Support Us

ހުޅުމާލެ ކުނިކަހާ ސާފުކޮށް ބެލެހެއްޓުމުގެ އެއްބަސްވުމުގައި އެޗް.ޑީ.ސީ އާއި ވެމްކޯއިން ސޮއިކުރަނީ  -ފޮޓޯ:އެޗް.ޑީ.ސީ

ހުޅުމާލެ ކުނިކަހާ ސާފުކޮށް ބެލެހެއްޓުން ވެމްކޯއާ ހަވާލުކޮށްފި

ހުޅުމާލެ ކުނިކަހާ ސާފުކޮށް ބެލެހެއްޓުން އެޗް.ޑީ.ސީން ވެމްކޯއާ މިއަދު ހަވާލުކޮށްފިއެވެ.

ހުޅުމާލޭގެ އާންމު ސަރަހައްދުތައް ކުނިކަހާ ސާފުކުރުމުގެ އެއްބަސްވުމުގައި ވެމްކޯގެ ފަރާތުން ސޮއިކުރެއްވީ އެ ކޯޕަރޭޝަންގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ ޔޫސުފް ސިރާޖެވެ. އެޗްޑީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ ސުހައިލް އަހުމަދެވެ.

ތިން އަހަރުގެ މި އެއްބަސްވުމުގެ ދަށުން، ހުޅުމާލޭގައި ތަރައްޤީކޮށް އާންމުކޮށް ހުޅުވައިލާފައިވާ ހުރިހާ މަގުތަކާއި މަގާ އިންވެގެންވާ ޕޭމަންޓާއި ގަސް އިންދާފައިވާ ސަރަހައްދުތަކާއި ޕާކުތަކާއި އަދި ބީޗް ސަރަހައްދު ކުނިކަހާ ސާފުކޮށް ބެލެހެއްޓުން ހިމެނެއެވެ. މިގޮތުން ވެމްކޯއިން ކުނިކަހާ ސާފުކުރުމުގައި ނެގުމަށް ހަމަޖެހިފައި ވަނީ އާންމުކޮށް އުކާލައިފައި ހުންނަ ކުނީގެ ބާވަތްތަކެވެ. މި ބާވަތުގެ ކުނީގެ ތެރޭގައި ހިމެނެނީ ޕްލާސްޓިކް ފުޅި، ދަޅު، ކޮތަޅު، ކަރުދާސް، ފަތްކުނި، ޕެކޭޖިން އަދި މިފަދަ އެހެނިހެން ބާވަތްތަކެވެ.

އެޗް.ޑީ.ސީން ބުނީ މި މި އެއްބަސްވުމަކީ ހުޅުމާލެ އާންމު ސަރަހައްދުތައް ސާފުކޮށް، ހުޅުމާލެއިން ނެގޭ ކުނީގެ ބާވަތްތައް ވަކިކުރެވި ދެމެހެއްޓެނިވި ހައްލެއް ހޯދައިދިނުން ކަމަށެވެ. އަދި މިފަދަ މަސައްކަތްތައް އެޗް.ޑީ.ސީން ކުރުމުގެ ބަދަލުގައި އެކަމަށް ހާއްސަވެގެންވާ ފަރާތްތަކާ މިފަދަ މަސައްކަތްތައް ހަވާލުކުރުމުން، ހުޅުމާލޭގެ އުމްރާނީ ތަރައްގީގެ މަސައްކަތްތަކަށް އެޗް.ޑީ.ސީގެ ފޯކަސް އަމާޒުކުރުން ކަމަށެވެ.

"އަދި ކުރިޔަށް އޮތް ތަނުގައިވެސް މިފަދަ މަސައްކަތްތައް އެކަމަށް ކަނޑައަޅާފައިވާ ފަރާތްތަކާ މަޝްވަރާކުރެވިގެން އެފަދަ މަސައްކަތްތައް އެ ފަރާތްތަކާ ހަވާލުކުރުމަކީ މި ކޯޕަރޭޝަންގެ މަޤްސަދެކެވެ." އެޗް.ޑީ.ސީން ބުނެއެވެ.

ހުޅުމާލޭގެ އާންމު ސާފުތާހިރުކަން ކަށަވަރު ކުރުމަށްޓަކައި އެ އަވަށުގައި ދިރިއުޅޭ މީހުން ސަމާލުކަން ދޭންޖެހޭ ކަންތައްތަކެއް ވެސް އެޗް.ޑީ.ސީން ފާހަގަކުރެއެވެ.

ހުޅުމާލޭގައި ދިރިއުޅޭ މީހުން ސަމާލުކަން ދޭންޖެހޭ ކަންތައްތައް:

  • ވެމްކޯގެ ކުނި އުކާލުމުގެ ހިދުމަތަށް ރެޖިސްޓަރ ނުކޮށް ހުރި ގޭބީސިތަކުން ވީ އެންމެ އަވަހަކަށް ރެޖިސްޓްރޭޝަން ފުރިހަމަކުރުން
  • ކެފޭ، ހޮޓާ އަދި އެހެނިހެން ވިޔަފާރިތަކުން އުފެދޭ ކުނި އުކާލުމަށް ވެމްކޯގެ ހިދުމަތަށް ރެޖިސްޓަރ ކުރުން
  • ބޮޑެތި އަދި ބަރު ކުނި އުކާލުމަށް ވެމްކޯގެ ކޯލް އެންޑް ޕިކަޕް ސާރވިސް (CAPS) ހިޔާރުކުރުން
  • ރެޖިސްޓަރނުކޮށް މަގުތަކަށް ކުނި ނެރެމުންދާ ފަރާތްތަކުން މިފަދަ އަމަލުތައް ވަގުތުން ހުއްޓާލުން

"ހުޅުމާލޭގެ ސާފްތާހިރުކަން ދެމެހެއްޓުމަށްޓަކައި ހުޅުމާލޭގައި ދިރިއުޅޭ އެންމެހައި ރައްޔިތުންގެ ފަރުދީ ޒިންމާ އަދާކޮށް މިފަދަ ކަންކަމުގައި އެއްބާރުލުން ދިނުން ވަރަށް މުހިއްމެވެ." އެޗް.ޑީ.ސީން ބުނެއެވެ.