ޖުމްލަ 130 މީހަކަށް ފުރުސަތުދޭ އެޗް.ޑީ.ސީގެ ފަސް ވަނަ އެޕްރެންޓިސްޝިޕް ޕްރޮގްރާމް ފަށާގޮތަށް ހަމަޖައްސައި، ޔޫތު މިނިސްޓްރީއާއެކު އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފިއެވެ.
ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗް.ޑީ.ސީ)ން ބުނި ގޮތުގައި މި ޕްރޮގްރާމްގެ ދަށުން ހިންގާ ތަމްރީން ޕްރޮގްރާމްތައް ހިންގާނީ މޯލްޑިވްސް ނެޝަނަލް ސްކިލްސް ޑިވެލޮޕްމެންޓް އޮތޯރިޓީގެ "ނެޝަނަލް ކޮމްޕިޓެންސީ ސްޓެންޑަރޑްސް"ތަކާ އެއްގޮތަށެވެ. އަދި ޕްރޮގްރާމް ފުރިހަމަ ކުރާ މީހުން މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ ޤަބޫލުކުރާ ނެޝަނަލް ލެވެލް ތިނެއްގެ ސަނަދެއް ހާސިލްކުރުމާއެކު، މަސައްކަތުގެ ތަޖުރިބާ ލިބިގެންދާނެއެވެ.
ހަ މަސްދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ މި ޕްރޮގްރާމްގައި 10 ދާއިރާއަކުން ބައިވެރިން ތަމްރީން ކުރެވިގެންދާނެ ކަމަށް ވެސް އެޗް.ޑީ.ސީން ބުނެއެވެ.
އެ ދާއިރާތަކަކީ:
- ވެލްޑިން
- ޕްލަމްބިން
- އިލެކްޓްރީޝަން
- ކާޕެންޓަރ
- ރެފްރިޖަރޭޝަން އެންޑް އެއަރކޮންޑިޝަނިން މެކޭނިކް
- ކޮންސްޓްރަކްޝަން ސައިޓް ސުޕަވައިޒަރ
- އެސިސްޓެންޓް ބިލްޑިންގް މެއިންޓަނެންސް އޮފިސަރ
- މޭސަން
- ގާޑަނަރ
- ހެވީ ވެހިކަލް އޮޕަރޭޓަރ

ނެޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމަކީ މަސައްކަތު މާހައުލުގައި ތިބެގެން އެ މަސައްކަތްތަކުގެ ތަޖުރިބާކާރުންގެ ބެލުމުގެ ދަށުން މަސައްކަތްތައް ދަސްކޮށް، ތަމްރީނާއި ތަޖުރިބާ ހޯދުމުގެ ފުރުޞަތު ޤައުމީ ފެންވަރުގައި ހުޅުވާލުމަށް ހިންގާ ޚާއްސަ ޕްރޮގްރާމެކެވެ.
އެޗް.ޑީ.ސީގެ ފަސް ވަނަ އެޕްރެންޓިސްޝިޕް ޕްރޮގްރާމްގައި 100 ބައިވެރިންނަށް އަދި އެޗް.ޑީ.ސީގައި މި ދާއިރާތަކުގައި މަސައްކަތް ކުރަމުންދާ 30 މުވައްޒަފަކަށް ބައިވެރިވުމަށް ފުރުސަތު ދެވޭނެ ކަމަށް ވެސް އެޗް.ޑީ.ސީން ބުނެއެވެ.
ނެޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ ދަށުން ޒުވާނުން ތަމްރީނުކުރުމަށް މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓާއި އެޗް.ޑީ.ސީއާ ދެމެދު ވި މެމަރަންޑަމް އޮފް އަންޑަސްޓޭންޑިންގައި ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު އަހްމަދު މަހްލޫފެވެ. އެޗް.ޑީ.ސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ ސުހައިލް އަހްމަދެވެ.
"އެޗް.ޑީ.ސީގެ އެޕްރެންޓެންސިޕް ޕްރޮގްރާމުގެ މަޤްޞަދަކީ ކަނޑައެޅިފައިވާ ދާއިރާތަކުން ފަންނީ އަދި ޤާބިލް މީހުން ބިނާކުރުމެވެ. އަދި ކުރިއަށްދާނެ ވަކި ދާއިރާއެއް ކަނޑަނޭޅި ތިބި ބައިވެރިންނަށް ފުރުސަތުތަކެއް ހުޅުވަލައި ނެޝެނަލް ލެވެލްގެ ސެޓްފިކެޓެއް ހޯދައި މަސައްކަތުގެ މާހައުލުގައި ބިނާކުރެނެވި ހުނަރުވެރި ޒުވާނުންތަކެއް އުފައްދާ ވަޒީފާގެ މައިދާނަށް ނުކުތުމުގައި އެހީތެރިވެދިނުމެވެ." އެޗް.ޑީ.ސީން ބުންޏެވެ.
މި ހަފްލާގައި ވާހަކަދައްކަވަމުން ސުހައިލް ވިދާޅުވީ 3،000 ޒުވާނުން ތަމްރީނުކުރުމަށް ސަރުކާރުގެ ފަށާފައިވާ އަމާޒުގައި އެޗް.ޑީ.ސީގެ ފުރިހަމަ އެއްބާރުލުން ލިބޭނެކަމާއި ޤައުމު ތަރައްޤީ ކުރުމުގައި، ޤައުމުގެ ޒުވާނުން ބިނާކުރަން ގިނަގުނަ މަސައްކަތްތަކެއް އެޗް.ޑީ.ސީން ކުރާނެ ކަމުގައެވެ. އަދި ގިނަ ދާއިރާތަކަކުން ޤާބިލް ޒުވާނުން ބިނާކުރުމާއި ޒުވާނުންގެ ކުރިއެރުމަށް ގިނަ ފުރުޞަތުތަކެއް ތަނަވަސްކޮށްދޭން އެ ކުންފުނިން އަބަދުވެސް މަސައްކަތްކުރާނެކަން އޭނާ ފާހަގަކުރެއްވިއެވެ.
ނެޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމް ހިންގުމުގައި ޔޫތު މިނިސްޓްރީގެ މެންޑޭޓް ތެރޭގައި ހިމެނޭ މައްސަލައެއް ދިމާވެއްޖެނަމަ އެ މައްސަލައެއް ހައްލުކުރުމުގައި އެހީތެރިވެދިނުމާއި ތަމްރީނު ދޭ އިންސްޓިޓިއުޓު ހޯދުމާއި އިންސްޓިޓިއުޓަށް ދޭ ފައިސާ ހަމަޖެއްސުން އަދި ފާސްވާ ދަރިވަރުންނަށް ނޭޝަނަލް ސެޓްފިކެޓް ލިބޭނެ ގޮތް ހަމަޖައްސައިދިނުމަށް މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އިން ވަނީ އެއްބަސްވެފައި ކަމަށް ވެސް އެޗް.ޑީ.ސީން ބުނެއެވެ.



advertisment

