Support Us

ދަތުރުގިރި އަށް ސްޓެލްކޯއިން ކަރަންޓު ދީފި

މާލެ ކައިރިން ޕިކްނިކްދާނެ ރަށެއްގެ ގޮތުގައި ތަރައްގީކުރާ ދަތުރުގިރި (ކުޑަގިރި) އަށް ސްޓެލްކޯ އިން ކަރަންޓު ދިނުމުގެ މަސައްކަތް ނިންމާލައިފިއެވެ.

ސަރުކާރުގެ ކުންފުނިތަކާ ހަވާލުކޮށްގެން ތަރައްގީ ކުރަމުން އަންނަ ދަތުރުގިރީގެ ޕްރޮޖެކްޓުން ސްޓެލްކޯއާ ހަވާލުކޮށްފައިވާ މަސައްކަތްތަކުގެ ތެރެއިން ކަރަންޓުގެ ނެޓްވޯކް ގާއިމްކުރުމާއި މަގުބައްތީގެ ގޮތުގައި ގާރޑެން ލައިޓްތައް ޖަހައި މިހާރު ވަނީ ނިންމައިފައި ކަމަށް އެ ކުންފުނިން ބުނެއެވެ.

"ދަތުރުގިރީގެ ކަރަންޓުގެ ނެޓްވޯކް ގާއިމް ކުރުމަށް 3،000 މީޓަރުގެ ކޭބަލް ވަޅުލައި، ޑިސްޓްރިބިއުޝަން ފޮށި ހަރުކޮށް، ހަދަން ޖެހޭ ހުރިހާ ކަނެކްޝަނެއް މިހާރު ވަނީ ހަދާ ނިމިފައި،" ސްޓެލްކޯ އިން ބުންޏެވެ.

މި މަހުގެ 26ގައި ދަތުރުގިރި ހުޅުވުމަށްޓަކައި ގިނަ މަސައްކަތްތަކެއް އެ ރަށުގައި އަންނަނީ ކުރަމުންނެވެ.

ސްޓެލްކޯ އިން ބުނި ދަތުރުގިރި އަށް ޕިކްނިކް ދާ މީހުންނަށް ކެފޭއެއްގެ ހިދުމަތް ދިނުމަށްޓަކައި، އަޅަންޖެހޭ ކެފޭ އެޅުމުގެ މަސައްކަތް ސްޓެލްކޯ އިން މިހާރު ކުރަމުން އަންނަ ކަމަށެވެ. އެއީ މިދިޔަ މަހު ފަހުކޮޅު ސްޓެލްކޯއާ ހަވާލުކުރި މަސައްކަތެއް ކަމަށާއި މި މަހުގެ 26ގެ ކުރިން ނިންމުމަށްޓަކައި، އެ ކުންފުނީގެ ގިނަ އަދަދެއްގެ މުވައްޒަފުން ރެޔާއި ދުވާލު މަސައްކަތް ކުރަމުން އަންނަ ކަމުގައި ވެސް ސްޓެލްކޯ އިން ބުނެއެވެ.