Support Us

ޤުރްއާނަކީ ޝައިޠާނާއާ އިދިކޮޅު ހަތިޔާރެއް

މާތް ﷲ ރުއްސުންލެއްވި އަބޫ ހުރައިރަތުގެފާނު އަރިހުން ބުޚާރީ ރިވާކުރެއްވިއެވެ. "ޞަދަޤާތަށް ގެނެވޭ ކަދުރުތައް ބެލެހެއްޓުމުގެ މަސައްކަތް ކީރިތި ރަސޫލާ ﷺ މަށާ ޙަވާލު ކުރެއްވިއެވެ. ރޭގަނޑު އޭއްޗެހިތައް ބަލަހައްޓަން އިންދާ މީހަކު އައިސް ކަދުރުކޮޅެއް ވަގަށްނަގައިގެން ދާން ފެށުމުން އަހުރެން އޭނާ ހިފެހެއްޓީމެވެ.

އަހުރެން ބުނީމެވެ. ކަލޭ ކީރިތި ރަސޫލާ ﷺގެ އަރިހަށް ކަލޭ ގެންދާހުށީމެވެ. އެހިނދު އެމީހާ އޭނާގެ ޅަ ދަރިންނަށް ޓަކައި ދޫކޮށްލުމަށް އެދުނެވެ. އަދި އޭނާ ދެން އެފަދަ ކަމެއް ނުކުރާނެ ކަމަށް ހުވާ ވެސް ކުރިއެވެ. ފަތިސްވެ ކީރިތި ރަސޫލާ ﷺއާ ބައްދަލުވުމުން ހަދީސްކުރެއްވިއެވެ. "އޭ އަބޫ ހުރައިރާއޭވެ! ކަލޭގެފާނު އެ މީހާއާ މެދު ކަންތައް ކުރެއްވީ ކިހިނެއްތޯއެވެ؟ އަހުރެން ދެންނެވީމެވެ. އޭ ﷲގެ ރަސޫލާއޭވެ! އޭނާގެ ޅަދަރިބަފައި ކަމަށް ޓަކައި ދޫކޮށްލީ ދެން އެފަދަ ކަމެއް ނުކުރާނެ ކަމަށް ވަޢުދުވެ ހުވާކުރީމައެވެ. ފަހެ ކީރިތި ރަސޫލާ ﷺ ޙަދީސްކުރެއްވިއެވެ. އޭނާ އެ ހެދީ ދޮގެކެވެ. އޭނާ އަދި އަންނާނެއެވެ.

ދެވަނަ ރޭ ވެސް އޭނާ އައިސް ކަދުރު އެތިން ކަދުރު ކޮޅެއް ވަގަށް ނެގިއެވެ. އަހުރެން އޭނާ ހިފެހެއްޓީމާ ކުރީ ރެއާ އެއްގޮތަށް ޢަމަލު ކުރިއެވެ. އެފަހަރުވެސް އަހުރެން އޭނާ ދޫކޮށްލީމެވެ. އަނެއް ދުވަހު ހެނދުނު ކީރިތި ރަސޫލާ ﷺ އެމީހާއާ ބެހޭ ގޮތުން ސުވާލު ކުރެއްވިއެވެ. ފަހެ، ކީރިތި ރަސޫލާ ﷺ ޙަދީސް ކުރެއްވިއެވެ. އޭނާ ކަލޭގެފާނަށް ދޮގު ހަދައިފިއެވެ. އޭނާ އަދިވެސް އެނބުރި އަންނާނެއެވެ.

ތިން ވަނަ ރޭ ވެސް އޭނާ އައިސް ކަދުރު ވަގަށް ނެގިއެވެ. އެހިނދު އަހުރެން އޭނާ ހިފެހެއްޓީމެވެ. އަދި މިފަހަރު ދޫކޮށްނުލާނެ ކަމަށް ބުނީމެވެ. ކީރިތި ރަސޫލާ ﷺ އަށް ކަލޭގެ ވާހަކަ ދަންނަވާނެ ކަމަށް ވެސް ބުނީމެވެ. އެހިނދު އެމީހާ ބުންޏެވެ. ކަލެއަށް ފައިދާ ހުރި އެއްޗެއް ދަސްކޮށްދޭނަމެވެ. އަހުރެން ދޫކޮށްލާށެވެ! އަހުރެން ބުނީމެވެ. އެއީ ކޮން އެއްޗެއް ހެއްޔެވެ؟ އޭނާ ބުންޏެވެ. ތިބާ ނިދަން އޮށޯވެ ނިދުމުގެ ކުރިން އާޔަތުލް ކުރްސީ ކިޔަވައިގެން ނިދާށެވެ. އޭރުން ތިބާ ތެދުވަންދެން ﷲ ތިބާ ރައްކައުތެރިކޮށް ދެއްވާނެއެވެ.

އަނެއް ދުވަހު ކީރިތި ރަސޫލާ ﷺ އެމީހާގެ ވާހަކަ އެއްސެވިއެވެ. އަދި އަބޫހުރައިރަތުގެފާނު ޢަމަލު ކުރެއްވި ގޮތް ވެސް ދެންނެވިއެވެ. ފަހެ ކީރިތި ރަސޫލާ ﷺ ޙަދީސް ކުރެއްވިއެވެ. އެއީ ޝައިޠާނާއެވެ. އެއީ ދޮގުވެރިއަކަސް މި ފަހަރު އެކަލޭގެ އެ ބުނީ ތެދު ބަހެކެވެ.)) [1] މި ބަސްފުޅުން އެނގެނީ ތިބާ ﷲ ހަނދުމަކުރާށެވެ! ﷲ ހަނދުމަކުރުމަކީ ޝައިޠާނާއާ ދެކޮޅަށް ތިބާއަށް ލިބިގެންވާ ހަތިޔާރެކެވެ.

އަބޫ މާލިކުލް އަޝްޢަރީގެ އަރިހުން ރިވާވެގެންވާ ޙަދީސުގައި ވެއެވެ. ((ހަމަ ކަށަވަރުން މާތް ﷲ ޔަޙްޔާ ބިން ޒަކަރިއްޔާގެފާނަށް ފަސް ކަމަކަށް އަމުރުކުރެއްވިއެވެ. މި ފަސް ކަންތައް ބަނީ އިސްރާއީލު ބާގައިގެ މީހުންނަށް ވިދާޅުވެ ދެއްވަމުން ވިދާޅުވިއެވެ. ﷲ ހަނދުމަ ކުރުމަށް އެކަލާނގެ ތިޔަބައިމީހުންނަށް އަމުރު ކުރައްވައެވެ. ﷲ ހަނދުމަކުރާ މީހާގެ މިސާލަކީ މީހަކު އޭނާގެ ދުޝްމަނާ އަތުލަންވެގެން ބާރަށް ދުވެފައި ދަނިކޮށް ވަރުގަދަ ހޮހަޅައަކަށް ވަދެ ފިލައި ރައްކައުތެރިކަން ހޯދާ މީހާގެ މިސާލެވެ. ހަމަ އެފަދައިން ﷲގެ އަޅާއަށް ޒިކުރުކުރުމުން މެނުވީ ޖިންނި ޝައިޠާނާގެ ކިބައިން ރައްކައުތެރިކަން ލިބިގެން ނުވެއެވެ.)) [2]

ތިބާއަށް މި އޮތީ ހަތިޔާރެއް ލިބިފައެވެ. ތިބާއަށް މި ހަތިޔާރުން ތިބާގެ ޝައިޠާނީ ދުޝްމަނާ އެއްފަހަރުން ބަލިކޮށް ލެވޭނެއެވެ. ތިބާ ހޭލާ ހުންނަހާ އިރަކު ތިބާއަށް ﷲ ހަނދުމަކޮށް ޒިކްރު ކުރެވޭނެއެވެ. ތިބާއާއި އެ ޝައިޠާނާ ގާތެއް ނުވާނެތެވެ. ތިބާ ނިދާއިރު އެއްކަލަ ހަތިޔާރު ތިބާގެ އަތަކު ނޯންނާނެއެވެ. އެ ހިނދު އެ ޝައިޠާނާ ތިބާ މަރައިލަން މަސައްކަތް ކުރާނެތެވެ. މިހެންވެ ކީރިތި ރަސޫލާ ﷺ އަންގަވަނީ ނިދަން އޮށޯންނަމުން މި ދުޢާ ކިޔާށެވެ. ((اللَّهُمَّ [3] أَسْلَمْتُ نَفْسِي إِلَيْكَ، وَفَوَّضْتُ أَمْرِي إِلَيْكَ، وَوَجَّهْتُ وَجْهِي إِلَيْكَ، وَأَلْجَأْتُ ظَهْرِي إِلَيْكَ، رَغْبَةً وَرَهْبَةً إِلَيْكَ، لاَ مَلْجَأَ وَلاَ مَنْجَا مِنْكَ إِلاَّ إِلَيْكَ، آمَنْتُ بِكِتَابِكَ الَّذِي أَنْزَلْتَ، وَبِنَبِيِّكَ الَّذِي أَرْسَلْتَ [4]– ހައްދަވާ ބޮޑުކުރެއްވި ރަސްކަލާކޮ! މިއަޅާގެ ނަފްސު އިބަރަސްކަލާނގެއަށް ކިޔަމަން ކުރުވައިފީމެވެ. މިއަޅާގެ ކަންތައްތައް އިބަރަސްކަލާނގެއާ ޙަވާލުކޮށްފީމެވެ. މިއަޅާގެ މޫނު އިބަރަސްކަލާނގެއާ ކުރިމަތި ކޮށްފީމެވެ. އަދި މިއަޅާގެ ބުރަކަށި އިބަރަސްކަލާނގެއަށް ބަރޯސާ ކުރުވައިފީމެވެ. އިބަރަސްކަލާނގެއަށް އެދުމާއި ބިރުވެތިކަމާ އެކުގައެވެ. އިބަރަސްކަލާނގެ ޙަޟްރަތުން މެނުވީ ޙިމާޔަތެއް އަދި ސަލާމަތެއް ނެތެވެ. އިބަރަސްކަލާނގެ ފޮނުއްވި ނަބިއްޔާއަށް ބާވައިލެއްވި ފޮތަށް މިއަޅާ އީމާންވަމުއެވެ.)) ކިހާ ރިވެތި ޢިބާރާތެއްތޯއެވެ؟ "މި އަޅާގެ ބުރަކަށި އިބަރަސްކަލާނގެއަށް ބަރޯސާކުރުވައިފީމުއެވެ."  އެއްވެސް ޙާލެއްގައި މީހަކު އޭނާގެ ދުޝްމަނަކާ އޭނާގެ ބުރަކަށި ޙަވާލެއް ނުކުރާނެއެވެ. ނިދާއިރު މިފަދައިން ދެންނެވީމާ ތިބާ ބުނާފަދައެވެ. އޭ ހައްދަވާ ބޮޑުކުރެއްވި ރަސްކަލާކޮ! މި އަޅާ ނިދަން މި އޮށޮއޮންނަނީ މި އަޅާގެ ހަތިޔާރު ބަހައްޓައިފައެވެ. އިބަރަސްކަލާނގެއާ މި އަޅާގެ ރައްކައުތެރިކަން ޙަވާލުކޮށްފައެވެ. މިއަޅާ ހޭލާހުރިއިރު މިއަޅާ އިބަރަސްކަލާނގެ ހަނދުމަކުރުން މަތީގައި ހުރީމެވެ. "މިއަޅާގެ މޫނު އިބަރަސްކަލާނގެއާ ކުރިމަތި ކޮށްފީމެވެ." މި ބަސްފުޅުގެ މާނައަކީ މި އަޅާ ނިދިޔަސް މި އަޅާގެ ނަފްސު މި ޙަވާލު ކުރަނީ ނުނިދާ ފަރާތަކާއެވެ. މި އަޅާ ނިދައިފައި ނުތެދުވެ ވެސް ހިނގައިދާނެއެވެ. އެހެންވެ މި އަޅާއަށް ރައްކައުތެރިކަން ދެއްވާށެވެ. ނިދަން އޮށޯވެ ﷲއަށް ޒިކްރުކޮށް އާޔަތުލް ކުރްސީ ކިޔެވުމުން ތިބާގެ ޝައިޠާނީ ދުޝްމަނުގެ ކިބައިން ތިބާއަށް ރައްކައުތެރިކަން ދެއްވައި ތިބާ ޙިމާޔަތް ކުރައްވާނެތެވެ.

ޤުރްއާނަކީ ހަތިޔާރެކެވެ. އާޔަތުލް ކުރްސީއަކީ އަތަށް ލުއި ނަމަވެސް ވަރަށް ބާރުގަދަ ބަރު ހަތިޔާރެކެވެ. އެއީ ޝައިޠާނާގެ މިސައިލްތައް ދިފާޢުކޮށްދޭނެ ދިފާޢީ ނިޒާމެކެވެ.

 

[1]  –  البخارى  ( 2311 )

[2]  – الترمذي (2863)

([3])  ނިދަން އޮށޯތުމުގެ ކުރިން ވުޟޫކޮށްގެން ގޮސް ކަނާތް ފަރާތަށް ވާގޮތަށް އެނދުގައި އޮށޯވެ މިދުޢާ ކިޔާށެވެ.

([4])  އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. ފަހެ ތިބާ މި ނިދީގައި މަރުވި ނަމަ ތިބާ އެ މަރުވީ ފިޠުރަތުގެ ސާފުކަންމަތީގައެވެ. البخاري مع الفتح، 11/ 113، برقم 6313، ومسلم، 4، 2081، برقم 2710.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *