Support Us

ކޮލަމް: ރަންދެލި

ކޮންމެ ދުވަހަކީވެސް މަންމަގެ ދުވަހެވެ.

ލޯބި ސަތޭކަ ބަޔަށް ބަހާލައިފިނަމަ، އޭގެއިން ނުވަދިހަ ނުވަބައިގެ ޙައްޤުވެރިޔަކީ މަންމައެވެ. އަހުރެންނަށް މަންމައާއި މީރު ދުވަސްދުވާ މާމެލާމެއްޔާ އެއްވެސް ފަރަޤެއް ނުފެނެއެވެ. އަހުރެންގެ ދުނިޔެއަކީ ލޮލެއް ކަމަށް ވެއްޖެނަމަ މަންމައަކީ އެ ލޮލުގެ ކޮއެވެ. އަހުރެންގެ ދުނިޔެއަކީ މާމެލާމެލި ކަމަށްވެއްޖެނަމަ، މަންމައަކީ އެ މާމެލާމެލީގެ މީރުވަހެވެ. ކިތަންމެ ހަރު ހިލަ ހިތެއްގެ ވެރިޔަކު ކަމުގައިވިޔަސް، މަންމަގެ ކަރުނައިން ފުރިފައިވާ ދެ ލޮލުގެ ކުރިމަތީގައި އިސްދަށަށް ޖަހާލައި އޯގާތެރިވާން ޖެހިދެއެވެ. އެއްވެސް އެދުމެއްނެތި ލިބޭ ހަމައެކަނި ލޯތްބަކީ މަންމަގެ ލޯތްބެވެ. އަދި އެންމެ އޯގާތެރި އެންމެ ވަފާތެރި ލޯތްބަކީވެސް މަންމަގެ ލޯތްބެވެ.

މަންމަ ފެނުމުން ލިބޭ އުފާވެރިކަން ބަޔާންކުރުމަކީ ކުޅަދާނަ ކަމެއް ނޫނެވެ. ހަމައެކަނި މަންމަގެ އަޑު އިވުނަސް ހިތަށް ތަސައްލީ ލިބެއެވެ. އެއީ ފޯނުން ކަމުގައިވިޔަސް ވަރިހަމައެވެ. ކޮންފަދަ މަތިވެރި ނިޢުމަތެއް ހެއްޔެވެ؟ އެވަގުތު ހިތަށް އަރައެވެ. "فَبِأَيِّ آلَاءِ رَبِّكُمَا تُكَذِّبَانِ" (އޭ ޖިންނީންނާއި އިންސީންނޭވެ! ފަހެ، ތިޔަ ދެބައިމީހުން ދޮގުކޮށް އިންކާރު ކުރަނީ ތިޔަ ދެބައިމީހުންގެ ވެރި ރަސްކަލާނގެ ނިޢުމަތްތަކުގެ ތެރެއިން ކޮންކޮން ނިޢުމަތްތަކަކަށް ހެއްޔެވެ؟)

މަންމައަށް ކޮށްދޭ ކަންތައްތަކުގެ ވާހަކަ ނުދައްކާށެވެ. އަދި މަންމައަށް ދޭ އެއްޗެހި ހިސާބު ނުކުރާށެވެ. އެހެން ނޫނީ ތިބާގެ މައްޗަށް ރިޒުގުގެ ހުރިހާ ދޮރެއް ބަންދުކުރައްވަފާނެއެވެ. މަންމައަށްޓަކާ އެހެން ހުރިހާ އެންމެން ދޫކޮށްލާށެވެ. އަދި އެއްވެސް ޙާލެއްގައި އެހެން ހުރިހާ އެންމެންނަށްޓަކައި މަންމަ ދޫކޮށްނުލާށެވެ. އެހެނީ މަންމަގެ ލޮލުން ކަރުނަ އޮހޮރޭ ވަގުތު މަލާއިކަތުންވެސް ކީރިތި ކުރައްވާކަމުގައި ބުނެވެއެވެ. މަރުގެ ތުންފަތްމަތީގައި އޮންނައިރުވެސް މަންމަގެ ކަންބޮޑުވުމަކީ އަދި ހިތާމައަކީ، އެ މަންމަ ދުނިޔެއިން ނުކުތުމަށްފަހު، އެ މަންމަ ލޯބިވާ ވަރަށް އެ މަންމަގެ ދަރިން ދެކެ ލޯބިވާނެ އެހެން މީހަކު ނުހުންނާނެ ކަމުގެ ހިތާމައެވެ.

މަންމަގެ އަޑާއި އަދި މަންމަގެ ލޯތްބާ ނުލައި ގެއަކީ ގަބުރުސްތާނެއް ފަދަތަނެކެވެ. މަންމައަށް ހިތާމައާއި ހިތްދަތިކަން ދިނުމަށްފަހު އުފާވެރިކަން ލިބުނީ ކާކަށް ހެއްޔެވެ؟ ހިތްހަމަޖެހުމުގެ މަރުކަޒަކީ މަންމަގެ އޯގާތެރިކަމުގެ ފަސްބައެވެ. އެ މަރުކަޒުން ނޫނީ ހިތަށް ހަމަޖެހުމެއް، ތަސައްލީއެއް ނުލިބޭނެއެވެ.

މަންމަގެ މަތިވެރިކަމުގެ މިއަށްވުރެ ވަކިން ބޮޑު ހެއްކެތް އޮންނާނެ ހެއްޔެވެ؟ އެހެނީ ﷲ ސުބުހާނަހޫ ވަތަޢާލާގެ އެކަލާނގެ އަޅުތަކުން ދެކެވާ ލޯބި ބަޔާން ކުރެއްވުމުގައި މިސާލު ޖައްސަވާފައިވަނީ މައިވަންތަ ކަމުގެ ލޯބިންނެވެ.

އަހުރެމެން ކުޑައިރު ވާހަކަ ދައްކަން ނޭނގޭ އިރުވެސް، އަހުރެމެން ލައްވާ އަޑުތަކުން އަހުރެމެންނަށް ބޭނުންވަނީ ކޮން ކަމެއްކަން އެ މަންމައަށް އެނގެއެވެ. އެހެންނަމަވެސް މިއަދު އަހުރެމެން ކިޔަވާ މޮޅުވެގެން ބޮޑެތި މީހުންނަށްވުމުން މަންމަ ދައްކާ އެއްވެސް ވާހަކައެއް ވާހަކައަކަށް ނުވެއެވެ. މަންމަ އެއްޗެއް ބުނުމުން އަންގަނީ ވާހަކަ ނުދައްކާ ހަނުހުރުމަށެވެ. މަންމައަކަށް އެއްވެސް އެއްޗެއް އެނގޭ ކަމަކަށް ނުވެއެވެ. އަދި އެ މަންމައަށް އެއްވެސް އެއްޗެއް ވިސްނޭ ކަމަކަށްވެސް ނުވެއެވެ. އެކަމަކު، ރޭގަނޑު ހަތަރުދަމު ނުނިދާ ހުރުމުގެ ސަބަބުން ދެލޯ ރަތްވުމާއި ރޭގަނޑު ހަތަރުދަމު ކަރުނައަޅާ ރުއިމުގެ ސަބަބުން ދެލޯ ރަތްވުމުގެ ތަފާތު މަންމައަކަށް އޮޅުވައެއް ނުލެވޭނެއެވެ. އެއީ މަންމައެވެ.

ވަކި މީހަކު ވަކިވެ ދިއުމުން އަހުރެމެންގެ ދިރިއުޅުން ހުއްޓިގެން ނުދާނެ ކަމަށް މީހުން ބުނެ އުޅެއެވެ. އެކަމަކު މީހުންނަށް ނޭނގޭ ކަމަކީ، އެތައް މިލިއަން މީހުނެއް ލިބުނު ކަމުގައިވިޔަސް، އެންމެ މަންމައެއް ނެތުމުން ލިބޭ ފަޅުކަން ފިލުވާ ނުލެވޭނޭކަމެވެ.

އަހުރެމެންނަށް ތަކުލީފެއް ކުރިމަތިވާ ހިނދު، އަހުރެމެން އެންމެ ފުރަތަމަވެސް ހަނދާންވަނީ އަހުރެމެން ހެއްދެވި އިލާހާއި، އަހުރެމެން ބަނޑުއަޅައި ވިހޭ މައިމީހާގެ މަތިންނެވެ. ކިތަންމެ ޢުމުރުން ދުވަސްވެފައި ހުއްޓަސް، ހަށިގަނޑަށް އަނިޔާއެއް ލިބި ގައިގައި ވޭންއެޅުމުން އެންމެ ފުރަތަމަވެސް ދުލުން ބޭރުވާ ލަފުޒަކީ "މަންމަ" މި ލަފުޒެވެ.

އިންސާނާ ކާމިޔާބު ދިރިއުޅުމެއް ބޭނުންނަމަ، އޭނާގެ މައިންބަފައިންނަށް ކަމޭހިތަންވާނެއެވެ. އެ ގެއެއްގައި މަންމަގެ ހިޔަނިވާ ގެއަކީ ސުވަރުގެއެއް ފަދަ ގެއެކެވެ.
ނަބިއްޔާ ﷺ ޙަދީސްފުޅު ކުރައްވާފައިވެއެވެ. "މަންމަގެ ޙައްޤު އަދާކުރުމުގައި ދެމިހުންނާށެވެ. ﷲ ގަންދީ ބުނަމެވެ. ތިބާގެ ގައިގެ މަސްތައް ކޮށާފައި މަންމައަށް ދިން ކަމުގައިވިޔަސް، މަންމައަށް އަދާކުރަންޖެހޭ ޙައްޤުގެ ހަތަރުބައިކުޅަ އެއްބައިވެސް އަދާނުކުރެވޭނެއެވެ."

މާތް ﷲ ހުރިހާ މައިންނަށް ސަލާމަތާއި، ރައްކާތެރިކަމާއި، ދުޅަހެޔޮކަން މިންވަރުކޮށް ދެއްވާށި. އާމީން. އަދި ދަރިންނަކީ އެ މައިންގެ ލޮލުގެ ފިނިކަން ކަމުގައި ލައްވައި، އެ ދަރީންނަށް ހެޔޮމަގަށް މަގު ދައްކަވާށި. އާމީން!