Support Us

ރޯދަހިފުން… ﷲގެ ނިޢުމަތުގެ އަގުވަޒަންކޮށްދޭ އަޅުކަމެއް

ﷲ ސުބްޙާނަހޫ ވަ ތަޢާލާ ރަމަޟާން މަހުގައި ރޯދަހިފުން ފަރްޟު ކުރެއްވީ ވަރަށް ގިނަ ޙިކްމަތްތަކަކަށް ޓަކައެވެ. މި ޙިކްމަތްތައް ޖުމްލަކޮށް ލައްވައިފައި ވަޙީ ކުރެއްވިއެވެ. ((يٰأَيُّهَا الَّذينَ ءامَنوا كُتِبَ عَلَيكُمُ الصِّيامُ كَما كُتِبَ عَلَى الَّذينَ مِن قَبلِكُم لَعَلَّكُم تَتَّقونَ[1]– މާނައީ: އޭ إيمان ވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުންގެ ކުރީގެ މީހުންގެ މައްޗަށް فرض ކުރެއްވި ފަދައިން ތިޔަބައިމީހުންގެ މައްޗަށްވެސް ރޯދަ فرض ކުރައްވައިފިއެވެ. (އެއީ) ތިޔަބައިމީހުން تقوى ވެރި ވުމަށްޓަކައެވެ.))

ރޯދައިގެ ޙިކްމަތްތަކުގެ ތެރޭގައި ރޯދަވެރިޔާއަށް ﷲގެ ނިޢުމަތް އިޙްސާސް ކޮށްދެއްވުމާއި އެ ނިޢުމަތުގެ އަގު ވަޒަންކުރަން ދަސްކޮށްދެއްވުން ހިމެނެއެވެ. އިންސާނާއަކީ ވަކި ނިޢުމަތެއްގެ މަތީގައި ދެމިހުރުމަށް އާދަވުމުން އެ ނިޢުމަތެއްގެ އަގު ވަޒަންކުރުމާ ދުރަށް ދެވޭ މީހެކެވެ. ނުވަތަ އޭގެ އަގު އިޙްސާސް ނުކުރެވޭ މަޚްލޫޤެކެވެ.

އިންސާނާއަށް ދުޅަހެޔޮކަމުގެ އަގު ވަޒަން ކުރެވެނީ ބަލިވުމުންނެވެ. މިހެންވެ، ކީރިތި ރަސޫލާ ﷺ އަޅުގަނޑުމެންނަށް ފުރިހަމަ ޞިއްޙަތާއި ދުޅަހެޔޮކަމާއި، ޢާފިޔަތު ދެއްވުން އެދި ދުޢާކުރުމަށް ނަސޭހަތް ދެއްވާފައިވެއެވެ.

އިންސާނާއަށް ހައިހޫނުކަމާ ކުރިމަތިވުމުން މެނުވީ ކާއެއްޗެހީގެ އަގު ވަޒަން ނުކުރެވެއެވެ. ފެން ބޮވައިގަނެގެން ގޮސް ފެންފޮދެއް ލިބުން ދަތިވުމުން މެނުވީ އިންސާނާއަށް ފެނުގެ އަގު އިޙްސާސެއް ނުކުރެވެއެވެ.

ފެންބޮވައިގަނެގެން ގޮސް ފެންފޮދެއް ނުލިބިގެން ހުއްޓާ ފެންފޮދެއް ލިބުމުން الحمد لله އޭވެސް ކިޔެއެވެ. އެ ނިޢުމަތަށް ޝުކްރު ދެންނެވެއެވެ. މިކަމާ ބެހޭގޮތުން އަލްއިމާމު އަޙްމަދާއި އައްތިރްމިޛީ ރިވާކުރެއްވި ޙަދީޘެއްގައިވެއެވެ. ކީރިތި ރަސޫލާ ﷺ ޙަދީޘް ކުރެއްވިއެވެ. ((عَرَضَ علَيَّ ربِّي ليجعلَ لي بطحاءَ مكةَ ذهبًا فقلت لا يا ربِّ ولكن أشبعُ يومًا وأجوعُ يومًا إذا جعتُ تضرَّعتُ إليك وذكرتُك وإذا شبعتُ حمدتُك وشكرتُك-  މައްކާގެ ބަޠުޙާ ތިމަން ކަލޭގެފާނަށްޓަކައި ރަނަށް ހައްދަވާ ދެއްވުމަށް ތިމަންކަލޭގެފާނުގެ ވެރިރަސްކަލާނގެ ތިމަން ކަލޭގެފާނަށް ހުށައެޅުއްވިއެވެ. އެހިނދު ތިމަން ކަލޭގެފާނު ދެންނެވީމެވެ. ތިމަން ކަލޭގެފާނުގެ ވެރި ރަސްކަލާކޮ! އެހެން ނަހައްދަވާށެވެ. ތިމަން ކަލޭގެފާނު ބޭނުންފުޅުވަނީ އެއްދުވަހު ފަރީއްކުޅުއްވައިގެން ހުންނެވުމަށެވެ. އަނެއް ދުވަހު ބަނޑުހައިހޫނު ކަމުގައި ހުންނެވުމަށެވެ. ބަނޑުހައިފުޅުވެއްޖެނަމަ އިނބަރަސްކަލާނގެ ޙަޟްރަތަށް ތަޟައްރުޢުވެ ވަޑައިގެން އިބަރަސްކަލާނގެ ހަނދުމަފުޅު ކުރެއްވުމަށެވެ. ފަރިއްކުޅުއްވައިގެން ހުންނަވާ އިބަރަސްކަލާނގެއަށް ޝުކްރު ދަންނަވައި ޙަމްދު ކުރެއްވުމަށެވެ.))

ދާވޫދުގެފާނަކީ މުއްސަނދި ރަސޫލުބޭކަލެކެވެ. އެކަމަކުވެސް އެކަލޭގެފާނަކީ މާތް ﷲގެ ވަޖްހުފުޅަށްޓަކައި ދެދުވަހުން އެއްދުވަހު ރޯދަފުޅު ހިއްޕެވި ބޭކަލެކެވެ. މިހެންވެ، ކީރިތިރަސޫލާ ސުންނަތް ރޯދައާ ބެހޭގޮތުން ޙަދީޘްކުރެއްވިއެވެ. ((أَحَبُّ الصِّيَامِ إِلَى اللَّهِ صِيَامُ دَاوُدَ عَلَيْهِ السَّلامُ، كَانَ يَصُومُ يَوْمًا وَيُفْطِرُ يَوْمًا، وَأَحَبُّ الصَّلاةِ إِلَى اللَّهِ صَلاةُ دَاوُدَ كَانَ يَنَامُ نِصْفَ اللَّيْلِ وَيَقُومُ ثُلُثَهُ وَيَنَامُ سُدُسَهُ [2]– ﷲގެ ޙަޟްރަތުގައި އެންމެ ލޮބުވެތިކަން ބޮޑު ރޯދައަކީ ދާވޫދުގެފާނު ހިއްޕެވި ގޮތަށް ރޯދަހިފުމެވެ. އެކަލޭގެފާނު އެއްދުވަހު ރޯދަފުޅު ހިއްޕަވާފައި އަނެއް ދުވަހު ރޯދަފުޅެއް ނުހިއްޕަވައެވެ. ﷲގެ ޙަޟްރަތުގައި އެންމެ ލޮބުވެތިކަން ބޮޑުވެގެންވާ ނަމާދަކީ ދާވޫދުގެފާނު ނަމާދުކުރެއްވި ގޮތަށް ނަމާދުކުރުމެވެ. އެކަލޭގެފާނު ރޭގަނޑުގެ ދެބައިކުޅައެއްބައިގައި އަވަހާރަފުޅު ލައްޕަވައިފައި ތެދުވެވަޑައިގެން ތިންބައިކުޅައެއްބައިގެ މިންވަރަށް ނަމާދުކުރެއްވިއެވެ. އެއަށްފަހު އަނެއް ހަބައިކުޅަ އެއްބައިގައި އަވަހާރަފުޅުލެއްޕެވިއެވެ.))

[1]  – ބަޤަރާ ސޫރަތް: 183

[2] – رواه البيهقى والطبرانى وأبو داود وابن ماجه والدارمى والنسائى

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *