Support Us

ކުޑަކުދީން ލައްވާ ރޯދަހިއްޕުވާން ފަށާނީ ކޮންއިރަކުން؟

ރަމަޟާންމަހު ރޯދަހިފުމަކީ  ބުއްދިސަލާމަތުންހުރި ބާލިޣު ކޮންމެ މުސްލިމެއްގެ މައްޗަށް ވާޖިބުވެގެންވާ ކަމެކެވެ. މާތް ﷲ ވަޙީ ކުރެއްވިއެވެ. ((فَمَن شَهِدَ مِنكُمُ الشَّهرَ فَليَصُمهُ – ބަޤަރާ ސޫރަތް: 185- ފަހެ، ތިޔަބައިމީހުންގެ ތެރެއިން އެ މައްސަރުގައި ޙާޒިރުވެ ހުރެއްޖެމީހާ، އެ މަހުގެ ރޯދަ ހިފާހުށި ކަމެވެ!))

އެހެންކަމުން ބާލިޣުނުވާ ކުޑަކުދީންގެ މައްޗަށް ރޯދަހިފުމަކީ ވާޖިބުކަމެއްނޫނެވެ.

ކީރިތި ރަސޫލާ ﷺ ބަޔާންކުރައްވާފައިވާ ގޮތުގައި ތިން ބައެއްގެ މައްޗަށް ދީނީ އެއްވެސް ތަކްލީފެއް ނޯންނާނެއެވެ. އޭގެ ތެރޭގައި ހިމެނޭ އެއް ބަޔަކީ ކުޑަކުދީންނެވެ. އެ ކުދީންގެ މައްޗަށް ދީނީ ކަންތައްތައް ވާޖިބުވާނީ އެކުދީން ބާލިޣުވުމުންނެވެ. ނުވަތަ ބޮޑުވުމުންނެވެ. ކީރިތި ރަސޫލާ ﷺ ޙަދީޘްކުރެއްވިއެވެ. ((رُفِعَ الْقَلَمُ عَنْ ثَلاَثٍ عَنِ النَّائِمِ حَتَّى يَسْتَيْقِظَ، وَعَنِ الصَّبِىِّ حَتَّى يَحْتَلِمَ، وَعَنِ الْمَجْنُونِ حَتَّى يُفِيقَ- رواه أبو داود والبيهقى والنسائى والحاكم وأحمد وابن خزيمة- މާނައަކީ: ތިން މީހެއްގެ ކިބައިން މާފުކުރެއްވިގެންވެއެވެ. ނިދާފައި އޮތް މީހާ ހޭލައްޖައުމަށް ދާންދެނާއި، ކުޑަކުއްޖާ ބާލިޣުވެއްޖައުމަށް ދާންދެނާއި، މޮޔަމީހާ ހޭއަރައްޖައުމަށް ދާންދެނެވެ." ޖުމްހޫރު ޢިލްމުވެރީން ވިދާޅުވާ ގޮތުގައި ކުޑަކުއްޖާ ބާލިޣުވާ ޢުމުރަކީ ހަނދުމަހުން ފަނަރަ އަހަރު ވުމެވެ.

ކީރިތި ރަސޫލާ ﷺ ޙަދީޘްކުރެއްވިއެވެ. "ކުޑަކުއްޖާއަށް ތިން ދުވަހު ވިދިވިދިގެން ރޯދަހިފިއްޖެ ނަމަ މުޅި ރަމަޟާންމަހުގައި ރޯދަހިފުން އެކުއްޖާގެ މައްޗަށް ވާޖިބުވެއްޖެއެވެ."

އިސްލާންދީން މައިންބަފައިންނަށް ގޮވައިލަނީ ކުޑައިރުއްސުރެ ދަރީންނަށް ދީނީ ފަރްޟުތައް އަދާކުރުމަށް ތަމްރީނުދީ ފަރިތަކޮށްދިނުމަށެވެ. ކީރިތި ރަސޫލާ ﷺ ޙަދީޘް ކުރެއްވިއެވެ. ((مُرُوا أَوْلاَدَكُمْ بِالصَّلاَةِ وَهُمْ أَبْنَاءُ سَبْعِ سِنِينَ وَاضْرِبُوهُمْ عَلَيْهَا وَهُمْ أَبْنَاءُ عَشْرِ سِنِينَ وَفَرِّقُوا بَيْنَهُمْ فِى الْمَضَاجِعِ– رواه أبو داود– ތިޔަބައިމީހުންގެ ދަރީންނަށް ހަތްއަހަރު ފުރުމުން އެކުދީންނަށް ނަމާދުކުރުމަށް، ތިޔަބައިމީހުން އަމުރުކުރާށެވެ! އަދި އެކުދީންނަށް ދިހަ އަހަރުވުމުން އެކުދީންނަށް އަދަބުދީގެންވެސް ނަމާދު ކުރުވާށެވެ! އަދި އެކުދީން ތަންމަތީގައި ވަކިކުރާށެވެ!))

މިއީ މާތްﷲ ފަރްޟުކުރައްވާފައިވާ ކަންތައްތައް ކުޑަކުދީން ލައްވައި ކުރުވުމުގައި މައިންބަފައިން ތަބާވާންވީ އުޞޫލެވެ. މި ބަސްފުޅުގައި ނަމާދުގެ ވާހަކަ އޮތް ނަމަވެސް، މިއީ އެކަމުގެ މައްޗަށް ޤިޔާސްކުރެވިދާނެ ބަސްފުޅެކެވެ.

އެހެންކަމުން، ތަންދޮރު ވަކިކުރަން އެނގޭ ހިސާބަށް ކުޑަކުއްޖާ ބޮޑުވާއިރަށް ރޯދަހިފުމަށް ކުޑަކުއްޖާއަށް ތަމްރީނު ދިނުމަކީ މުސްތަޙައްބުކަމެކެވެ. އައްރުބަޢިއްޔު ބިން މުޢައްވަޛު ބުނު ޢަފްރާގެ އަރިހުން ރިވާވެގެންވެއެވެ. މަދީނާގެ ވަށައިގެން އޮންނަ އަންޞާރުންގެ ރަށްތަކަށް، ޢާޝޫރާ ދުވަހު ހެނދުނު ކީރިތި ރަސޫލާ ﷺ މީހުން ފޮނުއްވާ ރޯދަ ނުހިފާ މީހުންނަށް ރޯދަ ފުރިހަމަކުރުމަށާއި ރޯދައަށް ތިބި މީހުންނަށް ރޯދަ ހިފުމަށް އެންގެވިއެވެ. އޭނާ ވިދާޅުވިއެވެ. އެދުވަހު އަހުރެމެން ރޯދަ ހިފީމެވެ. އަދި އަހުރެމެން ކުޑަކުދިން ރޯދައަށް ބައިތިއްބީމެވެ. އަހުރެމެން މިސްކިތަށް ދަނީ އެކުދީންނަށް ކެހެރިން ކުޅޭ އެއްޗެހި ހަދައިދީފައެވެ. ކާން ބޭނުންވެގެން އެކުދިން ރޮއިފިނަމަ އެކުދިން މަސަލަސްކުރުމަށްޓަކައި މި ކުޅޭ އެއްޗެހި ރޯދަވީއްލާއިރު ދޭނަމޭ ބުނަމެވެ."- رواه البخارى

މި ބަސްފުޅުތަކުން ދޭހަވާ ގޮތުގައި ކުޑަކުއްޖާ ލައްވާ ގަދަކަމުން ރޯދަ ހިއްޕުވައިގެން ނުވާނެއެވެ. އެކުދީން ތަމްރީނު ކުރަންވާނީ މަޑުމަޑުންނެވެ. މިކަމުގައި މައިންބަފައިންނާއި ގޭގައި އުޅޭ އެންމެންގެ ފަރާތުން އެކުއްޖާއަށް ނަމޫނާ ފެންނާން ޖެހޭނެއެވެ. ގޭތެރެއިން އެ ކުއްޖާއަށް ރަމަޟީ ވެށްޓެއް ފެންނާންޖެހޭނެއެވެ. ކުޑަކުދިން ތަމްރީނުކުރެވޭނީ ނަމޫނާއިންނެވެ. ދަނޑިބުރިއަކުން ނޫނެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *