Support Us

ރޯދަވެރިއާއަށް ދެއްވާ ސަވާބު އެކަކަށް ވެސް ނޭނގޭ

ރަމަޟާންމަހަކީ އެހެނިހެން މައްސަރުތަކަށްވުރެ މާތްވެގެންވާ މައްސަރެކެވެ. ސަބަބުތަކުގެ ތެރޭގައި ރޯދަވެރިޔާއަށް ދެއްވާ ސަވާބުގެ މަތިވެރިކަން ހިމެނެއެވެ. ރޯދަވެރިޔާއަށް ދެއްވާ ސަވާބުގެ މިންވަރު ދެނެވޮޑިގަންނަވަނީ ހަމައެކަނި އަރަހުށި ﷲ އެވެ. މިކަން ބަޔާންކޮށްދޭ ޤުދްސީ ޙަދީޘްގައި މާތްﷲ ވަޙީކުރައްވަނީ [كُلُّ عَمَلِ ابْنِ آدَمَ يُضَاعَفُ لَهُ الْحَسَنَةُ بِعَشْرِ أَمْثَالِهَا إِلَى سَبْعِمِائَةِ ضِعْفٍ قَالَ اللَّهُ سُبْحَانَهُ إِلَّا الصَّوْمَ فَإِنَّهُ لِي وَأَنَا أَجْزِي بِهِ[1] – އާދަމުގެދަރިޔާ ކުރާ ކޮންމެ ހެޔޮޢަމަލެއްގެ ސަވާބު ދިހަގުނައިން ހަތްސަތޭކަ ގުނައަށް އިތުރުކޮށްދެއްވައެވެ. ﷲ ސުބްޙަނަހޫ ވަޙީ ކުރެއްވިއެވެ. ރޯދަ ފިޔަވައެވެ. ފަހެ، ހަމަކަށަވަރުން ރޯދައަކީ ތިމަން ރަސްކަލާނގެއަށް ޚާއްޞަވެގެންވާ ޢަމަލެކެވެ. އަދި އެކަމަށް ޖަޒާދެއްވާނީ ތިމަން ރަސްކަލާނގެއެވެ.]

މާތްﷲ ރޯދަވެރިޔާއަށް މިފަދަ މަތިވެރި ސަވާބެއް ދެއްވަނީ ކީއްވެގެންތޯއެވެ؟ މިކަން ބަޔާންކުރައްވަމުން ޤުދްސިއްޔަ ޙަދީޘެއްގައި މާތް ﷲ ވަޙީކުރެއްވިއެވެ. [يَدَعُ طَعَامَهُ وَشَرَابَهُ مِنْ أَجْلِي [2]– އޭނާ ތިމަން ރަސްކަލާނގެ ވަޖްހުފުޅަށްޓަކައި (އެބަހީ ތިމަންރަސްކަލާނގެ އަމުރުފުޅަށް ކިޔަމަންގަތުމަށްޓަކައި) ކެއުންބުއިން ދޫކޮށްލައެވެ.]

ރޯދައަކީ އެކަމުގެ ޙަޤީޤަތް ރޯދަވެރިޔާއަށާއި އޭނާގެ ވެރި ރަސްކަލާނގެއަށް މެނުވީ  އެނގޭނެ އެއްޗެއްނޫނެވެ. އެކަމުގައި އެއްވެސް ކަންދެއްކުމެއްނެތެވެ. ކީރިތި ރަސޫލާ ﷺ ޙަދީޘްކުރައްވަނީ [الصيامُ لارِياءَ فيه- [3] ރޯދައިގައި އެއްވެސް ކަންދެއްކުމެއް ނެތެވެ." އެހެން ހުރިހާ އަޅުކަމެއްވެސް އަދާކުރަމުންދާއިރު އެކަންތައް އެހެން މީހުންނަށް ފެންނާނެއެވެ. ނަމާދުކުރާނަމަ އެ ކުރާ ނަމާދެއް އެހެން މީހުންނަށް ފެނުމަކީ ވަރަށް ގާތްކަމެކެވެ. ޒަކާތްދޭއިިރު އެ ދޭ އެއްޗެއް ދެވެނީ މީހުންނަށް ފެނިގެންނެވެ. ސީދާ މީހަކަށް ދިނަސް ނުވަތަ ކަމާބެހޭ އޮފީސް މެދުވެރިކޮށް ދިނަސް އެކަން ފެންނާނެ ބަޔަކު ތިބޭނެއެވެ. ހަމަ މިމޭރުމުން ޙައްޖާއި ޢުމްރާގެ އަޅުކަންތައްވެސް އަދާކުރެވެނީ އެތައް ބައެއްގެ ކުރިމަތީގައި، އެތައް ބަޔަކާ އެކުގައެވެ.

މިއާ ޚިލާފަށް ރޯދައަކީ ކަމެއް ނުކޮށްހުރުން ކަމަށްވާތީ އެއްވެސް މީހަކަށް މިތަނެއް ނުފެންނާނެއެވެ. ކައިބޮއި ހަދައިގެން ހުރެ ތިމަން މިހުރީ ރޯދައަށޭ ބުނެ، މީހުންނަށް އޮޅުވައިލެވިދާނެއެވެ. ރޯދަ ﷲގެ މާތް ޛާތުފުޅަށް ނިސްބަތްކުރައްވަނީ މިހެންވެގެންނެވެ.

މާތްﷲ އަށް އަދާކުރެވޭ ކޮންމެ ހެޔޮ ކަމެއްގެ ސަވާބު އެކަލާނގެ އިތުރުކުރައްވަނީ ދިހަގުނައަށެވެ. މިހެންގޮސް ހަތްސަތޭކައާ ހަމައަށް އެ ޢަމަލެއްގެ ސަވާބު އިތުރު ކޮށްދެއްވައެވެ. ނަމަވެސް ރޯދައިގެ ސަވާބު އިތުރުކުރައްވާ މިންވަރެއް ނޭނގެއެވެ. އެކަމުގައި އިޚްލާޞްތެރިކަން ބޮޑުވި ވަރަކަށް  އެކަމުގެ ސަވާބު އިތުރުކޮށްދެއްވާނެއެވެ.

ރޯދައަކީ ކެތްތެރިވުން އެކަމުގައި ހިމެނޭ އަޅުކަމެކެވެ. ކެތްތެރިކަމެއް ނެތި ރޯދައެއް ނުހިފޭނެއެވެ. ރޯދަހިފުމުގައި ހަށިގަނޑަށް އުފުއްލަންޖެހޭ ބުރަތަކެއް ވާތީއެވެ. ބަނޑުހައި ހޫނުކަމާއި ކަރުހިއްކުމުގެ ބުރަތައް ފަދަ ބުރަތަކެވެ. ކެތްތެރީންނަށް ސަވާބުދެއްވާގޮތާ ބެހޭގޮތުން މާތްﷲ ވަޙީކުރައްވަނީ [إِنَّمَا يُوَفَّى ٱلصَّـٰبِرُ‌ونَ أَجْرَ‌هُم بِغَيْرِ‌ حِسَابٍ- الزمر:١٠– ކެތްތެރިންނަށް އެއުރެންގެ ދަރުމަ ދެއްވާ ހުށިކަން ކަށަވަރީ ހިސާބެއްނެތިއެވެ.] ބައެއް ދަންނަބޭކަލުން ވިދާޅުވާ ގޮތުގައި ކެތްތެރީންގެ މުރާދަކީ ރޯދަވެރިންނެވެ.

ދަންނަބޭކަލުން އެއްބަސްވެވަޑައިގަންނަވާ ގޮތުގައި މި މަތިވެރި ސަވާބު ޙައްޤުވެގެންވާ ރޯދައަކީ މާތްﷲގެ ވަޖްހުފުޅު އަދައި ހިފާ ރޯދައެވެ. އުރެދުންތަކާ ނުލައި ހިފާ ރޯދައެވެ. ޝަހްވަތްތަކާ އެއްކިބާވެގެން ހުރެ ހިފާ ރޯދައެވެ.

މިއިން އެގެނީ ރޯދަވެރީންނަށް މާތްﷲ ދެއްވާ ސަވާބު ތަފާތުވާނެކަމެވެ. މި ސަވާބުގެ މިންވަރު އޮންނާނީ ރޯދަވެރިޔާ އާއި ﷲއަށް ކިޔަމަންގަންގޮތެއްގެ މަތީގައެވެ. ﷲއަށް ކިޔަމަންގަތުން އިތުރުވި ވަރަކަށް، ﷲއަށް އިޚްލާޞްތެރިވުން ބޮޑުވި ވަރަކަށް ސަވާބުވެސް އިތުރުވެގެންދާނެއެވެ. ތިމާ ހިފާ ރޯދަ ފުރިހަމަވި ވަރަކަށް ރޯދައިގެ ސަވާބު ބޮޑުވެގެންދާނެއެވެ.

 

[1]–    أخرجه البخاري (١٩٠٤)، ومسلم (١١٥١)، والترمذي (٧٦٤)، والنسائي (٢٢١٦)، وأحمد (٧٦٩٣) وابن ماجه (٣٨٢٣)

[2]–    رواه أحمد والبيهقى

[3]–    رواه البيهقى

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *