Support Us

ކޮލަމް: ރަންދެލި

ކޮލަމް ރަންދެލި: ކުރު ވާހަކަ- ތިބާގެ ވާދަވެރިންނަށްވުރެ ހުށިޔާރުވާށެވެ!

ކަންޒު ކަހަނބާއި މުސަޅުގެ ވާހަކައަކީ ކުޑައިރު އެތައް ފަހަރަކު، ކިޔައި، އަޑު އަހައިފައިވާ ވާހަކައެކެވެ. އޭރު އެނގިފައި އޮންނަނީ މި ދޭތީގެ ދެމެދުގައި ބޭއްވީ އެންމެ ރޭހެއް ކަމުގައެވެ. އެހެންނަމަވެސް، ފަހުން އެނގުނު ގޮތުގައި މި ދޭތީގެ ދެމެދުގައި ތިން ފަހަރެއްގެ މަތިން ރޭސްތައް ބާއްވައި، ކޮންމެ ފަހަރަކުވެސް ކަންޒު ކަހަނބު ވަނީ އެ ރޭސްތައް ކާމިޔާބުކޮށް ވަރަށް ގިނަ އިނާމާއި ފައިސާ ހޯދައިފައެވެ.

ކޮންމެއަކަސް، މުސަޅުގެ ޠަބީޢަތް ހުންނަ ގޮތުން، އަދިވެސް ބަލި ގަބޫލުކުރާކަށް އެ ސޮރު ބޭނުމެއް ނުވެއެވެ. އެހެންކަމުން، ކޮންމެ ދުވަހަކުވެސް ކަންޒު ކަހަނބަށް ޖެއްސުންކޮށްނުލައި މުސަޅުގެ ހިތެއް ހަމައެއް ނުޖެހެއެވެ. މުސަޅުގެ ފަރާތުން ކިތަންމެ އުނދަގުލެއް ކުރިމަތިވިޔަސް ކަންޒު ކަހަނބު އެކަމާއ މެދު މާބޮޑު ފަރުވާލެއް ނުބަހައްޓައެވެ. އަދި އިތުރު ރޭހެއްގައި ބައިވެރިވެ މުސަޅާ ވާދަކުރާކަށްވެސް ކަންޒު ކަހަނބު ބޭނުމެއް ނުވެއެވެ.

ކުރިން ބޭއްވި ރޭސްތަކުން ކަންޒު ކަހަނބަށް ލިބުނު ފައިސާ ބޭނުންކޮށްގެން ކަންޒު ކަހަނބު މިހާރު ވަނީ ބޮޑު ވިޔަފާރިވެރިއަކަށް ވެފައެވެ. ކަންޒު ކަހަނބުގެ ފިހާރައަށް ބޭނުންވާ މުދާ އެތެރެކުރަނީ ކަންޒު ކަހަނބުގެ އެންމެ ގާތް އަވަށްޓެރި، އުތުރުކަރައިންނެވެ. ކޮންމެއަކަސް ދުވަސްވަރަކީ، ކަންޒު ކަހަނބު ދިރިއުޅޭ އަނެއް ދިވެހިރާއްޖޭގައި، އުތުރު ކަރަޔާ މެދު ހިތްހަމަނުޖެހުން އުފެދި، އެ ކަރައާ ދެކޮޅަށް އެކިއެކި ނޭދެވޭ ޝުޢޫރުތައް، އަނެއް ދިވެހި ރާއްޖޭގެ، ހަމައިން ނުނެއްޓި ތިބޭ މީހުން ފާޅުކުރަމުން އަންނަ ދުވަސްވަރެކެވެ. އެހެންކަމުން، މިކަމުގެ ނާޖާއިޒު ފައިދާ ނަގައިގެން ކަންޒު ކަހަނބު ރުޅި އެރުވުމަށް މުސަޅު ގަސްދުކުރިއެވެ.

އެއް ދުވަހަކު ހެނދުނުހެނދުނާ ހޭލައިގެން ވަރަށް ނަލަ ހެދިގެން، ކަންޒު ކަހަނބުގެ ފިހާރައަށް މުސަޅު ހިނގައްޖެއެވެ. އަދި ކަންޒު ކަހަނބަށް ސަލާމް ގޮވާލުމަށްފަހު ބުންޏެވެ. "ވާދަވެރި އެކުވެރިޔާއެވެ. އިންޑިއާ އައުޓް ކެރެޓް އެބަހުރި ހެއްޔެވެ؟"

ކަންޒު ކަހަނބު ކުޑަކޮށް ރުޅިއައިސްފައި ބުންޏެވެ. "މި ފިހާރައަކު އިންޑިއާ އައުޓް ކެރެޓެއް ނެތެވެ." ކަންޒު ކަހަނބު އެހެން ބުނުމާއެކު، މުސަޅު އިތުރު އެއްޗެއް ނުބުނެ، އެތަނުން ނުކުމެގެން ހިނގައްޖެއެވެ.

ޖެހިގެން އައި ދުވަހު، އަނެއްކާވެސް ކަންޒު ކަހަނބުގެ ފިހާރައަށް ވަދެ، ސަލާމް ގޮވާލުމަށްފަހު، މުސަޅު ބުންޏެވެ. "އިންޑިއާ އައުޓް ކެރެޓް އެބަހުރި ހެއްޔެވެ؟"

އެ ދުވަހު ކަންޒު ކަހަނބުގެ ރުޅިގަނޑު ފަޅައިގެންގޮސް މުސަޅަށް ބުންޏެވެ. "ކުރީ ދުވަހުވެސް ކަލޭ ގާތު ބުނީމެއް ނޫން ހެއްޔެވެ؟ މިތާކު އިންޑިއާ އައުޓް ކެރެޓެއް ނެތޭ! މީގެ ފަހުން ކަލޭ މިތަނަށް އައިސް، އިންޑިއާ އައުޓް ކެރެޓުގެ ވާހަކަ ދައްކައިފިނަމަ، މަރުތޭލަކުން ކަލޭގެ ބޮލަށް މޮހޮރުޖަހާ ކަލެއަށް އަހުވަ ދައްކާނަމެވެ. މަގޭ އަތުން ތިން ބަލިވީ ހަނދާން ނެތުނީ ހެއްޔެވެ؟" ކަންޒު ކަހަނބުގެ އިންޒާރަށް މާ ބޮޑު ސަމާލުކަމެއް ނުދީ، އެ ދުވަހުވެސް މުސަޅު ފިހާރައިން ނުކުމެގެން ގެއަށް ހިނގައްޖެއެވެ.

ތިންވަނަ ދުވަހުވެސް، ކަންޒު ކަހަނބު ރުޅި އެރުވުމަށްޓަކައި، ކަންޒު ކަހަނބުގެ ފިހާރައަށް ވަދެ ސަލާމް ގޮވާލުމަށްފަހު، މުސަޅު ބުންޏެވެ. "ވާދަވެރި މިތުރާއެވެ. ރުޅި ނައިސް ބުނެބަލާށެވެ. މަރުތެޔޮ އެބަހުރި ހެއްޔެވެ؟"

އެހެން ދުވަސްތަކާ ޚިލާފަށް މިއަދު މަރުތެޔޮ ހުރިތޯ މުސަޅު ސުވާލުކުރުމުން ވަރަށް ހިނި އައިސްފައި ކަންޒު ކަހަނބު ބުނެއްޕެވެ. "މަރުތޭލެއް ނެތެވެ." އެ ވަގުތު މުސަޅު ބުންޏެވެ. "އެހެން ވެއްޖެއްޔާ މޮހޮރު އެބަހުރި ހެއްޔެވެ؟" ޖަވާބުގައި ކަންޒު ކަހަނބު ބުންޏެވެ. "މިތާކު މޮހޮރެއްވެސް ނެތެވެ."

އެވަގުތު ވަރަށް ހަމަޖެހިލައިފައި، މުސަޅު ބުންޏެވެ. "އިންޑިއާ އައުޓް ކެރެޓް އެބަހުރި ހެއްޔެވެ؟" އަދި ކަންޒު ކަހަނބު އެއްޗެއް ބުނުމުގެ ކުރިން، ފިހާރައިން ނުކުމެގެން މުސަޅު ހިނގައްޖެއެވެ.

ކަންޒު ކަހަނބާއި މުސަޅުގެ ކޮންމެ ވާހަކައަކީ އޭގެން ކޮންމެވެސް، ޢިބުރަތެއް ލިއްބައިދޭ ވާހަކައެކެވެ. މިއަދުގެ ވާހަކައިން ލިއްބައިދޭ ފުރަތަމަ ޢިބުރަތަކީ، އެއްވެސް ފިކުރަކީ ނައްތާލެވޭނެ އެއްޗެއް ނޫންކަމާއި، މާބޮޑަށް ހިފަހައްޓަން އުޅެފިނަމަ، އެކަމުގެ ފޯރި އިހުނަށްވުރެ ގަދަވާގޮތް މެދުވެރިވެ، ކުރިއަށްވުރެ ބޮޑަށް އެ ފިކުރު އާލާވާގޮތް މެދުވެރިވެދެއެވެ. އެކަން އެއީ މާބޮޑު ކަމަކަށް ނުހަދާ ދޫކޮށްލެވޭނަމަ، ފިކުރު އާލާވާ މިންވަރު ވަކި ހަމައެއްގައި ހިފެހެއްޓޭ ގޮތްވެއެވެ.

އިނގިރޭސިންގެ އަޅުވެތިކަމުން އިންޑިއާ މިނިވަން ކުރުމަށް މަސައްކަތްކުރި ބަގަތު ސިންގ ބުނެފައިވެއެވެ. "ވަކިވަކި މީހުން މަރާލުމަކީ ފަސޭހަ ކަމެކެވެ. އެހެންނަމަވެސް ތިބާއަކަށް ފިކުރެއް މަރައެއް ނުލެވޭނެއެވެ." އެހެނީ ބޮޑެތި ބިޔަ އެމްޕަޔަރތައް ކުޑަކަކޫ މައްޗަށް ތިރިކޮށްލި ބާރަކީ ހަމަ ފިކުރުތަކެވެ. އަދި އެ ބިޔަ އެމްޕަޔަރތައް ފުނޑުފުނޑުވެގެން ދިޔައިރު ފިކުރުތައްވަނީ ސަލާމަތްވެފައެވެ. ތާރީޚުންވެސް ޢިބުރަތެއް ލިބޭނީ ތާރީޚު ކިޔާ ބަޔަކަށްތާއެވެ.

މި ވާހަކައިން ލިއްބައިދޭ ދެވަނަ ޢިބުރަތަކީ، ތިބާގެ ވާދަވެރިޔާ ދައްކާހާ ބިރަކަށް ސިހޭކަށް ނުޖެހޭނެކަމެވެ. އަދި ޙަޤީޤަތުގައި އޭނާ އެ ބިރު ދައްކަނީ އޭނާގެ އަތުގައި ބިރު ދައްކާނޭ އެއްވެސް އެއްޗެއް ހުރެގެނެއް ނޫނެވެ. އޭނާގެ މަގުސަދަކީ، ތިބާގެ ކާމިޔާބީއަށް ހުރަސްއަޅައި ކާމިޔާބީއަށް ވާސިލުވާން ހުރި މަގުތައް ބަންދުކޮށްލުމެވެ.