Support Us

ރަމަޟާން މަސް އިޙްޔާކުރާނީ ކިހިނެއް؟

ރަމަޟާންމަހަކީ އެމަހުގައި މުއުމިނުން އަދާކުރާކުރާ ހެޔޮ ޢަމަލުތަކުގެ ސަވާބު އިތުރުކޮށްދެއްވާ މަހެކެވެ. ކީރިތި ރަސޫލާ ﷺ ގެ ބަސްފުޅުތަކުން އެނގޭ ގޮތުގައި މި މަހުގައި ސުންނަތްކަމެއް ކުރުމަކީ އެހެން މަސްމަހުގައި ފަރްޟުކަމެއް ކުރުން ފަދަ (ސަވާބު ބޮޑު) ކަމެކެވެ. މި މަހުގައި ފަރްޟު ކަމެއް ކުރުމަކީ އެހެން މަހެއްގައި ހަތްދިހަ ފަރްޟު އަދާކުރުމާ އެއްފަދަ ކަމެކެވެ. އެއީ ރަމަޟާންމަހުގެ ޝަރަފާއި މާތްކަމަށްޓަކައި މާތްﷲ ލައްވަވާފައިވާ ޚާއްޞަ މީޒަތެކެވެ.

ރަމަޟާންމަހުގައި ސުވަރުގޭގެ ދޮރުކޮޅުތައް ހުޅުއްވަވައެވެ. ނަރަކައިގެ ދޮރުތައް ބަންދުކުރައްވައެވެ. އަދި ކޮންމެ ދުވަހަކު ގޮވައިލާ މީހަކު ގޮވައިލާނެއެވެ. އޭ ހެޔޮކަންތައް ކުރަންް އެދޭ މީހާއޭވެ! އެކަމަށް ކުރިމަތިލާށެވެ! އޭ! ނުބައިކަންތަކަށް ކުރަން އެދޭ މީހާއޭވެ! ތިބާ އެކަމަށް ފުރަގަސްދޭށެވެ! ރަމަޟާންމަހުގެ ކޮންމެ ރެއަކު މާތްﷲ ނަރަކައިން އެތައް ބަޔަކު މުއްތިކުރައްވާނެއެވެ. މިހެންވެ، ކޮންމެ މުއުމިނަކުވެސް ރަމަޟާންމަހު އެމީހަކަށް ކުޅަދާނަވެގެންވީ މިންވަރަކުން ހެޔޮ ކަންތައްތައް ކުރަން މަސައްކަތް ކުރަންވާނެއެވެ. ހެޔޮކަންތައް ކުރުމަށް ވަގުތުކޮޅެއް ހޯދަންވާނެއެވެ.

1– ތަރާވީޙު ނަމާދު: ރަމަޟާންމަހުގައި ކުރެވިދާނެ ހެޔޮ ކަންތައްތައް ވަރަށް ގިނައެވެ. ބައެއް ކަންތައްތަކަކީ އެ ކަންތައްތައް ކުރުމަށް ދީން ގޮވައިލާ ކަންތައްތަކެކެވެ. އޭގެތެރޭގައި ތަރާވީޙުނަމާދު ހިމެނެއެވެ. މި ނަމާދަށް قيام الليل އޭ ކިޔެއެވެ. ކީރިތި ރަސޫލާ ﷺ ޙަދީޘްކުރައްވަނީ ((مَنَ قامَ رَمَضانَ إيمانًا واحْتِسابًا، غُفِرَ له ما تَقَدَّمَ مِن ذَنْبِهِ[1] – މާތްﷲ އަށް އީމާންވެ އެކަލާނގެ ޙަޟްރަތުން ސަވާބު އަދައިގެން ރަމަޟާންމަހުގެ ރޭތަކުގައި އަޅުކަންކުރި މީހާގެ އިސްވެދިޔަހާ ފާފަތައް ފުއްސަވާދެއްވާނެއެވެ.)) ރަމަޟާންމަހުގެ ރޭތަކުގައި އަޅުކަންކުރުމުގެ މަނައަކީ "ޤިޔާމުއް ލައިލި" އެވެ. ނުވަތަ ތަރާވީޙު ނަމާދެވެ.

2- ކީރިތިޤުރްއާން ކިޔެވުން ގިނަކުރުމާއި ކީރިތިޤުރްއާން އުނގެނުން އިތުރުކުރުނ : ރަމަޟާންމަހަކީ ކީރިތިޤުރްއާނުގެ މައްސަރެވެ. އެހެނީ ޤުރްއާން ބާވައިލެއްވީ ރަމަޟާންމަހުގައެވެ. ކީރިތި ރަސޫލާ ﷺ ޖިބްރީލުގެފާނާ އެކު ރަމަޟާންމަހުގައި ކީރިތިޤުރްއާން މުދާރަސާ ކުރެއްވިއެވެ. މިއީ އަޅުގަނޑުމެން ތަބާވާންވީ މަގެވެ.

ކީރިތިޤުރްއާން ކިޔެވުމާއި ކީރިތިޤުރްއާން ކިޔަވާ އަޑުއެހުމަކީ އަޅުކަމެކެވެ. މިހެންވެ، ރަމަޟާންމަހުގައި ކީރިތިޤުރްއާން ކިޔެވުމަކީ މާތްﷲގެ ޙަޟްރަތާ ކުއްތަންވުމަށްޓަކައި އަދި ރަމަޟާންމަސް އިޙްޔާކޮށް ދިރުވުމަށްޓަކައި ކުރަން އޮތް އެންމެ މާތް އެއް އަޅުކަމެވެ. ކީރިތި ރަސޫލާ ﷺ ޙަދީޘްކުރެއްވިއެވެ. ((إنَّ هَذَا القًرْآنَ مَأْدُبَةُ اللهِ فَتَعَلَّمُوا مِنْ مَأْدُبَتِهِ مَا اسْتَطَعْتُمْ[2]– ހަމަކަށަވަރުން މި ޤުރްއާނަކީ ﷲގެ ސުފުރާކޮޅެކެވެ. ފަހެ، ﷲގެ ސުފުރާކޮޅުން ތިޔަބައިމީހުންނަށް ކުޅަދާނަވެގެންވީ މިންވަރަކަށް އުނގެނޭށެވެ.))

ކީރިތި ރަސޫލާ ﷺ ޙަދީޘް ކުރައްވާ ގޮތުގައި މުސްލިމުންނާ ފިތުނަތަކަކާ ކުރިމަތިވާނެއެވެ. މި ފިތުނަތަކުން ސަލާމަތްވުމަށް އޮތް މަގަކީ ކޮބައިތޯ ދެންނެވުމުން ކީރިތިޤުރްއާނުގައި ހިފެހެއްޓުމަށް އެކަލޭގެފާނު އެންގެވިއެވެ.

މީގެ އިތުރަށް އެކަލޭގެފާނު ޙަދީޘްކުރައްވަނީ ތިމަންކަލޭގެފާނު މިދުނިޔެ ދޫކުރައްވާ މިވަޑައިގަންނަވަނީ ތިޔަބައިމީހުންނަށްޓަކައި ދޭއްޗެއް ދޫކުރައްވައިފައެވެ. އޭގެ ތެރެއިން އެކައްޗަކީ ކީރިތިޤުރްއާނެވެ. އަނެކައްޗަކީ ތިމަންކަލޭގެފާނުގެ ސުންނަތެވެ. މި ދޭތީގައި ތިޔަބައިމީހުން ހިފަހައްޓައިގެން ތިބިހާ ދުވަހަކު ތިޔަބައިމީހުން މަގު ގެއްލެނިވެގެން ނުދާނެއެވެ.

ޤުރްއާން ކިޔެވުމުގެ މާތްކަމާ ބެހޭގޮތުން ކީރިތި ރަސޫލާ ﷺ ޙަދީޘްކުރައްވަނީ ކީރިތިޤުރްއާނުން ކިޔަވާ ކޮންމެ އަކުރަކަށް ހެޔޮކަމެއް ލިބިގެންވެއެވެ. ކޮންމެ ހެޔޮކަމަކަށް ދިހަ ސަވާބު ދެއްވާނެއެވެ. الم އަކީ އެންމެ އަކުރެއް ނޫނެވެ. އެކަމަކު އަލިފަކީ އަކުރެކެވެ. ލާމަކީ އަކުރެކެވެ. މީމަކީ އަކުރެކެވެ.

ކީރިތިޤުރްއާނުގެ އަހްލުވެރިންނަކީ މާތްﷲގެ އަހްލުންނެވެ. ކީރިތި ރަސޫލާ ﷺ ޙަދީޘްކުރައްވަނީ ހިތަކީ ދަގަނޑު ގޮތަށް ދަބަރުޖަހާ އެއްޗެކެވެ. ހިތުގައި ޖަހާ ދަބަރު ސާފުކުރާނީ ކިހިނަކުންތޯ ދެންނެވުމުން ކީރިތި ރަސޫލާ ﷺ ޙަދީޘްކުރެއްވީ ޤުރްއާން ކިޔަވައިގެންނާއި މަރުމަތިން ހަނދާންކޮށްގެންނެވެ.

މީހެއްގެ ހިތް ކީރިތިޤުރްއާނުގެ ކަންވާރަކަށް ވެއްޖެނަމަ މާތްﷲ އެމީހަކަށް ޤިޔާމަތް ދުވަހުން ޢަޛާބެއް ނުދެއްވާނެއެވެ. އިބްނު މަސްޢޫދު ވިދާޅުވާ ގޮތުގައި ޤުރްއާން ދެކެ ލޯބިވާ މީހާ ދެކެ މާތްﷲ ލޯބިވެވޮޑިގަންނަވާނެއެވެ.

ޢަމްރު ބްނުލް ޢާޞް ވިދާޅުވާ ގޮތުގައި "ޤުރްއާނުގެ ކޮންމެ އާޔަތަކަށް ސުވަރުގޭގައި ދަރަޖައެއް ވެއެވެ. އަދި ތިޔަބައިމީހުންގެ ގޭގައި ކޮންމެ އާޔަތަކަށް ބައްތިއެއްވެއެވެ."

  • މާތްﷲ އަށް ދުޢާކުރުން: ރަމަޟާންމަހަކީ މާތްﷲ އަށް ދުޢާކުރުން އެންމެ އަވްލާކަން ބޮޑު މޫސުމެވެ. ރަމަޟާން މަހަކީ ސުވަރުގޭގެ ދޮރުކޮޅުތައް ހުޅުވިފައިވާ ފޯވައްސެކެވެ. ރަމަޟާންމަހަކީ ދުޢާ އިޖާބަކުރައްވާ ދުވަސްތަކެއްކަން ބަޔާންކޮށްދެއްވަމުން ކީރިތި ރަސޫލާ ﷺ ޙަދީޘްކުރައްވަނީ ((ثَلَاثَةٌ لَا تُرَدُّ دَعْوَتُهُمْ الْإِمَامُ الْعَادِلُ وَالصَّائِمُ حِينَ يُفْطِرُ وَدَعْوَةُ الْمَظْلُومِ[3] ތިން މީހެއްގެ ދުޢާ އިޖާބަނުކުރައްވާ ރައްދުނުކުރައްވާނެތެވެ. ޢަދްލުވެރި އިމާމުގެ ދުޢާއާއި ރޯދަވެރިޔާ ރޯދަވީއްލާ އިރު ކުރާ ދުޢާއާއި ބޭއިންސާފުން އަނިޔާ ލިބެމުންދާމީހާގެ ދުޢާއެވެ."

އެހެން ބަސްފުޅެއްގައި ވެއެވެ. ((إِنَّ لِلصَّائِمِ عِنْدَ فِطْرِهِ لَدَعْوَةً مَا تُرَدُّ- [4] ހަމަކަށަވަރުން ރޯދަވެރިޔާ އަށް، ރޯދަވީއްލާ އިރު، ރައްދުނުކުރައްވާނެ ދުޢާކުރުމެއްް ލިބިގެންވެއެވެ.))

މާތްﷲ ރަމަޟާންމަހުގެ ރޯދަޔާ ބެހޭގޮތުން ބާވައިލެއްވި އާޔަތްތަކުގެ މެދުތެރޭގައި އެކަލާނގެ އަޅުންނަށް، އެކަލާނގެއަށް ދުޢާ ދެންނެވުމަށް އަންގަވައިފާވެއެވެ. މި ބަސްފުޅުން އެގެނީ ރަމަޟާންމަހަކީ ރޯދަވެރިޔާގެ ދުޢާ އިޖާބަކުރައްވާނެ ވަގުތެއްކަމެވެ. އެއީ ރޯދައިގެ ސަބަބުން އުފެދިފައިވާ  ރޫޙާނީ ޖައްވުގެ ސަބަބުންނެވެ. އަޅުވެރިކަމާއި ތަޤްވާވެރިކަމުގެ ޖައްވުގެ ސަބަބުންނެވެ.

  • ޛިކްރު ކުރުން: ރަމަޟާންމަސް އިޙްޔާކޮށް ދިރުވުމަށްޓަކައި ޛިކްރުކުރުމަކީ އެންމެ ރަނގަޅު އެއް އަޅުކަމެވެ. ރަމަޟާންމަހަކީ ޛިކްރުކުރުމަށް އެންމެ އެކަށީގެންވާ މޫސުން ކަމުގައިވާތީއެވެ. ރަމަޟާންމަހު ރޯދަ ހިފުމުގެ ޙިކްމަތަކީ މާތްﷲ އެންގެވި ފަދައިން ތަޤްވާވެރިވުން ކަމުގައިވާތީއެވެ. ކީރިތި ޤުރްއާނާއި ކީރިތި ރަސޫލާ ﷺގެ ސުންނަތުގައި ތަޤްވާވެރިވުމަށް އެތައް ފަހަރަކު ގޮވައިލައްވާފައިވެއެވެ. ތަޤްވާވެރިކަމަކީ މާތްﷲގެ އަމުރުފުޅަށް ކިޔަމަންވުމަށްޓަކައި ގަދައަޅައި މަސައްކަތް ކުރުމެވެ.

ތަޤްވާވެރިވުމުގެ މޭވާތަކުގެ ތެރޭގައި ޛިކްރުކުރުން ހިމެނެއެވެ. ތަޤްވާވެރިވުމަށް އެހީވެދޭކަންތައްތަކުގެ ތެރޭގައި ވެސް ޛިކްރުކުރުން ހިމެނެއެވެ. މާތްﷲ އަށް ޛިކްރުކުރުމަށް ވަރަށް ގިނަ އާޔަތްތަކެއްގައި އަންގަވައިފާވެއެވެ. މާތްﷲ ވަޙީކުރެއްވިއެވެ. ((يٰأَيُّهَا الَّذينَ ءامَنُوا اذكُرُوا اللَّهَ ذِكرًا كَثيرًا [5]އޭ އީމާންވެެއްޖެ މީސްތަކުންނޭވެ! ގިނަވެގެންވާ ޛިކްރުކުރުމަކުން، ތިޔަބައިމީހުން ﷲ އަށް ޛިކްރުކުރާށެވެ!" އެހެން އާޔަތެއްގައި ވަޙީކުރެއްވިއެވެ. ((فَاذكُرونى أَذكُركُم [6]– ފަހެ، ތިޔަބައިމީހުން ތިމަންރަސްކަލާނގެ ހަނދުމަ (ޛިކްރު) ކުރާށެވެ. އޭރުން ތިމަންރަސްކަލާނގެ ތިޔަބައިމީހުން ހަނދުމަކުރައްވާހުށީމެވެ!))

އެހެން އެއްވެސް ފަރާތެއްގެ ހިޔާވަހިކަން ނުވާ ދުވަހު، ޤިޔާމަތްދުވަހު، މާތްﷲގެ ހިޔާވަހިކަން ލިބޭނެ މީހުންގެ ތެރޭގައި މާތްﷲ އަށް އެކަހެރި ޙާލަތުގައި ޛިކްރުކޮށް މާތްﷲ ދެކެބިރުން ރޮއި ކަރުނަ އޮހޮރުވި މީހުން ހިމެނެއެވެ.

މާތްﷲގެ މަތިން ހަނދުމަކުރާ މީހުންގެ މަޖްލިސްތަކަކީ ﷲގެ ރަޙްމަތް ލިބިގެންވާ މަޖްލިސްތަކެކެވެ. ޤުދްސިއްޔަ ޙަދީޘެއްގައި މާތްﷲ ވަޙީކުރައްވަނީ "ޖަމާޢަތެއްގައި ތިމަންރަސްކަލާނގެ ހަނދުމަކުރި މީހާގެ މަތިން  ތިމަންރަސްކަލާނގެ، މަތިވެރިވެގެންވާ އުޑުތަކުގެ ޖަމާޢަތްތަކުގައި، ހަނދުމަފުޅުކުރައްވާހުށީމެވެ!"

މާތްﷲގެ ޙަޟްރަތުގައި އެންމެ ލޮބުވެތިކަން ބޮޑު ޢަމަލަކީ ކޮބައިތޯ ދެންނެވުމުން ކީރިތި ރަސޫލާ ﷺ ޙަދީޘް ކުރެއްވީ އެއީ "މާތްﷲ ހަނދުމަކޮށް ތިބާގެ ދޫ ތެމިގެންވާ ޙާލު ތިބާ މަރުވުމެވެ."

ކީރިތި ރަސޫލާ ﷺ ޙަދީޘްކުރައްވާ ގޮތުގައި މާތްﷲ އަށް ޛިކްރުކުރާ މީހާއާއި ޛިކްރު ނުކުރާމީހާގެ މިސާލަކީ، "ދިރިހުރި މީހަކާއި މަރުވެފައިވާ މީހެއްގެ މިސާލެވެ."

ކީރިތި ރަސޫލާ ﷺ އުއްމު އައިމަނަށް ސިފަކޮށްދެއްވި ގޮތުގައި "ސުވަރުގޭގެ ބަގީޗާތަކަކީ މާތްﷲ އަށް ޛިކްރުކުރާ މަޖްލިސްތަކެކެވެ."

 

[1] – أخرجه البخاري (٣٧)، ومسلم (٧٥٩)

[2]  – البيهقي في (الشعب رقم 1985) و الطبراني في (الكبير رقم 8646)

-[3]  – رواه الترمذى وابن ماجه و  أحمد والبيهقى وابن حبان وابن خزيمة

[4] – رواه ابن ماجه

[5]  –  الأحزاب : 41

[6]  –  البقرة : 152

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *