Support Us

ޙަޤީޤީ ރޯދަވެރީންނަކީ ކޮބާ!- 2

އިއްޔެގެ ލިޔުމުގައި ދެންނެވި ފަދައިން ޙަޤީޤީ ރޯދަވެރިޔާ އޭނާގެ މުޅި ހަށިގަނޑުން ރޯދަހިފާނެއެވެ. އަޅުގަނޑުމެންގެ ސަލަފުން ވަނީ މިކަން ރަނގަޅަށް ދެނެވަޑައިގެންފައެވެ. ރަމަޟާން މަހަކީ އެބޭކަލުނަގެ އަރިހުގައި ބޮޑުވެގެންވާ ޣަނީމާއެކެވެ. މި ޣަނީމާއިން ވީހާ ބޮޑު ޙިއްޞާއެއް ޙާޞިލުކުރެއްވޭތޯ  އެއްބޭކަލަކު އަނެއްބޭކަލަކާ ވާދަކުރެއްވިއެވެ. ކީރިތި ރަސޫލާ ﷺ ޙަދީޘްކުރެއްވިއެވެ. ((أَتَاكُمْ رَمَضَانُ، شَهْرٌ مُبَارَكٌ، فَرَضَ اللَّهُ عَزَّ وَجَلَّ عَلَيْكُمْ صِيَامَهُ، تُفْتَحُ فِيهِ أَبْوَابُ السَّمَاءِ، وَتُغْلَقُ فِيهِ أَبْوَابُ الْجَحِيمِ، وَتُغَلُّ فِيهِ مَرَدَةُ الشَّيَاطِينِ، لِلَّهِ فِيهِ لَيْلَةٌ خَيْرٌ مِنْ أَلْفِ شَهْرٍ، مَنْ حُرِمَ خَيْرَهَا فَقَدْ حُرِمَ [1]ތިޔަބައިމީހުންގެ ގާތަށް ރަމަޟާން މަސް އަތުވެއްޖެއެވެ. އެއީ ބަރަކާތްތެރި މަހެކެވެ. ﷲ ޢައްޒަ ވަ ޖައްލަ އެ މަހުގައި ރޯދަހިފުން  މާތްﷲ ތިޔަބައިމީހުން މައްޗަށް ފަރްޟު ކުރެއްވިއެވެ. އެމަހުގައި އުޑުގެ ދޮރުތައް ހުޅުވެއެވެ. އަދި ޖަޙީމުގެ ދޮރުތައް ބަންދު ކުރެވެއެވެ. އަދި މާރިދު ޝައިޠާނުން ކަސްތޮޅު އެޅުވެއެވެ. އަދި އެ މަހުގައި އެއް ހާސް ރެއަށްވުރެ ހެޔޮކަން ބޮޑު ރެއެއް ވެއެވެ. އެ މަހުގެ ހެޔޮކަމުން މަޙްރޫމުވި މީހާ ހުރިހާ ހެޔޮކަމަކުން މަޙްރޫމުވެއްޖެކަން ކަށަވަރެވެ.))

ރަމަޟާންމަހުގައި އަޅުގަނޑުމެންގެ ތެރޭގައި  ފެންނަމުންދާ އާދަކާދަތަކެއްވެއެވެ. މީގެ ތެރެއިން ބައެއް އާދަތަކަކީ ޖީލުތަކުން ޖީލުތަކަށް ވާރުތަވަމުން އައިސްފައިވާ އާދަކާދަތަކެކެވެ. އޭގެ ތެރޭގައި އިސްލާމްދީނާ ޚިލާފު ކަންތައްތަކެއް ވާކަން ކަށަވަރެވެ. އަނެއްބައި އާދަތަކަކީ އިސްލާމީ ކުލައެއް ޖައްސާފައިވާ އެކަމަކު އިސްލާމްދީނާ ގުޅުމެއް ނެތް އާދަތަކެކެވެ. ތިންވަނަ ބާވަތަކީ އިސްލާމީ އަޞްލު އުޞޫލުތަކުގައި ހިމެނޭ ކަންތައްތަކެކެވެ.

ބައެއް މީހުން ދެކޭގޮތުގައި ރޯދައަކީ ދުޅަހެޔޮކަން ލިބިގަތުމަށް އޮތް ވަސީލަތެކެވެ. ރޯދައަކީ ބަލިމަޑުކަމުން ސަލާމަތްވުމަށް އޮތް ފަރުވާއެކެވެ. ރަމަޟާންމަހުގެ ދުވަސްތަކަކީ ޕްރިސްކްރިޕްޝަނެކެވެ. ތިރީސް ނުވަތަ އޮނަތިރީސް ކެޕްސޫލް ހިމެނޭ ބޭސްސިޓީއެކެވެ. ކޮންމެ ދުވަހަކު ރޯދައިގެ ކެޕްސޫލެއް ކައިލަންވީއެވެ. ރޯދައިގެ އަޚްލާޤިއްޔާތާއި ރޯދައިގެ އަދަބުތަކާ އެއްވެސް ގުޅުމެއް ނެތެވެ. އެކަމަކަށްޓަކައި މާތްﷲ ރޯދަ ފަރްޟުކުރެއްވި ޙިކްމަތާ އެއްވެސް ގުޅުމެއްނެތެވެ.

އަނެއްބަޔަކު ދެކޭގޮތުގައި ރޯދައަކީ ރޯދަގެއްލޭ ކަންތައްތަކުން ދުރުހެލިވެގެން ހުރުމެވެ. މި ގޮތަށް ނުކައިނުބޮއި ހުރުމުން އޭނާގެ ޒިންމާ އަދާކުރެވުނީއެވެ.

މި ދެބާވަތުގެ މީހުން ހިފާ ރޯދައަކީ ޙަޤީޤީ ރޯދަޔާ އެއްވެސް ގުޅުމެއް އޮތް ރޯދައެއް ނޫނެވެ. ކީރިތި ރަސޫލާ ﷺ ޙަދީޘްކުރެއްވިއެވެ. ((ليسَ الصِّيامُ منَ الأَكْلِ والشُّربِ، إنَّما الصِّيامُ منَ اللَّغوِ والرَّفثِ[2] ރޯދަހިފުމަކީ ހަމައެކަނި ކައި ނުބޮއި ހުރުމެއް ނޫނެވެ. އެކަމަކު ރޯދަހިފުމަކީ ހަޑިހުތުރުބަސްތަކުންނާއި ހަޑިހުތުރު ފާޙިޝްޢަމަލުތަކާ ދުރހެލިވެ ހުރުމެވެ.))

ކީރިތި ރަސޫލާ ﷺ ގެ މިބަސްފުޅުތަކުން އެގޭގޮތުގައި ރޯދަޔަށް އަދަބުތަކެއް ލިބިގެންވެއެވެ. ރޯދަޔަކީ މަތިވެރި ޙިކްމަތްތަކެއް ހިމެނޭ އަޅުކަމެކެވެ. އެއީ ހަމައެކަނި އެންމެ މަސްދުވަހެއްގެ ކަމެއްކަމުގައި ހަދައިގެންނުވާނެއެވެ. އެއީ ފުރިހަމަ ނިޒާމެއްގެ އަސާސު އޭގައި ހިމެނޭ އަޅުކަމެކެވެ.

ރޯދައަކީ ހުރިހާ މާތް ކަންތައްތަކަކަށް ގޮވައިލާ ކަމެކެވެ. ހުރިހާ ނުބައި ކަންތައްތަކަކާ ދުރުހެލިކުރުވާ އެއްޗެކެވެ. ކޮންމެ އުރެދުމަކުން ރައްކައުތެރިކޮށްދޭ އެއްޗެކެވެ.

ރޯދަވެރިއާ އަކީ ޒުވާބު ކުރާނެމީހެއް ނޫނެވެ. އަރާރުންވާނެމީހެއް ނޫނެވެ. ރުޅިއައިސްގެން އުޅޭނެ މީހެއް ނޫނެވެ.

ރޯދަވެރީންނަކީ ދޮގުހަދާނެ ބައެއްނޫނެވެ. އެމީހުން އަބުރަކާ ނުބެހޭނެއެވެ.

ރޯދަވެރީންނަކީ ލޮލާއި ބޮލާއި ކަންފަތާއި ހަށިގަނޑުގެ އެންމެހާ ގުނަވަންތަކުން ރޯދަހިފާ ބަޔެކެވެ. އެހެންކަމުން ރޯދަވެރީންނަކީ ނަމޫނާ ޙަޔާތެއްގެ ވެރި ބަޔެކެވެ. އެމީހުންގެ އެދުމަކީ ﷲގެ ރުއްސެވުމާއި ފުއްސެވުމެވެ. އެހެންވެ އެމީހުން މާތްﷲ އެންގެވި ފަދައިން ރަމަޟާންމަސް އިޙްޔާކޮށް  ދިރުވުމަށް މަސައްކަތްކުރާނެވެ. އޭނާ ރޯދަމަސް ހޭދަ ކުރާނީ ފަރްޟު ފަސްނަމާދާއި ތަރާވީޙުނަމާދާއި ކީރިތިޤުރްއާން ކިޔެވުމާއި ކީރިތިޤުރްއާނާ މެދު ވިސްނުމުގައެވެ.

ދުނިޔޭގެ އެދުންތަކަކީ އެމީހުންގެ ކުރިމަތީގައި ވަރަށް އަގެއްނެތް މުދަލެކެވެ. އެމީހުންގެ ގާތުގައި ދުނިޔެއަކީ މީރު ސުވައެކެވެ. ފިނިފެންފޮދެކެވެ. ނުވަތަ ވަގުތީ ޝަހްވަތެކެވެ. ނަމަވެސް ﷲގެ ޙަޟްރަތުގައިވާ ނިޢުމަތް މާބޮޑެވެ. އެއީ މީހެއްގެ ލޮލަށް ދުވަހަކުވެސް ފެނިފައިނުވާ، މީހެއްގެ ކަންފަތަށް  ދުވަހަކުވެސް އިވިފައިނުވާ، މީހެއްގެ ހިތަށް ދުވަހަކުވެސް ތަޞައްވުރު ނުކުރެވޭނެ މަތިވެރި ނިޢުމަތްތަކެކެވެ. މި ނިޢުމަތްތައް ލިބެން އޮތީ  މިދުނިޔޭގައި އެކަމަށްޓަކައި މަސައްކަތްކޮށްގެންނެވެ. މި ދުނިޔެއަކީ މަސައްކަތުގެ ގޮވެއްޗެވެ. އެކަމަކު އެ ދުނިޔެއަކީ މަސައްކަތުގެ ގޮވެއްޗެއް ނޫނެވެ. އެއީ ޖަޒާގެ ދުނިޔެއެވެ. ތިމާކުރި ޢަމަލެއްގެ ހިސާބު ބެލުމުގެ ދުނިޔެއެވެ. އެ މަސައްކަތަށް އިނާމު ލިބޭ ދުނިޔެއެވެ. އެ ދުނިޔެ އާރާސްތުކުރުމަށްޓަކައި މި ދުނިޔޭގައި ގަދައަޅައި މަސައްކަތްކުރަން ޖެހޭނެއެވެ.

[1] – أخرجه النسائي (٤/١٢٩)

[2]  – أخرجه ابن خزيمة (١٩٩٦)، وابن حبان (٣٤٧٩)، والحاكم (١٥٧٠)

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *