...

Support Us

ކޮލަމް ކަލާވެހި: މިނިވަންކަމަކީ… ނޭފަތުކުރިޔާ ހަމައިން

ދުނިޔެއަކީ ލާގުޅަޔަކަށް ނުވިޔަސް، ތިމާގެ ނޭފަތު ކުރީން ފެށިގެން ކުރުމުށެއްހައި ތަން ވަރަށް ސާފުކޮށް ފެންނަ، އެޔަށްވުރެ ދުރުގައި ހުންނަ އެއްޗިހި ފުސްވަމުންގޮސް އިސާހިތަކު ގެއްލޭ ޒާތުގެ މީހުންނަށް މިނިވަންކަންވެސް ފެންނާނީ ވަރަށް ގާތުންނެވެ. ހަމަ އެހައި ޒާތީކޮށެވެ. އެއީ، ތިމާ ބޭނުން އެއްޗެއް، ބޭނުން މީހަކާދިމާޔަށް، ބޭނުން ބަހުރުވަޔަކުން، ބޭނުން ތާކު، ބޭނުން ބައެއްގެ ކުރިމަތީގައި ބުނުމުގެ މިނިވަންކަމެވެ. ތިމާގެ ވިޔަފާރިއެއް ފަށަން ކޮންމެވެސް މީހަކު ތިމާގެ ޖީބަށް ފުރަތަމަ ލައިދިން ފައިސާޔަކީ ހުދު ފޮތިކޮޅެއްހައި ސާފު ފައިސާއެއްތޯ ބެއްޔަސް، އަދި ނުބެއްޔަސް، އެ ފައިސާ ގިނަކުރާން، ވީހާވެސް އަވަހަށް ޖީބަށް ބަރުކުރަން ހަރުމުދާ ވިއްކަން، ނުވަތަ ގުދަނެއް އަޅާން ނަމަވެސް ކުރާ މަސައްކަތުގެ ތެރެއިން އަނެކާގެ ޙައްޤު ނޭފަތު ކުރިޔާ ހަމައިން ގެއްލުނަސް ވަރިހަމަވާ ޒާތުގެ މިނިވަންކަމެވެ. އެއީވެސް މިނިވަންކަމުގެ ބާވަތެކޭ ބުނުން ނޫންގޮތެއް މިއަދަކު ނެތެވެ. އެހެނީ، އެ ބާވަތުގެ މިނިވަންކަމުގެ ސަބަބުން އާދައިގެ ދެރަ ކެނަޔަކަށް ހާނީއްކަ ވެއްޖިއްޔާ އެމީހަކު، އަނިޔާއެއް ލިބިއްޖިއްޔާ އެނިކަމެއްޗަކު ކުރާނޭކަ މާބޮޑު ކަމެއް، ހެޔޮ ނަތީޖާއެއްގެ އުންމީދުގައި ދާނޭކަ ވަކި ތަނެއް ނެތެވެ.

މާނޭވާއެއް ލައިފައި ނަމަވެސް ދަންނަވަން އޮތީ އެއީވެސް މިނިވަންކަން ކަމަށް ވަންޏާ، މިދުވަސްވަރު އަޅުގަނޑު މިފާހަގަކުރަނީ އެކަހަލަ އަނެއްކާ އެކަހަލަ މިނިވަންކަމެއް ތޯއޭ އެވެ.

މިދުވަސްވަރު އަޅުގަނޑު ފާހަގަކުރާ ހިތްވާ މިނިވަންކަމަކީ ފަރުދީ މިނިވަންކަމަށް ވުރެ ބޮޑަށް އަޅުގަނޑުމެންގެ ޤައުމީ މިނިވަންކަމެވެ. އެކަމަކު އެވާހަކަ ދެއްކެން އޮތީ މިދެންނެވި ނަންއިތުރުގެ މަޞްދަރު ކަމަށްވާ ”ޤައުމު“ މިލަފުޒަށް ބަލައިލީމައި ހިތަށް ސިފަވެގެން، މާނަވެގެން އަންނަ އެއްޗަކަށްވެސް ބަލައިލައިފައި، އެހެން ނޫންތޯއެވެ؟

ފަހެ ޤައުމަކީ އެއް ދަރިކޮޅަކަށް ނިސްބަތްވާތީ، ނުވަތަ އެއް ނަސްލަކުން އަޔަތީ، ނުވަތަ އެއް ތާރީޚެއް ޙިއްޞާކުރާތީ، ނުވަތަ އެއް ޘަޤާފަތެއްގެ ވެރި ބަޔަކަށް ވާތީ، ނުވަތަ އެއް ބަހަކުން މޮށެއުޅޭތީ، ނުވަތަ އެއް ޢަޤީދާޔަކުން ބަދަހިކޮށް ބަނދެވިގެންވާތީ، އެކީގައި އެއްތަނެއްގައި އެކުގައި އުޅެން އިޚްތިޔާރުކޮށްގެން ތިބޭ ބަޔަކަށް ކިޔާ ނަމެކޭ ބަޔަކު ބުނެއުޅެއެވެ. ނުވަތަ ޤައުމަކީ ޖުޣުރާފީއާއި ދުނިޔޭގެ ޙަޤީޤަތްތަކެއްގެ ހުރަސްތަކެއް ހުރީމައި ވަކި ސަރަޙައްދަކުން ބޭރުނުވެވިގެން އުޅޭ ބައެއްތޯ، އެނޫންގޮތެއް ފަސޭހައިން ފެންނަން ނެތިގެން އެކުއުޅޭން މަޖުބޫރުވެގެން އުޅޭ ބަޔަކަށް ކިޔާ ނަމެއްތޯވެސް ބަޔަކު އަހައިފާނެއެވެ. ނުވަތަ މީހަކު އެތަނެއްގައި އުޅުނަސް، އިންސިޔެއްގެ ހިލަމެއް އެތަނެއްގައި ޢަމުދުން ނެތަސް، ވަކި ބިންކޮަޅަކަށް ކިޔާ ނަމެއްތޯވެސް ބަޔަކު އަހައިފާނެވެސް ތޯއްޗެކެވެ. ކޮންމެ ގޮތަކަށް ކަން އޮތަސް، ”ޤައުމު“ މިލަފުޒުގެ މާނަ މީގެ ތެރެއިން ކޮންމެވެސް އެއް ގޮތެއްގައި އެބަ ހިމެނޭ، އެހެންނޫންތޯއެވެ؟

ކޮންމެއަކަސް، ޤައުމެކޭ ކިޔާ ބަޔަކު އެބައެއްގެ ޖަމުޢު މިނިވަންކަން އަމިއްލަޔަށް ތަޞައްވުރުކުރަން ބޭނުމިއްޔާ، އަޅުގަނޑު ކުރީން މިދެންނެވި، ނޭފަތުކުރިޔާ ހަމައިން އެ ފެންނަ މިނިވަންކަން އޮތް ތާކަށް ދޫކޮށްލައިފައި، އެޔަށްވުރެ ފުޅާކޮށް ވިސްނަން އެބަ ޖެހޭ ދެއްތޯއެވެ؟ ތިމާގެ ފަރުދީ ދަހިވެތިކަން ކުރިޔަށްނެރެ، ޙިމާޔަތްކޮށް، ވަރުގަދަކުރުމަށްވުރެ ބޮޑަށް ތިމާ އެ ބޮޑު ޖަމާޢަތެއްގައި ހިމެނޭ ”ޤައުމު“ ގެ މިނިވަންކަންވެސް އަމިއްލަ ބުއްދިޔަށް ދޭހަކޮށްދެވޭތޯ ކޮންމެވެސް މަސައްކަތެއް ކޮށްލަން އެބެ ޖެހޭ ދެއްތޯއެވެ؟

އެހެންކަމަށް ވަންޏާ، ދެން އޮތީ އަޅުގަނޑު ދަންނަވަން ބޭނުން ބައެއް ސުވާލެވެ. އެ ނިމުނީއެވެ. އައްސަވާށެވެ!

ތެދުފުޅެކެވެ. ތިމާގެ ތަނަވަސްކަމާއި، ފުދުންތެރިކަމާއި، އަނެކާގެ އެހީޔަކާ ނުލައި މަތިހަށިނަގައިގެން މަވެފައި ހިނގާއުޅުމަށްޓަކައި މިނިވަންކަމާއެކު މަސައްކަތްކުރުމަކީ މިނިވަންކަމެވެ. އެކަމަކު، އެކަން ޙާޞިލްކުރުމުގައި އަނެކާގެ ދިރިއުޅުމަށް ދަތިކޮށް، އަނެކާގެ މިލްކިއްޔާތަށް އަރައިގަނެ، އަނެކާގެ ޙައްޤުތައް މުގުރައިގަތުމަކީ މިނަވަންކަން ކަމަށް ބަޔަކު ދެކެން ފަށައިފިއްޔާ، އަދި އެފަދަ މީހުންގެ ކިބައިން އަނިޔާ ލިބޭ ބަޔެއްގެ ޙިމާޔަތުގައި ޢަމަލީ ފިޔަވަޅެއް އަޅާނޭ އެއްވެސް ފަރާތެއް ނެތްތަނެއް ދުނިޔޭގައި އޮތިއްޔާ، އެތަނެއްގެ ޙާލަކީ ކޮބައިތޯއެވެ؟ ޤައުމެއް ސަލާމަތުން ދެމިއޮންނަން ބޭނުންވާ އެއްބައިވަންތަކަށް އެތަނެއްގައި ދުލުކުރިޔަށްވުރެ އެތެރޭގައި އޮންނާނެތޯއެވެ؟ ދާޚިލީ އަމަންއަމާންކަމާއި ޞުލްޙަ މަޞްލަޙަތު އޭގެ ޙަޤީޤީ މާނައިގައި އޮންނާނެތޯއެވެ؟ މުޅި ޤައުމުގެ ދިފާޢަށް އެންމެން ނިކުންނަން ޖެހޭ ދަނޑިވަޅެއްގައި އެންމެން ހެޔޮހިތުން އެމަގަށް ނިކުންނާނެތޯއެވެ؟

ތެދުފުޅެކެވެ. މިނިވަންކަމަކީ އޭގެ މާނަ ވަރަށް ފުޅާ އެއްޗެކެވެ. އެކަމަކު މިދެންނެވި ކަހަލަ ސުވާލުތައް ކުރިމަތީގައި އެނބުރިގަތީމައި، މިނިވަންކަމުގެ ދޭހަވެސް ނޭފަތުކުރިޔަށްވުރެ ދުރަށް ނުދިޔައުމަކީ އިންސާނީ ނުކުޅެދުންތެރިކަން ކަމަށް ވެދާނެއެވެ. އެކަމަކު އިންސާނުންނަށް އެހެން އެވަނީވެސް ވަކި ވައްތަރެއްގެ މިނިވަންކަން ނެތުނީމައި ދެއްތޯއެވެ؟