...

Support Us

ސްޓެލްކޯގެ 25 ވަނަ އަހަރީ ދުވަހުގެ ރަސްމީޔާތުގެ ތެރެއިން.. -ފޮޓޯ: ސްޓެލްކޯ

ސްޓެލްކޯގެ 25 ވަނަ އަހަރީ ދުވަސް ފާހަގަކޮށްފި

ސްޓެލްކޯގެ 25 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން ދުވަހަށް ހާއްސަ ކޭކެއް މިއަދު ފަޅައިފިއެވެ. ކޭކް ފަޅުއްވައިދެއްވީ ކުންފުނީގެ އާ ޗެއާމަން ބްރިގޭޑިއަރ ޖެނެރަލް (ރިޓަޔަރޑް) އިބްރާހިމް މުހައްމަދު ދީދީ އާއި މެނޭޖިންގ ޑިރެކްޓަރ އަހުމަދު ޝަރީފްގެ އިތުރުން ކުންފުނީގެ ދެ ޑިޕިއުޓީ މެނޭޖިންގ ޑިރެކްޓަރުން ކަމުގައިވާ މުހައްމަދު ލަތީފާއި ޑރ. އަލީ އަޒުވަރެވެ.

އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން ސްޓެލްކޯގެ ހެޑް އޮފީހާއި ހުރިހާ އިންޖީނުގެއެއް ވަނީ ކުލަބޮކިން ދިއްލައި ޒީނަތްތެރިކޮށްފައެވެ.

މިއަދު ހެނދުނު ސްޓެލްކޯ ހެޑް އޮފީހުގައި އޮތް ހާއްސަ ރަސްމިއްޔާތުގައި ޗެއާމަނާއި މެނޭޖިންގ ޑިރެކްޓަރު ވާހަކަފުޅު ދެއްކެވިއެވެ.

ސްޓެލްކޯގެ 25 ވަނަ އަހަރީ ދުވަހުގެ ރަސްމީޔާތުގެ ތެރެއިން.. -ފޮޓޯ: ސްޓެލްކޯ

ޗެއާމަންގެ ވާހަކަފުޅުގައި ސްޓެލްކޯގެ މުވައްޒަފުންނަކީ ރައްޔިތުންނަށް ތެދުވެރި، އިހުލާސްތެރި ބަޔަކަށް ވުމަށް ނަސޭހަތްތެރިވެ ވަޑައިގެންނެވިއެވެ. އަދި އޭނާ ވިދާޅުވީ މި ޒަމާނުގައި ކަރަންޓުގެ ހިދުމަތް ފޯރުކޮށްދެވޭނީ ރޭވުންތެރިކަމާއެކު ކަންކަން ކޮށްގެން ކަމަށެވެ. އަދި ސަރުކާރުން ސްޓެލްކޯ އުފެއްދީ ވަރަށް މާތް މަގުސަދެއްގައި ކަމަށާއި އެއީ ކުންފުނިން ދޭ ހިދުމަތް އެއް ދުވަހުން އަނެއް ދުވަހަށް ފުޅާކޮށް މިއަދަށްވުރެ މާ ރަނގަޅު ހިދުމަތްތަކެއް ދީ މާދަމާއަށް ތައްޔާރުވުމަށް ކަމަށް ޗެއާމަން ވިދާޅުވި އެވެ.

ސްޓެލްކޯގެ 25 ވަނަ އަހަރީ ދުވަހުގެ ރަސްމީޔާތުގެ ތެރެއިން.. -ފޮޓޯ: ސްޓެލްކޯ

މި ޖަލްސާގައި ވާހަކަ ދައްކަވަމުން މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފު ވިދާޅުވީ ސްޓެލްކޯގެ މިސްރާބު ކަސްޓަމަރުންގެ މަސްލަހަތު އިސްކުރާ ކުންފުންޏަކާ ދިމާލަށް ބަދަލުކުރަންޖެހޭ ކަމަށެވެ. އަދި މިއަދަކީ ސްޓެލްކޯ ނޫކަށި ޒުވާނަކަށްވެ, ރައްޔިތުންނަށް ދޭ ހިދުމަތް އެ ހިތްވަރާއެކު ދޭން ފަށާ ދުވަސް ކަމަށެވެ. ޝަރީފު ވިދާޅުވީ ސްޓެލްކޯ މިހާރު އޮތް ފެންވަރަށް ގެނެސްދިނުމުގައި ވޭތުވެދިޔަ 25 އަހަރު އެ ކުންފުންޏަށް ހިދުމަތްކޮށްދިން ބޭފުޅުންގެ ނަންތަކާއި ހިދުމަތް ފާހަގަކުރަންޖެހޭ ކަމަށެވެ.

ސްޓެލްކޯގެ 25 ވަނަ އަހަރީ ދުވަހުގެ ރަސްމީޔާތުގެ ތެރެއިން.. -ފޮޓޯ: ސްޓެލްކޯ

އަދި ކުންފުނީގެ ނަމުގެ ގޮތުގައި، މިއަދުން ފެށިގެން ސްޓެލްކޯގެ މުވައްޒަފުން ބޭނުން ކުރާނީ "އަޅުގަނޑުމެންގެ ކުންފުނި" ކަމަށާއި އެކަމުން ވަރަށް ބޮޑު ބަދަލެއް ކުންފުންޏަށް އަންނާނެ ކަމުގައި ޝަރީފު ވިދާޅުވިއެވެ. އަދި މިއަދުން ފެށިގެން ސްޓެލްކޯގެ މިސްރާބުވެސް ބަދަލުކޮށް, ކަސްޓަމަރުންނަށް ރަނގަޅު ހިދުމަތެއް ދިނުމަށް އަމާޒުކުރާ ކުންފުންޏަކަށް ހަދަންޖެހޭ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

ސްޓެލްކޯއަކީ މާލެއަށް ކަރަންޓުގެ ހިދުމަތް ދިނުމަށް އިލެކްޓްރިސިޓީ ޑިޕާޓްމަންޓުގެ ނަމުގައި 1949 ގައި އުފެދުނު އޮފީހެކެވެ. ފަހުން އެ އޮފީހުގެ ނަން ވަނީ މޯލްޑިވްސް އިލެކްޓްރިސިޓީގެ ބޯޑުގެ ނަމަށް ބަދަލުކޮށްފައެވެ. މާލޭ އިންޖީނުގެ ހިންގުމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ)ގެ ނަމުގައި ދައުލަތުގެ 100 ޕަސަންޓް ހިއްސާވާ ކުންފުންޏެއް އުފެއްދީ، 19 ޖޫން 1997 ގައެވެ.

ސްޓެލްކޯ އިން ކަރަންޓުގެ ހިދުމަތް ދޭތާ 70 އަހަރު ފުރުން، 3 މާޗު 2020 ގައި ވަނީ ވަރަށް ކުލަގަދަކޮށް ފާހަގަކޮށްފައެވެ.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.