...

Support Us

ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރ އަހުމަދު ޝަރީފު

ސްޓެލްކޯގެ ފްލެޓްތައް ހަވާލުކުރުން އޯގަސްޓް ހައެއްގައި

ސްޓެލްކޯ އިން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ ފްލެޓްތައް އެތަނުގެ މުވައްޒަފުންނާ އަންނަ އޯގަސްޓު މަހުގެ ހަ ވަނަ ދުވަހު ހަވާލުކުރާނެ ކަމަށް މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފު ވިދާޅުވެއްޖެއެވެ.

ރޭ ބޭއްވި މުވައްޒަފުންގެ ބައްދަލުވުމެއްގައި ޝަރީފު ވިދާޅުވީ 15 ފްލޯގެ ދެ ޓަވަރުގައި ހިމެނޭ 360 ފްލެޓް މުވައްޒަފުންނާ ހަވާލުކުރާ ގޮތަށް ކުރިން ހަމަޖައްސާފައި އޮތީ މިއަދު ކަމަށް ވިޔަސް ޔަގީންކަމާއެކު ފްލެޓަށް ވަދެވޭނެ އާ ތާރީހަކީ އޯގަސްޓް ހައެއްވާ ހޮނިހިރު ދުވަސް ކަމަށެވެ. ޝަރީފު އަދި ވިދާޅުވީ، ކުރިން ތާރީހެއް ކަނޑައަޅައި އަމާޒެއް ނެތް ނަމަ "ފްލެޓްތަކަށް ވަދެވޭނެ ތާރީހު އިތުރަށް ލަސްވާނެ" ކަމަށެވެ.

ސްޓެލްކޯގެ ބޯޑުގެ އާ ޗެއާމަން ބްރިގޭޑިއާ ޖެނަރަލް އިބްރާހިމް މުހައްމަދު ދީދީ އެ ކުންފުނީގެ މުވައްޒަފުންނަށް ތައާރަފު ކުރުމަށް ބޭއްވި ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ޝަރީފު ވިދާޅުވީ ފްލެޓްތައް ދިގު މުއްދަތަކަށް ބޭނުންކުރެވޭނީ އެ ތަން ރަނގަޅަށް ބަލަހައްޓައިގެން ކަމަށް ވާތީ، އެއް ކޮޓަރީގެ އެޕާޓްމަންޓްތަކުން މަހަކު 1،000ރ.ގެ ފީއެއް، އަދި މެއިޑް ރޫމު ހިމެނޭ ގޮތަށް ތިން ކޮޓަރީގެ އެޕާޓްމަންޓްތަކުން މެއިންޓަނެންސް ފީގެ ގޮތުގައި މަހަކު 1،300ރ. ނަގާނެ ކަމަށެވެ. އަދި ފްލެޓްތަކުގެ ސެކިއުރިޓީ 24 ގަޑިއިރު ބަލަހައްޓާނެ ކަމަށާއި އެ އިންތިޒާމު ހަމަޖެހެންދެން ކުންފުނީގެ ސެކިއުރިޓީ އޮފިސަރުން އެ ތަން ބަލަހައްޓާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ޝަރީފު ވިދާޅުވީ ކުޑަ އަގެއްގައި ފްލެޓް ލިބުނީމާ، ވިޔަފާރި އުސޫލުން އެ ފްލެޓް ވިއްކާލަން ބޭނުންވާ މީހުން ވެސް ތިބެދާނެތީ އެފަދަ ހާލަތެއްގައި އެ ފްލެޓް ވިއްކާލުމަށްޓަކައި އެ ތަނުގައި ގާއިމުކުރެވޭނީ ކޮން ކަހަލަ ވެލިއު އެޑެޑް ކަމެއްތޯ ނުވަތަ ފެސިލިޓީއެއްތޯ ވިސްނަމުން ގެންދަވާ ކަމަށެވެ.

ސްޓެލްކޯގެ މުވައްޒަފުން އެ ފްލެޓްތަކުގައި ދިރިއުޅެން ތައްޔާރުވުމަށްޓަކައި، އަންނަ ޑިސެމްބަރާ ހަމައަށް މަހު ކުއްޔެއް ނުނަގާނެ ކަމަށް ވެސް ޝަރީފު ވިދާޅުވިއެވެ. އެ މުއްދަތުގެ ތެރޭގައި ވެސް މުސާރައިންނާއި އެހެން ގޮތްގޮތުން ކުންފުންޏަށް 10 ޕަސެންޓް ދައްކަމުންދާތީ ކުލި ނަގައިފި ނަމަ ދަތިވާނެ ކަމަށް ގަބޫލްކުރައްވާ ކަމަށް ވެސް ޝަރީފު ވިދާޅުވި އެވެ.

ފްލެޓްތަކަށް މިހާތަނަށް 640 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް ވެސް ޝަރީފު ވިދާޅުވިއެވެ. އެކަމަކު ފްލެޓް އިމާރާތްކޮށް ނިމިފައި ހުއްޓަސް އިތުރު ބަދަލުތަކެއް ގެންނަން ހުރުމުން އެ ހަރަދުތައް ހިމެނޭ ގޮތަށް ކޮށްފައިވާ ހަރަދުގެ ޖުމުލަ އަގު 700 މިލިއަން ރުފިޔާ އަށް އަރާނެ ކަމަށް ވެސް ޝަރީފު ވިދާޅުވި އެވެ.

ޝަރީފު ވިދާޅުވީ 15 ފްލޯގެ ދެ ޓަވަރުގެ މެދުގައި ސްވިމިން ޕޫލެއް ހެދުމުގެ ވިސްނުން ސްޓެލްކޯ އިން ގެންގުޅޭ ކަމަށާއި އެއީ ފްލެޓްގެ އަގު މަތިކޮށް، ހިދުމަތް ދިނުމަށް ކުރާ ކަމެއް ކަމަށެވެ. އަދި ފްލެޓްތައް ކައިރީގައި ކުޑަކުދިން ކުޅޭނެ ސަރަހައްދެއް ހާއްސަކުރުމުގެ ވިސްނުން ވެސް  ކުންފުނިން ގެންގުޅޭ ކަމަށް އޭނާ ވިދާޅުވިއެވެ.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.