Support Us

އަންނާރު: ސުވަރުގޭގެ މޭވާއެއް، ދުނިޔޭގައި ފަރުވާއެއް

ކީރިތި ޤުރްއާނުގެ އައްރަޙްމާނު ސޫރަތާއި އަލްއަންޢާމު ސޫރަތުގައި އަންނާރުގެ ވާހަކަ ތިން ފަހަރު ވާރިދުވެފައި ވެއެވެ. މި އާޔަތްތަކުގައި މާތް ﷲ އަންގަވައިފައިވާ ގޮތުގައި އަންނާރަކީ ސުވަރުގޭގެ މޭވާއެކެވެ. އައްރަޙްމާނު ސޫރަތުގެ 68ވަނަ އާޔަތުގައި އައިސްފައި ވެއެވެ. (فِيهِمَا فَاكِهَةٌ وَنَخْلٌ وَرُمَّانٌ- އެ ދެތާނގައި މޭވާއާއި ކަދުރުރުކާއި އަދި އަންނާރު ވެއެވެ.)

އެހެނަސް ސުވަރުގޭގެ އަންނާރާއި ދުނިޔޭގެ އަންނާރު ވަރަށް ތަފާތުވާނެއެވެ. ސުވަރުގެއިން ލިބޭ އަންނާރުގެ ޙަޤީޤަތެއް އެކަކަށް ވެސް ނޭނގޭނެތެވެ. ވައްތަރު އެއްގޮތްވިޔަސް ރަހަ ވެސް ރީތިކަން ވެސް ތަފާތުވާނެއެވެ. ސުވަރުގޭގެ މޭވާތައް ހުންނާނީ އަތްފޯރާފަށުގައެވެ. އިށީނދެ އިނދެގެންވެސް ކޮޅަށް ހުރެގެން އެ މޭވާ ބިނދެވޭނެއެވެ. އެއިން މޭވާއެއް ބިނދެލާއިރަށް އެހެން މޭވާއެއް ނުކުންނާތެވެ. ހުހެއް ނުވާނެތެވެ. އެއަށް ވަކި މޫސުމެއް ވެސް ނޯންނާނެތެވެ. ރޭގަނޑާއި ދުވާލު ލިބޭނެތެވެ.

މާތްﷲ ވަޙީ ކުރެއްވިއެވެ. ((كُلَّمَا رُزِقُوا مِنْهَا مِن ثَمَرَةٍ رِّزْقًا  قَالُوا هَٰذَا الَّذِي رُزِقْنَا مِن قَبْلُ وَأُتُوا بِهِ مُتَشَابِهًا- އަލްބަޤަރާ:25- އެ ސުވަރުގެތަކުން ރޯއްޖެއްގެ ގޮތުގައި މޭވާގެ ކޮންމެވެސް ބާވަތެއް، އެއުރެންނަށް ލިބޭ ކޮންމެ ފަހަރަކު، އެއުރެން ބުނާނެތެވެ. މިއީ ކުރިންވެސް އަހަރެމެންނަށް ލިބުނު މޭވާއެވެ. އެއުރެންނަށް އެފަދަ މޭވާ ދެއްވާހުށީ (ބޭރުފުށުން) އެއްވައްތަރުވާ حال ގައެވެ.))

އަންނާރު ގަސް

އަންނާރު ގަހަކީ ހައެއްކަ މީޓަރު އުހަށް ހެދޭ، ގޮފިތައް އެލިފައި ހުންނަ ގަހެކެވެ. މިއީ ވަރަށް ރީތި ރަތް މަލެއް ނުކުންނަ ގަހެކެވެ. މި ގަހުގެ މޭވާ (އަންނާރު) އަކީ ވަށް ބޯޅައެއްގެ ސިފައިގައި ހުންނަ ބޭރު ތޮށިގަނޑު ވަރަށް ބޯ، އެތެރޭގައި ވަރަށް އޮށް ގިނަ މޭވާއެކެވެ. ޢާންމު ގޮތެއްގައި މި އޮށްތަކުގެ ކުލައަކީ ގަދަ ރަތްކުލައެވެ. އަންނާރު ގަހުގެ ފަތްތައް ޚަރީފު މޫސުމުގައި ހިކި، ވެރެއެވެ.

ޤަދީމީ މިޞްރު ބަހުން އަންނާރުގެ ނަމަކީ "ރުއްމަން" އެވެ.

މި ގަހުގެ މޭވާއާއި (ތޮށިގަނޑާއި ފުށްތައް) މި މޭވާގެ އެތެރޭގެ ހުދުބަޔާއި ގަހުގެ ތޮށިގަނޑާއި ގަހުގެ މަލަކީ ތަފާތު ބޭނުންތަކަށް އިސްތިއުމާލު ކުރެވޭ އެއްޗެހިތަކެކެވެ.

މި ގަހުގެ އަސްލު ވާސައަކީ ހުޅަނގު ދެކުނު އޭޝިޔާއެވެ. ބާބިލްގެ އެލުވި ބަގީޗާގެ ފާރުތަކުގައި އަންނާރު ގަސް ހައްދައިފައިވެއެވެ. އެމެރިކާގެ ކެލިފޯނިޔާއާއި އީރާނާއި ސުޢޫދީ ޢަރަބިއްޔާގައި އަންނާރު ހެދެއެވެ.

ޤަދީމީ ޒަމާނުގައި އަންނާރު ބޭނުންކުރުން

އަންނާރަކީ ވަރަށް ޤަދީމީ ޒަމާނުއްސުރެ އިންސާނުން ބޭނުންކުރަމުން އައި ވަރަށް މީރު އަދި ވަރަށް ފައިދާ ހުރި މޭވާއެކެވެ. މިޞްރުގައި އަޚްނާތޫނުގެ ޒަމާނުގައި ތައްލުލް ޢަމާރަނާ ޤަބުރުސްތާނުގެ ފާރުތަކުގައި އަންނާރުގަސް ކުރަހައިފައި ވެއެވެ. މިޞްރުގެ ތާރީޚު ބުނާގޮތުގައި ތުޙުތުމަސްގެ ދަރިފަސްކޮޅުގެ މީހުން އޭޝިޔާއިން މިޞްރަށް ދިޔައިރު އަންނާރު ގަސް ގެންދިޔައެވެ. މިޞްރުގައި ވެރިކަން ކުރި ފިރްޢައުނުންނަކީ އަންނާރު ދިޔަ ފެލައިގެން ޚާއްޞަ ބުއިމެއް ތައްޔާރުކުރި ބައެކެވެ. ފިރްޢައުނީ ބޭސްފަރުވާގެ ތެރޭގައި އަންނާރު ވަރަށް ގިނައިން ބޭނުންކޮށްފައި ވެއެވެ. ޔޫނާނީ ތާރީޚު ޢިލްމުވެރިއެއް ކަމުގައިވާ ހީރޯޑޮޓް ލިޔުއްވައިފައިވާ ގޮތުގައި މިޞްރުގެ ރަސްރަސްކަލުންގެ ގަނޑުވަރުތަކުގެ ގޯތިތެރޭގައި އަންނާރު ގަސް ހައްދައިފައިވެއެވެ.

ޔޫނާނީން ބަނޑުތެރޭގައި އުފެދޭ ފަނިތައް ބޭރަށް ނެރުމަށް ޓަކައި މީލާދީން ފުރަތަމަ ސައްތައިގައި އަންނާރު ބޭނުންކޮށްފައި ވެއެވެ. މީގެ އިތުރަށް ކަހާއި ފާރާއި ޒަޚަމުތަކަށް ފަރުވާ ދިނުމަށް އަންނާރު ތޮށި ބޭނުންކޮށްފައި ވެއެވެ. ހޮޑު މަނާކުރުމަށް ޓަކައި މިޞްރުގައި ޤަދީމީ ޒަމާނުގައި އަންނާރާއި އިނގުރު އެއްކޮށްގެން ބުއިމެއް ތައްޔާރުކޮށްފައި ވެއެވެ.

މާތްﷲ ރުއްސުންލެއްވި ޢަލީގެފާނު ވިދާޅުވިއެވެ. "ތިޔަބައިމީހުން އަންނާރު ކާއިރު އޭގެ ތެރޭގެ ދުލިފަށާއެކުގައި ކާށެވެ! އެއީ މަޢިދާ ސާފުކޮށްދޭ އެއްޗެކެވެ."

ބާވަތްތައް

އަންނާރުގެ ތެރޭގައި ފޮނި ބާވަތްތަކާއި ހުތް ބާވަތްތަކާއި ހިތި ބާވަތްތައް ހިމެނެއެވެ. އަންނާރުގަސް މޭވާއަށް ޓަކަޔާއި ޒީނަތްތެރިކަމަށް ޓަކައި ހައްދައެވެ. ޒީނަތްތެރިކަމަށް ޓަކައި ހައްދާ އަންނާރު ގަހުގެ ނަމަކީ "ނާނާ" އެވެ.

މުސްލިމު ޑަކްޓަރުންނާއި އަންނާރު

ދާވޫދުލްއަންޠާކީ ވިދާޅުވިއެވެ: އަންނާރުގައި އޮތީ މުޅިން ވެސް ފައިދާއެވެ. އެއީ ބެދިފައި ހުންނަ ތަންތަން ހުޅުވައިދޭ އެއްޗެކެވެ. އެއީ ކަހަށް ހުރި ފަރުވާއެކެވެ. އަންނާރުގެ ހުތް ބާވަތަކީ ކެއްސުމަށާއި ކަރުތެރޭގެ ރާޅުކަމަށާއި މޭގެ ރިއްސުންތަކަށް ހުރި ވަރަށް މޮޅު ފަރުވާއެކެވެ.

އަންނާރު ގަހުގެ މޫ ކައްކައިގެން ބުއިމަކީ ބޭރަށް ހިންގުން ހުއްޓުވުމަށާއި ކުޑަކުދީން ފަނިވުން މަނާކުރުމަށް ދެވޭ ރަނގަޅު ފަރުވާއެކެވެ.

އިބްނު ސީނާ ވިދާޅުވާގޮތުގައި އަންނާރާއި މާމުޔަކީ ފާރުގަނޑު ހިއްކައިދޭ އެއްޗެކެވެ. ފޮނި އަންނާރަކީ ބަނޑު ހިކުން މަނާކުރާ އެއްޗެކެވެ. އޭނާ ވިދާޅުވެފައިވާ ގޮތުގައި އަންނާރު ރަނގަޅަށް ދޮންވުމުގެ ކުރިން ކެއުން މުލިއްސެއް ނުނަގާނެއެވެ. ހިތި އަންނާރަކީ ހުމަށް ރަނގަޅު ފަރުވާއެކެވެ.

އިބްނުލް ބީޠާރު ވިދާޅުވާ ގޮތުގައި އަންނާރާއި މާމުއި އެއްކޮށްގެން ބުއިމުން ކަންފަތުގެ ރިހުން ކަނޑައިގެންދާނެއެވެ. އަންނާރު ފެނުގައި ކައްކައިގެން އަނގަ ދޮވުމަކީ ހިރުގަނޑުން ލޭ އައުން މަނާކުރާނެ ކަމެކެވެ. އަންނާރު ފަނި ލޮއި ކަންވާރެއްގައި ކައްކައިފާ ލޮލުގައި އުނގުޅުމުން ލޯ ކެހުން ހުއްޓި ލޮލުގެ އަލިގަދަކަން އިތުރުވެގެން ދާނެއެވެ.

އައްރާޒީ ވިދާޅުވާ ގޮތުގައި މޭ ފާރުވުން ހުއްޓުވުމަށާއި ހުންގަނޑު ފިލުވައިލުމަށް އަންނާރު ފެން ބޭނުން ކުރާށެވެ.

ޒަމާނީ ބޭސްވެރިކަން

ޒަމާނީ ބޭސްފަރުވާއާ ބެހޭ އިޚްޞާއީން (ސްޕެޝަލިސްޓުން) ވިދާޅުވާގޮތުގައި އަންނާރަކީ؛-

  • ހިތުގެ މަސްތައް ވަރުގަދަކޮށްދޭ އެއްޗެއް
  • ބޭރަށް ހިންގުމަށް އޮތް ފަރުވާއެއް. މިކަމަށް ޓަކައި އަންނާރުގެ އޮށްތަކާއި އެ އޮށްތަކާއެކުގައި އޮންނަ ހުދު ދުލިތައް ފެލައިގެން ބޯށެވެ.
  • އަންނާރަކީ ލޭ ސާފުކޮށްދޭ އެއްޗެކެވެ.
  • ޗައިނާގެ ޑަކްޓަރުން ވިދާޅުވާ ގޮތުގައި ބޮޑުކަމުދާ ނަޖިހުގައި ލޭ ހުންނަ ނަމަ އަންނާރަކީ ވަރަށް ރަނގަޅު ފަރުވާއެކެވެ.
  • އަންނާރަކީ ލޮލުގެ ބައެއް ބަލިތަކަށާއި ބޮލުގައި ރިއްސުމަށް ލިބިގެންވާ ފަރުވާއެކެވެ.
  • އަންނާރުގެ މަލަކީ ހިރުގަނޑުގެ ބަލިތަކަށާއި ދަތުގެ ބަލިތަކަށް ލިބިގެންވާ ފަރުވާއެކެވެ.
  • މަޢިދާގެ ބަލިތަކަށް ފަރުވާދިނުމަށް ޓަކައި އަންނާރުގެ ތޮށިގަނޑު ކުޑަ ކިރުފޮދަކާއެކު ފުނޑައިފާ ކޮންމެ ދުވަހަކު ހެނދުނު ތެދުވެ އަދި ރޭގަނޑު ނިދަން އޮށޯތުމުގެ ކުރިން ބޯށެވެ. އޭރުން މަޢިދާގެ ރިހުން ކެނޑިގެންދާނެއެވެ.
  • އަންނާރަކީ ލޭގެ ކްލޮސްޓްރޯލް ދަށްކޮށްދޭ އެއްޗެކެވެ.
  • އަންނާރަކީ ގުރުދާގައި ހިލަ އުފެދުން މަނާކުރާ އެއްޗެކެވެ.
  • ދިވެހި ބޭސްވެރިކަމުގައި އަންނާރަކީ އެންޓިބައޮޓިކެކެވެ.
  • ކުރުކޮށް ދަންނަވާނަމަ އަންނާރަކީ 11 ވަރަކަށް ބައްޔަށް ލިބިފައިވާ ރަނގަޅު ފަރުވާއެކެވެ.

ފުލޯކު ވާހަކަތަކުގައި އަންނާރު

  • ފާރިސް ކަރައިގެ ލާމަސީލު ބަޠަލު އިސްފަންޑްރިޔާ އެކަކަށް ވެސް ބަލިނުކުރެވޭ ހަނގުރާމަވެރި އަސްވާރަކަށް ވީ އަންނާރު ކެއުމުން ކަމަށް ބުނެވެއެވެ.
  • ގްރީކު މީހުންނަށް މި މޭވާ ޢީސާގެފާނުގެ އަށް ސައްތަ އަހަރު ކުރިން އެނގިފައި ވެއެވެ. ގްރީކުގެ މަޝްހޫރު ޝާޢިރު ހޯމީރޮސް އޭނާގެ އޮޑީސާގައި އަންނާރުގެ ވާހަކަ ގެނެސްފައި ވެއެވެ. ދުރު ޖަޒީރާތަކެއްގައި ދިރިއުޅޭ ވައިކިންގްސް ބަގީޗާގައި މި މޭވާ ހުށްޓެވެ.
  • ރޯމަނުންނަކީ އަންނާރު މުޤައްދަސް މޭވާއެއް ކަމުގައި ހަދައިގެން އުޅުނު ބައެކެވެ. އެމީހުންގެ ގާތުގައި ޙަޔާތް ކުރިއަށް ގެންދިޔުމަށް ޓަކައި އަންނާރަކީ ވަރަށް މުހިއްމު މޭވާއެކެވެ.
  • ޔޫނާނީން ތިން އަންހެން ކަލާނގެ ކަމުގައި ބަލައިގެންފައިވާ ހީރާ އާއި އާޘީނާ އާއި އަފްރޯޑައިޓްގެ ތެރެއިން އެންމެ ރީތީ ކޮން ކަލާނގެއެއްތޯ ބެލުމުގެ މަސްއަލައިގައި އުފެދުނު އަރާރުން ނިމުނީ އަފްރޯޑައިޓަށް އަންނާރެއް ލިބުމުންނެވެ. އަފްރޯޑައިޓަކީ ރީތިކަމާއި ލޯބީގެ ކަލާނގެއެވެ. މި ކަލާނގެ ސައިޕްރަސްގައި އަންނާރުގަހެއް އިންދިކަމަށް ޔޫނާނީ ފުލޯކު ވާހަކަތައް ބުނެއެވެ.
  • އަންނާރަކީ އަރްމަނުންގެ ވަޠަނީ ރަމްޒެކެވެ. އަރްމީނިޔާގައި ކާވެނި ޙަފްލާތަކުގައި އަންނާރު އޮށްތައް ބިންމައްޗަށް އުކެއެވެ. އެއީ އެ ދެމަފިރީންނަށް ދަރީން ލިބޭތޯ ކުރާ ކަމެކެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *