Support Us

މަކިޓާ ޕްރޮޑަކްޓްތަކަށް ހާއްސަ ޝޯރޫމެއް އެސްޓީއޯ އިން ހުޅުވައިފި

ޖަޕާނުގެ މަކިޓާ ޕްރޮޑަކްޓްތަކަށް ހާއްސަ މުޅިން އައު ޝޯރޫމެއް އެސްޓީއޯއިން މިރޭ ހުޅުވައިފިއެވެ.

މަކިޓާ ޝޯރޫމް ހުޅުވުމަށް އެސްޓީއޯއިން މިރޭ ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ އެސްޓީއޯގެ ސީއީއޯ އަދި އެމްޑީ ހުސެން އަމުރާއި އެސްޓީއޯގެ މަކިޓާ ސަޕްލަޔަރ ކަމުގައިވާ މަކިޓާ ސިންގަޕޯގެ އެސިސްޓެންޓް ޖެނެރަލް މެނޭޖަރެވެ. އެސްޓީއޯ އައު މަކިޓާ ޝޯރޫމް ހުޅުވައިފައިވަނީ ބޮޑުތަކުރުފާނު މަގު ސީ ޓްރެކްސް ހުންނަ އިމާރާތުގެ ގްރައުންޑް ފްލޯގައެވެ.

ފަންސަވީސް އަހަރުގެ ދިވެހިންގެ އިތުބާރާއި މަގުބޫލުކަން ހޯދާފައިވާ މަކިޓާ ބްރޭންޑަކީ 1915 ވަނަ އަހަރު އީޖާދުވެ ކަރަންޓު ސާމާނު އުފައްދައި ފޯރުކޮށްދިނުމުގައި މުޅި ދުނިޔެއަށް މަގުބޫލް ބްރޭންޑެކެވެ.

"ޖަޕާނުން އެތެރެކޮށް އެސްޓީއޯއިން މަކިޓާގެ އުފެއްދުންތަށް ދިވެހިންނަށް ފޯރުކޮށްދިނުން ވެގެން ދިޔައީ މަސައްކަތް ތެރިންގެ ވަގުތު ސަލާމަތްކޮށްދީ އިތުރު ފަސޭހަތަކެއް ލިއްބައިދިން ކަމެއް ކަމުގައެވެ. މާލޭގެ އިތުރުން ރާއްޖޭގެ އެކި ހިސާބުތަކުގައިވެސް އެސްޓީއޯގެ މަކިޓާ ބްރޭންޑްގެ އުފެއްދުންތަށް ލިބެންހުންނާނެއެވެ. މި ގޮތުން އެސްޓީއޯ ރީޖަނަލް ފިހާރަތަކުން އަދި އެސްޓީއޯ ޕީޕަލް ޗޮއިސްގެ އޭޖެންޓުން ވެސް އާއްމުންނާއި ހަމައަށް މަކިޓާ ޕްރޮޑަކްޓްސް ފޯރުކޮށްދެމުންދެއެވެ." އެސްޓީއޯ އިން ބުންޏެވެ.

މަކިޓާއިން ރާއްޖެ އެތެރެކޮށް ވިއްކާ އުފެއްދުންތަކުގެ ތެރޭގައި، ލަކުޑި/ ވަޑާންކުރުމަށް ހާއްސަ ކަރަންޓު އާލަތްތަކާއި އައުޓްޑޯ އެކި މަސައްކަތްތަކަށް ބޭނުންކުރެވޭނެ ސާމާނާއި ގާރޑެނިންއަށް ހާއްސަ އުފެއްދުންތަކާއި އިންޑޯ އަދި އާއްމު ދިރިއުޅުމުގައި ބޭނުން ކުރެވޭނެ ވެކިއުމް ކްލީނަރ ފަދަ އެތައް ސާމާނެއް ހިމެނެއެވެ.

"މިރޭ ހުޅުވިގެންދިޔަ އައު މަކިޓާ ޝޯރޫމް އާއެކު ކަސްޓަމަރުންނަށް އިތުރު ފުރިހަމަ ހިދުމަތްތަކެއް ލިބޭނެއެވެ. މިގޮތުން ޝޯރޫމްގެ ތެރެއިން މަކިޓާ އުފެއްދުންތަކުގެ ސްޕެއަރ ޕާރޓްސް ލިބެން ހުންނާނެއެވެ. އަދި މަކިޓާ ބްރޭންޑަށް ހާއްސަ ސާވިސް ސެންޓަރ ވެސް ހުންނާނީ މި އައު ޝޯރޫމް ތެރޭގައެވެ."