Support Us

ރޯދަ ހިފުމަށްޓަކައި ނިޔަތްގަތުން

މިއީ ވަރަށް ގިނައިން ކުރެވޭ ސުވާލެކެވެ. ކޮންމެ އަހަރަކުވެސް ފަށްކުރަންޖެހޭ ސުވާލެކެވެ. މިކަމުގެ ސަބަބަކީ ހިފާ ރޯދަ ރަނގަޅު ރޯދައަކަށް ވުމަށް ކޮންމެ މީހަކުވެސް ޝައުޤުވެރިވާ ޝައުޤުވެރިވުމެވެ. މުޅި ދުވާލު ނުކައިނުބޮއި ހުރި ހުރުން ބޭކާރުވެދާނެތީ ގަންނަ ބިރުގެ ބޮޑުކަމެވެ. މާތްﷲ އަމުރުކުރެއްވި ކަންތައް، އެކަލާނގެ ޤަބޫލުކުރައްވާ ގޮތަށް ހިފަން ބޭނުންވާލެއް ބޮޑުކަމެވެ.

ނިޔަތަކީ ހުރިހާ ޢިލްމުވެރީން ވެސް އެއްބަސްވެވަޑައިގަންނަވާ ގޮތުގައި ރޯދައިގެ ރުކްނެކެވެ. ނިޔަތެއް ނެތި ކުރާ އެއްވެސް އަޅުކަމެއް ޞައްޙައެއް ނުވާނެއެވެ. ހައިހޫނުކަމުގެ ހަޅުތާލެއް ކުރާ މީހަކާ، ހިކެންވެގެން (ޑައެޓްކުރަންވެގެން) ނުކައިނުބޮއި ހުންނަ މީހަކާ މާތްﷲގެ އަމުރުފުޅަށް ކިޔަމަންގަތުމަށްޓަކައި ރޯދަ ހިފާމީހާ ވަކިކޮށްދޭ އެއްޗަކީ އެމީހާގެ ނިޔަތެވެ.

ނިޔަތަ ނުލައި ރޯދަ ޞައްޙައެއް ނުވާނެ

ނިޔަތާނުލައި ރަމަޟާންމަހުގެ ރޯދަ ޞައްޙަ ނުވާނެ ކަމަށް ގިނަ ޢިލްމުވެރީން އެއްބަސްވެވަޑައިގަންނަވައެވެ. އެހެނީ އެއީ އަޅުކަމެކެވެ. ނިޔަތެއް ނެތި އެއްވެސް އަޅުކަމެއް ޞައްޙައެއް ނުވާނެއެވެ. މާތްﷲ ވަޙީކުރައްވަނީ ((وَمَا أُمِرُ‌وا إِلَّا لِيَعْبُدُوا اللَّـهَ مُخْلِصِينَ لَهُ الدِّينَ حُنَفَاءَ[1]– ބާޠިލުމަގުން އެއްކިބާވެ ތިބެ، ﷲއަށް އަޅުކަން ޚާލިޞްކުރާ ޙާލު ﷲއަށް އަޅުކަންކުރުމަށް މެނުވީ އެބައިމީހުންނަށް އަމުރުކުރެއްވިގެން ނުވެއެވެ.)) ކީރިތި ރަސޫލާ ﷺ ގެ ސުންނަތަށް ބަލާއިރު އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. ((إِنَّمَا الأَعْمَالُ بِالنِّيَّات، وإَنمَا لكل امْرِئٍ مَا نَوَى [2]– ހަމަކަށަވަރުން ޢަމަލުތައް އޮތީ ނިޔަތުގެ މަތީގައެވެ. އަދި ހަމަކަށަވަރުން ކޮންމެ މީހަކަށް އެމީހަކު ނިޔަތްގަން ގޮތަކަށް އެކަމެއް ލިބިގެންވެއެވެ.)) ނިޔަތް ގަންނަންޖެހޭނީ ހިތުންނެވެ. ދުލުން ކިޔުމަކީ ޝަރްޠެއް ނޫނެވެ. ޖުމްހޫރުން ވިދާޅުވާ ގޮތުގައި ދުލުން ކިޔުމަކީ ސުންނަތެކެވެ.

ރޭގަނޑު ނިޔަތްގަތުމަށްފަހު ކައިފިނަމަ ނުވަތަ ރޯދަ ގެއްލޭ ފަދަ ކަމެއްކޮށްފިނަމަ އަލުން ނިޔަތްގަންނަން ޖެހޭނެ ހެއްޔެވެ؟ ޝާފިޢީން ވިދާޅުވާ ގޮތުގައި އަލުން ނިޔަތް ގަންނާކަށް ނުޖެހޭނެއެވެ. މާލިކީންވެސް ބުރަވެވަޑައިގަންނަވަނީ މިގޮތަށެވެ. އެކަމަކު ބައެއް ދަންނަ ބޭކަލުން ވިދާޅުވާ ގޮތުގައި ރޭގަނޑު ނިޔަތްގަތުމަށްފަހު ރޯދަ ގެއްލޭ ފަދަ ކަމެއް ކޮށްފިނަމަ އަލުން ނިޔަތް ގަންނަންޖެހޭނެއެވެ.

ރޭގަނޑުގެ ވަގުތެއްގައި ނިޔަތް ގަތުން

މި މަސްއަލާގައި ޢިލްމުވެރިން ރައުޔު ތަފާތެވެ.

ހ- ވާޖިބު ރޯދައަކަށް ވިޔަސް، ސުންނަތް ރޯދައަކަށް ވިޔަސް، ނަދުރުރޯދައަކަށް ވިޔަސް، ޤަޟާކުރާ ރޯދައަކަށް ވިޔަސް އަނެއް ދުވަހު ރޯދަ ހިފުމަށްޓަކައި ރޭގަނޑު ނިޔަތްގަތުމަކީ ރޯދަ ޞައްޙަވުމުގެ ޝަރްޠެކެވެ. މިބޭކަލުން ވިދާޅުވާ ގޮތުގައި، ރޭގަނޑު ނިޔަތް ނުގަންނަ މީހާގެ ރޯދަ ޞައްޙަވާނެ ކަމަށް ބުނާ ނައްޞެއްނެތެވެ.

ށ- ފަރްޟު ރޯދަ ހިފާއިރު ރޭގަނޑު ނިޔަތްގަންނަން ޖެހޭނެއެވެ. އެކަމަކު ސުންނަތް ރޯދައެއް ހިފާއިރު ރޭގަނޑު ނިޔަތްގަތުން ލާޒިމެއް ނޫނެވެ. މިއީ ޝާފިޢީންނާއި ޙަންބަލީންގެ ރައުޔެވެ. މިއީ އަބުއްދަރްދާއާއި އިބްނު މަސްޢޫދާއި ޙުޛައިފަތާއި ސަޢީދު ބުނިއްމުސައްޔަބާއި ސަޢީދުބްނިލްޖުބައިރާއި ނަޚްޢީގެ ރައުޔެވެ. މިބޭކަލުންގެ ދަލީލަކީ ކީރިތި ރަސޫލާ ﷺގެ ބަސްފުޅު ((مَنْ لَمْ يُبَيِّتِ الصِّيَامَ مِنَ اللَّيْلِ فَلاَ صِيَامَ لَهُ[3]– ރޭގަނޑުގެ ވަގުތެއްގައި ނިޔަތާއެކު ރޭނުކުރި މީހާއަށް، ފަހެ ރޯދައެއް ނެތެވެ.)) މިބޭކަލުން ވިދާޅުވާ ގޮތުގައި ސުންނަތް ރޯދަ ހިފާއިރު ރޭގަނޑު ނިޔަތްގަންނާކަށް ނުޖެހޭނެއެވެ. އަދި ޢައްޔަން ކުރާކަށްވެސް ނުޖެހޭނެއެވެ. އެދުވަހުގެ މެންދުރުވުމުގެ ކުރިން ރޯދައަށް ހުރުމަށް ނިޔަތްގަނެވިދާނެއެވެ. މިކަމުގެ ދަލީލަކީ، އެއް ދުވަހަކު ކީރިތި ރަސޫލާ ﷺ ޢާއިޝަތުގެފާނަށް ހަދީސްކުރެއްވިއެވެ. [ނާސްތާ ކުރައްވާނެ އެއްޗެއް ކަމަނާގެ އަތްޕުޅުގައި އެބަހުރި ތޯއެވެ؟ އެކަމަނާ ނެތޭ ދެންނެވުމުން ހަދީސްކުރެއްވިއެވެ. އެހެންވިއްޔާ ތިމަންކަލޭގެފާނު މިހުންނެވީ ރޯދަފުޅަށެވެ.][4]

ނ- ޛިއްމާއާ ގުޅިފައިވާ ރޯދައެއް ހިފާނަމަ (މިސާލަކަށް ނަދުރު ރޯދައެއް ނުވަތަ ކައްފާރާ ރޯދައެއް ނުވަތަ ރަމަޟާންމަހުގެ ޤަޟާ ރޯދައެއް ހިފާނަމަ) ރޭގަނޑު ނިޔަތްގަންނަން ޖެހޭނެއެވެ. އެކަމަކު ޛިއްމާއާ ގުޅިފައިނުވާ ޢައްޔަންވެގެންވާ ރޯދައެއް ހިފާނަމަ (މިސާލަކަށް ރަމަޟާންމަހުގެ ރޯދައެއްނަމަ) ރޭގަނޑު ނިޔަތްގަންނާކަށް ނުޖެހޭނެއެވެ. [5] މިއީ ޙަނަފީ މަޛްހަބެވެ. ޢައްޔަން ވެގެންވާ ރޯދަތައް ހިފާއިރު ނިޔަތާއެކު ރޭކުރަން ނުޖެހޭނެ ކަމަށް ވިދާޅުވާ ބޭކަލުންގެ ދަލީލަކީ އިބްނު ޢައްބާސްގެފާނުގެ އަރިހުން ވާރިދުވެފައިވާ މި ޙަދީޘެވެ.

އިބްނު ޢައްބާސް ވިދާޅުވާގޮތުގައި ޝައްކު ދުވަހުގެ ހެނދުނުގެ ވަގުތެއްގައި ރަށްފުށުގެ މީހަކު އައިސް ހަނދު ފެނުނު ކަމަށް ހެކިބަސްދިނެވެ. އެހިނދު ކީރިތި ރަސޫލާ ﷺ ޙަދީޘް ކުރެއްވިއެވެ. ﷲ ފިޔަވައި އެހެން އިލާހަކު ނުވާ ކަމަށާއި ތިމަން ކަލޭގެފާނަކީ ﷲގެ ރަސޫލާ ކަމަށް ތިބާ ހެކިވަން ހެއްޔެވެ؟ އޭނާ، އާދޭހޭ، ދެންނެވުމުން ޙަދީޘްކުރެއްވިއެވެ. الله أكبر، މުސްލިމުންގެ ތެރެއިން އެކަކު ފުދެއެވެ. މިހެން، ޙަދީޘްކުރައްވާ ރޯދަފުޅުހިއްޕެވިއެވެ. އަދި މުސްލިމުންނަށް ރޯދަ ހިފުމަށް އަމުރުކުރެއްވިއެވެ. އަދި ރަށުތެރެއަށް ގޮވާ މީހަކު ފޮނުއްވިއެވެ. އޭނާ ގޮވައިލިއެވެ. ކައިގެން ހުރި މީހަކުނަމަ ބާކީ އޮތްބައިގައި ނުކާހުށިކަމެވެ. ނުކައިހުރި މީހެއްނަމަ ފަހެ ރޯދަހިފާށެވެ.][6]

ރ- ރަމަޟާންމަހުގެ ފުރަތަމަ ދުވަހުއްސުރެ ރޯދަ ހިފަމުން އަންނަ މީހަކަށް ނިޔަތް އައުކުރާކަށް ނުޖެހޭނެއެވެ. މިއީ ބައެއް ދަންނަ ބޭކަލުންގެ ރައުޔެވެ. އެކަމަކު ބަލި މީހަކު ނުވަތަ ދަތުރުވެރިއަކު ބައެއް ދުވަސްދުވަހު ރޯދަހިފާފައި އަނެއްބައި ދުވަސްދުވަހު ރޯދަ ނުހިފާނަމަ ރޯދަހިފާ ދުވަސްދުވަހަށް ރޯދަހިފުމަށް ނިޔަތް ގަންނަން ޖެހޭނެއެވެ.

ބ- މުޅި ރަމަޟާން މަހު ރޯދަހިފުމަށް ފުރަތަމަ ރޭ ނިޔަތް ގަތުން: މިއީ މާލިކީ މަޛްހަބުގައި ހުއްދަކަމެކެވެ. އެބޭކަލުން ވިދާޅުވާ ގޮތުގައި ރަމަޟާންމަހުގެ ރޯދައަކީ އެންމެ އަޅުކަމެކެވެ. އެމަހުގެ އަޅުކަން އެތައް ދުވަހަކަށް ދެމިގެންދިޔަސް އެއީ ހަމަ އެންމެ އަޅުކަމެކެވެ. މާތްﷲ ރޯދަހިފުން ފަރްޟު ކުރައްވާފައި ވަނީ ރަމަޟާންމަހުގައެވެ. އެއީ ޙައްޖު ފަދަ އަޅުކަމެކެވެ. ޙައްޖުގެ ތަފާތު މަނާސިކުތައް އަދާކުރާއިރު ނިޔަތްގަންނާކަށް ނުޖެހެއެވެ. އެހެންކަމުން މުޅި މަހުގައި ރޯދަހިފުމަށް ފުރަތަމަރޭ ނިޔަތް ގަނެވިދާނެއެވެ. އެހެނަސް، ޝާފިޢީން ވިދާޅުވާ ގޮތުގައި ހިފާ ކޮންމެ ރޯދައަކަށް ނިޔަތްގަންނަން ޖެހޭނެއެވެ. އެހެނީ ކޮންމެ ރޯދައަކީ މުސްތަޤިއްލު ވާޖިބެކެވެ. އެބޭކަލުން ވިދާޅުވާ ގޮތުގައި ރަމަޟާން މަހުގައި ރޯދައެއް ގެއްލުމުން ޤަޟާ ކުރާނީ މުޅި މަހުގެ ރޯދަތަކެއް ނޫނެވެ. އެކަމަކު ގެއްލުނު ރޯދައަކަށް ރޯދައެކެވެ. މިތާނގައި ބުރަވެވޭ ރައުޔަކީ ޝާފިޢީންގެ ރައުޔެވެ.

ޅ- ރަމަޟާންމަހުގެ ރޯދައަށް ނިޔަތެއް ބޭނުމެއް ނުވެއެވެ. އައްޒުހްރީއާއި ޢަޠާއުއާއި ޒުފަރު ވިދާޅުވާ ގޮތުގައި ރަމަޟާންމަހު ރޯދަހިފުމަށްޓަކައި ނިޔަތަކަށް ބޭނުމެއް ނުވެއެވެ. ރޯދަ ގެއްލޭ ކަންތައްތަކުން ދުރުހެލިވެގެން ހުރުމުން އެ ރޯދަ ޞައްޙަވާނެއެވެ.

ކ- ޑރ. ޤަރްޟާވީގެ ރައުޔު: ނިޔަތަކީ ދުލުން ކިޔަންޖެހޭ އެއްޗެއް ނޫނެވެ. އެހެންކަމުން ނިޔަތަކީ މަސްއަލައެއް ނޫނެވެ. އެއީ އެކަމާމެދު ހާސްވެ ކަންބޮޑުވާންޖެހޭ ފަދަ ކަމެއްނޫނެވެ. ހާރުކެއުމަކީ ނިޔަތެވެ. ހާރު ކެއްކެއްކުމަކީ ނިޔަތެވެ. ހާރުކާން އެއްޗެހި ހޯދުމަކީ ވެސް ނިޔަތެވެ. ހޭނުލެވިގެން ހާރުނުކެވުނަސް އަދި ނިޔަތް ނުގަނެވުނަސް ރޯދަ ޞައްޙަވާނެއެވެ. މާދަމާ ރޯދަ ވީއްލުމަށްޓަކައި ކަންތައްތައް ތައްޔާރުކުރުމަކީވެސް ނިޔަތެވެ.

[1]– البينة: 5

[2]– متفق عليه

[3]– رواه البخارى و البيهقى والدارقطنى والدارمى و مالك والنسائى

[4]– رواه الدار قطنى

[5]–  އެކަމަކު ޙަނަފީ މަޛްހަބުގެ އިމާމެއް ކަމުގައިވާ ޒުފަރު ވިދާޅުވާ ގޮތުގައި ރަމަޟާންމަހުގެ ރޯދަ ޞައްޙަވުމަށްޓަކައި ނިޔަތަކަށް ބޭނުމެއްނުވާނެއެވެ. އެއީ އެމަހުގެ ދުވަސްތަކުގައި ރޯދަހިފުން ޢައްޔަން ވާތީއެވެ.

[6]– އިބްނު މަވްދޫދުލް މޫޞަލީ

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *