Support Us

ކޮލަމް ކަލާވެހި: ހިތަށް ތަދުވާ، ހިތްދަތިކަން ގެނެސްދޭ ސުވާލުތަކެއް 

މީގެ ހަމަ ދެތިން ދުވަހެއް ކުރިއެވެ. ދުވަހަކީ އުޑުމަތި ބަނަކޮށް، ވިއްސާރައިގެ އަސަރު ވައިގައި ހިފައިފައި ހުރި ދުވަހަކަށްވެސް ވާތީ، އަޅުގަނޑު އަޅުގަނޑު ގެެއިން ނިކުތީ ކުޑަޔެއްވެސް ހިފައިގެނެވެ. ހަމަ ކުޑަ ތަންކޮޅަކަށް ހިނގައިލިތިނާ ހިމަފޮދު ވާރޭފޮދެއް ވެހެން ފެށުމާއެކު، މިހައިރަކަށް އައިސް އަޅުގަނޑުމެންގެ މި މާލެއިން އެކަހަލަ ދަނޑިވަޅުތަކުގައި ގިނަ ފަހަރަށް ތަޖުރިބާކުރަންޖެހޭ ކަންކަމަށް އަޅުގަނޑު ވަރަށް ސަމާލުވެއްޖައިމެވެ. އެއީ، ގާތުން ހިނގައިފައިދާ ބައެއް ކަހަލަ މީހުން ގެންގުޅުނު ކުޑައިގައި މާގިނައިން ފެން ހަރުލިޔަނުދިނުމަށްޓަކައި ދޭތެރެދޭތެރެއިން ކުޑަ އަނބުރައިލާ އިރު އެ ބުރާ ފެންތިކިތަކުން ސަލާމަތްވެ ހުރުމެވެ. ވިއްސާރަ ދުވަހެއްކަން އަދި އެނގުނަސް، ސައިކަލަށް އެރުމުގެ ކުރީން ކޯޓެއް ލުމަކީ ފެޝަނާ ޚިލާފު ކަމެއްކަމަށް ބަލައިގެން އުޅޭ ޒާތުގެ މީހުން ތެމިދާނެތީ ދުއްވަން އެ ފަށާ ބާރުމިނުގެ ސަބަބުން ދިމާވެދާނޭ ހިތާމަވެރި ޙާދިޘާއެއްގެ ތަފާސްހިސާބުގެ ތެރޭގައި ނުހިމެނުމެވެ. ދެންވެސް އެކަހަލަ ދެތިން ކަމެކެވެ.

އެކަމަކު ކިތަންމެ ބަލައިގެން އުޅެންކަމަށް ވިސްނައިގެން އުޅުނަސް، އަޅުގަނޑަށް އަދި އެހައިތަނަށް ދިމާނުވާ ކަމަކާ ދިމާވީމާ، ދެން ހަދާނީ ކިހިނެއްތޯއެވެ؟ އާދެ! ދަންނަވާނަމެވެ.

މަޑުހިނގުމެއްގައި، ނުލާހިކު ވިސްނައިގެން، ދުވާރުމަތިން ހިނގައިފައި ގޮސް، މާލޭ އިސްކޮޔާއޭ ކިޔައި ނަންދީފައި އެހުރި ޢިމާރާތާ އަޅުގަނޑު ހަމަ އަރައިހަމަވީތަނާ، އަޅުގަނޑުގެ ގައިގައި ވަރަށް ބާރަށް އެ ލައިގަތީ ކޮންމެވެސް ދިމާޔަކުން ވަރަށް ބާރަށް ދުވެފައި އައި، ރޫފަ ވަރަށް ރަނގަޅު، މަޝްހޫރު އިސްކޯލެއްގެ ޔުނީފޯމެއް އަޅައިގެން ހުރި، ޢުމުރުން ގާތްގަނޑަކަށް ދިހަބާރަ އަހަރުގެ ފިރިހެން ކުއްޖެކެވެ. އޭނާ އަޅުގަނޑުގެ ގައިގައި ޖެހިގަތުމާއެކު، އަޅުގަނޑުމެން ޢުމުރުގެ މީހަކު ހަމަ ގައިމުވެސް ފޫހިވާނޭ ޒާތަކަށް ވަރަށް ބާރަށް ޗޮކެއް ކަނޑައިފައި، ޒާތެއްގެ ހުތުރު ރާގަކަށް އޫންސޭވެސް ގޮވައިލައިފިއެވެ. އަދި އަޅުގަނޑާ ދިމާޔަށް ރުޅިވެރިކަމުގެ ބަލައިލައިފައި، ދެލޯބޮޑުކޮށްލައިފައި ކަޅިއަޅައިގަތެވެ.

”ކޮއްކޯ، ތިޔަށްވުރެ ތަންކޮޅެއް ބޮޑަށް ތަންދޮރު ބަލައިގެނެއްނު އުޅެންވާނީ؟“ އަޅުގަނޑަށް ބުނެވުނެވެ.

”ބަލައިގެން އުޅުނަސް، ނޫޅުނަސް، ކަލެޔަށް ކޮންކަމެއް؟“ ކުއްޖާ ލައްވައިގަތް އަޑަށްވުރެވެސް ފޫހި ގޮތެއް ހުރި، ތޫލި އަޑަކުން ކޮންމެވެސް މީހަކު ތަންކޮޅެއް ދުރުން މިހެން ގޮވައިގަތް އަޑު އިވުނު ދިމާޔަށް ބަލައިލިއިރު، އަޅުގަނޑާ ދިމާޔަށް ލޯއަޅައިގެން، ދުވާރުމައްޗަށް ނާރައި، މަގުގެ އެއް ކައިރީގައި އެހުރީ، ޒުވާން ފުރަޔެއްގެ އަންހެނެކެވެ. މިޒަމާނުގެ ކުދީން ”ބްލިންގް“ އޭ ކިޔާ ޒާތުގެ އޮފު އެތައް އެއްޗަކުން ޒީނަތްތެރިވާން އުޅެ، އެކަންވެސް ރަނގަޅަށް ކުރާން ނޭނގިފައި ހުރިކަހަލަ ވައްތަރަށް ހެދުންއަޅައިގެން ހުރި މީހެކެވެ. އެމީހާ އެއީ އެކުއްޖާގެ މަންމަޔަށް ވިޔަސް، ދައްތަޔަކަށް ވިޔަސް، ފަހަރިޔަކަށް ނޫނީ ދޮންމަންމަޔަށް ވިޔަސް، އޭނާގެ އެ ދަނޑިވަޅުގެ މަސްއޫލިއްޔަތަކީ ކުއްޖާގެ ބެލެނިވެރިޔާގެ މަޤާމު އަދާކުރުން ކަމަށް ވަންޏާ، އޭނާގެ ސުލޫކާއި އަޚުލާޤަކީ… ދެން ހިތަށް އަންނަ ލަފުޒުތައް މިތާނގައި ލިޔުމަށްވުރެ ރަނގަޅުވާނީ ނުލިޔުނިއްޔާއެވެ. ހަމަގައިމުވެސް، އޭނާޔާ މިދެންނެވި ކުއްޖާޔާ ދެމެދު އެއިރުވެސް ވިއްސަކަށް ފޫޓުގެ ދުރުމިން ހުއްޓެވެ. އަޅުގަނޑު ގެންގުޅޭ ފޫޓުފީތާއިން މިންއެޅީމައި، އެއީ ހިފިނުހުރެގެން އުޅެވޭ ޒާތުގެ ކުއްޖަކާ ބެލެނިވެރިޔަކާ ދެމެދު ހުންނަންވާ ދުރުމިނަށްވުރެ ހަމަ ކުޑަ ތަންކޮޅެއް ބޮޑު ދުރުމިނެކެވެ.

ވީ ކަން ނުވާ ކަމަކަށް ހަދައިފައި، އަޅުގަނޑުގެ އެ ދުވަހުގެ މަންޒިލް މަޤްޞޫދަށް ވާޞިލްވުމަކީ ”ބްލިންގް“ ބެލެނިވެރިޔާޔާ ކުރިމަތިލުމަށްވުރެ އެންމެހައި ގޮތަކަށް ބެލިކަމުގައި ވިޔަސް ނަތީޖާގެ ގޮތުން މާ ރަނގަޅުކަމެއްކަމަށް ބަލައިފައި އަޅުގަނޑު ހިނގައިގަތީ ކުރިޔަށެވެ. މާލެ އިސްކޮޔާގެ ތެރެއިން ޓީވީ ކޮށްޓާ ދިމާޔަށް ނިކުނަން އޮންނަ، ސައިކަލުތައް ބަހައްޓައިފައި އެހުންނަ ދިމާޔަށެވެ.

އިތުރު ކަމެއް ދިމާނުވެ އަޅުގަނޑަށް ކުރިޔަށް ހިނގުނީ ގާތްގަނޑަކަށް ސަތޭކައެއްހައި ފޫޓުގެ ދުރުމިނަކަށެވެ. މިފަހަރު އަޅުގަނޑާ ޖެހުނީ ހަމަ އެއްކަލަ އިސްކޯލުގެ ޔުނީފޯމު އަޅައިގެން ދެކުދީންގެ ކަންތަކާއެވެ. ދެކުދީންގެ ޢުމުރު ތަފާތުކަމަށް ފެނެއެވެ. ތިބީ ބޮޑު ކުޑަޔެއްގެ ދަށުގައެވެ. ކުޑަ ހިފައިގެން ހުރީ އިސްކޮޅުން ބޮޑު ކުއްޖާއެވެ. އޭނާގެ ޢުމުރުން ވާނީ ގާތްގަނޑަކަށް ތޭރަސާދަ އަހަރެވެ. އެކުއްޖާ އަޅުގަނޑާ އަރައި ހަމަވެފައި ކުޑަ އަނބުރައިގަތީމައި އެއިން ބުރައިގެން އައި ފެން ތިކިތަކުން އަޅުގަނޑު ސަލާމަތްވީމެވެ. ނަމަވެސް ދެކުދިންވެސް އައީ ކުރިމަތި ރަނގަޅަށް ނުފެންނަ ގޮތަށް މޫނުމައްޗަށް ކުޑަ މަޅައިލައިގެން އަމިއްލަ ސަކަރާތެއްގައި ކަމުން، އެކުދީންގެ ހިނގުމާއި ދުވުމުގެ މިސްރާބުގައި ކައްޗާދުއްވުންވެސް ހިމެނޭތީ، ދެން ހަމަ ކުއްލިޔަކަށް އައިސް އެ ލައިގަތީ އަޅުގަނޑުގެ ގައިގައެވެ.

ކުޑައިގައި އެވަގުތު ހުރި ތެތްކަމުގެ ބޮޑުބައެއް އަޅުގަނޑު ލައިގެން ހުރި ޓީޝާޓަށް ނަޤުލުވުމާއެކު، އަޅުގަނޑުގެ އަނގަ ހިމޭނުން އޮންނަ ގޮތެއް ހަމަ ނުވިއެވެ.

”އަޅެ ދެން އެހެން މީހުންވެސް އުޅޭނެކަން ބަލައިގެން އުޅެން ދަސްކުރަންވީނު؟“ އަޅުގަނޑަށް ބުނެވުނެވެ.

”ހޫން! އައްދޭތް!…“ އަޅުގަނޑުގެ ކަންފަތަށް މިފަހަރުވެސް އެރީ އެއްކަލަ ”ބްލިންގް“ ބެލެނިވެރިޔާ ގޮވައިގަތް ކަހަލަ އެއްޗިހިތަކެކެވެ. އަޑު އައީ ދެކުދީންގެ ފަހަތުން އައި ޒުވާންފުރަޔެއްގެ ދެ އަންހެންކުދީންގެ ފަރާތުންނެވެ. ބައެއް ޒާތުގެ މީހުން ކުޑަކޮށް ކަތި ނަޒަރަކުން ބަލައިފާނޭ ޒާތަކަށް އެކަކު އަނެކަކުގެ އަތު މުލައްދަނޑީގައި އޮޅުލަމުން އައިސްއައިސްތިބި ދެ ކުދީންނެވެ. އެ ދެކުދީންނަކީ ކުރީން މިދެންނެވި ދެކުދީންގެ މައިންނަކަށް ހަމަ ގައިމުވެސް ނުވާނެއެވެ. އެކަމަކު އެ ކުދީންގެ ޢަމަލުތަކުން އެ ދެއްކީ އެ ދެކުދީން އެ ތިބީ ވަގުތީ ބެލެނިވެރިކަމުގައި ކަމެވެ.

އަޅުގަނޑު އިތުރު އެއްޗެއް ނުބުނެ ބެހެއްޓީ ކުރިޔަށެވެ. އަދި ނަސީބު ރަނގަޅުކަމުން އެއްކަލަ ކުލައިގެ އިތުރު ޔުނީފޯމަކާ ދިމާނުވެ، ދާން އުޅުނު ތަނަށް ދެވިއްޖެއެވެ.

އެހެންނަމަވެސް…

އަޅުގަނޑަކީ ކިޔަވައިދިނުމުގެ ދާއިރާގައި ރަސްމީ ސިފައެއްގައި އެތައް ދުވަހަކު އުޅެ، ތަޢުލީމީ ކަންކަމުގައި އެތައް ގޮތަކުން މަސައްކަތްކޮށް، އަދި މިހައިރުވެސް އެ ދާއިރާއިން މުޅީން އަތްދޫކޮށްނުލައިހުރި މީހަކަށް ވާތީ، އަޅުގަނޑުގެ ހިތުގައި އެތައް ސުވާލެއް އުފެދިގެން ދިޔައެވެ.

މިރާއްޖޭގައި އުޅެ ބޮޑުވަމުންދާ ބައެއް ކުދީންގެ ފަރާތުން ނަމަވެސް ދެންމެ މިދެންނެވި ޒާތުގެ އުޅުމާއި ސުލޫކާއި އަޚުލާޤު ފެންނަ ގޮތް މިވަނީ ކީއްވެބާވައެވެ؟

ބައެއް ކުދީން އުޅެބޮޑުވާ މާޙައުލުގައި އެކުދީންނަށް ފެންނަ މަންޒަރުތަކާއި، އިވޭ އަޑުތަކާއި، އެ ކުދީންގެ ކުރިމަތީގައި ހިނގާ ކަންކަމުގައި ހުންނަ ނޭދެވޭ ސިފަތައް ކުއްޖާގައި އަށަގަންނަނީ ބާވައެވެ؟

ބައެއް ކުދީންގެ މައިންބަފައިންނާއި ބެލެނިވެރީންނަށް ކުދީންނާ އެކީގައި ބިނާކުރަނިވި ގޮތެއްގައި ހޭދަކުރާނޭ ވަގުތު ނުލިބެނީބާވައެވެ؟ ގޭތެރޭގެ މާޙައުލުގައި ނަސޭހަތާއި މަގުދެއްކުން ނެތެނީ ބާވައެވެ؟

އަޅުގަނޑުމެންގެ މުޖުތަމަޢުގައި މިހައިރަކަށް އައިސް ބައެއް މީހުންގެ ފަރާތުންނަމަވެސް ފެންނަ، މޮޅު މީހާޔަށް މޮޅު ގޮތް، ދެރަ މީހާޔަށް ދެރަ ގޮތް އެއީ ހަމަ އެންމެ ރަނގަޅު ހަމައެއް ކަމަށް ބައެއް ކުދީންނަށް ދަސްވަނީ ބާވައެވެ؟ ބާރު ނުވަތަ ފުރުޞަތު އަތުގައި އޮތުން އެއީ އަނެކާގެ ޙައްޤުތަކަށް އަރައިގަތުމަށް ލިބޭ ފާހެއް ކަމަށް ބަލައިލި ކޮންމެ ދިމާޔަކުން ހެން ފެނުން އެއީ އާޚިރުގައި އެންމެންގެ ދަރީންގެ ހަލާކަށްވެސް ވެގެން ދަނީބާވައެވެ؟

އިސްކޯލުތަކާއި މުދައްރިސުންނާއި މުދައްރިސާއިންނަކީ ތަޢުލީމުގެ މަޢުލޫމާތު އިތުރުން ކުދީންނަށް އެއްވެސް އެއްޗެއް ނުދޭ ބަޔަކަށް ވަނީ ބާވައެވެ. ކިޔަވައިދޭ ކުދީންނަށް އިމްތިޙާނުތަކުން ލިބޭ ވަނައިން ދަރަޖަކުރެވޭ ބަޔަކަށްވެ، ތަރުބިއްޔަތަކީ އިހުޒަމާނުގެ ފޮތެއްގައި އޮންނަ އެއްޗެއް ކަމަށް ބެލެވެނީ ބާވައެވެ؟ އުޅުމާއި އަޚުލާޤާ މެދު ކުއްޖަކަށް އެއްޗެއް ބުނެދޭން އުޅުމަކީ އެކުއްޖެއްގެ ބެލެނިވެރިޔާގެ ފަރާތުން އަތުވެދާނޭ ޙަމަލާޔަކަށް ހުޅުވައިލެވޭ ދޮރެއްކަމަށް ވުން އެއީ ޙަޤީޤަތަކަށް ވެގެން ދާ ފަހަރުތައް ގިނަވަމުން ދަނީބާވައެވެ؟

އަތުގައި ފައިސާވެރިކަމެއް ނެތް ކޮންމެ މީހަކީ މީހެއް ނޫންކަމާއި، ސިކުނޑީގައި ތެތްކަމެއްނެތް ގަމާރު އަނދޮޅެއްކަން އާރުލާކަމށް ފެންނަ އެތައް ބައެއްގެ ބަހާއި ޢަމަލުން އެކުދީންނަށް ފެނި، ދަސްވަނީބާވައެވެ؟ ޢުމުރުން ދޮށިވެއްޖެ ކޮންމެ މީހަކީ ”ބޮލުރޮދި ކެނޑިފައި“ ހުރި ބޭކާރު އިންސާނެއްކަމަށް ނުލާހިކު ބޮޑެތި، ފަސް އަހަރުން އެއް އަހަރު ނަމަވެސް ދޮރުން ދޮރަށް ހިނގައިއުޅޭ ޒާތުގެ މީހުން އެތަން މިތާނގައި ގޮވައި، ލިޔެ އުޅޭ ތަން އަޅުގަނޑުމެންގެ ދަރީންނަށް އިވި، ފެނި، އެއިން ނުސީދާ ފިލާވަޅުތަކެއް އެކުދީންގެ ތެރެއިން ބަޔަކަށް ނަމަވެސް ލިބެނީ ބާވައެވެ؟

މިހިރި މިހިރީ އަޅުގަނޑުގެ ހިތަށް އަދިވެސް އަރައިފައިބަމުންދާ، އަޅުގަނޑަށް އެސުވާލުތަކެއްގެ ޖަވާބު އަމިއްލަޔަށް ދޭން ނޭނގޭ ސުވާލުތަކެކެވެ.

އަޅުގަނޑުގެ ހިތަށް ތަދުވަނީ ހިފިނުހުރެގެން އައިސް އަޅުގަނޑުގެ ގައިގައި އަމިއްލަޔަށް ލައިގެންފައި އަޅުގަނޑާ ދިމާޔަށް ހަޅޭލައިގަތީމައެއް ނޫނެވެ. އަޅުގަނޑުގެ ކުޑައިގެ ބޭނުންކެނޑި ލައިގެން ހުރި ޓީޝާޓުގަނޑު ތެމުނީމައެއްވެސް ނޫނެވެ. ބެލެނިވެރިކަމުގެ މަޤާމުގައި ތިބި، ކަމަށް ނުފުދޭ، ދެރަވަރުގެ ދެތިން މީހެއްގެ އަޚުލާޤު ހުރިނެތްގޮތް ފެނުނީމައެއްވެސް ނޫނެވެ. އަޅުގަނޑުގެ ހިތަށް ދަތިވަނީ، ދެންމެ މިދެންނެވި ސުވާލުތައް ހިތަށް އަރައިފައިބާތީއެވެ. އަދި މި ލިޔުން ކިޔައިފައި މިދެންނެވި ޒާތުގެ މީހަކު ކޮންމެވެސް ހިޔަނި ނަމެއްގެ ފުރަގަހުގައި ހުރެ، އޭނާގެ ނުކުޅެދުންތެރިކަމުގެ ތެރެއިން ހަމަ އެ ބީދައިން ލިޔެފާނޭ ޒާތީ ކޮމެންޓަކުންވެސް އަޅުގަނޑުމެންގެ ދަރީންނަށް އަނެއްކާވެސް ނުބައި ފިލާވަޅެއް ލިބިދާނޭތީއެވެ.