Support Us

ތިބާއާއި ﷲ އާ ދެމެދުގައިވާ ހުރިހާ ދޮރެއް ބަންދު ނުކުރާށެވެ.

އިބުނި ޤުދާމާ ރަހިމަހުﷲ ލިޔުއްވާފައިވެއެވެ. ޝިބްލީ ވިދާޅުވިއެވެ. "އެއް ފަހަރެއްގައި ތިމަންކަލޭގެފާނު ވިޔަފާރި ޤާފިލާއަކާ އެކު ސީރިޔާގައި ވީމެވެ. އެހިނދު މަގުފޭރޭ ބަދަވީންގެ ބަޔަކު އައިސް އެ ގާފިލާގެ މައްޗަށް ވެރިވެގަނެ މުދާތައް ފޭރިގެންފިއެވެ. ދެން އެބައިމީހުން އެމުދާތައް ގެންގޮސް އެމީހުންގެ ޖަމާއަތުގެ އަމީރު (ލީޑަރު)ގެ ކުރިމަތީގައި ބެހެއްޓިއެވެ. އަދި ފޭރިގަތް މުދާތަކުގެ ތެރޭގައި އޮތް ދަބަހެއް ނަގައި ހުޅުވައިގެން އޭގައިވާ ހަކުރާއި އަލްމޮންޑުތައް ނަގައި ކާންފެށިއެވެ. ނަމަވެސް އެމީހުންގެ އަމީރު އެއްވެސް އެއްޗެއް ނުކައެވެ.

ދެން ތިމަންކަލޭގެފާނު ސުވާލު ކުރީމެވެ. "އޭ ބަދަވީންގެ އަމީރެވެ. ކަލޭ އެއްވެސް އެއްޗެއް ނުކަނީ ކީއްވެހެއްޔެވެ؟" ޖަވާބުގައި އޭނާ ބުންޏެވެ. "ޝެއިޚެވެ. އަހުރެން މިހުރީ ރޯދައަށެވެ." ދެން ތިމަން ކަލޭގެފާނުން ހައިރާންވެފައި ހުރެ އަހާލީމެވެ. "ކަލޭ ރޯދައަށް ތި ހުންނަނީ، މީހުންގެ މުދައުތައް ނުޙައްޤުން ފޭރި ވައްކަންކޮށް މީހުން މަރާ ޙާލުގައިދޯއެވެ؟" އެ ހިނދު ބަދަވީންގެ އަމީރު ބުންޏެވެ. "އޭ ޝައިޚެވެ! އަހުރެންނާއި ﷲއާ ދެމެދު ވަރަށް ގިނަ ދޮރުތަކެއް ބަންދުވެފައި އެބަހުއްޓެވެ. އެހެންކަމުން އަހަރެންނާއި އެ އިލާހާ ދެމެދު އެއް ދޮރު ހުޅުވިފައި ހުރުމަށް އަހަރެން ލޯބިކުރަމެވެ." ‎

ދެންފަހެ އޭގެ ދުވަސްތަކެއް ފަހުން، އަހުރެން ހައްޖަށް ގޮސް މައްކާގައި ހުއްޓައި މި ބަދަވިންގެ އަމީރު ކަޢުބާގެ ވަށައިގެން ތޮވާފްކުރަނިކޮށް އަހުރެން ދުށީމެވެ. އެ ހިނދު އޭނާގެ މޫނުމަތިން ވަރުބަލިކަން ފާޅުވޭވޭ ހުއްޓެވެ. އަދި އޭނާ ދުޢާކުރަނިކޮށް އަހުރެން އަޑުއެހީމެވެ. "އޭ އަޅުގެ ވެރި އިލާހެވެ! މިއަޅާ އިބަﷲ އަށް ތައުބާ ވެއްޖައީމުއެވެ. މިއަޅާއަށް ރަޙުމަތް ލައްވާނދޭވެ! މީގެ ފަހުން ދުވަހަކުވެސް އިބައިލާހަށް ނުއުރެދޭނަމެވެ."

ދެން ‎އަހުރެން ތަންކޮޅެއް ކައިރިއަށް ޖެހިލާފައި އޭނާއާ ސުވާލުކުރީމެވެ. "ކަލޭތީ ކުރިން ފަހަރު ސީރިޔާއިން އަހުރެންނާ ދިމާވި މަގުފޭރޭ މީހުންގެ އަމީރުހެއްޔެވެ؟" އޭނާ ޖަވާބު ދިނެވެ. "އާނއެކެވެ. މިއީ ހަމަ އެ މީހާ އެވެ. އަހުރެން އެ ދުވަހު ހިފި ރޯދައިގެ ސަބަބުން ﷲ ސުބުޙާނަހޫ ވަތަޢާލާ އަހުރެންނަށް ތަޢުބާވާން މަގުދައްކައިދީ ތެދުމަގު ދެއްކެވީއެވެ." ‎

ލޮބުވެތި އަޚުންނާއި އޚުތުންނޭވެ. ﷲ އާއި ތިބާއާ ދެމެދުގައިވާ ހުރިހައި ދޮރެއް ބަންދު ނުކުރާށެވެ! ކިތަންމެ ގިނަ ފާފައެއް ކުރެވުނު ކަމުގައި ވީނަމަވެސް، ތައުބާވެ އަސްތަޣުފާރު ކުރަމާ ހިނގާށެވެ. ފަހަރެއްގައި ހުޅުވާފައިވާ އެއް ދޮރުގެ ސަބަބުން، ހުރިހާ ދޮރެއް އަހުރެމެންނަށްޓަކައި، އެ އިލާހު ހުޅުއްވައި ދެއްވާފާނެއެވެ. ތެދުމަގު ދައްކަވާފާނެއެވެ. ތަޢުބާވުމުގެ ދޮރުވަނީ ހުޅުވިފައެވެ. ކިތަންމެ ގިނަ ފާފައެއް ކުރެވިފައި ވިޔަސްމެއެވެ.

ކީރިތި ޤުރުޢާނުގެ އައް ޒުމަރު ސޫރަތުގެ 53 ވަނަ އާޔަތުގައި މާތްﷲ ވަހީކުރައްވާފައިވާ ބަސްފުޅާ މެދު ވިސްނާލާށެވެ. قُلْ يَا عِبَادِيَ الَّذِينَ أَسْرَفُوا عَلَىٰ أَنفُسِهِمْ لَا تَقْنَطُوا مِن رَّحْمَةِ اللَّهِ ۚ إِنَّ اللَّهَ يَغْفِرُ الذُّنُوبَ جَمِيعًا ۚ إِنَّهُ هُوَ الْغَفُورُ الرَّحِيمُ "ކަލޭގެފާނު ވިދާޅުވާށެވެ! އެއުރެންގެ އަމިއްލަ نفس ތަކުގެ މައްޗަށް ފާފައިން إسراف ކޮށްފައިވާ، ތިމަންރަސްކަލާނގެ އަޅުތަކުންނޭވެ! ތިޔަބައިމީހުން اللَّه ގެ رحمة ން އުންމީދު ކަނޑައިނުލާށެވެ! ހަމަކަށަވަރުން، اللَّه އީ، އެންމެހާ ފާފަތައްފުއްސަވާ ރަސްކަލާނގެއެވެ. ހަމަކަށަވަރުން، އެކަލާނގެއީ، ގިނަގިނައިން ފާފަފުއްސަވާ، رحيم ވަންތަ ރަސްކަލާނގެއެެވެ." އަދިވެސް ޤުދުސިއްޔާ ހަދީސްއެއްގެ މާނަގައިވެއެވެ. "އާދަމުގެ ދަރިޔާ އުޑާއި ބިމާ ދެމެދު ފުރޭހާ ގިނަ ފާފަތަކައިގެން އަޔަސް، ތިމަން ﷲގެ ހަޟުރަތަށް ތަޢުބާ ވެއްޖެ މީހެއްގެ ފާފަ ފުއްސަވައި ދެއްވާނަމެވެ."

އެހެންކަމުން ތަޢުބާވުން ލަސްނުކުރާށެވެ. ގިނަގިނައިން ތަޢުބާވާ އަޅުތަކުން ދެކެ އެކަލާނގެ ލޯބިވެވޮޑިގަންނަވައެވެ.

މަސްދަރު: [އައް ތައްވާބީން 1/276]

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *