Support Us

ކޮލަމް ކަލާވެހި: "އެއީ ކޮން އެއްޗެއް އެނގޭ މީހެއް؟ އެކައްޗެއްވެސް ނޭނގޭ!"

ނަލައިގެ ކޮޅަށް ނަލަހެދިލައިގެން އައިސް އިން ފިރިހެނެކެވެ. ލައިގެން އިން ފަޓުލޫނާއި ގަމީހުގައި ހުރި ރޫތައް ބުނެދޭ ގޮތުގައި، އޭނާޔަކީ ތަންކޮޅެއް ކުރީގެ ’ރަށުވެރީން‘ގެ ގިންތީގައި ހިމެނޭ މީހަކަށްވެސް ވެދާނެއެވެ. ނުވަތަ، ވަސްގަދަ ސެންޓެއް ޖަހައިލައިގެން، ދިމާވިހައި މީހެއްގެ މޫނަށް ސިނިގިރޭޓު ދުން ބުރުވަމުން، ގަދަބަސް ބުނަމުން، އަޢުވާނުންގެ ދެތިން މީހަކުވެސް ފަހަތުލައިގެން ހޮޅުއަށްޓަށް ގޮސް އަޗާތަޅައި އުޅުނު ޒާތުގެ މީހެކެވެ. ފިރިހެންވެރީންނަކީ އަހަރުމެން މިއުޅޭ ގޮތަށް އުޅެން ކެރޭ މީހުންނޭވެސް ބުނެ އުޅުނު ޒާތުގެ މީހަކަށްވެސް އޭނާ ވެދާނެއެވެ. ދަންނަވަން ކެރޭނެހައިވެސް ވަރަކީ، އޭނާގެ ޙަރަކާތްތަކާއި މޫނުމައްޗަށް އަރައިފައިބަމުންދިޔަ ކުލަތަކާއި މަންޒަރުތައް ހުރީ އެކަހަލަ ގޮތަކަށޭއެވެ.

ކުރިމަތީގައި ހުރި އިސްކިރީނަށް އޭނާގެ ނަންބަރު ހަމަ އެރުމާއެކު، މިދެންނެވި މީހާ އޭނާ އިށީނދެގެން އިން ގޮނޑިން ތެދުވެއްޖެއެވެ. އަދި ފޮނި ޒާތަކަށް ހަށިފޮޅައިލައިފައި، ނަލަ ކޮރެއްވެސް ޖަހައިލައިފައި ގޮސް، ކުރިމަތީގައި ހުރި ހަތަރު ނަންބަރު ކޮޓަރިޔަށް ވަދެއްޖެއެވެ.

އާދޭހެވެ! ތިޔަ ހީފުޅުކުރެއްވުނީ ހަމަ ރަނގަޅަށެވެ. އޭނާ ވަދެގެން އެދިޔައީ، ދާދި ފަހުން ރަޝިޔާއިން ކިޔަވާވިދާޅުވެގެން ވަޑައިގެން، ރާއްޖޭގެ ބޮޑު ހޮސްޕިޓަލެއްގައި މަސައްކަތްޕުޅު ކުރައްވަން ފެއްޓެވި ޑރ. އިރުޝާދު އިންނަވާ ކޮޓަރިކޮޅަށެވެ.

ދެން ހިނގައިދިޔަ ދިހަވަރަކަށް މިނެޓުގެ ތެރޭގައި މިދެންނެވި ކޮޓަރިކޮޅުގެ ތެރޭގައި ހިނގައިދިޔަ ކަންކަމާއި، ދެކެވުނުހައި ވާހަކައެއްގެ ތަފްޞީލަކީ ބޭސްވެރި ޙަކީމަކާއި ބަލިމީހަކާ ދެމެދު ކުރެވުނު މުޢާމަލާތުތަކަކަށްވެފައި، އެޒާތުގެ އެހެރައެހެރަ ކަންކަމަކީ ތިންވަނަ މީހަކާ ބެހުމަށްވުރެ ނުބެހޭ ކަންކަމުގެ ތެރޭގައި ހިމެނުން އައުލާކަން ބޮޑުވެގެންވާ މުޢާމަލާތްތަކެއްކަމަށް ތަހުޒީބު އިންސާނުންގެ ތެރޭގައި ހިމެނޭ ހަމަ ކޮންމެ މީހަކުމެ ޤަބޫލުކުރާނޭތީ، އެ ވަގުތުކޮޅުގެ މައްޗަށް އަޅުގަނޑު ފަރުދާއެއް ދަމައިލާނަމެވެ. އަދި އެޔަށްފަހު، ދެން ކުރިޔަށް ދާނީ، އިސްވެ ދެންނެވި މީހާ ޑޮކްޓަރު އިންނަވާ ކޮޓަރިކޮޅުން ނިކުތް ހިސާބުން ފެށިގެންނެވެ.

ޑޮކްޓަރުގެ ކޮޓަރިކޮޅިން ނިކުތް މީހާ، ނުވަތަ އޭނާގެ ނަމުން ދަންނަވާނަމަ ޢަބްދުއްރަޙީމް، ނިކުތީ ބާވަތެއްގެ އަޑެއް ޖައްވަށް ދޫކޮށްލަމުންނެވެ. ދެތުންފަތް ޖައްސައި، ބާރުލައި ފިއްތައިލުމަށްފަހު، ބޫން އަޑަކާއެކު ވަރަށް ބާރަށް ނޭފަތުން ނޭވާ ދޫކޮށްލީމައި އެ އިވޭ ކަހަލަ ’ހުން!‘ އެއް ދެފަހަރަކު ގޮއްވައިލަމުންނެވެ.

ޢަބްދުއްރަޙީމް މިދެންނެވި އަދާތަކުން ނަފުސަށް ޖާހު ދެމުން ނިކުމެވުނީ އޭނާ ކޮންމެވެސް ވަރަކަށް ދެކެފަރިތަ މީހެއް ކަމަށްވާ ޢީސާފުޅުގެ ކުރިމައްޗަށެވެ. ޢީސާފުޅަށް ޢަބްދުއްރަޙީމް ހަމަ ފެނުމާއެކު…

ޢީސާފުޅު: އައްސަލާމް ޢަލައިކުމް!

ޢަބްދުއްރަޙީމް: ވަޢަލައިކުމުއްސަލާމް! ފުޅު މިތާ ކޮންވަޑާމެއް؟

ޢީސާފުޅު: މިއުޅެނީ ބަނޑެއްގައި ރިހޭތީ، ޑރ. އިރުޝާދަށް ދައްކައިލާން ކަމަށް.

ޢަބްދުއްރަޙީމް: އައްޗި، އެ ދެން ކާކު؟ އެއީ ކޯޗެއް އެނގޭ މީހެއް؟ އެކައްޗެއްވެސް ނޭނގޭ! އަހަރެންގެ ކުރިމަތީގައި އެއްވެސް މީހެއް ނޫން އެއީ!

ޢަބްދުއްރަޙީމް ދެ ސުވާލެއް ކުރިކަން ޢީސާފުޅަށްވެސް އެނގެއެވެ. ޑރ. އިރުޝާދުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގައި އޮތް މަޢުލޫމާތުން ބައެއްގެ ނަމަވެސް ޞައްޙަކަމާމެދު ސުވާލު އުފެދުމާއި، ޑޮކްޓަރަށް އެނގިވަޑައިގަންނަވާ އެންމެ އެއްޗެއް ނަމަވެސް ޢީސާފުޅަށް އެނގޭތޯ ބެލުން އެއީ މަޤްޞަދެއް ކަމަށް ހީވާ ކަހަލަ ސުވާލެއްވެސް އޭގައި ހިމެނޭހެން ހީވާން އުޅުނަސް، ޢަބްދުއްރަޙީމްގެ ސުވާލުތަކުގެ ޖަވާބުވެސް ޚުދު އޭނާ ދިނީމައި، ވެގެން އެ އުޅޭ ގޮތް ޢީސާފުޅަށް ކުޑައިކޮށް ދޭހަވެސް ވެއްޖެއެވެ. އެހެން ކަމުން…

ޢީސާފުޅު: އަނެއްކާ ކިހިނެއް ވީތަ؟

ޢަބްދުއްރަހީމް: އަހަރެން މިއައީ ބޮލުގައި ރިހޭވަރުން ގޭގައި ނޯވެވިގެން. ތިޔަ ޑޮކްޓަރަކީ އަޅެ ތިބުނާހައި މޮޅު މީހަކަށް ވަންޏާ، އަހަރެން ދޮރުން ވަންނައިރަށް އަހަރެންގެ ބަލި އެނގެން ވާނެނު؟ ތަންމިނަށް އަނގަހުޅުވަން ޖައްސައިފައި، ސަމުސާދަނޑިޔެއް ކަހަލަ އެއްޗަކުން ދުލަށް ފިތައި، އޮބައި، ހަދާކަށް ނުޖެހެއެއްނު؟ ފާޑެއްގެ އެއްޗެއް އަތުގައި އަޅުވައިފައި، އެޔަށް ވައިޖަހައިގެން ފިތަފިތާފައި ބާވަތުގެ މީޓަރެއް އަޅާކަށްވެސް ނުޖެހެއެއްނު؟ އެންމެ ފަހުން ވެގެން އުޅޭގޮތް ބުނެދޭން ޖެހުނީ މަށަށް!

ޢީސާފުޅު: ދެނޯ؟

ޢަބްދުއްރަޙީމް: ދެން އަހަރެން ބުނެފިން ބަލަ ޑޮކްޓަރާއޭ އަހަރެން މިއައީ ބޮލުގައި ރިއްސާތީއޭ، އަހަރެން ކާން ބޭނުންވާ ބޭސް ގުޅަ ސިޓީއަކާ ނުލައި އެއްވެސް ބޭސްފިހާރަޔަކުން ނުވިއްކިޔޭ، އެހެންވީމާ މިއައީ ޑޮކްޓަރު އަތުން ސިޓީއެއް ހޯދާށޭ. ކޮންހައި މީޓަރުތަކެއް އަޅާކަށްހޭ، އަވަހަށް ބޭސްސިޓީ ލިޔާން އުޅޭށޭ. އަހަރެން ބުނިން ލިޔާންވީ ބޭސްވެސް!

ޢީސާފުޅު: ބޭސްފިހާރައިން ކަލެޔަށް ތިބުނާ ބޭހެއް ނުވިއްކާނީ ހާދަ ޒާތެއްގެ ބޭހަކަށް ވާތިއްޔޭ، ދޯ؟ އެއީ އަނެއްކާ ކޮން ނަމެއް ކިޔާ ބޭހެއްތަ؟

ޢަބްދުއްރަޙީމް: އެއީ ތިރިމަޑޯލު. ފެނިޑޯލުގެ އެންމެ މޮޅު ވައްތަރު. އާސަންދައިން ހިލޭ ދޭންޖެހޭތީ މިވެރީން އެ ނުދީ ހިފަހައްޓާން އުޅެނީ. އެހެންޏާ، ތިރިމަޑޯލު ގުޅަޔެއް ކައިލީމައި ބޮލުގައި ރިހުން ހަމަ ވަގުތުން ތިރިވާނެ. އެހެންވީމައި އެޔަށް ތިރިމަޑޯލު ކިޔަނީވެސް. ދެން އެމީހުން ހީކުރަނީ އަހަރުމެންނަކަށް އެކައްޗެއްވެސް ހަމަ ނޭނގޭނޭ.

ޢީސާފުޅު: ދެނޯ؟ ދެން ކިހިނެއް ހަދަންތަ ޤަޞްދުކުރަނީ؟

ޢަބްދުއްރަޙީމް: އަހަރުމެންނަކަށް ގޮތެއް ހުހެއް ނުވާނޭނު؟ މެންބަރުވެސް ހުންނާނެނު؟ ޑޮކްޓަރު ކީކޭތަ ހީކުރަނީ؟

ޑޮކްޓަރު ހީފުޅުކުރައްވާނެ އެއްޗެއް އެނގުމަކީ ޢަބްދުއްރަޙީމްގެ ބޭނުމެއް ނޫނެވެ. ޑޮކްޓަރަކީ ކޮން ބޭފުޅެއްތޯ ދެނެގަތުމަކީވެސް އޭނާގެ ބޭނުމެއް ނޫނެވެ. ޑޮކްޓަރަށް އެނގިވަޑައިގަންނަވަނީ ކޮން އެއްޗެއްތޯ ބެލުމަކީވެސް އޭނާގެ މަޤްޞަދެއް ނޫނެވެ. އެހެންނަމަވެސް…

ޢަބްދުއްރަޙީމް: މަށަށް އެއީ ދެން ކާކު؟ އެއީ ކޯޗެއް އެނގޭ މީހެއް؟ އެކައްޗެއްވެސް ނޭނގޭ!

ޢަބްދުއްރަޙީމް އާއި ޢީސާފުޅާ ދެމީހުން އެކަކު އަނެކަކާ އެކީގައި ވިއްޔާ އެގޮތަށް، ވަކިވެގެން ދެމީހުން ދެކޮޅަށް ވިއްޔާ އެގޮތަށް، ދާނެ ތާކަށް ގޮސް ކުރާނޭ ކަމެއް ކޮށް، ދައްކާނެހައި ވާހަކަޔެއް ދައްކާން ދޫކޮށްލައިފައި އަޅުގަނޑު ހިތަށް އެރިއެއްޗެއް މިތާނގައި ދަންނަވައިލާނަމެވެ.

އަޅުގަނޑު ދެކޭ ގޮތުގައި، ތިމާމީހާ ބޭނުންހައި ކަމެއް، ބޭނުންހައި ގޮތަކަށް ނުވީމައި، ނުވަތަ ކޮށް ނުދިނީމައި، ނުވަތަ ތިމާ އެމީހަކަށް އަމުރުކުރުމުގެ އެއްވެސް ޙައިޘިއްޔަތެއް ތިމާގައި ނެތް މީހަކަށް ހަރުކަށިކަމާއެކު ކުޅަ އަމުރަކަށް އެ މީހަކު ކިޔަމަން ނުވީމައި، އެ މީހަކީ ހަމަ ކުއްލިޔަކަށް މީހަކަށް ނުވާ މީހަކަށް ހަދައި، އެއީ އެއްވެސް އެއްޗެއް ނޭނގޭ ޖާހިލުންގެ ތެރޭގައި ހިމެނޭ މީހެއް ކަމަށް ހަދައި، އެވާހަކަ އެގޮތަށް ގޮވައި ހަދާނީ ޖާހިލުންގެ ތެރެއިންވެސް ޖާހިލެކެވެ. އިޖްތިމާޢީ ސުލޫކާއި ހެޔޮ ޚުލްޤާއި ޒަމާނުގެ ތަހުޒީބާއި ދެންވެސް އެބާވަތުގެ އެހެން މާއްދާތައް ހެއިނަކަތުގެ ވާރޭހެން އޭނާގެ މައްޗަށް އޮހުނަސް، އެއިން ތިއްކެއްގެ މިންވަރުންވެސް އޭނާ ނުތެމުނު ބަދުނަޞީބުވެރިޔެކެވެ. އެފަދަ ޖާހިލާ އެކު އުޅޭ މީހަކަށާއި، އެފަދަ ޖާހިލަކާ އެކީ ވިޔަފާރިކޮށް، އެއް އޮޑިން ދަތުރުކޮށް ހަދާ މީހަކަށް ނިސްބަތްކޮށްވެސް ކޮންމެވެސް އެއްދުވަހަކުން ޖާހިލު ކަލޭގެ ގޮވައިލާނީ…

”އެއީ ކޮން އެއްޗެއް އެނގޭ މީހެއް؟ އެކައްޗެއްވެސް ނޭނގޭ!“ މިހެންނެވެ! އެއީ ޔަޤީން ކަމެކެވެ.

އެހެންނަމަވެސް، ތިމާމެން ހުވަޔެއް ކޮށްގެން، މަހުޖަނުންނާއި ފަޤީރުންނާ ތަފާތުނުކޮށް، އެންމެންގެ ވޭންތަކަށް ތަސައްލީ ހޯދައިދޭން މުއައްސަސާ ހަދައިގެން އުޅޭ މީހުންގެ ވާހަކަ އަދި އެއީ އެހެން ވާހަކަޔެކެވެ! އެ ވާހަކަ ފަހަށް ބާއްވާނީއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
221

One Response

  1. އޮގަރުގެ ލިޔުންތައް ވަރަށް ފައްކާާ
    އެވެރިންނަށް ނޭނގޭ އެއްޗެއް ނެތް. އެކަމަކު އެނގުނު އެއްޗެއް ހަރާންބަޅުމަސް…

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *