Support Us

ރޯދަވެރިއާ ހިފަހައްޓަންޖެހޭ ބައެއް އަދަބުތައް

ރޯދަވެރިއާ ރޯދަހިފާއިރު، ހިފަހައްޓަންޖެހޭ އަދަބުތަކެއް ވެއެވެ. މިއީ ކީރިތި ރަސޫލާ ﷺ ރޯދަވެރީންނަށް ދެއްވާފައިވާ އިރްޝާދުތަކެކެވެ. ކުރީ ދުވަހު ވާނީ މި އަދަބުތަކުގެ ތެރެއިން އަދަބެއް ކަމުގައިވާ ހާރުކެއުމާ ބެހޭގޮތުން އެއްޗެއް ދަންނަވައިފައެވެ. މި ފަހަރު ބަލައިލާނީ އިތުރު އެހެން އަދަބުތަކަކަށެވެ.

  • އިރުއޮއްސުމުން ރޯދަވީއްލުން އަވަސްކުރުން: ކީރިތި ރަސޫލާ ﷺ ޙަދީޘް ކުރެއްވިއެވެ. ((لاَيِزَالُ الناسُ بِخَيْرٍ ماعَجّلُوا الفطر[1]  [އިރުއޮއްސުމުން ރޯދަވީއްލުން އަވަސްކުރާނަމަ މީސްތަކުން ހެޔޮކަންމަތިން ފިލައިގެން ނުދާނެތެވެ.)) ރޯދަ ވީއްލުން ރަނގަޅީ ކަދުރު ކޮޅަކުންނެވެ. ނުވަތަ ފޮނި އެއްޗަކުންނެވެ. ފޮނި އެއްޗެއް ނުލިބިއްޖެނަމަ ފެންފޮދަކުންނެވެ. ކީރިތި ރަސޫލާ ﷺ މަޣުރިބު ނަމާދު ކުރައްވަނީ ކަދުރުކޮޅަކުން ރޯދަފުޅު ވީއްލެވުމަށް ފަހުގައެވެ. އެހެންކަމުން ރޯދަ ނުވީއްލައި މަޣްރިބު ނަމާދު ކުރުން ރަނގަޅުވެގެން ނުވެއެވެ.
  • ހަޑިހުތުރު ބަސްތަކުން ދޫ ރައްކައުތެރި ކުރުން: ރޯދައަށް ހުންނަ ވަގުތު ރޯދަވެރިޔާ ޒުވާބުކުރުމާއި އަރާރުންވުމާއި ދޮގުހެދުމާއި ނެތިމޮށުމާއި ދެބައޮޑުވުމާއި އާޑަފުރައްސާރަ ކުރުންފަދަ ދީން މަނާކުރާ ކަންތައްތަކުން ދޫ ރައްކައުތެރި ކުރުމަކީ ސުންނަތް ކަމެކެވެ. މިފަދަ ކަންތައްތައް ކުރާ މީހާގެ ރޯދަ (މާއްދީގޮތުން) ބާޠިލުނުވިއަސް އޭނާގެ ރޯދައިން އޭނާއަށް ލިބޭނެ ދަރުމައެއް ސަވާބެއް ނޯންނާނެއެވެ. ރޯދަވެރިޔާ ކެއުންބުއިން ދޫކޮށްލައިގެން ހުރުމަށް މާތްﷲ އެދިވޮޑިނުގަންނަވައެވެ.
  • ރޭގަނޑު ޖުނުބުވެރި ވެއްޖެނަމަ ފަތިސްވުމުގެ ކުރިން ހިނައިގަތުން: ޖުނުބުވެރިކަންމަތީ ހުރެ ރޯދަ ހިފިދާނެއެވެ. އެހެނަސް ރޭގަނޑު ޖުނުބުވެރިވި މީހާގެ މައްޗަށް ރޭގަނޑު ހިނައިގަތުން ސުންނަތްވެގެން ވެއެވެ. އެއީ ޠާހިރުކަންމަތީ ހުރެ ރޯދަ ހިފުމަށްޓަކައެވެ. ނަމާދު ކުރުމަށާއި ޤުރްއާން ކިޔެވުމަށް މަގު ތަނަވަސްކުރުމަށް ޓަކައެވެ.
  • ޙައިޟުވެރިޔާއާއި ނިފާސްވެރިޔާ ލޭކެނޑިއްޖެނަމަ ފަތިސްވުމުގެ ކުރިން ހިނައިގަތުން: ޙައިޟުވެރިޔާއާއި ނިފާސްވެރިޔާ ރޭގަނޑު ލޭކެނޑިއްޖެނަމަ ފަތިސްވުމުގެ ކުރިން ހިނައިގަތުން ސުންނަތްވެގެންވެއެވެ. ހިނައިނުގަނެ ރޯދައަށް ހުރެވިދާނެއެވެ.
  • ކާބޯތަކެތީގެ ރަހަ ނުބެލުން: މިއީ އެއިން އެއްޗެއް އެތެރެއަށް ހިނގައިދާނެތީ ރައްކައުތެރިވުމުގެ ގޮތުން ދުރުހެލިވާންޖެހޭ ކަމެކެވެ.
  • ރޯދަވީއްލާއިރު اللَّهُمَّ لَكَ صُمْتُ وَعَلَى رِزْقِكَ أَفْطَرْتُ [2] ކިޔާ ދުޢާކުރުން. ދުވާލުގެ ވަގުތެއްގައި ރޯދަވީއްލުމުގެ ގަސްތެއް ނެތި މި ދުޢާ ކިޔުމަކުން ރޯދައެއް ނުގެއްލޭނެއެވެ. ރޯދަވެރިއާ ރޯދަވީއްލާއިރު ކުރާ ދުޢާ އަކީ ﷲގެ ޙަޟްރަތުގައި ޤަބޫލުވެވިގެންވާ ދުޢާއެކެވެ. އެހެންކަމުން މި ވަގުތުގެ ބޭނުންކޮށްގެން ދުޢާކުރަން ހަނދާން ބަހަށްޓަން ވާނެއެވެ. މި ދުޢާގެ އިތުރަށް ތިމާ ބޭނުންވާ ބޭނުންވާ އެހެން ކަންކަމަށް އެދި ދުޢާކުރެވިދާނެއެވެ.
  • ރޯދަވީއްލުމަށްޓަކައި އެހެން މީހުންނަށް އެހީވުން: ރޯދަވެރީންނަށް ކާއެއްޗެއްސާއި ބޯއެއްޗެހި ދީގެން އެހެން މީހުންނަށް ރޯދަ ވީއްލޭނެގޮތް ތަނަވަސްކޮށްދިނުމަކީ ސުންނަތެކެވެ. ކާއެއްޗެއް ދެވޭވަރުގެ ތަނަވަސްކަން ނެތްނަމަ ކަދުރުކޮޅެއް ނުވަތަ ކިރުފޮދެއް ނުވަތަ ފެންފޮދެއް ފަދަ އެއްޗެއް ވިޔަސް ރޯދަވެރިޔާއަށް ދިނުން އިތުރުވެގެން ވެއެވެ.
  • ސަދަޤާތް ކުރުން ގިނަކުރުން: އެންމެމާތް ޞަދަޤާތަކީ ކޮބައިތޯ ކީރިތި ރަސޫލާ ﷺ އަށް ސުވާލު ދެންނެވުމުން އެއީ ރަމަޟާންމަހުގައި ކުރެވޭ ޞަދަޤާތްކަމަށް ޙަދީޘް ކުރެއްވިއެވެ. ވީމާ، ރަމަޟާންމަހުގެ ތެރޭގައި ރޯދައަށް ހުރެގެން ކޮންމެ ދުވަހަކު ޞަދަޤާތެއް ކުރެވޭތޯ ބަލަމާތޯއެވެ!
  • ޤުރްއާން ކިޔެވުމާއި ޤުރްއާން އުނގެނުން ގިނަކުރުން. ރަމަޟާންމަހަކީ ޤުރްއާނުގެ މަހެވެ. މިމަހުގައި ކީރިތި ރަސޫލާ ﷺ ޖިބްރީލުގެފާނާ އެކު ޤުރްއާން މުދަރަސާ ކުރެއްވިއެވެ. ރޯދަވެރިއާ ދުވާލާއި ރޭގަނޑުގެ ވަގުތުތަކުން ވަގުތުކޮޅެއް މިކަމަށްޓަކައި ހުސްކޮށްލުން ހުށްޓެވެ.
  • އިޢުތިކާފުކުރުން: ވަކިން ޚާއްޞަކޮށް ރަމަޟާންމަހުގެ ފަހުދިހައިގައި އިޢުތިކާފު ކުރުމަކީ ގަދަވެގެންވާ ސުންނަތެކެވެ.

[1] –   رواه البخارى مسلم

[2] –   رواه أبو داود والطبرانى والبيهقى

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *