Support Us

ހާރު ކެއުން… ސުންނަތެއް

ރަމަޟާންމަހަކީ މުސްލިމުންގެ ގާތުގައި ވަރަށް މަތިވެރި މަހެކެވެ. އިޙްތިރާމާއި ޤަދަރު ލިބިގެންވާ މަހެކެވެ. އެއީ ހެޔޮ ކަންތައްތަކުގެ މައްސަރުކަމަށް ވާތީއެވެ. އެއީ ރޫޙާނީ ނަފަޙާތުތަކުގެ މައްސަރުކަމުގައި ވާތީއެވެ.

ރަމަޟާންމަހަކީ އަހަރަކު އެއްފަހަރު އަންނަ މަހެއްކަމުގައި ވިޔަސް އެމަހުގައި ހިފާ ރޯދައިގެ އަސަރު މުޅި އަހަރަށް ދެމިގެންދާން ޖެހޭނެއެވެ. އެ މަދްރަސާއިން ލިބުނު ފިލާވަޅުތައް ހަނދާނުގައި އަބަދުވެސް ބަހައްޓަން ޖެހޭނެއެވެ. އެމަހުގައި ލިބުނު ތަމްރީނުތަކުގެ ބޭނުން އަންނަ އަހަރުގެ އައު ބުރާ ހަމަޔަށް ދަމަހައްޓަން ވާނެއެވެ.

ރޯދައަކީ ﷲގެ އަޅާ، އޭނާގެ ވެރިރަސްކަލާނގެއަށް ކިޔަމަންގަތުން ނަމޫނާ ކިޔަމަންގަތުމަކަށް ހަދައިދޭ އަޅުކަމެކެވެ. އޭނާއަކީ މާތްﷲ ޙަރާމްކުރެއްވި ހުރިހާ ކަންތައްތަކާ ދުރުހެލިވެގެން އަހަރުގެ ހުރިހާ މައްސަރު ތަކެއްގައި ދިރިއުޅޭ މީހެކެވެ. އޭނާއަކީ މާތްﷲ ޙަރާމްކުރެއްވި އެންމެހާ ކަންތައްތަކާއި އަދި ޙަލާލުކުރެއްވި ބައެއް ކަންތައްތަކާ ދުރުހެލިވެގެން އުޅޭ މީހެކެވެ. ރަމަޟާން މަހުގައި އޭނާގެ ޙަޔާތަކީ މާތްވެގެންވާ މަލާއިކަތުންގެ ޙަޔާތާ އެއްފަދަ ނަމޫނާ ޙަޔާތެކެވެ. މާތްﷲ އަށް އުރެދުމެއްނެތެވެ. އެކަލާނގެ އަމުރުފުޅުތަކަށް ކިޔަމަންގަނެއެވެ.

މާތްﷲ އަށް ފުރިހަމައަށް ކިޔަމަންގަންނަ އަޅަކަށް ރޯދަވެރިޔާއަށް ވެވޭނީ އަދި ރޯދައިން ފުރިހަމައަށް ފައިދާ ލިބިގަންނަ އަޅަކަށް ރޯދަވެރިއާ ވެވޭނީ ރޯދައާ ގުޅުންނެތް އެންމެހާ ނުބައި ޢަމަލުތަކުން ސަލާމަތްވެގެންނެވެ. ރޯދަވެރިޔާގެ ސުލޫކާ ނުގުޅޭ ސުލޫކުތަކާއި އުޅުންތަކާއި ގުޅުންތަކާ ދުރުހެލިވެވިގެންނެވެ. އޭގެ ތެރޭގައި ފާހަގަކޮށްލަން ޖެހޭ އެއްކަމަކީ ހާރު ނުކެއުމެވެ.

ބައެއް މީހުން ރަނގަޅު ކަމެއް ކަމަށް ހީކޮށް ހާރުނުކައި ރޯދައަށް ތިބެއެވެ. އެހެނަސް ދީނީގޮތުން ބަލާއިރު އެއީ ކީރިތި ރަސޫލާ ﷺ ގެ ސުންނަތާ ޚިލާފު ކަމެކެވެ. ކީރިތި ރަސޫލާ ﷺ ޙަދީޘްކުރެއްވިއެވެ. ((تَسَحَّرُوا فَإِنَّ فِي السَّحُورِ بَرَكَةً[1]– ތިޔަބައިމީހުން ހާރުކާށެވެ! ފަހެ، ހަމަކަށަވަރުން ހާރުކެއުމުގައި ބަރަކާތެއްވެއެވެ.))

ދަންނަބޭކަލުން ވިދާޅުވާ ގޮތުގައި ހާރުކެއުމަކީ ބަރަކާތްތެރިކަމެއްގެ އިތުރަށް ހަށިގަނޑަށްވެސް ބޭނުންކަމެކެވެ. ރޯދަވީއްލާއިރު ކާއެއްޗެހިން އެކަނި އިންސާނާގެ ހަށިގަނޑަށް ބޭނުންވާ މިންވަރަށް ކާނާ ނުލިބޭނެ ކަމަށް ކަމާބެހޭ ތަޖްރިބާކާރުން ބުނެއެވެ. ހާރުނުކައި ރޯދައަށް ހުންނަ މީހާ ބޮލުގައި ރިއްސުމަކީ ވަރަށް އެކަށީގެންވާ ކަމެކެވެ. އަދި ކުޑަކުޑަ ކަމެއް ކޮށްލާއިރަށް ވަރުބަލިވުމަކީވެސް ވެދާނެކަމެކެވެ. އޭނާ ވަރަށް ބޮޑަށް ކަރުހިއްކާނެއެވެ. މިގޮތަށް އެއްމަސްދު ވަސް ހޭދަކުރަން އުޅެފިނަމަ އޭނާއަށް ވަރަށް ބޮޑެތި ބުރަތަކެއް އުފުއްލަން ޖެހިދާނެއެވެ.

އެންމެ އިރަކު ކައިގެން ހާރުނުކައި ރޯދައަށް ހުރުމުގެ ސަބަބުން އޭނާގެ މަޢިދާއަށާއި ގޮހޮރަށާއި ހަޖަމުގެ ނިޒާމަށް ގެއްލުންތަކެއް ލިބުމަކީ ވަރަށް ކައިރީގައިވާ ކަމެކެވެ.

ހާރުކެއުމަކީ ޒުވާންފުރައިގެ މީހުންނަށާއި މުސްކުޅީންނަށާއި މާބަނޑުމީހުންނަށާއި ބަލިމަޑުކަމުން ފަސޭހަވެގެން ހަށިގަނޑު އަލުން އުފެދެމުންދާ ކޮންމެ މީހަކަށް ވަރަށް ބޭނުންތެރި، ޟަރޫރަތްތެރި ކަމެކެވެ.

ކީރިތި ރަސޫލާ ﷺ ޙަދީޘްކުރައްވާ ގޮތުގައި އަހްލުކިތާބީންގެ ރޯދަހިފުމާއި މުސްލިމުންގެ ރޯދަހިފުމާ ދެމެދުގައިވާ އެއް ތަފާތަކީ މުސްލިމުން ރޯދަހިފުމަށްޓަކައި ހާރުކެއުމެވެ. އަހްލުކިތާބީން ރޯދަހިފުމަށްޓަކައި ހާރެއް ނުކައެވެ.

ހާރުކެއުން ވީހާ ފަސްކުރުމަކީވެސް ސުންނަތެކެވެ. ((لَا تَزَالُ أُمَّتِي بِخَيْرٍ مَا أَخَّرُوا السَّحُورَ وَعَجَّلُوا الْفِطْرَ[2]– ހާރުކެއުން ފަސްކޮށް، ރޯދަވީއްލުން އަވަސްކުރާނަމަ ތިމަންކަލޭގެފާނުގެ އުއްމަތް ހެޔޮކަންމަތީން ފިލައިނުގޮސް ދެމި ތިބޭނެތެވެ.)) ތަޖްރިބާކާރުން ވިދާޅުވާ ގޮތުގައި ހާރުކެއުން ފަސްކުރުމުގެ ސަބަބުން ރޯދަވީއްލުމާއި ހާރުކެއުމާ ދެމެދުގައި އަށެއްކަ ގަޑިއިރުގެ މުއްދަތެއް ލިބޭނެއެވެ. މިއީ ރޯދަވީއްލިއިރު ކައިބޮއި ހެދި އެއްޗެހި  ހަޖަމުކުރުމަށް ފުދިގެންވާ ވަގުތުކޮޅެކެވެ. އޭރުން، ކައިބޮއި ހެދި އެއްޗެހި ހަޖަމުވުމުން އުފެދޭ ކުނިބުނިތައް ނައްތައިލުމަށް ވެސް ހަށިގަނޑަށް ވަގުތު ލިބޭނެއެވެ. މިކަމުގެ ސަބަބުން ހަޖަމުކުރުމުގެ ނިޒާމަށް، ހަޖަމުކުރުމުގެ ތަފާތު މަސައްކަތްތަކުން އަވަދިވާނެ ވަގުތުވެސް ލިބޭނެއެވެ.

ހާރުކެއުން ލަސްކުރުމަކީ ނުކައިނުބޮއި ހުންނަންޖެހޭ ވަގުތުކޮޅު މަދުކޮށްދޭނެ ކަމެކެވެ. އެހެންކަމުން ހައިހޫނުކަމާއި ކަރުހިއްކުމުގެ އިޙްސާސް ކުޑަވެގެންދާނެއެވެ. ކީރިތި ރަސޫލާ ﷺ ހާރު ފަރިއްކުޅުއްވުން ފަސްކުރައްވާފައި ވަނީ ފަތިސްނަމާދާ ހާރު ފަރިއްކުޅުއްވުމާ ދެމެދުގައި 50 އާޔަތުގެ މިންވަރު ކިޔެވޭ ވަރަށެވެ. އެހެންކަމުން ރޭގަނޑު ބާރަޖަހާކަންހާއިރު ހާރުކެއުމަކީ ސުންނަތާ ޚިލާފުކަމެކެވެ. ރަނގަޅުގޮތަކީ ނިދާފައި ހާރު ކެއުމަށް ތެދުވުމެވެ. ދެން ހާރުކައިގެން ފަތިސްނަމާދު ކޮށްގެން ނިދުމެވެ.

އަޅުގަނޑުމެން ﷲ އަމުރު ކުރައްވައިގެން އަދާކުރާ އަޅުކަންތައް އަދާކުރާން ވާނީ އެންމެ ރަނގަޅު ގޮތަށެވެ. އެންމެ ފުރިހަމަ ގޮތަށެވެ. އޭގެ އަދަބުތަކަށާއި ސުންނަތަކަށް ރިޢާޔަތްކޮށްގެންނެވެ.

[1] – رواه  البخارى ومسلم والنسائى وأحمد والطبرانى

[2] – رواه أحمد

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *