Support Us

ރަމަޟާން މަސް- ޖިހާދުގެ މަސް

ރޯދަވެރިންނަކީ މުޖާހިދުންތަކެކެވެ. ޤުރްބާނީގެ އުއްމަތަކަށް ނިސްބަތްވާ ބައެކެވެ. ކީރިތިޤުރްއާނުގެ ހިޔާވަހިކަމުގައި ދިރިއުޅޭ ބަޔެކެވެ. ކީރިތި ރަސޫލާ ﷺ ގެ މަދްރަސާއިން ކިޔަވައިގެން ތިބި ބަޔެކެވެ. އެމީހުންގެ އެންމެ ބޮޑު އުއްމީދަކީ މާތްﷲގެ މަގުގައި މަރުވުމެވެ. ޝަހާދަތުގެ ރަން މެޑެލި ލިބޭތޯއެވެ.

ރޯދައަކީ ރޫހާނީ ބާރުގެ މަޞްދަރެކެވެ. އެއީ ޢަމަލަށާއި މަސައްކަތަށް ގޮވައިލާ ފަރީޟާއެކެވެ. މާތް ﷲ ރޯދަ ފަރްޟު ކުރެއްވީ މުސްލިމުންނަށް ސާބިތުކަމާއި ޢަޒްމު ވަރުގަދަކަން ދެއްވުމަށް ޓަކައެވެ. އިސްލާމީ ތާރީޚުގެ ފަތްފުށްތަކުން އަޅުގަނޑުމެންނަށް މި ކަން ފެނެއެވެ. ރަމަޟާން މަސްތަކުގައި މުސްލިމުން ވަނީ ބޮޑެތި ކާމިޔާބީތަކަކާއި ނަޞްރުތަކެއް ހޯދައިފައެވެ.

އެހެނަސް ހިތާމައަކީ މިއަދުގެ ރަމަޟާންތަކާ ކުރީ ޒަމާނުގެ ރަމަޟާންތައް ތަފާތުކަމެވެ. މިއަދު ރަމަޟާންތައް އަންނަމުން ދާއިރު އިސްލާމީ އުއްމަތުގެ ހަށިގަނޑުގެ ބައެއް ތަންތަނުން ދަނީ ލޭ އޮހޮރުވެމުންނެވެ. އިސްލާމީ އުންމަތުގެ ޢަދުއްވުން ވަނީ މި ހަށިގަނޑުގެ ބައެއް ގުނަވަންތަކަށް ޚަންޖަރު ހަރައިފައެވެ. ފަލަސްޠީނުގެ ހަށިގަނޑުގެ ފުން ޒަޚަމުތަކުން ލޭ އޮހޮރުން ހުއްޓުމަކަށް ނާދެއެވެ. އެމީހުންގެ ބިމުގެ ބޮޑު ބައި އެ ވަނީ ޞިހްޔޫނީން ފޭރިގަންފައެވެ. ޞިހްޔޫނީން ފަލަސްޠީނުގެ މިސްކީނު ރައްޔިތުންނާ ދެކޮޅަށް ތަފާތު ބާވަތްތަކުގެ ޙަމަލާތައް ދެމުންދާތަން ފެނިގެން އިސްލާމީ ޤައުމުތައް އެމީހުންގެ ދިފާޢުގައި ތެދުވެފައިވާ ތަނެއް ނުފެނެއެވެ. ހަމަ އެފަދައިން ކަޝްމީރަކީ ވެސް ދުޝްމަނުންގެ އަނިޔާވެރިކަން ތަޙައްމުލު ކުރަމުންދާ އިސްލާމީ އުންމަތުގެ ބައެކެވެ. މުޔަންމާރުގެ ރޮހިންގާ މުސްލިމުންނަކީ ވެސް ހަމަ މިފަދަ ގުނަވަނެކެވެ. މިފަދަ އެތައް މިސާލުތަކެކެވެ. އެއް ގުނަވަނުން އޮހެރޭ ލޭ ނުހިކެނީސް އަނެއް ގުނަވަނުން ލޭ ދަނީ އޮހޮރުވަމުންނެވެ. މުސްލިމުން މަރައި ކުދިކުދިކޮށް ފޮތިފޮތިކުރަމުންދަނީ އެއްވެސް އިންސާނިއްޔަތު ކަމެއް ރަޙްމެއް ނެތިއެވެ. ބޭނުންކުރުން މަނާކަމަށް އެމީހުން ބުނާ ހަތިޔާރުތައް މުސްލިމުންނާ ދެކޮޅަށް ބޭނުންކުރާތަން ފެންނަނީ މަދެއްކޮށް ނޫނެވެ. ކޯޅި ބޮމާއި ވެކިޔޫމު ބޮމާއި ވިސްނުންތޫނު ބޮމާއި ގަބު ބޮމާއި ޒަމާނީ ހަތިޔާރާއި ބޯދާ ހަތިޔާރުތަކެވެ.

އިންޑިއާގެ މަގުތަކުގައި މުސްލިމުންނަށް ހަމަލާދީ އަނިޔާކުރަނީ

އެހެނަސް މުސްލިމުންގެ ޖިހާދުތަކުގައި ފެންނަނީ މުޅިން ތަފާތު މަންޒަރުތަކެކެކެވެ. ބަދްރު ހަނގުރާމައަކީ ރަމަޟާންމަހުގެ ބުޠޫލަތްތަކުގެ ތެރޭގައި އެންމެ ފާހަގަކުރެވޭ ބުޠޫލަތެވެ. މިއީ މުސްލިމުންނާ މުޝްރިކުންގެ ފުރަތަމަ ކުރިމަތިލުމެވެ. މިއީ މުސްލިމުން އިސްވެ ކުރި ހަނގުރާމައެއް ނޫނެވެ. ޙައްޤާއި ބާޠިލު ވަކިވެގެންދިޔަ މި ދުވަހު މުސްލިމުންނަށް މާތްﷲ މި ދެއްވި މަތިވެރި ނަޞްރުގެ ސަބަބުން އިސްލާމީ ދައުލަތަށް ދެ ފައިމައްޗަށް ތެދުވެވުނެވެ. މުޝްރިކުންގެ ބޮޑެތި ޒަޢީމުން މަރުވެގެން ދިޔައެވެ. މި ހަނގުރާމައިގައި އަސީރުވި މީހުންނާމެދު ކީރިތި ރަސޫލާ ﷺ ޢަމަލު ކުރެއްވި އޯގާވެރިކަން ނިކަން ދެކެބަލާށެވެ. އެމީހުން އަތުން ފިދްޔަ ނަންގަވައިފައި އެމީހުން ދޫކޮށްލެއްވީއެވެ.

ރަމަޟާން މަހުގެ ޖިހާދުގެ ތެރޭގައި މައްކާ ފަތަޙަކުރުން ވެއެވެ. އެދުވަހު މުސްލިމުން މުޝްރިކުންގެ ހިތްތައް ހުޅުވިއެވެ. ލޯތްބާއި އޯގާވެރިކަމުންނެވެ. ބަދަލުހިފުމެއް ނެތި އެމީހުންގެ ކުށްތަކަށް ކީރިތި ރަސޫލާ ﷺ ދެއްވި ދީލަތި މާފުންނެވެ. އިންސާނީ ޙައްޤުތަކުގެ ވާހަކަ ދައްކާ މީހުން ކޮބައިތޯއެވެ؟

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *