...

Support Us

ކޮލަމް ކަލާވެހި: މަލެއް ފެނިފައި…

މިފަހަކަށް އައިސް ކަށި ގަސްތަކުން ފުރެމުންދާ ބޯ ޖަންގައްޔެއްގައި ވަރަށް ސާބިތު ސިފަޔަކަށް ހެދިފައި ހުރި ގަހެއްގައި ފޮޅިފައި އިން މަލެކެވެ. ކުލަޔާއި ވަހާއި ދެންވެސް ހިތްތަކަށް އަރާމެއް ގެނުވައިދޭކަމަށް ކިޔައިއުޅޭ އެތައް ގޮތަކުން ރީތިކަމަށް ބުނެވިދާނޭ މައު އެއިނީ ޖަންގައްޔެއްގެ މެދުގައެވެ. އެހެންނަމަވެސް، އެ މައު އެ ކުރަނީ ހަމަ އެންމެ މަސައްކަތެކެވެ. ދުނިޔޭގެ އެހެން ތަންތާނގައިވެސް މަލަކަށް ކިޔޭނޭ ގިނަ ބާވަތްބާވަތުގެ މައު ކުރާ އަސާސީ މަސައްކަތެވެ. ގަހުގެ ދެވަނަ ޖީލެއްގެ ވީހާވެސް ގިނަ ދަރީންތަކެއް ވީހާވެސް ގިނަ ތާކު މޫލެއްވޭތޯ އަޅާ ފުރަތަމަ ފިޔަވަޅެއްގެ ގޮތުން އެކަމަށް ބޭނުންވާނޭ އޮށް ތައްޔާރުކުރުމުގެ މަސައްކަތެވެ. އެކަމަކު އެއީ ހައުދަހައި ގިނަ ބަޔަކު ހަނދާންނައްތައިލާ ކަމެކެވެ!

އަނހާ…މަލުގައި އެހުރި މީރުވަހުގެ މަސްތީ ފޮނިކަމާއެވެ! މަލުގެ ކަރުގަނޑުގައި އެންމެ އެތެރެފަރާތު ކޮންމެވެސް ވަތެއްގައި ފޮނިފޮނި ދިޔަފޮދެއް ހުރެދާނެކަމުގެ އުންމީދުގައި މަލަށް ތިރިކުރާންކަމަށް ތިޔައުޅޭ މާމުއިކުޅަނދުރާއެވެ! އަހަރެން މިދައްކާ ވާހަކަ އަޑުއަހައިބަލާށެވެ. ތިޔަ މަލުގައި ކަމާދާވަރުގެ ފޮނިފޮދެއް އަދި ނެތަސް، މަލަށް ތިރިކޮށް، މަލުގެ ކަންކަން ހުރިނެތްގޮތް ހަމައެކަނި ބަލައިލާން ލިބޭކަމުގެ އަގެއްގެ ގޮތުން ތިބާ ދައްކަންޖެހޭނޭ ބޮޑު އަގު އެނގޭ ހެއްޔެވެ؟ ތިބާގެ ގައިގައި އުނގުޅިގެން، ތަތްލައިގެން، ތިބާޔާއެކީގައި އިތުރު ބަރެއްގެ ގޮތުގައި މިފަދަ އެހެން މަލެއްގެ ކަރުގަނޑާ ހަމަޔަށް ގެންގޮސްދޭންޖެހޭނީ ރީނދޫކުލައިގައި ހުންނަ، މިމަލުގެ ’ފިރިހެން‘ ފުށެވެ. މިމަލުން ފޮނިފޮދެއް އަދި ނުލިބުނަސް، މިޒާތަކަށް ހުރި ބައެއް އެހެން މާމަލުން މާޒީގައި ލިބިފައި ހުރީތީ، ތިބާ މި މަލުގެ ވަހަށްވެސް ހެއްލުނީތާއެވެ. އޭ ބަލަ މިތުރާއެވެ. މާޒީގެ ތަޖުރިބާގެ އަލިން އަލިކޮށްގެން ބަލާއިރު، މަލުގެ ވަސް އަދި އެހައި މީރުނުވިޔަސް، ފޮނި ހުންނާނޭކަން ކަށަވަރުވާ މާތަކާ ދިމާޔަށް މިސްރާބު ބަދަލުކޮށްލާށެވެ!

މަލުގެ ފިޔަތަކުގައި އެހުރި ކުލައިގެ ތޫނުކަމާއި އޮފުކަމާއެވެ! އެއީ ހަމަ ގައިމުންވެސް ދަޅަދެއްކުމާއި އޮފުދާރުކަމުގެ ފައުޅުކަންބޮޑު މިސާލެއް ކަމަށް ނުބަލައި، މަލުގެ ވަށައިގެން މުގޯލިއަޅައަޅާ ތިޔައޮތް ބަޅިނދާއި، ތަންކޮޅެއް ދުރުންނަމަވެސް މަލުގެ ކުލަޔަށް ހެއްލިގެން އައިސްއައިސް ތިޔައޮތް މާބުރާއެވެ. ތެދެކެވެ. ކުލަ ހައުދަހައި ހިތްގައިމުވެފައި ރީއްޗެވެ. ފޮންޏަށްވުރެ ފޮނި ލައްޒަތެއް މަލުގެ ކޮންމެވެސް ހިސާބަކުން ލިބޭނޭ ކަމުގެ އުންމީދުގައި ތިބާމެންވެސް ކުރާން ތިޔަ އުޅެނީ މާމުއިކުޅަނދުރުވެސް ކުރާންއުޅުނު، ނަފުސަށް ފައިދާޔެއް ނުލިބޭނޭ ބޭކާރު މަސައްކަތެވެ. ދަރުމަޔަށްވެސް ތޯއްޗެކެވެ. ބަލަ، އަޑުއަހާށެވެ. ތިޔަ މަލަކު ފޮންޏެއް ނެތެވެ. ތިޔަހަރަ ފެންނަ ރީތި ކުލަވަރަށް ނުހެއްލޭށެވެ. މާރީތި ކުލަޔެއް އަދި ނެތަސް، ހަމަ ޔަޤީނުންވެސް ފޮނި ބުއިމެއް ލިބޭނޭކަން ތަޖުރިބާއިން މިހައިތަނަށް ކަށަވަރުވެފައިވާ މައުތަކާ ދިމާޔަށް އުދުހި ދާށެވެ!

މައު އޭގެ މަސައްކަތްކޮށްގެން ތައްޔާރުކުރި އޮށްތައްވެސް ހައުދަހައި ރީއްޗެވެ! އެކަމަކު ގަހުގެ ކައިރިޔަށް ދެންމެ އައި މުސަޅާއެވެ. އަހަރެން މިދައްކާ ވާހަކަޔަށް ކަނުލައި އަހާށެވެ. މިގަހުގައި އެޅި މަލުގެ ބުޑުގައި ގަރުބަގަތް އޮށަކީ ތިޔަ ހީކުރާ ބާވަތުގެ އޮށެއް ނޫނެވެ. މިމަލުގެ އޮށަކީ އެއްތަނުން އަނެއްތަނަށް ގަސްގަހުގެ އޮށް ގެންގޮސްދޭ ޖަނާވަރަށް ’އިނާމެއްގެ ގޮތުގައި ދޭން‘ އޮށުގެ ބޭރުގައި ހަށިގަނޑަށް ފައިދާހުރި ފަށަލައެއް ލެވިފައި އެހުންނަ ޖަންބު، ޖަންބާއި އަނބާއި އާފަލުފަދަ މޭވާއެއްގެ އޮށެއް ނޫނެވެ. މި އޮށް ފެނުނީމައި މިއޮށަކީ ހަށިގަނޑަށް ފައިދާލިބޭ ޒާތުގެ ގޮވާމެކޭ ހީކޮށް މިގަހުގެ މަލުގެ ދަރިޔާ ކުޑަބޭރުވެސްނާރާށެވެ. ކުލަޔާއި އޮފުން ކިތަންމެ އަދި ރީއްޗަސް، މި މަލުގެ އޮށާ ގާތްވެއްޖިއްޔާ، ވާނީ އެންމެ ކަމެކެވެ. އެއީ ތިބާގެ ގައިގައި އޮށް ތަތްލުމެވެ. ދެން އެތައް ދުވަހެއްފަހުން، ތިބާ އެތައް ކޯހެއް ދުރަށް ދިޔުމުން އޮށް ބިންމައްޗަށް ވެއްޓިދާނެއެވެ. އެހިސާބުން ތިބާ  ވާނީ ކެޔޮގަނޑު ކަނޑައިލި ގަހަށްވުރެވެސް ދެރަ އެއްޗަކަށެވެ. އެހެންވީމައި، ކުލަޔާއި އޮފު އެހައި މޮޅުނޫނަސް، ތިބާގެ މާޒީ ތިބާޔަށް ދޭ ފިލާވަޅު އެ ބުނެދޭގޮތަށް މުޅަޔާއި، އަލަޔާއި، ޒުވާރި ހޯދަން އަވަހަށް ދާށެވެ!

ކަށިކުނބުރު ޖަންގަލީގެ މެދުގައި ހެދިހުރި ގަހުގެ މަލުގެ ފުރިހަމަކަމާއެވެ! ފޮޅޭނޭ ކަމަށް އާދަކާދައިގެ ފޮތުގައި އެބުނާ ސާޢަތަށް ނުފޮޅި، ޖައްވުގެ އައްޔާއި އަނދިރިޔަށް ކިޔަމަންވެވުނު ގަޑިިޔަކަށް ފޮޅޭ މަލަކަށްވިޔަސް ހެވެވެ. މީހުން ދިރިނުއުޅޭ ތަންތަނުގެ ބޮޑުފާރުން އެތެރޭގައި ބޮނޑިބޮނޑިޔަށް ފޮޅޭ، އެކަމަކު އޮށެއްގެ އަސަރުވެސް ދައްކައިނުލާ މަލަކަށްވިޔަސް ހެވެވެ. އޮށެއް އަޅައިފިއްޔާ އޮށް އިންދައިގެން، އޮށެއް އަތުނުޖެހިއްޖިއްޔާ އޮފިކޮޅެއް ރޯކޮށްގެން ނަމަވެސް، ބަލައިލާން ރީތިކަން ނޫން އެހެން އެއްވެސް ކަމެއް ނުވާ މަައު އަޅާ ގަހެއް ހައްދާންވާނީ ވަކި ބާވަތެއްގެ ބައެެކެވެ. ރީތި ބާވަތްބާވަތުގެ ގަސްމުށްޓާއި، އަގުބޮޑު ގަސްކާނާ ގިނަގިނައިން ގަތުމުގެ ތަނަވަސްކަން ލިބިގެންވާ މީހުންނެވެ. ގަސް ބަލަހައްޓާ މުސާރަވެރީންގެ އުޖޫރަވެސް ޖެހިލުމެއްނެތި ދަފަރާކުރެވޭވަރުގެ ފޯރާ މީހުންނެވެ. އޭ މަގޭ މިތުރާއެވެ. އަހަރެންނެކޭ އެއްފަދަ، އަނގަޔާ އަތާ ދިމާވުމުގެ ނިޢުމަތާއި ނަސީބުން އެކަނި ފުދޭ ރަޙުމަތްތެރިޔާއެވެ. ތިބާޔަކީ ބޭކާރު ޚަރަދަށް ނުސިހޭ މަހުޖަނަކަށް ނުވާނަމަ، ޖަންގަލީގެ ކަށިތަކުގެ ތެރޭގައި ފޮޅިފައި މިއިން މަލުގެ އޮށެއް، ނުވަތަ އެމައު ފޮޅިފައި އިން ގަހުގެ އޮފިކޮޅެއް ގެޔަށް ނުގެންދާށެވެ.

އަސްތަ، އަސްތާ، މިދެއްކުނީ މަލެއް ފެނިފައި އެމަލާ ބެހޭގޮތުން ދެއްކުނު ވާހަކައެއްތާއެވެ. އެކަމަކު މި ޢިބާރާތްތައް ކިޔައިފައިވެސް މިއެއްޗެއް މިލިޔުނީ ނުސީދާގޮތުން ކޮންމެވެސް އެއްޗެއް ބުނަންތާއޭ، އެކަމަކު ނުބުނެވުނޭ ބުނާނޭ މީހުންވެސް އުޅޭނެ ތޯއްޗެކެވެ. އެކަމަކު އެހެރަ ރީތި މަލެކެވެ! އެ މައު އަޅައިފައި އެހެރަ ގަހުގައިވެސް ތޫނު، ބޮޑެތި ކަށިވެސް ހުރެދާނެ ތޯއްޗެކެވެ. އަދި އެޖަންގަލީގައިވެސް އެފަދަ ކަށި ހުރި ގަސްގަހާއި ވެޔޮ ހުރެދާނެ ތޯއްޗެކެވެ.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.