Support Us

ރޯދައަކީ އައްޑަނައެއް

މާތް الله سبحانه وتعالى އެކަލާނގެ ބާވައިލެއްވި އިސްލާމްދީނުގެ ތަޝްރީޢުތަކުގައި ލައްވައިފައިވާ ޙިކްމަތްތަކަކީ އޭގެ ފުންމިންތަކާއި އުސްމިންތައް އެނގޭނެ އެއްޗެއް ނޫނެވެ. މާތްﷲ ޢިލްމާއި ޙިކްމަތްދެއްވި ބަޔަކަށް، މީގެ ތެރެއިން ބައެއް ޙިކްމަތްތައް ދެނެގަނެ މީސްތަކުންނަށް ހާމަކުރާނެތެވެ.

ކީރިތި ރަސޫލާ ﷺ ޙަދީޘްކުރައްވާ ގޮތުގައި ((الصِّيَامُ جُنَّةٌ [1]މާނަ: ރޯދަޔަކީ އައްޑަނައެކެވެ.)) އިތުރުއެކަލޭގެފާނުގެ މި މާތް، ކުރު ޢިބާރާތުގައި ވަރަށް ގިނަ މާނަތަކެއް ހިމެނެއެވެ. ގިނަ މާނަތައް ހިމެނޭގޮތަށް ކުރުކޮށް، ފަށުވިކޮށް ބަސްފުޅު ވިދާޅުވުމަކީ، އެކަލޭގެފާނަށް މާތްﷲ ދެއްވާފައިވާ މުޢުޖިޒާތްތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ. މި ކަމަށް "ޖަވާމިޢުލް ކަލިމި" އޭ ކިޔެއެވެ.

ޢަރަބިހުގައި جُنَّةٌ ގެ މާނަތަކުގެ ތެރޭގައި (ހ) އައްޑަނަ (ށ) ހަތިޔާރެއް ވިޔަސް އަދި އެހެން އެއްޗަކަށް ވިޔަސް އޭގެ ސަބަބުން ހަށިގަނޑަށް ރައްކައުތެރިކަން ލިބޭ ކޮންމެ އެއްޗެއް ހިމެނެއެވެ.

އެހެންކަމުން މި ބަސްފުޅުން އެނގެނީ ރޯދައަކީ ކޮންމެ ފާސިދުކަމަކުން ރޯދަވެރިޔާ ރައްކައުތެރިކޮށްދޭނެ އެއްޗެއްކަމެވެ. ކޮންމެ ނުބައިކަމަކާ އޭނާ ދުރުހެލިކުރާނެ އެއްޗެއްކަމެވެ. އަދި އެއީ ކޮންމެ ހަޑިހުތުރު ކަމަކުން އޭނާ ޠާހިރުކޮށްދޭނެ އެއްޗެއްކަމެވެ.

ކީރިތި ރަސޫލާ ﷺ ގެ މިބަސްފުޅުން އެނގެނީ ރޯދަހިފުމަކީ ދުނިޔޭގެ ކުށް ފާފަތަކަށް އަރައިގަތުމުންނާއި އާޚިރަތް ދުވަހު ނަރަކައިގެ ޢަޛާބުން ރޯދަވެރިޔާ ޙިމާޔަތް ކޮށްދޭނެ އަޅުކަމެއްކަމެވެ.

ކީރިތި ރަސޫލާ ﷺ ޒުވާނުންނަށް އިރްޝާދު ދެއްވަމުން ޙަދީޘްކުރެއްވިއެވެ. ((يَا مَعْشَرَ الشَّبَابِ، مَنِ اسْتَطَاعَ مِنْكُمُ الْبَاءَةَ فَلْيَتَزَوَّجْ، فَإِنَّهُ أَغَضُّ لِلْبَصَرِ وَأَحْصَنُ لِلْفَرْجِ، وَمَنْ لَمْ يَسْتَطِعْ فَعَلَيْهِ بِالصَّوْمِ، فَإِنَّ الصَّوْمَ لَهُ وِجَاءٌ [2] އޭ ޒުވާނުންނޭވެ! ތިޔަބައިމީހުންގެ ތެރެއިން ކާވެނިކުރުމަށް ކުޅަދާނަވެގެންވާ މީހާ ފަހެ، ކާވެނި ކުރާހުށިކަމެވެ! ފަހެ، ހަމަކަށަވަރުން އެއީ ބެލުންތައް އެންމެ ބޮޑަށް ތިރިކޮށްދޭ، އަދި ލަދުވެތި ގުނަވަންތައް އެންމެ ބޮޑަށް ރައްކައުތެރިކޮށްދޭ ކަންތަކެވެ. އެކަމަށް ކުޅަދާނަވެގެން ނުވާމީހާ، ފަހެ، އޭނާގެ މައްޗަށް އޮތީ ރޯދަހިފުމެވެ. ފަހެ، ހަމަ ކަށަވަރުން ރޯދައަކީ ޝަހްވަތްތެރިކަމުން ދުރުހެލިވުމަށް ލިބިގެންވާ ފަރުވާއެކެވެ." މި ބަސްފުޅުން އެނގެނީ ރޯދަހިފުމަކީ، ފާޙިޝް ޢަމަލުތަކުން މީހާ ދުރުކޮށް، އެފަދަ ކަންކަމަށް އަރައިގަތުމަށް ހުރަސްއަޅާނެ ކަމެއްކަމެވެ.

ރޯދަހިފުމަކީ މީހާގެ ދޫ ރައްކައުތެރިކޮށްދީ މަކާރިމުލްއަޚްލާޤުގައި ހިފެހެއްޓުމަށް ގޮވައިލާ ކަމެކެވެ. މިހެންވެ ކީރިތި ރަސޫލާ ﷺ ޙަދީޘް ކުރެއްވިއެވެ. ((الصِّيَامُ جُنَّةٌ. فَإِذَا كَانَ أَحَدكُمْ صَائِمًا فَلاَ يَرْفُثْ وَلاَ يَجْهَلْ، فَإِنِ امْرُؤٌ قَاتَلَهُ أَوْ شَاتَمَهُ فَلْيَقُلْ: إِنِّى صَائِمٌ [3] މާނައަކީ: ރޯދައަކީ އައްޑަނައެކެވެ. ފަހެ، ތިޔަބައިމީހުންކުރެ މީހަކު ރޯދަހިފާ ނަމަ ހަޑިހުތުރުކަން ބޮޑު ފާޙިޝް ޢަމަލުތައް ނުކުރާށެވެ. އަދި އެހެންމީހުންގެ އަބުރާ ނުބެހޭށެވެ. ފަހެ، މީހަކު ތިބާއާ އަރާރުންވާން އުޅެފިނަމަ ނުވަތަ ތިބާއަށް ފުރައްސާރަކޮށްފިނަމަ ފަހެ ބުނާށެވެ. އަހުރެން މިހުރީ ރޯދައަށެވެ."  

ރޯދައަކީ އައްޑަނައެކޭ ވިދާޅުވި ބަސްފުޅުން ރޯދައަކީ ރޯދަވެރިއާއަށް ލައްވައިފައިވާ ވަރުގަދަ ކިއްލާއެއްކަން އެނގެއެވެ. ރޯދައިގެ ސަބަބުން އޭނާގެ އަޚްލާޤާއި ސުލޫކު ރިވެތިވެ، އީމާންކަން ވަރުގަދަވެގެންދާތީއެވެ. ކީރިތި ރަސޫލާ ﷺ މި މާނަތައް އޭގައި ހިމެނޭކަން ބަޔާންކޮށްދެއްވަމުން ޙަދީޘް ކުރެއްވިއެވެ. ((الصِّيَامُ جُنَّةٌ، وَهُوَ حِصْنٌ مِنْ حصونِ الْمُؤْمِنِ، وَكُلُّ عَمِلٍ لِصَاحِبِهِ، وَالصِّيَامُ لِي، وَأَنَا أَجْزِي بِهِ[4]– މާނައަކީ: ރޯދައަކީ އައްޑަނައެކެވެ. އެއީ މުއުމިނުންގެ ކިއްލާތަކުގެ ތެރެއިން ކިއްލާއެކެވެ. ކޮންމެ ޢަމަލަކީ ވެސް އެކަމެއް ކުރާމީހަކަށް ލިބިގެންވާ ކަމެކެވެ. ރޯދަ ފިޔަވައެވެ. ރޯދަ ލިބިގެންވަނީ ތިމަންރަސްކަލާނގެއަށެވެ. އަދި އެކަން ކުރާމީހާއަށް ޖަޒާދެއްވާނީ ތިމަންރަސްކަލާނގެއެވެ."

ރޯދައަކީ ނަރަކައިން މުއްތިވުމަށް ލިބިގެންވާ އައްޑަނައެކެވެ. މިއީ އިންސާނަކު އެނދޭނެ އެންމެ ބޮޑު ކަންތަކެވެ. ކީރިތި ރަސޫލާ ﷺ ޙަދީޘްކުރައްވަނީ ((الصِّيَامُ جُنَّةٌ مِنَ النَّارِ كَجُنَّةِ أَحَدِكُمْ مِنَ الْقِتَالِ[5]– މާނައަކީ: ރޯދަޔަކީ ނަރަކައިން ސަލާމަތްވުމަށް ލިބިގެންވާ އައްޑަނައެކެވެ. އެއީ ތިޔަބައިމީހުންގެ ތެރެއިން މީހަކު ހަނގުރާމައިގައި ދިފާޢުވުމަށް ގެންގުޅޭ އައްޑަނައެއް ފަދަ އެއްޗެކެވެ.))

އެހެނަސް ރޯދަ މި ފަދަ އައްޑަނައަކަށް ވާނީ ރޯދަވެރިއާ އެ އައްޑަނަ ވަރުގަދަ އެއްޗަކަށް ހަދަން މަސައްކަތްކުރިވަރަކުންނެވެ. މިކަމާބެހޭގޮތުން ކީރިތި ރަސޫލާ ﷺ ޙަދީޘްކުރައްވަނީ "الصِّيامُ جُنَّةٌ ما لَم يَخْرِقْها، قيلَ: بَم يَخْرِقُهُ؟ قال: بِكَذبٍ أو غيبةٍ [6]– މާނައަކީ: ރޯދައަކީ އައްޑަނައެކެވެ. އޭގައި ބައުގަނޑެއް ނަހަދާނަމައެވެ. އޭގައި ބައުގަނޑު ހަދާ އެއްޗަކީ ކޮބައިތޯ ދެންނެވުމުން ޙަދީޘް ކުރެއްވިއެވެ. ދޮގުހެމުންނެވެ. ނުވަތަ ނެތިމޮށުމުންނެވެ.))

[1] – رواه الشيخان

[2]متفق عليه

[3] – رواه البخاري ومسلم.

[4]  – أخرجه الطبراني (٨/١٥٨)

[5] – رواه أحمد والنسائى والطبرانى وابن ماجه وابن خزيمة وابن أبى شيبة

[6]  – أخرجه الطبراني في «المعجم الأوسط» (٤٥٣٦)

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *