Support Us

ރަމަޟާން މަސް– ﷲގެ ނޫރާނީ ގަސް

ރަމަޟަންމަހުގެ ރޯދައަކީ އިންސާނާއަށް ލިބިގެންވާ މޮޅު ދަނޑެކެވެ. އެ ދަނޑުގައި އިންދާ ކޮންމެ އޮށަކުން ނުކުންނަ މަލަކީ، ހެދިބޮޑުވެ ފޮނި މޭވާތައް ގަންނަ ގަހެކެވެ. ރަމަޟަންމަހުގައި ކުރާ ކޮންމެ ހެޔޮ ޢަމަލަކީ އޭގެ ސަވާބު އެތައް ގުނައަކަށް އިތުރުކޮށް ދެއްވާނެ ކަމެކެވެ. ކީރިތި ރަސޫލާ ﷺ ގެ ބަސްފުޅުތަކުން އެނގޭ ގޮތުގައި އެމަހުގައި ކުރާ ކޮންމެ ސުންނަތް ކަމަކަށް މާތް ﷲ ދެއްވާ ސަވާބު އެހެން މަހެއްގައި އަދާކުރާ ފަރްޟުކަމަކާ އެއްވަރެވެ.

ކީރިތި ޤުރްއާނުގެ ކޮންމެ އަކުރަކަށް، މާތްﷲ ދިހަ ސަވާބު ދެއްވައެވެ. އެއީ ދިހަ ހެޔޮ ކަންކަމުގައި ޢަދަދު ކުރައްވަތެވެ. ސުވަރުގޭގެ މޭވާތަކުން ދިހަ މޭވާ ލިބޭނެތެވެ. ކީރިތި ރަސޫލާ ﷺ ޙަދީސް ކުރެއްވިއެވެ. (مَنْ قَرَأَ حَرْفًا مِنْ كِتَابِ اللَّهِ فَلَهُ بِهِ حَسَنَةٌ وَالْحَسَنَةُ بِعَشْرِ أَمْثَالِهَا لَا أَقُولُ الم حَرْفٌ وَلَكِنْ أَلِفٌ حَرْفٌ وَلَامٌ حَرْفٌ وَمِيمٌ حَرْفٌ [1] – ﷲގެ ފޮތުން އަކުރެއް ކިޔެވިމީހާއަށް ހެޔޮކަމެއް ލިބިގެން ވެއެވެ. ކޮންމެ ހެޔޮ ކަމަކަށް އެ ފަދަ ދިހަ ހެޔޮކަން ހުށްޓެވެ. الم އަކީ އެންމެ އަކުރެކޭ ތިމަންކަލޭގެފާނު ވިދާޅެއް ނުވާނަމެވެ. އެކަމަކު أَلِفٌއަކީ އަކުރެކެވެ. لَامٌއަކީ އަކުރެކެވެ. އަދި مِيمٌއަކީ އަކުރެކެވެ.) މި ހެޔޮކަން ރަމަޟާން މަހުގެ ހުކުރު ދުވަސްތަކުގައި އެތައް ގުނައަކަށް އިތުރު ކުރައްވާނެއެވެ. އަދި ލައިލަތުލްޤަދްރި ވިލޭރޭގައި މި ހެޔޮކަން ތިރީސް ހާހަށް އިތުރު ކުރައްވާނެތެވެ.

ކީރިތި ޤުރްއާނަކީ މި ފަދަ ދީލަތި ފޮތެކެވެ. އެއީ ނޫރާނީ ގަހެކެވެ. މިއީ މޭވާ ހުސްވުމެއް ނެތް ގަހެކެވެ. މިހެންވެ، މި ގަހުން ރޯދަވެރިއާއަށް  ބޭނުން ވަރަކަށް މޭވާ ބިނދެވިދާނެއެވެ. މަސައްކަތްކޮށްފި ނަމަ އެތައް މިލިޔަނަކަށް އިތުރު ކުރެވިދާނެއެވެ. އޮތީ ހިތްވަރު ކުރުމެވެ. ރަމަޟާން މަހުގެ ނޫރާނީ ގަސް ކައިރިއަށް ގޮސް އިޚްލާޞްތެރިކަމާއެކު މި ގަހަށް އެރުމެވެ.

މި މުޤައްދަސް ބާޒާރާ މެދު ވިސްނައިލަމާތޯއެވެ؟ މި ބާޒާރު ހުޅުވިފައިވާ ވަގުތު ބާޒާރުކޮށްލަން ނުދާ މީހުންނާ މެދު ވެސް ވިސްނައިލަމާތޯއެވެ! ކިހާ ބޮޑު ގެއްލުމެއްތޯއެވެ؟ ރަމަޟާން މަސް އައިސް ދާއިރު އެ މަހުގެ ނިޢުމަތްތަކާއި ނަފްޙާތުތަކުން މަޙްރޫމުވި މީހާއަކީ ހުރިހާ ހެވަކާއި ލާބައަކުން މަޙްރޫމުވެގެންވާ މީހެއްކަމަށް ކީރިތި ރަސޫލާ ސިފަކުރެއްވީ މިހެންވެގެންނެވެ. ކީރިތި ރަސޫލާ ﷺ ޙަދީސް ކުރެއްވިއެވެ. ((رَغِمَ أَنْفُ رَجُلٍ دَخَلَ عَلَيْهِ رَمَضَانُ ثُمَّ انْسَلَخَ قبْلَ أَنْ يغْفَرَ لَهُ[2] -ރަމަޟާން މަހާ ބައްދަލުވެ އެ މަސް ފާއިތުވެގެންދާއިރު ފާފަ ފުހެވިގެން ނުދިޔަ މީހާއަށް ހަލާކު ހުށްޓެވެ!)) މިހެންވެ މުއުމިނުންގެ މައްޗަށް އޮތީ ﷲގެ ޙަޟްރަތާ ކުއްތަންވުމަށް މަސައްކަތްކުރުމެވެ. ރޯދަ ހިފުމުގެ ތައުފީޤު ދެއްވުމަށް އެދި ﷲގެ ޙަޟްރަތަށް  ދުޢާކުރުމެވެ. ރަމަޟާން މަހުގެ ރޭތައް ޤިޔާމުންނާއި ޤުރްއާން ކިޔެވުމާއި ﷲއަށް ޛިކްރުން ފަދަ ހެޔޮ ޢަމަލުތަކުން ދިރުވާ އާރާސްތު ކުރުމަށް މަސައްކަތް ކުރުމެވެ.މި މަސް ނިމޭއިރު އަޅުގަނޑުމެންނަކީ މާތްﷲ ނަރަކައިން މުއްތި ކުރައްވައިފައިވާ މީހުންގެ ތެރޭގައި ލައްވަވާތޯއެވެ.    ރަމަޟާން މަހަކީ  ވަރަށް ފަސްގަނޑު މޮޅު ބިމެކެވެ. މި ބިމުގައި ނެހެއްދޭނެ އެއްޗެއް ނެތެވެ. ދުނިޔޭގެ ދަނޑުބިންތަކާ ޚިލާފު ބިމެކެވެ. ރަމަޟާން މަހު މި ބިމުގެ ކާދަކީ އިޚްލާޞްތެރިކަމެވެ. މިހެންވެ ރަސޫލުﷲގެފާނު ޙަދީޘްކުރެއްވިއެވެ. ((مَنْ صَامَ رَمَضَانَ إِيمَانًا وَاحْتِسَابًا غُفِرَ لَهُ مَا تَقَدَّمَ مِنْ ذَنْبِهِ[3]– މާތްﷲއަށް އީމާންވެ، އެކަލާނގެ ވަޖްހުފުޅު އަދައިގެން ރަމަޟާން މަހު ރޯދަހިފި މީހާގެ އިސްވެދިޔަހާ ފާފަތައް ފުއްސަވާދެއްވާނެތެވެ.))

މާތްﷲ އެކަލާނގެ އަޅުންގެ މައްޗަށް ރޯދަ ފަރްޟު ކުރެއްވީ އެބައިމީހުންގެ ޙައިވާނީވަންތަކަމުން ބޭރަށް ނެރުއްވުމަށްޓަކައެވެ. ކެއުން ބުއިމާއި ޝަހްވަތްތަކުގެ ސަބަބުން ޣަފްލަތްތެރިކަމުގެ ތެރެއަށް ވެއްޓިގެން ދިޔުމާ ދުރުހެލިވުމަށް ތަމްރީނު ދެއްވުމަށްޓަކައެވެ. އެބައިމީހުންގެ ރޫޙާނީވަންތަކަން މަތިވެރިކުރެއްވުމަށްޓަކައެވެ. އެބައިމީހުން، މަލާއިކަތުންގެ ސިފަފުޅުތަކުން ކުޑަ ވަގުތުކޮޅަކަށް ނަމަވެސް ޒީނަތްތެރި ކުރެއްވުމަށްޓަކައެވެ. ޙައިވާނިއްޔަތުކަމުގެ ޢަލަމުން ބޭރުވެ މަލާއިކިއްޔަތުކަމުގެ ޢާލަމަށް ވަނުމަށްޓަކައެވެ. ނުވަތަ އުޚްރަވީ ޝަޚްޞަކަށް އޭނާ ބަދަލު ކުރެއްވުމަށްޓަކައެވެ.

ރަމަޟާން މަހުގެ ބަރަކާތުން ރޯދަވެރިއާ މި ފަނާވަނިވި ދުނިޔެއިން، އުޚްރަވީ ސަރްމަދީ ޙަޔާތަކަށް ގެންގޮސްދެއެވެ. މި ކުރު ޙަޔާތުން،  ދާއިމީ ޙަޔާތަކަށް ގެންގޮސްދެއެވެ. މި ވީރާނާވަނިވި ޢުމުރުން ، ނިމުމެއް ނެތް ޢުމުރަކަށް ގެންގޮސްދެއެވެ. އެންމެ ރަމަޟާނަކުން ރޯދަވެރިއާއަށް އަށްޑިހައަހަރުގެ ބުރަ ޢަމަލުގެ މޭވާއާއި ފޮނިކަން ލިބުމަކީ މިއީއެވެ. ކީރިތި ޤުރްއާނުގެ ނައްޞުން މި ކަން އެނގެއެވެ. ލައިލަތުލް ޤަދްރި ވިލޭރެއަކީ އެއް ހާސް މައްސަރު ނޫންތޯއެވެ.

 

[1] – مسند الصحابة في الكتب الستة : 26 / 21

[2]  – أخرجه مسلم (٢٥٥١) والترمذي (٣٥٤٥)، وأحمد (٧٤٥١) والبخاري في «الأدب المفرد» (٦٤٦)

[3] – متفق عليه

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *