Support Us

ތަފާތު ވެށްޓެއް

ރަމަޟާން މަހަކީ މުސްލިމުންނަށް ޚާއްޞަ މަހެކެވެ. ތަފާތު ވެށްޓެކެވެ. ދުނިޔޭގެ ހަތަރު ބިތުގައި ދިރިއުޅޭ މުސްލިމުން ރަމަޟާންމަހުގެ ދުވަސްތައް ހޭދަކުރަނީ ﷲއަށް ކިޔަމަންގަތުމާއި އެކަލާނގެ ޙަޟްރަތަށް ކުއްތަންވުމަށް ކުރާ ޢިބާދާތުތަކުގެ ތެރޭގައެވެ.

މުސްލިމުންނަށް ރަމަޟާން މަސް އަންނަނީ ވޭތުވެދިޔަ އެގާރަ މަހުގައި އެމީހުންގެ އަތުން ބީވެފައިވާ ޠާޢަތާއި ކިޔަމަންތެރިކަން އަނބުރާ ހޯދުމަށް ކުރާ މަސައްކަތެއްގެ ގޮތުގައެވެ. ﷲއާއެކު ކަށަވަރުވެފައިވާ ޢަހްދު އައުކުރާ ދުވަސްތަކެއްގެ ގޮތުގައެވެ. އެބައިމީހުންގެ ދީނަށް ވަފާތެރިކަން އިޢުލާންކުރާ މިންބަރެއްގެ ގޮތުގައެވެ. އެއީ ކުރިއަށް އޮތް އެގާރަ މަހަށް ބޭނުންވާ ރޫޙާނީ ތެލުން ތެޔޮ އަޅަން މަޑުކޮށްލެވުނު ތެޔޮ އިސްޓޭޝަނެއް ކަމުގައެވެ.

ބައެއް ފަހަރަށް ފެންނަގޮތުގައި ރަމަޟާން މަހަކީ މުސްލިމުންގެ ޙަޔާތް ބައްޓަންކޮށްދޭ މާވަޑިއެކެވެ. ރޯދައިގެ ފުރޯއާއި ރޮންދާއިން ކޮށައި މަށައި ބަނދެދޭ އޮޑިއެކެވެ. މި އޮޑިއަކީ ކުރިއަށް އޮތް 11 މަހުގައި ޝައިޠާނާގެ ބިޔަ ރާޅުތަކުގެ ތެރޭގައި ދިޔަނުވެ އަމާން ބަދަރާ ހަމައަށް ދަތުރު ކުރެވޭނެ އުޅަނދެކެވެ. ރަމަޟާން އައުމުގެ ކުރިން ބައެއް މުސްލިމުން ތިބެނީ ﷲގެ ދަރުބާރުން ބޭރުގައި ނިދާފައެވެ. ރަމަޟާން މަސް އައިސް އެމީހުން ނިދިން ނަގައި އަލުން ﷲގެ ޙަޟްރަތަށް ގެންދެއެވެ. ތަފާތު ޙަޔާތަކަށް ލޯ ހުޅުވައިލަދެއެވެ.

ﷲ ތަޢާލާއަށް ކިޔަމަންނުގަނެ އެކަލާނގެއަށް ބޯނުލަނބައި، އެކަލާނގެއަށް ސަނާ ނުދަންނަވައި އިންސާނާއަށް ހިތް ފުރާނުލެވޭނެ ހުސްކަމެއް އިންސާނާގެ ކިބައިގައި ވެއެވެ. އެހެނީ އޭނާއަށް ހިތްހަމަޖެހުން މި ލިބެނީ ﷲ ހަނދުމަކުރެވުނުވަރަކުންނެވެ. މާތް ﷲ ވަޙީ ކުރެއްވިއެވެ. ((ٱلَّذِينَ ءَامَنُوا وَتَطْمَئِنُّ قُلُوبُهُم بِذِكْرِ ٱللَّـهِ ۗ أَلَا بِذِكْرِ ٱللَّـهِ تَطْمَئِنُّ ٱلْقُلُوبُ [1]– އެއުރެންނީ، إيمان ވި މީހުންނެވެ. އަދި اللَّه ހަނދުމަކުރުމުން، އެއުރެންގެ ހިތްތައް ހަމަޖެހޭ މީހުންނެވެ. ހިތްތައް ހަމަޖެހެނީ، اللّه ހަނދުމަކުރުމުން ނޫންހެއްޔެވެ؟))

ދުނިޔެ ބަވަނަކުރުމުގެ ސަބަބުން މީސްތަކުން ހޭލުންތެރި ކޮށްފައިވަނީ ދުނިޔަވީ ލައްޒަތްތަކަށެވެ. ކެއުމާއި ބުއިމާއި މިލްކުވެރިކަމާއި ފާގަތިކަމާއި  ނުފޫޒާއި ހިތުހުރިހާ ގޮތަކަށް އުޅުމުގެ މިނިވަންކަން ފަދަ ލައްޒަތްތަކަށެވެ. މީގެ ތެރެއިން ބައެއް ލައްޒަތްތައް ޙާޞިލުކުރެވުނު ބައެއް މީހުން ހީކުރާ ގޮތުގައި އެމީހުންނަށް މި ވަނީ ވަރަށް ބޮޑެތި އަރުތަތަކެއް ޙާޞިލުކުރެވިފައެވެ. އެހެނަސް ލައްޒަތުގެ ތެރެއަށް (އެއީ ހުއްދަ ލައްޒަތެއް ކަމުގައި ވިޔަސް ހުއްދަ ނޫން ލައްޒަތެއް ކަމުގައި ވިޔަސް) ގެނބުމަކީ ލޮނުފެން ބޮވުމެވެ. ލޮނުފެން ގިނައިން ބޮވުނު ވަރަކަށް ކަރުހިއްކުންދާނީ އިތުރުވަމުންނެވެ. އަދި އެމީހުން ދާނީ ރޫޙާނީ އަނދިރިކަމެއްގެ ތެރެއަށް ގެނބެމުންނެވެ.

ރަމަޟާން މަހަކީ ރަޙްމަތާއި ފުއްސެވުމާއި ނަރަކައިން މުއްތި ކުރެއްވުމުގެ މަހެވެ. ކީރިތި ރަސޫލާ ﷺ ޙަދީސް ކުރެއްވިއެވެ. ((هو شهرٌ أولُهُ رحمةٌ وأوسطُهُ مغفرةٌ وآخرُهُ عتقٌ من النارِ [2]– އެއީ އެމަހުގެ ކުރީކޮޅުގައި ރަޙްމަތް އަދި މެދުތެރޭގައި ފާފަފުއްސެވުން އަދި ފަހުކޮޅުގައި ނަރަކައިން މުއްތި ކުރެއްވުން އޮތް މަހެކެވެ.))

ރަމަޟާން މަހަކީ މުސްލިމު އުއްމަތަށް ބަވަނަކުރުމުގެ މެސެޖާ ޚިލާފު މެސެޖެއް ފޮނުވައިދޭ އަޅުކަމެކެވެ. މި މެސެޖު ބުނާގޮތުގައި ޙަޤީޤީ ބާއްޖަވެރިކަން ލިބޭނީ ﷲއަށް ކިޔަމަންގަތުމުގެ ތަފާތު ޠާޢަތްތަކުގެ ތެރެއަށް ގެނބެވުނު ވަރަކުންނެވެ. ﷲގެ ޙަޟްރަތާ ކުއްތަންވި ވަރަކުންނެވެ. އެކަލާނގެއަށް މުނާޖާތު ދެންނެވުމުގެ ފޮނި މީރުކަމުގެ ތެރެއިންނެވެ. މި ކަމަށް ޝައުޤުވެރި ކުރައްވާ ކީރިތި ރަސޫލާ ﷺ ޙަދީސް ކުރެއްވިއެވެ. ((أيها الناسُ قد أظلَّكُم شهرٌ عظيمٌ شهرٌ مُباركٌ، شهرٌ فيهِ ليلةٌ خيرٌ من ألفِ شهرٍ، جعل اللهُ صيامَهُ فريضةً وقيامَ ليلِه تطوعًا، من تقربَ فيهِ بخَصلةٍ من الخيرِ كان كمن أدّى فريضةً فيما سواهُ، ومن أدّى فيهِ فريضةً كان كمنْ أدّى سبعينَ فريضةً فيما سواهُ [3]– އޭ މީސްތަކުންނޭވެ! ތިޔަބައިމީހުންގެ މައްޗަށް މަތިވެރި މަހެއް ހިޔާ އަޅައިފިއެވެ. އެއީ ބަރަކާތްތެރި މަހެކެވެ. ﷲ ވަނީ އެ މަހުގައި ރޯދަ ހިފުން ފަރްޟު ކުރައްވައި އެ މަހުގެ ރޭތައް އިޙްޔާކުރުން ސުންނަތެއް ކަމުގައި ލައްވައިފައެވެ. އެ މަހުގައި ހެޔޮ ކަމެއް ކުރި މީހާ އެހެން މަހެއްގައި ފަރްޟު ކަމެއް ކުރި ފަދައެވެ. އެ މަހުގައި ފަރްޟު ކަމެއް ކުރި މީހާ އެހެން މަހެއްގައި އެފަދަ ހަތްދިހަ ފަރްޟު އަދާކުރި ފަދައެވެ.))

ރަމަޟާން އަޅުގަނޑުމެންގެ ގާތުގައި ބުނަނީ ކީކޭތޯއެވެ؟ ކީރިތި ރަސޫލާ ﷺ ވަނީ މި ސުވާލަށް ޖަވާބު ދެއްވައިފައެވެ. އެކަލޭގެފަނު ޙަދީސް ކުރެއްވިއެވެ. ((هو شهرُ الصبرِ والصَّبرُ ثوابهُ الجنةَ، وشهرُ المواساةِ، وشهرٌ يزاد فيهِ رزقُ المؤمنِ [4]– އެއީ ކެތްތެރިކަމުގެ މަހެވެ. ކަތްތެރިކަމުގެ ސަވާބަކީ ސުވަރުގެއެވެ. އެއީ ހަމުދަރުދީގެ މަހެވެ. އެއީ މުއުމިނު މީހާގެ ރިޒްޤު އިތުރުކުރެވޭ މަހެކެވެ.))

ވީމާ، މުހިއްމުކަމަކީ އަޅުގަނޑުމެންގެ ޢަމަލުތަކެވެ. ﷲގެ ޙަޟްރަތަށް ދާންޖެހޭނީ އަޅުގަނޑުމެންނަށް ކުރެވުނު ޢަމަލުތަކާއެކުގައެވެ. ނަމާދާއި ރޯދައާއި ޞަދަޤާތާއި ޛިކްރާއި ހެޔޮފޯރުވުމާއި ޤުރްއާން ކިޔެވުން ފަދަ ކަންތައްތަކެވެ. މި ކަމަށް ޓަކައި ނުގުޑާ ފަދަ ޢަޒްމަކަށް ބޭނުންވެއެވެ. މި ޢަޒްމުގެ މަތީގައި ހުރެވޭނީ ކެތްތެރިކަމުންނެވެ. ﷲ މި އޮތީ ކެތްތެރިކަމުގެ މަހެއް ދެއްވައިފައެވެ. ހޭވައްލާ ތައްޔާރޭ ބުނެ ވާދަވެރިކަމުގެ މައިދާނަށް ނުކުންނަމާ ހިނގާށެވެ!

ވަގުތު ފާއިތުވުމުގެ ކުރިން ރަނގަޅު މަގު ފެނުނު މީހާއަށް ތަހްނިޔާއެވެ. ލިބިފައިވާ ހަކަތަކޮޅު ހުސްވުމުގެ ކުރިން ރަމަޟީ ހަކަތައިން ޓޭންކު ފުރާލާށެވެ!

[1]  –  الرعد : 28

[2]  – تخريج مشكاة المصابيح ١٩٠٦

[3]  – تخريج مشكاة المصابيح ١٩٠٦

[4]  – تخريج مشكاة المصابيح ١٩٠٦

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *