Support Us

ކޮލަމް ތިންކުރު

ދިވެހި މީޑިއާގެ އަޚުލާގީ މިންގަނޑު ކޮބައިތޯ؟

ދިވެހި މީޑިއާގެ އަޚުލާގީ މިންގަނޑު އެކަށައެޅުމުގެ ވާހަކައަކީވެސް ދައްކާ ކޮޅުންނުލާވަރުގެ ބޮޑު ވާހަކައެކެވެ. ދެމީހަކަށް އެކަށްޗެއް ނުކިޔޭ ކަމެކެވެ. ނުވަދިހައިގެ އަހަރުތައް ފެށުމާއެކު ދިވެހި ނޫސްވެރިކަމުގެ އަޚުލާގީ މިންގަނޑު ކަނޑައަޅަން ޖެހިއްޖެއެވެ. މިކަން ކުރަންޖެހުނީ އޭރު ނުކުންނަން ފެށި މަޖައްލާތަކަކާ ގުޅިގެން ކަމަށް ވެދާނެއެވެ.

މިހާރުވެސް ފެންނަން އެހުރި ސޯޝަލް ސެންޓަރަށް ނުވަތަ ޒުވާނުންގެ މަރުކަޒަށް ދިވެހި ނޫސްވެރިންގެ ބަޔަކާއި ނޫސް މަޖައްލާ ހިންގާ ބައެއް ފަރާތްތައް އެއްވިއެވެ. އެއްވުމެކޭ ދެންނެވި ނަމަވެސް އެއީ ބައްދަލުވުމެކެވެ. މިކަން އިންތިޒާމް ކުރެއްވީ އޭރުގެ އިންފޮމޭޝަން ޑިޕާޓްމަންޓުންނެވެ. ހަނދާންވާ ގޮތުގައި ބައްދަލުވުމުގެ ރިޔާސަތު ބެލެހެއްޓެވީ ޑިޕާޓްމަންޓް އޮފް އިންފޮމޭޝަންގެ ޑިރެކްޓަރ ޖެނެރަލް ޢަބްދުﷲ ރަޝީދެވެ. މި ބައްދަލުވުމުގައި އަޅުގަނޑުވެސް އިނީމެވެ. އެދުވަހު އެތަނުން ފެނުނު ކިތަންމެ ބޭފުޅުންނެއް އަދިވެސް ޤަލަމާއި ދުލުން ނޫސްވެރިކަން އެބަކުރެއެވެ. މިބައްދަލުވުން ބޭއްވުނީ ފޮނި ނަތީޖާއެއް ނެރުމުގެ އުއްމީދުގައެވެ.

ބައްދަލުވުން ފެށުނުތާ މާގިނަ އިރުތަކެއްނުވެ އެކި ބޭފުޅުންގެ ހިތުގެ ޝުޢޫރުތައް ބަންޑުންކޮށްލިއެވެ. ކަންވީ ގޮތަކީ ބައެއް ބޭފުޅުންނަކަށް ކެތެއް ނުވިއެވެ. ނުވަތަ ހަޖަމެއް ނުވިއެވެ. ބައްދަލުވުން ހޫނުވިއެވެ. ކުރިއަށް ނުގެންދެވިގެން ރިޔާސަތުން ބައްދަލުވުން ނިންމާލީއެވެ. އެދުވަހު އެކަމެއް ނުވިއެވެ. އޭގެ ފަހުންވެސް ދޭތެރެދޭތެރެއިން މިފަދަ ބައްދަލުވުންތައް ބާއްވައެވެ.

މިހާރަށް ބަމަލަމާތޯއެވެ. ޤާނޫނު ނަމްބަރ 2008/15 މޯލްޑިވްސް މިޑިއާ ކައުންސިލުގެ ޤާނޫނު ވުޖޫދުވުމާއެކު އަނެއްކާވެސް ދިވެހި މީޑިއާގެ އަޚުލާގީ މިންގަނޑު އެކުލަވާލުމުގެ އަމާޒަށް މަސައްކަތް ފެށުނެވެ. ސިލްސިލާ މަޝްވަރާތަކެކެވެ. މި މަޝްވަރާތަކުގައިވެސް އަޅުގަނޑު ބައިވެރިވީމެވެ. މިޑިއާ ކައުންސިލުގެ ޤާނޫނަށް ޢަމަލުކުރަން ފެށިތާ 818 ދުވަސް ފަހުން 31 ޖެނުއަރީ 2011 ގައި "ދިވެހި މީޑިއާގެ ހަމަތަކާއި އަޚުލާޤީ މިންގަނޑު" އުފަންވިއެވެ. ނޫސްވެރިންގެ ކުރިމަތީގައި މިދެންނެވި ހަމަތައް ކަޅާއި ހުދުން މިއަދު ފެންނަން އޮންނާނެއެވެ. ލިބުނު އުފަލެއް މަންފާއެއް އެބައޮތްތޯއެވެ؟

"މޯލްޑިވްސް މީޑިއާ ކައުންސިލުގެ ޤާނޫނު"ގެ ދަށުން އެކުލަވާލި މި މިންގަނޑަކީ ދިވެހި މީޑިއާގައި މަސައްކަތްކުރައްވާ އެއްމެހާ ފަރާތްތަކުން ޢަމަލުކުރުމަށް އެކުލަވާލެވިފައިވާ މީޑިއާގެ އަސާސީ މިންގަނޑެކެވެ. ވަކި ވައްތަރެއްގެ މީޑިއާއެއް އިސްތިސްނާއެއް ނޫނެވެ. އެހެން ލިޔުމެއްގައިވެސް ދެންނެވި ފަދައިން މީޑިއާ ކައުންސިލްގެ ޤާނޫނީ އިހުތިސާސަކީ ހަމައެކަނި އެއްވައްތަރެއްގެ މީޑިއަމެއް ނޫނެވެ. މި މިންގަނޑުގައި މީޑިއާ ކަމަށް ބަޔާންކޮށްފައިވާ އިބާރާތުންވެސް މިކަން ވަރަށް ސާފެވެ.

މީޑިއާގެ އަޚުލާގީ މިންގަނޑުގައި ބުނެފައި ވަނީ މިފަދައިންނެވެ. "މީޑިއާ ކަމަށް ބުނެފައި އެވަނީ، ޓީވީއަށާއި ރޭޑިއޯއަށާއި އިންޓަރެކްޓިވް ސީޑީއަށާއި ވެބްސައިޓަށާއި ދުވަހު ނޫސްތަކަށާއި ހަފުތާ ނޫސްތަކަށާއި މަޖައްލާތަކާއި ޓްރޭޑް ޕަބްލިކޭޝަންތަކަށާއި މިނޫންވެސް ނަންނަމުގައި ދިވެހިރާއްޖޭގައި ރަޖިސްޓްރީކޮށްގެންނާއި ދިވެހިރާއްޖޭގައި ރެޖިސްޓްރީ ނުކޮށް ނަމަވެސް މަޢުލޫމާތާއި ޚަބަރާއި ޚިޔާލާއި އިޝްތިހާރާއި އާންމުކޮށް ފެތުރުމަށްޓަކައި ގަންނަން ލިބޭގޮތަށް، ނުވަތަ އަގަކާނުލާ ލިބޭގޮތަށް، ޗާޕްކޮށްގެންނާއި އިންޓަރނެޓާއި، އެހެނިހެން ވަސީލަތްތައް މެދުވެރިކޮށް ޝާއިޢުކުރެވޭ ޝާއިއުކުރުންތަކަށެވެ." ރަޖިސްޓްރީކުރުމާ ނުކުރުމުގެ ސުވާލެއް ނެތެވެ. ރެޖިސްޓްރީ ކުރިއަސް ނުކުރިއަސް މި މިންގަނޑަށް އަމަލުކުރަންޖެހެއެވެ. ނަމަވެސް ކަން ހިނގަނީ މިގޮތަކަށް ނޫނެވެ.

