Support Us

މުއުމިނާގެ ޙަޔާތުގައި ވުޟޫގެ ދައުރު

ތިބާ ވުޟޫކުރާއިރު ތިބާގެ ގައިން ވެއްޓިގެންދާ ވަޟޫގެ [1] ކޮންމެ ފެން ތިއްކަކާއެކު ތިބާގެ ފާފަތައް ފުހެވިގެންދާނެކަން އެނގުމުން ތިބާގެ ހިތަށް ފިނިކަމާއި ހިތްހަމަޖެހުމެއް ނުވަންނާނެ ހެއްޔެވެ؟

ތިބާގެ ވުޟޫއާ އެކު ތިބާގެ ޙަޔާތުން މުޅިން އައު ޞަފްޙާއެއް ހުޅުވިގެންދާނެކަން އެނގުމުން ތިބާގެ ހިތަށް ވެރިވާ ޝުޢޫރުތަކުން ތިބާއަށް ކުރާނެ އިޙްސާސްތައް ކިހާ މަތިވެރި ވާނެހެއްޔެވެ؟

ވުޟޫ ކުރުމުގެ ކުރިން ތިބާ ހުރި ޙާލަތަށް ވުރެ މޮޅު އިތުރު ޙާލަތަކަށް ތިބާގެ ޙާލަތު ބަދަލުވެގެންދާނެކަން އެނގުމުން ތިބާގެ ހިތަށް ވެރިވާނެ ޝުޢޫރުތައް ކިހާ މަތިވެރިވާނެހެއްޔެވެ؟

ވުޟޫގެ ހަތިޔާރުން ތިބާ ދަހަނާވެގެންދާ އިރު ތިބާގެ ނަފްސަށް ލިބޭނެ އަމާންކަން އެނގުމުން ހިތަށް ވެރިވާނެ ޝުޢޫރުތައް މަތިވެރި ނުވާނެހެއްޔެވެ؟

ވުޟޫ ކުރުމުން ތިބާގެ އަތަށް ނަމާދުގެ ތަޅުދަނޑި ލިބޭނެކަން އެނގުމުން ﷲގެ ޙަޟްރަތަށް ތިބާއަށް ވާޞިލުވެވޭނެކަމުގެ ޔަޤީންކަން ލިބޭނެތީ އެކަމާ ތިބާ ފަހެ އުފާ ނުވާނެހެއްޔެވެ؟

މިއީ ޙަޤީޤަތެވެ. ތޯތޯ ވާހަކަތަކެއް ނޫނެވެ. ލިޔުންތެރިއެއްގެ ގަލަމުން ލިޔާ ޚިޔާލީ ފޮލާއެއް ވެސް ނުމެ ނޫންމެއެވެ.

ރަމަޟާން މަހު ﷲގެ ދަރުބާރުގައި ވަގުތުތައް ހޭދަކުރާން ބޭނުންވާ މީހާއަށް ވުޟޫއަކީ ވަރަށް ވަރުގަދަ ހަތިޔާރެކެވެ.

ކީރިތި ރަސޫލާ ﷺ ގެ ބަސްފުޅުތައް އަޑު އައްސަވާށެވެ.

ފާފަ ފުއްސެވުން

  • ވަޟޫގެ ފެނާއެކު ފާފަތައް ނުކުމެގެން ދިޔުން: ކީރިތި ރަސޫލާ ﷺ ޙަދީޘް ކުރައްވަނީ ((إِذَا تَوَضَّأَ الْعَبْدُ الْمُسْلِمُ، أَوِ الْمُؤْمِنُ فَغَسَلَ، وَجْهَهُ خَرَجَ مِنْ وَجْهِهِ كُلُّ خَطِيئَةٍ نَظَرَ إِلَيْهَا بِعَيْنَيْهِ مَعَ الْمَاءِ، أَوْ مَعَ آخِرِ قَطْرِ الْمَاءِ، فَإِذَا غَسَلَ يَدَيْهِ خَرَجَ مِنْ يَدَيْهِ كُلُّ خَطِيئَةٍ بَطَشَتْهَا يَدَاهُ مَعَ الْمَاءِ، أَوْ مَعَ آخِرِ قَطْرِ الْمَاءِ فَإِذَا غَسَلَ رِجْلَيْهِ خَرَجَ كُلُّ خَطِيئَةٍ مَشَتْهَا رِجْلاهُ مَعَ الْمَاءِ أَوْ آخِرِ قَطْرِ الْمَاءِ حَتَّى يَخْرُجَ نَقِيًّا مِنَ الذُّنُوبِ – فَقَالَ فِي حَدِيثِ أَحَدِهِمَا: فَيُمْضَمْضُ وَيَسْتَنْشِقُ وَيَسْتَنْثِرُ إِلاَّ خَرَجَتْ خَطَايَا فَمِهِ وَخَيَاشِمِهِ مَعَ الْمَاءِ وَفِيهِ مِنَ الزِّيَادَةِ: ثُمَّ يَمْسَحُ رَأْسَهُ إِلاَّ خَرَجَتْ خَطَايَا رَأْسِهِ مِنْ أَطْرَافِ شَعْرِهِ مَعَ الْمَاءِ [2]– މުސްލިމު އަޅާ ނުވަތަ މުއުމިނު އަޅާ ވުޟޫކޮށް އޭނާގެ މޫނު ދޮވެފި ނަމަ އޭނާގެ ދެ ލޮލުން ބަލާފައިވާ ހުރިހާ ނުބައި ކަމެއްގެ ފާފަތައް ފެނާ އެކު ނުވަތަ ފެނުގެ އެންމެ ފަހު ތިއްކާ އެކު އޭނާގެ ދެ ލޮލުން ނުކުމެގެން ދާނެތެވެ. އޭނާ އޭނާގެ ދެ އަތް ދޮވެފި ނަމަ، އޭނާގެ ދެ އަތް ކޮށްފައިވާ ހުރިހާ އަނިޔާވެރިކަމެއްގެ ފާފަތައް ފެނާ އެކު ނުވަތަ ފެނުގެ އެންމެ ފަހު ތިއްކާ އެކު އޭނާގެ ދެ އަތުގެ ތެރެއިން ނުކުމެގެން ދާނެތެވެ. އޭނާ އޭނާގެ ދެ ފައި ދޮވެފި ނަމަ، އޭނާގެ ދެ ފައި ހިނގައިފައި ގޮސް ކޮށްފައިވާ ހުރިހާ ނުބައި ކަމެއްގެ ފާފަތައް ފެނާ އެކު ނުވަތަ ފެނުގެ އެންމެ ފަހު ތިއްކާ އެކު އޭނާގެ ދެ ފައިގެ ތެރެއިން ނުކުމެގެންދާނެތެވެ. އޭނާ ކުށް ފާފަތަކުން ސާފުވެގެންވާ ޙާލުގައި ބޭރުވެއްޖައުމަށް ދާނދެނެވެ.)) އެހެން ޙަދީޘްފުޅެއްގައި އައިސްފައި ވެއެވެ. "އަނގަ ދޮވެ ނޭފަތަށް ފެންލައި ނޭފަތުގެ ހިނދުރި ތެރެއަށް ފެން ފޯރުވައިފި ނަމަ، އަނގައާއި ނޭފަތުގެ ހިނދުރީގެ ފާފަތައް ނުކުމެދާ ހުށްޓެވެ." މި ޙަދީޘުގެ އެހެން ރިވާޔަތެއްގައި ވެއެވެ. "ދެން އޭނާގެ ބޮލުގައި ފެން ފުހެފި ނަމަ ފެނާ އެކު ބޮލުގެ ފާފަތައް އޭނާގެ އިސްތަށިތަކުގެ ކޮޅުން ނުކުމެދާ ހުށްޓެވެ."
  • ކީރިތި ރަސޫލާ ﷺ ޙަދީޘް ކުރައްވަނީ "مَنْ تَوَضَّأَ فَأَحْسَنَ الْوُضُوءَ خَرَجَتْ خَطَايَاهُ مِنْ جَسَدِهِ حَتَّى تَخْرُجَ مِنْ تَحْتِ أَظْفَارِهِ [3]– މީހަކު ވުޟޫކޮށް އެ ވުޟޫ ފުރިހަމަކޮށްފިނަމަ، އޭނާގެ ކުށް ފާފަތައް އޭނާގެ ހަށިގަނޑުން ބޭރުވެ އޭނާގެ ނިޔަފަތިތަކުގެ ދަށުން ނުކުންނާނެތެވެ.))

ދަރަޖަ އުފުއްލެވުމުގެ ސަބަބެއް

ވުޟޫ ފުރިހަމަކޮށް ރިވެތިކޮށް ކުރުމަކީ ﷲގެ ޙަޟްރަތުގައި އޭނާގެ ދަރަޖަ އުފުއްލިގެންދާނެ ކަމެކެވެ. ކީރިތި ރަސޫލާ ﷺ ޙަދީޘް ކުރެއްވިއެވެ. ((أَلاَ أَدُلُّكُمْ عَلَى مَا يَمْحُو اللَّهُ بِهِ الْخَطَايَا وَيَرْفَعُ بِهِ الدَّرَجَاتِ ». قَالُوا: بَلَى يَا رَسُولَ اللَّهِ قَالَ:« إِسْبَاغُ الْوُضُوءِ عَلَى الْمَكَارِهِ، وَكَثْرَةُ الْخُطَا إِلَى الْمَسَاجِدِ، وَانْتِظَارُ الصَّلاَةِ بَعْدَ الصَّلاَةِ، فَذَلِكُمُ الرِّبَاطُ[4] -ﷲ ތިޔަބައިމީހުންގެ ފާފަތައް ފުއްސަވާދެއްވައި ތިޔަބައިމީހުންގެ ދަރަޖަތައް އުފުއްލަވާނެ ކަމެއް ފަހެ އަންގަވައި ދެއްވަން ހެއްޔެވެ؟ އަޞްޙާބުން ދެންނެވިއެވެ. އާދޭހެވެ! އޭ ﷲގެ ރަސޫލާއެވެ! ޙަދީޘް ކުރެއްވިއެވެ. އެއީ ބުރަކަމާ އެކުގައި ވެސް ވުޟޫ ފުރިހަމަކޮށް ރިވެތިކޮށް ކުރުމާއި، ގިނަ ފިޔަވަޅުތަކެއް މަތީގައި މިސްކިތަށް ދިޔުމާއި، އެއް ނަމާދަށް ފަހު އަނެއް ނަމާދަށް އިންތިޒާރު ކުރުމެވެ. ފަހެ އެއީ ރިބާޠެވެ.))

އިސްލާމީ އުއްމަތް ވަކިކޮށްދޭ ޚާއްޞަ ޢަލާމަތެއް

ކީރިތި ރަސޫލާ ﷺ ޙަދީޘް ކުރެއްވިއެވެ. ((إِنَّ أُمَّتِي يُدْعَوْنَ يَوْمَ الْقِيَامَةِ غُرًّا مُحَجَّلِينَ مِنْ آثَارِ الْوُضُوءِ فَمَنْ اسْتَطَاعَ مِنْكُمْ أَنْ يُطِيلَ غُرَّتَهُ فَلْيَفْعَلْ [5]– ހަމަކަށަވަރުން ޤިޔާމަތް ދުވަހުން ތިމަންކަލޭގެފާނުގެ އުއްމަތަށް ގޮވައިލެވޭނީ އެމީހުންގެ މޫނުތަކާއި އަތްފައިތައް އަލިވެ އުޖާލާވެފައިވާ ޙާލުގައެވެ. ފަހެ، ތިޔަބައިމީހުންގެ ތެރެއިން ޣުއްރަތު [6] ދިގުކުރުމަށް ކުޅަދާނަކަން ލިބިގެންވާ މީހާ ފަހެ، ޣުއްރަތު ދިގުކުރާ ހުށިކަމެވެ."

މުއުމިނާގެ ގަހަނާ

މާތްﷲއަށް އީމާންވި ޞާލިޙު އަޅުން ސުވަރުގެ ވެއްދެވުމަށް ފަހު އެބައިމީހުން ރިވެތި ހެދުމާއި ގަހަނާއިން ޒީނަތްތެރި ކޮށްދެއްވާނެތެވެ. ކީރިތި ޤުރްއާނުގެ ވަރަށް ގިނަ އާޔަތްތަކެއްގައި މި ވާހަކަތައް އައިސްފައިވެއެވެ. މާތްﷲ ވަޙީ ކުރެއްވިއެވެ. ((‏يُحَلَّوْنَ فِيهَا مِنْ أَسَاوِرَ مِن ذَهَبٍ[7]– އެތާނގައި ރަނުގެ އުޅާތަކުން އެއުރެންގައި ގަހަނާ އަޅުއްވާނެތެވެ.)) އަދި ވެސް ވަޙީ ކުރެއްވިއެވެ. ((يُحَلَّوْنَ فِيهَا مِنْ أَسَاوِرَ مِن ذَهَبٍ وَلُؤْلُؤًا[8]– އެއުރެން އެތާނގައި ރަނުގެ އުޅާތަކުންނާއި، މުތީތަކުން ގަހަނާ އަޅުއްވާހުށްޓެވެ.)) ރިވެތި ގޮތުގައި ވުޟޫކޮށް ވުޟޫއަށް ރައްކައުތެރިވި މީހުން މި ވުޟޫގެ ސަބަބުން ވުޟޫކުރި ހިސާބާއާ ހަމައަށް ގަހަނާ ވެގެން ދާނެއެވެ. ކީރިތި ރަސޫލާ ﷺ ޙަދީޘް ކުރެއްވިއެވެ. ((تَبْلُغُ حِلْيَةُ الْمُؤْمِنِ حَيْثُ يَبْلُغُ الْوُضُوءُ[9]– ވުޟޫގެ ފެން ފޯރި ހިސާބާ ހަމައަށް މުއުމިނާގެ ގަހަނާ ވާޞިލުވާނެތެވެ.))

ސުވަރުގެ ވަދެވޭ ސަބަބުތަކުގެ ތެރޭގައި ވުޟޫ ހިމެނުން

މާތް ﷲ އެކަލާނގެ އަޅުންނަށްޓަކައި ބިނާކޮށްދެއްވާފައިވާ ސުވަރުގެ ވަދެވޭނެ އެތައް ޢަމަލުތަކެއް ވެއެވެ. އޭގެ ތެރޭގައި ވުޟޫ ކުރުމާއި ވުޟޫ މަތީގައި ދެމިހުރުން ވެއެވެ. ކީރިތި ރަސޫލާ ﷺ ޙަދީޘް ކުރައްވަނީ ((مَنْ تَوَضَّأَ فَأَحْسَنَ الْوُضُوءَ، ثُمَّ قَالَ: أَشْهَدُ أَنْ لاَ إِلَهَ أَلا اللَّهُ وَحْدَهُ لاَ شَرِيكَ لَهُ وَأَنَّ مُحَمَّدًا عَبْدُهُ وَرَسُولُهُ، فُتِحَتْ لَهُ أَبْوَابِ الْجَنَّةِ يَدْخُلُ مِنْ أَيِّهَا شَاءَ[10]– ވުޟޫކޮށް އެ ވުޟޫ ފުރިހަމަ ކުރުމަށް ފަހު، أَشْهَدُ أَنْ لاَ إِلَهَ أَلا اللَّهُ وَحْدَهُ لاَ شَرِيكَ لَهُ وَأَنَّ مُحَمَّدًا عَبْدُهُ وَرَسُولُهُ، ކީ މީހާ ބޭނުން ދޮރުކޮޅަކުން ސުވަރުގެ ވަނުމަށްޓަކައި ސުވަރުގޭގެ ދޮރުކޮޅުތައް ހުޅުވައިލެވޭނެތެވެ.))

އީމާންކަމުގެ ޢަލާމަތެއް

ވުޟޫއަށް ރައްކައުތެރިވުމަކީ މުއުމިނުންގެ ސިފައެކެވެ. ވުޟޫ މަތީގައި ދެމިހުރުމުގެ ސަބަބުން ﷲގެ މަތިން އޭނާއަށް ހަދުމަކުރެވޭނެތީއެވެ. މިހެންވެ، ކީރިތި ރަސޫލާ ﷺ ޙަދީޘް ކުރައްވަނީ ((اعْلَمُوا أَنَّ مِنْ أَفْضَلِ أَعْمَالِكُمُ الصَّلاةُ، وَلا يُحَافِظُ عَلَى الْوُضُوءِ إِلا مُؤْمِنٌ[11]– ތިޔަބައިމީހުން ކުރާ އެންމެ މާތް ޢަމަލަކީ ނަމާދުކަން ދަންނާށެވެ! އަދި މުއުމިނަކު މެނުވީ ވުޟޫއަށް ރައްކައުތެރި ނުވާނެތެވެ.))

ފިޠުރަތުގެ ކަމެއް

ވުޟޫއަކީ މުސްލިމުންގެ ފިޠުރަތުގެ ތެރޭގައި ހިމެނޭ ކަމެކެވެ. ކީރިތި ރަސޫލާ ﷺ މިކަން ބަޔާން ކޮށްދެއްވަމުން ޙަދީޘް ކުރައްވަނީ ((عَشْرٌ مِنَ الْفِطْرَةِ: قَصُّ الشَّارِبِ، وَإِعْفَاءُ اللِّحْيَةِ، وَالسِّوَاكُ، وَالاسْتِنْشَاقُ بِالْمَاءِ، وَقَصُّ الأَظْفَارِ، وَغَسْلُ الْبَرَاجِمِ، وَنَتْفُ الإِبِطِ، وَحَلْقُ الْعَانَةِ، وَانْتِقَاصُ الْمَاءِ[12]– ފިޠުރަތުގެ ތެރޭގައި ހިމެނޭ ދިހަކަމެއް ވެއެވެ. އެއީ: މަތިމަސް ކޮށުމާއި ތުނބުޅި ބެހެއްޓުމާއި، ދަތްއުގުނޅުމާއި ވުޟޫކުރާއިރު އަނގަ ދޮވުމާއި ނިޔަފަތި ކެނޑުމާއި، ދެ އިނގިލި ދެމެދުގައިވާ ތަންތާނގައި ފެން ޖެއްސުމާއި، ކިހިލިފަތީގެ އިސްތަށިތައް ބޭލުމާއި، ނިވާމަގު އިސްތަށިތައް ބޭލުމާއި، ފެން އިސްރާފު ނުކޮށް ޤާޟާޙާޖަތް ކުރުމެވެ.)) ދިހަވަނަ ކަމަކީ ނޭފަތުގެ ހިނދުރި ތެރެއަށް ފެންލައި ދޮވުން ކަމަށް މުޙައްދިޘުން ވިދާޅުވެފައިވެއެވެ.

[1]  – ވަޟޫ އަކީ ވުޟޫ ކުރާން ބޭނުންކުރާ ފެން

[2]  – رواه مسلم والبيهقى واالترمذى والدارمى وأحمد وابن خزيمة

[3] – رواه البيهقى والطبرانى

[4] – رواه مسلم والبيهقى وابن خزيمة والترمذى وابن حبان

[5] – أخرجه البخاري (١٣٦) ومسلم (٢٤٦)

[6]  – ޢަރަބި ބަހުގައި ޣުއްރތުގެ މާނައަކީ މޫނުގެ އަލިކަމާއި ދޮންކަމެވެ. ފަޤީހުންގެ އިޞްޠިލާޙުގައި ޣުއްރަތުގެ މާނައަކީ މޫނު ދޮންނައިރު ދޮވުން ވާޖިބުވެގެންވާ މިންވަރަށްވުރެ އިތުރަށް މޫނުންނާއި ކަރު ދޮވުމެވެ.

[7] – الكهف :31

[8] – الحج : 23

[9] -رواه النسائى

[10]  – رواه البيهقى

[11]  – رواه ابن ماجه والبيهقى والطبرانى وأحمد

[12] – رواه مسلم والبيهقى وأحمد وأبو داود وابن ماجه والترمذى وأبو يعلى

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *