Support Us

ބަދްރު ހަނގުރާމަ… އިސްލާމީ އުއްމަތުގެ ފެށުން

ބަދްރު ހަނގުރާމައަކީ އިސްލާމީ އުއްމަތުގެ އަދި ކީއްތޯއެވެ! ދުނިޔޭގެ ތާރީޚުގެ ވެސް މަލަތައް ބަދަލުކޮށްލި ވަރުގަދަ ހާދިސާއެކެވެ. އެއީ އެތައް މުޢުޖިޒާތްތަކެއް ހިމެނޭ ހާދިސާއެކެވެ. މި ހަނގުރާމައާ އެކު އިންސާނިއްޔަތުގެ ރާސްތާއަށް ހެޔޮ ބަދަލުތަކެއް އަންނަން ފެށްޓިއެވެ. ހިޖްރައިން ދެ ވަނަ އަހަރުގެ ރަމަޟާން މަހުގެ 17 ވީ ހުކުރު ދުވަހު ހެނދުނު ހިނގި މި ހަނގުރާމައިގެ ސަބަބުން އިސްލާމީ ދުނިޔޭގެ ޗާޓު ކުރެހެން ފެށުނެވެ. އަދި ހަމަ އެއާއެކު މުޅި ދުނިޔޭގެ ޗާޓު ވެސް އަލުން ކުރެހެން ފެށުނެވެ. ކީރިތި ޤުރްއާން ބުނާގޮތުގައި އެއީ "يَوْمَ الْفُرْقَانِ [1]"އެވެ. ނުވަތަ އެއީ "يَوْمَ الْتَقَى الْجَمْعَانِ [2] އެވެ. ތާރީޚު ފޮތްތައް ބުނާގޮތުގައި އެއީ "غَزْوَةُ بَدْرِ الكُبْرَى" [3]އެވެ.

ހަނގުރާމައިގެ ކުރި

ކީރިތި ރަސޫލާ ﷺ މަދީނާ އިން ނުކުމެވަޑައިގަތީ ހަނގުރާމައެއް ކުރައްވާކަށް ނޫނެވެ. އެކަލޭގެފާނުގެ އަރިހުގައި ތިބީ 314 މީހުންނެވެ. މުސްލިމުންގެ ލަޝްކަރަކީ މާއްދީ ގޮތުން ބަލާއިރު އަދި ޢަދަދުގެ ގޮތުންނާއި ހަތިޔާރުގެ ގޮތުން ބަލާއިރު ވެސް، މުޝްރިކުންގެ ލަޝްކަރަށްވުރެ މާ ނިކަމެތި ލަޝްކަރެކެވެ. މުޝްރިކުން މައްކާއިން ނުކުތީ ހަނގުރާމައަށް ރަނގަޅަށް ތައްޔާރުވެގެން ހަނގުރާމަ ކުރުމަށްޓަކައެވެ. އެހެންކަމުން ކީރިތި ރަސޫލާ ﷺ އަށް ވަރަށް މުހިއްމު ޤަރާރެއް ކަނޑައަޅުއްވަން ޖެހިވަޑައިގަތެވެ. މުސްލިމުންގެ ޢަދަދު މުޝްރިކުންގެ ޢަދަދަށްވުރެ ތިން ގުނަ މަދެވެ. މުސްލިމުންގެ އަތުގައި ހުރި ހަތިޔާރަކީ ހަނގުރާމައެއް ކުރުމަށް އެކަށީގެންވާ ވަރަށްވުރެ މާ ދެރަ ހަތިޔާރުތަކެކެވެ. އެހެންކަމުން އެކަލޭގެފާނު، އެކަލޭގެފާނުގެ އަޞްޙާބުންނާ މަޝްވަރާ ކުރެއްވިއެވެ.

ޝޫރާ އަކީ އިސްލާމީ ދައުލަތް، އިސްލާމީ މުޖްތަމަޢު އޭގެ މަތީގައި ކީރިތި ރަސޫލާ ﷺ ބިނާކުރެއްވި އަސާސުތަކުގެ ތެރެއިން އެއް އަސާސެވެ. ކީރިތި ރަސޫލާ ﷺ ޞަޙާބީންނާއެކު މަޝްވަރާކުރެއްވީ ހަނގުރާމަކުރުމާ ބެހޭގޮތުންނެވެ. އެކަލޭގެފާނުގެ އަޞްޙާބުންގެ ކިބައިން ލިބިވަޑައިގެން ޖަވާބަކީ އެކަލޭގެފާނާ މެދު އެ ބޭކަލުން ކުރައްވާ އިތުބާރުގެ ބޮޑުކަން ހާމަކޮށްދިން ޖަވާބެކެވެ. އެކަލޭގެފާނު އެކަމާ މެދު ހިތްޕުޅުހަމަޖެހުނު ޖަވާބެކެވެ.

މުހާޖިރުންގެ ފަރާތްޕުޅުން އަލްމިޤްދާދު ބްނު ޢަމްރު ތެދުވެވަޑައިގެން ދެންނެވިއެވެ. "އޭ ﷲގެ ރަސޫލާއެވެ! ﷲ ކަލޭގެފާނަށް އަމުރުކުރެއްވި ގޮތަކަށް  ކަންތައް ކުރައްވާށެވެ. އަޅުގަނޑުމެން މި ތިބީ ކަލޭގެފާނާ އެކުގައެވެ."  އެހެން ބޭބޭކަލުން ވެސް ހަމަ މިމޭރުމުން ވާހަކަފުޅު ދެއްކެވިއެވެ. އެއަށްފަހު ސައުދު ބުން މުޢާޛު ވާހަކަފުޅު ދެއްކެވިއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. "އޭ ﷲގެ ރަސޫލާއެވެ! އަޅުގަނޑުމެންގެ ބަހަކަށް ކަލޭގެފާނު އިންތިޒާރުކުރައްވާ ކަމަށް ފެނެއެވެ." އެ ހިނދު ކީރިތި ރަސޫލާ ﷺ އާނއެކޭ ވިދާޅުވުމުން ސަޢުދުގެފާނު ދެންނެވިއެވެ. "އަޅުގަނޑުމެން މިތިބީ ކަލޭގެފާނަށް އީމާންވެގެންނެވެ. ކަލޭގެފާނު ތެދުކޮށްގެންނެވެ. ކަލޭގެފާނު ހުރިހާ ކަންތައްތަކަކީ ޙައްޤު ކަމަށް އަޅުގަނޑުމެން ހެކިވަމުއެވެ. ކަލޭގެފާނުގެ ބަސްފުޅު އަޑުއަހައި ކިޔަމަންގަތުމަށް އަޅުގަނޑުމެން މިތިބީ ވަޢުދުވެގެންނެވެ. ޢަހްދު ކަށަވަރު ހިފައިގެންނެވެ. އެދިވަޑައިގަންނަވާ ގޮތެއްގައި ކުރިއަށް ވަޑައިގަންނަވާށެވެ! އަޅުގަނޑުމެން މިތިބީ ކަލޭގެފާނު އަރިހުގައެވެ. ކަލޭގެފާނު ޙައްޤު ގޮތުގައި ފޮނުއްވި ފަރާތް ގަންދީ ދަންނަވަމެވެ. މި އޮތް ބޮޑު ކަނޑަށް އެރިވަޑައިގަތް ކަމުގައި ވިޔަސް އަޅުގަނޑުމެން ކަލޭގެފާނު އަރިހުގައި އެ ކަނޑަށް އެރޭނޫއެވެ!" މި ބަސްފުޅުތައް އިވިވަޑައިގަތުމުން ކީރިތި ރަސޫލާ ﷺ ވަރަށް އުފާފުޅުވިއެވެ. މޫނުފުޅު އަލިވެ އުޖާލާވިއެވެ. ކީރިތި ރަސޫލާ ﷺ ހަދީސްކުރެއްވިއެވެ. "ތިޔަބައިމީހުން ކުރިއަށްދާށެވެ! އުފާވެރިކަން ހުށްޓެވެ! ހަމަ ކަށަވަރުން މާތްﷲ ދެ ކަމުންކުރެ އެއް ކަމެއް ތިމަންކަލޭގެފާނަށް ދެއްވަން ވަނީ ވަޢުދުވެވޮޑިގަންފައެވެ. ތިމަންކަލޭގެފާނުގެ ޤައުމުގެ ބޮޑުން ހަނގުރާމައިގެ މައިދާނަށް ވެއްޓެމުންދާތަން ފެނިވަޑައިގަންނަވާ ކަހަލައެވެ." ކީރިތި ރަސޫލާ ﷺ ގެ ޤަރާރަކީ މިއީއެވެ.

މުސްލިމުންގެ ލަޝްކަރު ގޮސް ބަދްރުގެ ފެންގަނޑާ ކައިރި ހިސާބަކަށް ފޭބުމުން އަލްޙުބާބު ބުނުލް މުންޛިރު [4] ދެންނެވިއެވެ. މިއީ މާތްﷲ އަންގަވައިގެން ފައިބާވަޑައިގަން ތަނެއްތޯއެވެ؟ ނުވަތަ މިއީ މަޝްވަރާކުރުމާއި ޚިޔާލުފާޅުކުރުން އޮތް ކަމެއްތޯއެވެ؟ ހަނގުރާމައަކީ މަކަރާއި ޙީލަތް އެކަމުގައި ހިމެނޭ ކަމެކެވެ. މިއީ ޚިޔާޅުފާޅުކުރުމާއި މަޝްވަރާކުރުން އޮތް ކަމެއް ކަމުގައި ކީރިތި ރަސޫލާ ﷺ ހަދީސްކުރެއްވުމުން، މިއީ ފައިބާ ތިބުން ރަނގަޅު މަންޒިލެއް ނޫން ކަމަށް ދަންނަވައި ބަދްރުގެ ފެންގަނޑުގެ އެހެން ހިސާބެއް ދެއްކެވިއެވެ. އެ ހިސާބަށް ފައިބައިފި ނަމަ މުސްލިމުންނަށް ފެން ލިބި، މުޝްރިކުންނަށް ފެން ނުލިބޭނެ ގޮތް ހަދައިލެވިދާނެ ކަމަށް ކަމަށް ޙުބާބު ދެންނެވިއެވެ. އަލްޙުބާބުގެ ޚިޔާލުފުޅު ރަނގަޅު ޚިޔާލެއް ކަމަށް ކީރިތި ރަސޫލާ ﷺ ދެކެވަޑައިގެން އެގޮތަށް ޢަމަލުކުރެއްވިއެވެ. [5] މިއީ ޝޫރާގެ މުހިއްމުކަން ހާމަކޮށްދިން ހާދިސާއެކެވެ. އަދި މި ހާދިސާ އިން މަޝްވަރާކުރެވޭނެ ކަންތައްތަކާ މަޝްވަރާނުކުރެވޭނެ ކަންތައްތައް ހާމަވެއެވެ. މާތްﷲ ވަކި ގޮތަކަށް ކުރަން އަންގަވާފައިވާ ކަމަކާމެދު މަޝްވަރާއެއް ނުކުރެވޭނެއެވެ.

ކީރިތި ރަސޫލާ ﷺ އާއި މުސްލިމުން ރަމަޟާންމަހުގެ 16 ވީ ބުރާސްފަތި ދުވަހު ބަދްރުގައި ހަމަޖެހިއްޖެއެވެ. އެ ދުވަހު ހަވީރު ކީރިތި ރަސޫލާ ﷺ  ނަޞްރު ދެއްވުމަށް އެދިވަޑައިގެން މާތްﷲ އަށް ދުޢާކުރައްވަން ފެށްޓެވިއެވެ. މިއިން އެނގެނީ ހަނގުރާމަ އަށާއި އެހެނިހެން ކަންތައްތަކަށް މާއްދީ ގޮތުން ތައްޔާރުވަން ޖެހޭ މިންވަރަށް ތައްޔާރުވުމަށްފަހު ކާމިޔާބީ އަށް އެދި މާތްﷲގެ ޙަޟްރަތަށް ދުޢާކުރަން ޖެހޭނެކަމެވެ. ނަޞްރަކީ އެކަލާނގެ ދެއްވާ އެއްޗަކަށް ވާތީއެވެ. މާތްﷲ ވަޙީކުރައްވަނީ "ގަދަފަދަވަންތަ ޙިކްމަތްވަންތަ ﷲގެ ޙަޟްރަތުން މެނުވީ ނަޞްރު ލިބިގެން ނުވެއެވެ."

ރަމަޟާން މަހުގެ 17ވަނަ ދުވަހު ދެ ލަޝްކަރު ހަނގުރާމައިގެ މައިދާނުގައި ކުރިމަތިލައިފިއެވެ. އެއް ލަޝްކަރަކީ މުސްލިމުންގެ ލަޝްކަރެވެ. މި ލަޝްކަރު ދިފާޢުކުރަނީ ޙައްޤެވެ. އަނެއް ލަޝްކަރަކީ މުޝްރިކުންގެ ލަޝްކަރެވެ. އެއީ ޝައިޠާނާ ދިފާޢުކުރާ ލަޝްކަރެކެވެ. ބާޠިލަށް ނަޞްރުދޭން ނުކުތް ލަޝްކަރެކެވެ. ހަނގުރާމަ އެންމެ ގަދަވި ވަގުތު މުސްލިމުންނަށް ހިތްވަރު ދެއްވުމަށާއި މަދަދު ދެއްވުމަށްޓަކައި މާތްﷲ މަލާއިކަތުންގެ ފައުޖެއް ފޮނުއްވިއެވެ.

ހަނގުރާމަ ނިމިގެންދިޔައީ މުސްލިމުންނަށް ވަރުގަދަ ނަޞްރަކާއި ކާމިޔާބީއެއް ލިބިގެންނެވެ. މުޝްރިކުންގެ ބޮޑެތި ފަހުލަވާނުންތައް ޤަތުލުވެ މަރުވެގެންނެވެ. އެމީހުންގެ ތެރެއިން 70 މީހަކު މަރުވެ، 70 މީހަކު އަސީރުންގެ ގޮތުގައި ހައްޔަރުވެގެންނެވެ. މުސްލިމުންގެ ތެރެއިން 14 މީހަކު ޝަހީދުވެގެންނެވެ.

ހަނގުރާމަ ނިމުމުން މުޝްރިކުންގެ ތެރެއިން ހައްޔަރުކުރެވުނު އަސީރުންނާ މެދު ކަންތައް ކުރާނެ ގޮތަކާ ބެހޭގޮތުން މަޝްވަރާކުރެއްވިއެވެ. އެކަލޭގެފާނަކީ ލަޝްކަރުގެ ވެރިޔާ، ކޮމާންޑަރ އިން ޗީފް ކަމުގައި ވި ނަމަވެސް އަމިއްލަފުޅަށް ޤަރާރު ކަނޑައެއްނާޅުއްވައެވެ. މިއީ އިސްލާމްދީނުގައިވާ ޝޫރާގެ އުޞޫލުތައް އުނގަންނައިދެއްވުމަށް އެކަލޭގެފާނުގެ މަދްރަސާގެ ދަރިވަރުންނަށް ދެއްވި ފިލާވަޅެކެވެ.

މުސްލިމުންނަށް މިފަދަ މަތިވެރި، މިފަދަ ބޮޑު ކާމިޔާބީއެއް ލިބުނީ ކިހިނަކުންތޯއެވެ؟ މި ސުވާލު އެތައް ސަބަބުތަކާ ހެދި ކުރަން އެބަޖެހެއެވެ. މުސްލިމުން ނުކުތީ ހަނގުރާއެއް ކުރާކަށް ނޫނެވެ. މުސްލިމުން ތިބީ ހަނގުރާމައެއް ކުރަން ތައްޔާރުވެގެނެއް ވެސް ނޫނެވެ. މުސްލިމުންގެ އަތުގައި ހަތިޔާރެއް ނެތެވެ. މުޝްރިކުންނާ އަޅައިބަލާއިރު މުސްލިމުންގެ ޢަދަދު ވަރަށް މަދެވެ. މީގެ އިތުރަށް ވަގުތަކީ މުސްލިމުންނަށް މުނާސަބު ވަގުތެއް ވެސް ނޫނެވެ. ރަމަޟާން މަސް ކަމުގައި ވާތީއެވެ. ރަމަޟާން މަހަކީ ޢާއްމު ގޮތެއްގައި ޢަރަބިން ހަނގުރާމަކޮށް އުޅޭ މަހެއް ނޫނެވެ. މިހެންވެ، މުސްލިމުންނަށް ބަދްރުގައި މިހާ ބޮޑު ކާމިޔާބީއެއް ލިބުމުން އެކަމާމެދު ސުވާލުތައް އުފެދެއެވެ. މި ޒަމާނުގެ ޢަސްކަރީ މިންގަނޑުތަކުން ބަލާއިރު މުސްލިމުންނަށް ބަދްރު ހަނގުރާމާގައި ކާމިޔާބު ލިބިގެން ނުވާނެއެވެ.

ނަމަވެސް ﷲގެ މިންގަނޑު ތަފާތެވެ. މާތްﷲ މި ހަނގުރާމައިގައި ސާފު ހެކިތަކުން ބަޔާންކޮށްދެއްވި އެއް ކަމަކީ ނަޞްރަކީ މާތްﷲ ދެއްވާ އެއްޗެއް ކަމެވެ. މާތްﷲ އަށާއި ﷲގެ ރަސޫލާއަށް ނަޞްރު ދޭ ބަޔަކަށް މާތްﷲ ނަޞްރު ދެއްވާނެކަމެވެ.

މުސްލިމުން މި ހަނގުރާމަކުރީ ވަރުގަދަ ޢަޤީދާއަކާއި އިޚްލާޞްތެރިކަމަކާ އެކުގައެވެ. އެމީހުންނަށް އޮތީ މުޅިންވެސް ކާމިޔާބުކަން ދަނެތިބެއެވެ. ހަނގުރާމަކޮށް މޮޅުވެއްޖެ ނަމަ ނަޞްރާއި ޣަނީމަތަކެވެ. ހަނގުރާމަކޮށް ޝަހީދުވެއްޖެނަމަ ސުވަރުގެއެވެ.

މުސްލިމުން ހަނގުރާމަކުރީ އެމީހުންގެ ކޮމާންޑަރަށް ފުރިހަމައަށް ކިޔަމަންގަނެ އިތުބާރުކޮށްގެންނެވެ. ކީރިތި ރަސޫލާ ﷺ އެންގެވި ގޮތަށެވެ. އެކަލޭގެފާނުގެ އެއްވެސް ބަސްފުޅަކާ ޚިލާފުނުވެއެވެ.

ޤުރައިޝުންގެ ތެރެއިން ހައްޔަރުކުރި ކާފިރުންނާ މެދު ކީރިތި ރަސޫލާ ﷺ ކަންތައް ކުރެއްވި ގޮތް ނިކަން ދެކެވަޑައިގަންބައްލަވާށެވެ! އެމީހުންގެ ކިބައިން ބަދަލެއް ނުހިއްޕަވައެވެ. ފިދްޔަ އަތުލުއްވާފައި އެމީހުން ދޫކޮށްލެއްވީއެވެ. ކީރިތި ރަސޫލާ ﷺ މައްކާ ފަތަޙަކުރެއްވި ދުވަހުވެސް ޢަމަލުކުރެއްވީ ހަމަ މިފަދަ އޯގާތެރިކަމާ އެކުގައެވެ. އެމީހުންނަށް ވިދާޅުވީ ތިޔަބައިމީހުންނަކީ މިނިވަނުންނެވެ. ތިޔަބައިމީހުން ބޭނުން ތާކަށްދާށެވެ. ތިޔަބައިމީހުންގެ ކުށެއްނެތޭވެސް ވިދާޅުވިއެވެ. އެބައިމީހުން ކީރިތި ރަސޫލާ ﷺ އަށާއި އެކަލޭގެފާނުގެ އަޞްޙާބުންނަށް ކުރި ގޯނާތަކާއި ދުއްތުރާތަކަށް ދެއްވީ މަޢާފެވެ. އެހެންނުވާނީ ކީއްވެތޯއެވެ. މާތްﷲ އެކަލޭގެފާނާ ބެހޭގޮތުން ވަޙީކުރައްވަނީ "ޢާލަމުތަކަށް ރަޙްމަތެއް ކަމުގައި މެނުވީ ތިމަންރަސްކަލާނގެ ކަލޭގެފާނު ރަސޫލު ކަމައިގެން ނުފޮނުއްވަމެވެ." މިއިން އެނގެނީ އިސްލާމްދީނުގެ ސަމާޙަތެވެ. ޓޮލަރެންސެވެ. ވީމާ މުސްލިމުންގެ ބުރިކަށިތަކުގައި ހަރުކަށި ޢަމަލުތަކުގެ ލޭބަލްތައް ތަތްކުރެވިދާނެތޯއެވެ؟

ބަދްރު ހަނގުރާމައިން ދަސްކުރަންޖެހޭ ދަރްސުތައް ވަރަށް ގިނައެވެ. ކާމިޔާބު ލިބޭނީ ވެރިންނަށް ކިޔަމަންވެގެންކަން އެނގެއެވެ. ކާމިޔާބު ލިބޭނީ  މަތިވެރި ޢަޒްމަކާއި އިޚްލާޞްތެރިކަމާއެކު މަސައްކަތް ކޮށްގެންކަން އެނގެއެވެ. އަދި މުސްލިމުން އަބަދުވެސް މަސައްކަތްކުރަން ޖެހޭނީ ﷲގެ ބަސްފުޅު މަތިވެރިކުރުމަށްކަން ވެސް އެނގެއެވެ.

ބަދްރު ހަނގުރާމައިގައި ހައްޔަރުކުރި އަސީރުންގެ ތެރޭގައި ތިބި މާލީ ތަނަވަސްކަން ނެތް މީހުންގެ ފިދްޔައެއް ކަމުގައި ކީރިތި ރަސޫލާ ﷺ ލެއްވެވީ މުސްލިމުންގެ 10 ކުއްޖަކަށް ލިޔަންކިޔަން ދަސްކޮށްދިނުމެވެ. ތަޢުލީމަށާއި ޢިލްމަށް އިސްލާމްދީން ދޭ އަހައްމިއްޔަތާއި ޤަދަރު މިކަމުން ހާމަވެއެވެ. ތަޢުލީމަކީ މިނިވަންކަންކަން އެނގެއެވެ. އަދި ޖާހިލުކަމަކީ އަޅުވެތިކަމާ އެއްފަދަ ކަމެއްކަން ވެސް އެނގެއެވެ.

 

[1] –  سورة الأنفال : 41   މާނައަކީ ޙައްޤާ ބާޠިލު ވެގެންދިޔަ ދުވަހެވެ.

[2] –  سورة الأنفال : 41   މާނައަކީ ދެ ބައިމީހުން ބައްދަލުވި ދުވަސް

[3] – ބަދްރުގެ ބޮޑުހަނގުރާމަ

[4] – ތާރީޚީ ބައެއް ފިތްތައް ބުނާ ގޮތުގައި އޭނާގެ ނަންފުޅަކީ ޚައްބާބެވެ.

[5] – ބައެއް ރިވާޔަތްތައް ބުނާ ގޮތުގައި އެވަގުތު ޖިބްރީލުގެފާނު ފައިބާވަޑައިގެން ޙުބަބު ދެންނެވިގޮތަށް ޢަމަލުކުރެއްވުމަށް މާތްﷲ އެންގެވި ކަމަށް ދެންނެވިއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *