Support Us

އެސް.ޓީ.އޯގެ އެމްޑީ ހުސެއިން އަމްރު އާއި ޑރ. އަބްދުﷲ ނިޔާފް (ވ) "ތުއްތު ދަރިފުޅު" ފޮތް ނެރެދެއްވަނީ

އެސް.ޓީ.އޯ އިން "ތުއްތު ދަރިފުޅު" ނެރެފި

ކުޑަދަރިފުޅުގެ ހަޔާތުގެ ފުރަތަމަ ދުވަސްވަރު ދިމާވެދާނެ ކަންތައްތަކާއި، އަދި އެކަންތައްތަކާ ގުޅިގެން އަމަލުކުރަންވީ ގޮތުގެ މުއަލޫމާތު އެކުލެވޭނެހެން، އާއިލާތަކުގެ ހޭލުންތެރިކަން އިތުރުކޮށްދިނުމުގެ މަގުސަދުގައި ތައްޔާރުކޮށްފައިވާ "ތުއްތު ދަރިފުޅު" ފޮތް އެސް.ޓީ.އޯ އިން ނެރެފިއެވެ.

އިއްޔެ ނެރުނު "ތުއްތު ދަރިފުޅު" އަކީ ހޮސްޕިޓަލުގައި ތުއްތު ދަރިފުޅު އުފަންވާ ވަގުތު ދެވޭ ފަރުވާއިން ފެށިގެން، ހޮސްޕިޓަލުން ދޫކޮށްލުމަށްފަހު ދަރިފުޅު ގެންގުޅުމުގައި ސަމާލުކަންދޭންޖެހޭ ކަންކަން ވަރަށް ތަފްސީލުކޮށް ބަޔާންކޮށްފައި ފޮތެއް ކަމަށް އެސް.ޓީ.އޯ އިން ބުނެއެވެ.

"ތުއްތު ދަރިފުޅުގެ ހަޔާތުގެ ފުރަތަމަ 100 ދުވަހަށް ހާއްސަކޮށް ތައްޔާރު ކޮށްފައިވާ މި ފޮތުގައި، ދަރިފުޅަށް ގާތުން ދިނުމާއި ބެހޭގޮތުން އެންގެންޖެހޭ މުހިއްމު މައުލޫމާތުތައް އަދި ފުރަތަމަ ދުވަސްކޮޅުގައި ދަރިފުޅުގެ ހެދިބޮޑުވުމަށް އަންނާނެ ތޮބީއީ ބަދަލުތަކުގެ ތަފްސީލު ހިމެނިފައިވާނެއެވެ. މީގެ އިތުރުން، ފުރަތަމަ ދުވަސްކޮޅުގައި ދަރިފުޅުގެ ހަށިގަނޑު ތަޖުރިބާ ކުރާނެ ކަންތައްތަކާއި އަދި މި ކަންކަމުގައި އާއިލާއިން ކަންކުރަންވީ ގޮތް ލިޔެވިފައިވާނެއެވެ. ތުއްތު ދަރިފުޅުގެ ސިއްހަތާ ދުޅަހެޔޮކަން މަންމަގެ ދުޅަހެޔޮކަމާ ވަނީ ވަރަށް ގާތްކޮށް ގުޅި ލާމެހިފައެވެ. މިހެންކަމުން މަންމަ ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް ސަމާލުކަން ދޭންވީ ކަންކަންވެސް މި ފޮތުގައި ހިމެނިފައިވާނެއެވެ." އެސް.ޓީ.އޯ އިން ބުނެއެވެ.

"ޑރ. އަބްދުﷲ ނިޔާފްގެ އެހީތެރިކަމާއެކު ތައްޔާރު ކުރެވިފައިވާ މި ފޮތުގައި، އަލައް އުފަންވާ ދަރިފުޅުގެ އާއިލާއިން އާއްމު ކޮށް ކުރާ ސުވާލު ތަކާއި، އާއިލާތަކުން ސުވާލު އުފެދިދާނެކަމަށް ލަފާ ކުރެވޭ ވަރަށް ގިނަ ސުވާލާއި މި ސުވާލުތަކުގެ ޖަވާބު ލިޔެވިފައިވާނެއެވެ. "ތުއްތު ދަރިފުޅު" ނަމުގައި އެސްޓީއޯއިން މިއަދު ލޯންޗްކުރެވިފައިވާ ފޮތުގެ އެހީގައި ދަރިފުޅުގެ ހަޔާތުގެ ފުރަތަމަ ދުވަސްކޮޅުގައި ލިބެންޖެހޭ އެންމެ ފުރިހަމަ އަޅާލުން ދިނުމަށް އެކަށީގެންވާ މައުލޫމާތު އާއިލާތަކަށް ލިބޭނެއެވެ. ކުރިޔައްއޮތް ތަނުގައި، އެސްޓީއޯއިން އަލަށް އުފަންވާ ކުދިންނަށް ދެވޭ ހަދިޔާގެ ތެރޭގައި "ތުއްތު ދަރިފުޅު" މި ފޮތް ހިމެނޭނެއެވެ."