެ. މިހިރަ ޚިޔާނާތްތެރިޔާއެވެ. މިއީ ތިބާ ނަމާދު ކުރާ ގޮތް ހެއްޔެވެ؟ އަހުރެން ބޭނުންވީ މިބޫޓުން ކަލޭގެ މޫނުމަތީގައި ޖަހާށެވެ."

ދެންފަހެ ހައްޖާޖު އެއްވެސް އެއްޗެކޭ ނުބުނެ ހިނގައިގެންފިއެވެ. އެއަށްފަހު ހައްޖާޖު، ހައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށްފަހު އެނބުރި ސީރިޔާއަށް ހިނގައްޖެއެވެ.

އޭގެ ދުވަސްކޮޅެއް ފަހުން ހައްޖާޖު މަދީނާގެ ޤަވަރުނަރު ކަމަށް ހަމަޖެއްސިއެވެ. ފަހެ މަދީނާއަށް ވަޑައިގެންނެވުމާ އެކު މިސްރާބު ޖެއްސެވީ މިސްކިތާ ދިމާއަށެވެ. މިސްކިތަށް ވަދެ ސަޢީދު ބިން އަލްމުޞައްޔަބުއާ ދިމާލަށް ދާން ފެއްޓުމުން މީސްތަކުން ކިޔަން ފަށައިފިއެވެ.

"ޔަޤީނެވެ. ސަޢީދުގެ ދުވަސް ދިޔައީއެވެ. ހައްޖާޖު އެއައީ އޭނާގެ ކިބައިން ބަދަލު ހިފާށެވެ."

ފަހެ، ހައްޖާޖު ގޮސް ސަޢީދުގެ ކުރިމަތީގައި އިށީނދެފައި ވިދާޅުވިއެވެ. "އެވެނި މިވެނި ދުވަހަކު އަހުރެންނާ މެދު އެހެން ކަންތައް ކުރީ ކަލޭ ހެއްޔެވެ؟ އެފަދަ ބަސްތަކެއް ބުނި މީހަކީ ކަލޭ ހެއްޔެވެ؟"

އެހިނދު ވަރަށް ޔަގީންކަމާއެކު އަމިއްލަ މޭފުޅުގައި އަތް ޖަހާލަމުން ސަޢީދު ވިދާޅުވިއެވެ. "އާނއެކެވެ. އެމީހަކީ އަހުރެންނެވެ!"

އެހިނދު ހައްޖާޖު ވިދާޅުވިއެވެ. "މުދައްރިސަކަށް ނުވަތަ، މީސްތަކުންނަށް ހެޔޮފޯރުކޮށްދީ ރަނގަޅު ތަރުބިއްޔަތުދޭ މީހަކަށް ލިބޭނެ އެންމެ ރަނގަޅު ޘަވާބު މާތް ﷲ ކަލޭގެފާނަށް ދެއްވާށިއެވެ! އަހުރެން ﷲ ގަންދީ ހުވާކޮށްފައި ބުނަމެވެ. އެދުވަހު ކަލޭގެފާނާ ބައްދަލުވި ފަހުން، އެ ބަސްތައް ހަނދާން ނެތި އަހުރެން އެންމެ ނަމާދެއްވެސް ނުކުރަމެވެ."

އެއަށްފަހު ހައްޖާޖު ތެދުވެގެން ހިނގައިގެންފިއެވެ.

ނޯޓް: މިއަދު އަޅުގަނޑުމެންގެ އުއްމަތަށް މިވަނީ މިފަދަ ޢިލްމުވެރިންގެ ބޭނުން ނުހަނު ބޮޑަށް ޖެހިފައެވެ. الله ފިޔަވައި އެހެން އެއްވެސް ފަރާތަކަށް ބިރުވެތިނުވާ އަދި އަނިޔާވެރި ވެރިމީހާގެ ކުރިމަތީގައި ހައްޤު ބަސް ބުނަން ކެރޭ، ޝައިޚް ޤައްޠާން ފަދަ ސަޢީދު ބިން އަލްމުޞައްޔަބުގެ ފަދަ ބޭކަލުންނެވެ.

މަސްދަރު: [ޞަލާޙުދު-ދީން ޢަލީ ޢަބްދުލް މައުޖޫދު/ ސަޢީދު ބިން އަލްމުޞައްޔަބުގެ ބަޔޮގްރަފީ ސ. 174]

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް