...

Support Us

މުމްބާއީގައި ބޭއްވި އިންޑިއާ– މޯލްޑިވްސް ބިޒްނަސް ފޯރަމްގައި ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެވަޑައިގެންފި

އިންޑިއާގެ މުމްބާއީގައި ބޭއްވި އިންޑިއާ– މޯލްޑިވްސް ބިޒްނަސް ފޯރަމްގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދު ބައިވެރިވެވަޑައިގެންފިއެވެ. ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި އިންޑިއާއަށް ވަޑައިގެންނެވި ވަފުދުގައި ހިމެނިވަޑައިގަންނަވާ ސަރުކާރުގެ އިސްބޭފުޅުންނާއި ރާއްޖޭގެ ވިޔަފާރިވެރިންވެސް މި ބިޒްނަސް ފޯރަމްގައި ބައިވެރިވެވަޑައިގެންނެވިއެވެ.

ކޮންފެޑެރޭޝަން އޮފް އިންޑިއަން އިންޑަސްޓްރީ (ސީ.އައި.އައި.) އިންތިޒާމުކުރި އިންޑިއާ– މޯލްޑިވްސް ބިޒްނަސް ފޯރަމްގެ ބޭނުމަކީ ދެ ޤައުމުގެ އިސް ވިޔަފާރިވެރިން އެއްތަނަކަށް އެއްވެ މަޝްވަރާކޮށް ދެ ޤައުމުގެ ދެމެދު ވިޔަފާރިއާ އިޤްތިޞާދީ ގުޅުންތައް ކުރިއަރުވާ އިތުރުކުރުމެވެ.

މުމްބާއީގައި ބޭއްވި އިންޑިއާ މޯލްޑިވްސް ބިޒްނަސް ފޯރަމްގެ އިތުރުން އިންޑިއާގެ ވެރިރަށް ނިއުދިއްލީގައި ބޭއްވި އިންޑިއާ- މޯލްޑިވްސް ބިޒްނަސް ފޯރަމްގައިވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ބައިވެރިވެވަޑައިގެންފައެވެ. އަދި ނިއުދިއްލީގައި ބޭއްވި ފޯރަމްގައި އެމަނިކުފާނު ވަނީ ތަޤްރީރު ކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ މިހާރު އިންޑިއާއަށް ކުރައްވަމުންގެންދަވާ ދަތުރުފުޅަކީ އިންޑިއާގެ ބޮޑުވަޒީރުގެ ދަޢުވަތަކަށް ކުރައްވާ ރަސްމީ ދަތުރުފުޅެކެވެ.