Support Us

ކޮލަމް: ވިނަވި

ކޮލަމް ވިނަވި: ދަނގެތީ މީހުން ހަނދު ރުނބައަށްލުން

ރާއްޖޭގެ ރަށްރަށު މީހުން އެހެން ރަށްރަށު މީހުންނަށް މަލާމާތްކުރުމުގެ ގޮތުންނާއި ދެރަކޮށްލުމުގެ ގޮތުން ކިޔައި އުޅޭ ފުލޯކު ވާހަކަތަކެއް ހުރެއެވެ. މިއިން ބައެއް ވާހަކަތަކުގައި ކޮންމެވެސް ވަރަކަށް ހަގީގަތް އެކުލެވެއެވެ. އދ. ދަނގެތީ މީހުން ރުނބައަކަށް ހަނދު ލީ ވާހަކައަކީ މިބާވަތުގެ އެއް ވާހަކައެވެ.

މި ވާހަކައިގައި ކިޔައި އުޅޭ ގޮތުން މިއީ މީގެ އެތަށް ޒަމާނެއް ކުރިން ދަނގެތީ ބަޔަކަށް ދިމާވި ހާދިސާއެކެވެ. އެ ރަށު ބަޔަކު ހަނދުވަރު ދޭ ރެއެއްގައި ދޯންޏެއްގައި ދަތުރުކުރަނިކޮށް ދޯނީގައި ހުރި ފެން ރުނބާ ތެރެއިން ހަނދުގެ ހިޔަނި ފެނުނެވެ. އެ މީހުންނަށް ހީވީ އެއީ އަސްލު ހަނދު ކަމަށެވެ. އަދި ހަނދަށް ނުނުކުމެވޭ ގޮތަށް ރުނބާ މަތިޖަހައި ބަނދެފިއެވެ. ދެން މަޝްވަރާ ކޮށްފައި އެއްބަސްވި ގޮތަކީ ރަސްގެފާނަށް ވެދުމަކަށް ހަނދު އެރުވުމެވެ.

ރަށަށް ގޮސް ރަށު މީހުންނާ ވާހަކަ ދެއްކީމާ އެ މީހުން ވެސް އެއްބަސްވީ ހަނދު ރަސްގެފާނަށް އެރުވުމަށެވެ. ދަތުރު ހަދައިގެން ރަށުގެ އިސްމީހުން ހަނދު ރުނބާ ހިފައިގެން މާލެއަށް ފުރައިފިއެވެ.

ގަނޑުވަރަށް ގޮސް ފާރަވެރިން ކައިރީގައި އެ މީހުން އައީ ހަނދު ހިފަގެންނޭ ބުނުމުން ފާރަވެރިން ފެށީ ހޭށެވެ. އެކަމަކު އެމީހުން ކުރުނުކުރީމާ ރަދުންގެ ފައިންޕުޅު ފެންނަ ގޮތް ހަދައިދިނެވެ.

ދަނގެތީ މީހުންގެ ވާހަކަ އައްސަވާފައި ރަސްގެފާނު ވެސް ފުރަތަމަ ފެއްޓެވީ ހިނިފުޅުވަޑުވާށެވެ. އެކަމަކު ވަޒީރު ލައްވައި ރުނބާ މަތިނަގައިގެން ބެއްލެވިއިރު ހަނދު ފެނިވަޑައިގަތުމުން ވަރަށް އުފާ ކުރެއްވިއެވެ.

އިނާމެއްގެ ގޮތުން ދަނގެތީ މީހުން ބޭނުމީ ކޯންޗެއްތޯ އެއްސެވުމުން އެމީހުން އެދުނީ ދަނގެތީ ކަރީގައި އޮންނަ ތިން ފަޅުރަށް ވަގުފު ދެއްވުމަށެވެ. ދެން ރަސްގެފާނު އެ ތިން ރަށުގެ ވަގުފު ފަތް ދަނގެތީ މީހުންނަށް ދެއްވިއެވެ. ދާދި ފަހަކާ ޖެހެންދެން އެ ފަތް ދަނގެތީގައި އޮތެވެ. މިކަމުން މި ވާހަކައިގައި ކޮންމެވެސް ހަގީގަތެއް ވާކަން ދޭހަވެއެވެ.

އދ. ދަނގެތި އުނދޯލިފަތި: ދަނގެތި މަޝްހޫރުވެފައި އޮންނަނީ ހަނދު ރުނބަޔަކަށްލީ ރަށުގެ ގޮތުގައި

އިހުގައި މި ވާހަކައާ މެދު ދަނގެތީ މީހުން ދެރަވެ ލަދުގަނެއެވެ. ނަމަވެސް މިހާރު އެ މީހުން ދެކެނީ އެއީ ޝަރަފެއް ކަމަށެވެ. ޒުވާނުންނާއި ކުދިންގެ ނަޒަރުގައި އެއީ ފަޚުރެކެވެ. އެމެރިކާ މީހުން ހަނދަށް ދިޔުމުގެ ކުރިން ދަނގެތީ މީހުން ވަނީ ހަނދު މިލްކުކޮށްފައެވެ.