ދިވެހި މިޑިއާގެ އަޚުލާގީ މިންގަނޑު ވަރަށް ސާފުކޮށް ވަނީ ބަޔާންކޮށްފައެވެ. މީގެ ތެރެއިން ވަރަށް އަސާސީ 4 ނުގުތާއެއް އޮތްގޮތަށް މިތާނގައި ނަކަލު ކޮށްލާނަމެވެ.

1- ޚަބަރާއި މަޢުލޫމާތު ޝާއިޢުކުރުމުގައި އެއްޗެއްގެ ޙަގީގަތް އޮޅުވައެއް ނުލެވޭނެއެވެ.

2- ޚަބަރާއި މަޢުލޫމާތު ޝާއިޢުކުރުމުގައި، އަނެކާގެ ޒާތީ ދިރިއުޅުން ރައްކާތެރިކުރުމުގެ ޙައްޤަށް ރިއާޢަތްކުރާނަމެވެ

3- ޖިންސީ ގޯނާ ލިބިފައިވާ ފަރާތްތަކުގެ މަޢުލޫމާތެއް ހާމަކުރާއިރު، އެފަރާތަކީ ކާކުކަން ހާމަވާފަދަ އެއްވެސް މަޢުލޫމާތެއް ހާމަކުރާނީ އެފަރާތެއްގެ ރުހުމާއި އެކުގައެވެ

4- ޚަބަރާއި މަޢުލޫމާތު ޝާއިޢުކުރުމުގައި ޢާންމު މުޖުތަމަޢުއަށް ކޮންމެހެން އެނގެންޖެހޭ ފަދަ މަޢުލޫމާތެއް ސިއްރެއް ނުކުރާނަމެވެ.

އަދި މިވަރަކުން ނުނިމެއެވެ. އެންމެ ފަހުން ނިންމާލާމުންވެސް ބުނެފައިވަނީ މިމިންގަނޑާ ޚިލާފުނުވާ ގޮތެއްގެ މަތިން މީޑިއާގެ ކޮންމެ މުއައްސަސާއަކުންވެސް އެ މުއައްސަސާއަކުން ގެންގުޅޭނެ ސުލޫކީ މިންގަނޑު ކަނޑައެޅުމަކީ އެ މުއައްސަސާގެ މަސްޢޫލިއްޔަތެއް ކަމަށެވެ. އެހެންކަމުން މުއައްސަސާތަކުގައި މިންގަނޑެއް އޮންނާނެ ކަމަށް ބަލަމާ ހިނގާށެވެ. މީޑިއާ ކައުންސިލުން އެކަން ކަށަވަރު ކުރާނެތާއެވެ!

ދިވެހި ނޫސްވެރިކަމުގެ އަޚުލާގީ މިންގަނޑެއް ކަނޑަނޭޅިގެން އުޅުނު ޒަމާނުގައި ކުރެވުނު ބަހުސްތައް ރަނގަޅަށް ހަނދާން ހުރި ނޫސްވެރިންނާއި ނޫސްތަކުގެ ވެރިން މިއަދުވެސް ނޫސްވެރިކަމުގައި އެބައުޅުއްވައެވެ. އެބޭފުޅުންގެ މީޑިއާތަކުގައި ޚަބަރާއި މަޢުލޫމާތު ފަތުރަނީ ޤާނޫނުގެ ދަށުން އެކުލަވާލާފައިވާ އަޚުލާޤީ މިންގަޑާ އެއްގޮތަށް ތޯއެވެ؟ ދިވެހި މީޑިއާގެ އަޚުލާގީ މިންގަނޑު މިހާރު ކޮބައިތޯއެވެ؟

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1

One Response

  1. ބުނާ މީހަކަށް ނުބަލާށޭޭ ބުނާ އެއްޗަކަށް ބާލާށޭ ބުނެއެވެ. އެކަމަކު ބައެއް މީހުން ބުނީމަ އެހާ ރީއްޗެއް ނޫނެވެ. ކޮލަމުދާރު ދައުލަތުގެ މީޑިޔާއާ ހަވާލުވެގެން ހުންނެވިއިރު ތިޔަ މިންގަނޑުތައް ހަދާނުގައި ބެހެއްޓެވިނަމަ ކޮންފަދަހެއްޔެވެ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *