Support Us

ކޮލަމް ކަލާވެހި: އެމީހުން އެދައްކަނީ ހައްތާވެސް ރަނގަޅު ވާހަކައެވެ. އެކަމަކު…

އަޅުގަނޑަށްވެސް ހުވަފެނެއް ފެނެއެވެ. ހުވަފެނުގައި ބުނާއަޑު މިއިވެނީ، އެމީހުން އެދައްކަނީ ހައްތާވެސް ރަނގަޅު ވާހަކަޔޭ، އަޑުއަހާށޭއެވެ. އެކަމަކު…

މިހިރަ މިހިރަ އިވެނީ ވަރަށް ރަނގަޅު ވާހަކަތަކެކެވެ. އަޑުއަހައިލަން ފަސޭހަ ވާހަކަތަކެކެވެ. ކުރު އަދި ނުވިޔަސް، އެހައިމެ ފަށުއި، މާމުޔަށްވުރެ ފޮނި ވާހަކަތަކެވެ. މިރާއްޖެޔަށްވުރެ ޞިއްހީގޮތުން ގޮތުން ދުޅަހެއު ތަނެއް މުޅި ޢާލަމުގައިވެސް ނެތް ވާހަކަޔާއި، މީސްމީހުންގެ ޞިއްޙަތު އެޔާ އަރައިހަމަކޮށްގެން މި ނުއުޅެވެނީ ހަމަ އުޅެވޭ ގޮތުންނޭ ބުނެވޭ ވާހަކައެވެ!

އެމީހުން އެދައްކަނީ ހައްތާވެސް ރަނގަޅު ވާހަކައެވެ. އެކަމަކު…

ބިޑިޔާއި ސުއްޓާޔާއި ސިނިގިރޭޓަކީ އިންސާނާގެ ފުއްޕާމެޔަށް ހުރި ބޮޑު ހަލާކެއްކަމާއި ޞިއްޙަތަށް ހުރި ބިރުވެރި ނުރައްކަލެއްކަން ރޭޑިޔޯއިންނާއި ޓީވީއިން ގޮވަންޖެހިގެން ނަމަވެސް ބަޔަކު ގޮވައިނަގަނީއެވެ. ދިވެހީންގެ ތެރެއިން ގިނަ މީހުން ދުންފަތުގެ ބާވަތްތަކުން ސަލާމަތް ކޮށްދެއްވުމުގެ ނިޔަތުގައޭ މިކަން މިކުރަނީ ވިދާޅުވަމުން، ދުންފަތުގެ އެކި ބާވަތްތަކުން ފިސާރި ކަމާދާވަރަށް ޓެކްސް ވެސް ނަންގަވަނީއެވެ. ރާއްޖެޔަށް އެތެރެކުރާއިރު ފުރަތަމަ ފަހަރަށް، އަދި ގަނެ ވިކެވޭ ކޮންމެ ފަހަރަކު ފަށްކޮށްލައްވައިފައިވެސް މެއެވެ. ރަސްމީ އޮފީސްއޮފީހުގެ އެތެރޭގައްޔާއި، ޤާނޫނުގެ އަތް ފޯރާފަށުގައި ހުންނަ އުޅަނދުފަހަރާއި ދުއްވާ އެއްޗިހީގައި ދުންފަތުގެ އިސްތިޢުމާލު މުޅީން މަނާކުރައްވަނީވެސް އެހެންވެގެން ކަމަށް ބަޔާންކުރައްވަމުންނެވެ.

ކަން އޮންނަން ވާނީވެސް އެހެންނެވެ. ދުނިޔޭގެ ޞިއްޙަތާބެހޭ އެކި ވައްތަރުގެ މާހިރުން މިހައިރުވެސް ބުނަމުން އެ ގެންދަނީ ’ސެކަންޑްހޭންޑް ސްމޯކް‘އެއްގެ ވާހަކައެވެ. ބިޑިޔާއި ސުއްޓާޔާއި ސިނގިރޭޓު ބޯ މީހުން ބޮއިފައި ވަޔަށް ބުރުވައިލާ ދުމުން ގާތުގައި ތިބޭ އެހެން މީހުންގެ ދުޅަހެއުކަމަށްވެސް ނޭދެވޭ އަސަރު ކުރާނޭ ވާހަކައެވެ. އެހެންކަމުން، މީހުން ގިނައިން އެއްވެ އުޅޭ ތަންތަނުގައްޔާއި، ކުރީން މި ދެންނެވި ބާވަތުގެ އޮފީސްއޮފީހާއި އުޅަނދުފަހަރާއި ދުއްވާ އެއްޗިހީގައި މި ދެންނެވި ބާވަތްތައް ރޯކޮށްގެން އުޅުން އެހައި ހަރުކަށި ޢިބާރާތުން މަނާކުރައްވައި، މިތަނުގެ ޙަޤީޤަތް ތަކާ އެއްގޮތަށް، ވާން އޮތް ގޮތަކަށް ނަމަވެސް ތަންފީޒުކުރަން އެކަން ބޮލަރުވައިގެން ތިބި ބަޔަކާ ޙަވާލުވެސް ކުރެއްވެނީތާއެވެ!

އެހެން ނަމަވެސް، މާލެ ކަހަލަ ބައިބޯ، ތޮއްޖެހުން ބޮޑު ރަށްރަށުގެ މަގުމަތީގައި މާ ’ސްޓައިލް‘ ގޮތަކަށް ބިޑި، ސުއްޓާ، ސިނގިރޭޓު ބޮމުން ހިނގައިއުޅޭ ޒާތުގެ މީހުން އަދި އެޔަށްވުރެ ’ފެޝަން‘ކޮށް އެހެން މީހުންގެ މޫނަށް އެ ބުރުވައިލާ ދުންގަނޑުގަނޑުން ރެކެންއުޅެ، އެކަމުން ނާކާމިޔާބުވެގެން އެ ދާ މީހުންގެ ޞިއްޙަތާ މެދު އެއްޗެއް ބުނާނޭ މީހަކު ހަމަ ނެތީތޯއެވެ؟ ނޫނީ، ’ކަލޭގެ ނުފޯރާ ކަމެއް ނޫންހޭ ތިޔައިން ތިފެންނަނީ، ދުމުން ސަލާމަތް ވާން ބޭނުމިއްޔާ އަހަރެންވެސް މި ދުއްވާ ކަހަލަ އޭސީ ކާރެއް ގަނެލައިގެން، އެޔަށް އަރައިގެން، ތިޔަހަރަ އަޑިގުޑަން މަގުތަކުން ސަލާމަތްވެގެން އުޅެލަބަލާށޭ‘ ވިދާޅުވާ ޒާތުގެ ޒިންމާދާރު މަސްއޫލުވެރީން ގިނަވީ ތޯއެވެ؟

ހަމަ އެޔާއެކުވެސް، އެމީހުން އެދައްކަނީ ހައްތާވެސް ރަނގަޅު ވާހަކައެވެ. އެކަމަކު…

ރޭގަނޑު ހަމަނިދި ނުނިދައި، ތާއްޔާޖެހެން ފަށައިފިއްޔާ ކަޅު ކޮފީތައްޓެއް ބޮއިލައިގެން ކޮންމެވެސް އެހެން ކަމެއް ކޮށްލަން އެއުޅޭ މީހުންގެ ދިރިއުޅުމުގެ ވައްޓަފާޅި ކަމުނުދާކަމުގެ ވާހަކަވެސް ކޮންމެވެސް ބޭފުޅަކު ކޮންމެވެސް އިސްޓޭޖެއްގެ މަތީން މުނާސަބު ޙާލަތެއްގައި ވިދާޅުވާނެއެވެ. ގައިންގަޔަށް ނާރާ ބަލިތައް އެއް ދުވަހުން އަނެއް ދުވަހަށް އިތުރުވަމުން ދިޔުމުގެ ސަބަބުން ރާއްޖޭގެ ޒުވާން ޖީލުގެ އުފެއްދުންތެރިކަމުގެ ހަކަތަ އަހަރުން އަހަރަށް ކަމީނާވަމުން ދާ ވާހަކަވެސް ބައެއްކަހަލަ އިސް ބޭބޭފުޅުން ހަމަ އެހައި މުނާސަބު ވަގުތުތަކުގައި ވިދާޅުވާނެއެވެ. އަދި އޭގެ ސަބަބުން ޢާއިލީ، އިޖްތިމާޢީ، އަދި ޤައުމީ ހޭދަ އެއް ދުވަހުން އަނެއް ދުވަހަށް ބޮޑުވަމުންދާ ވާހަކަވެސް ވިދާޅުވާނެއެވެ. އަޑުފުޅަށް ބާރުލައްވައިފައެވެ!

މިކަންތައް މިހެން ހިނގާއިރު، މާލެ ކަހަލަ ރައްޔިތުންގެ ޢަދަދުން ބައިބޯ، އަކަމިނުން ކުދިކުދި ތަންތަނުގައި، އެއްއިންވެގެން ޢިމާރާތެއް ނުހުންނާނޭ ގޮތަކަށް އައު ޢިމާރާތެއް ބިނާ ނުކުރެވޭނޭ ތަންތަނުގައި އުޅޭ ކޮންމެ ޢާއިލާޔަކީ ޖެހިގެން ހުރި ގޭގައި ޞިނާޢީ މަސައްކަތެއް ކުރަންޏާ އެކަމުގެ ދަތިއުނދަގޫ ފޯރާނޭ ޢާއިލާޔެކެވެ. ހަމަތަކާއި ގަވައިދުތައް އޮތްތާ އޮއްވައި، މެންދަމުން އަލިވެ ދޭއްތިނެއް ޖަހާއިރު އިންފާރުގައި ކަރަންޓު މަރުތެޔޮ ޖައްސައިފައި ހިންގައިލީމައި، ޙިއްޞުތައް ހަމަޔަށް ހުރި ކޮންމެ އިންސާނަކީ ހަތަރެސްފައި ކޮޅަށްޖެހި، ނިދިން ހޭލާނޭ މަޚުލޫޤެކެވެ. އެކަމަކު އެގޮތަށް ހޭލެވިގެން، ނުނިދިގެން، ކަމާބެހޭކަމަށް ބުނާ އެންމެހައި ފަރާތްތަކަށް އާދޭސް ދަންނަވަދަންނަވައިވެސް ގޮތެއް ނުވީމައި، އެގޭ ފަކީރުން ކަޅު ކޮފީ ބޮއިލައިގެން ހޭލާތިބެފައި، ޖެހިގެން އަންނަ ދުވަހު ވަޒީފާޔަށް އެގޭ ޒުވާން ސޮރު ވަޒީފާޔަށް ނިކުތީމައި، ’އަނެއްކާ ރޭވެސް ކޮފީ އަވައިގައި ނުނިދަން ދޯއޭ، ބަލަ އަރާމު، ސައުންޑްޕްރޫފް އޭސީ ކޮޓަރިއެއް ހަދައިލަބަލާށޭ، އަހަރެން މިއުޅޭ ގޮތަށް‘ މިހެން ބުނާނޭ ޒާތުގެ އިސް ވެރީން ނޫން ބަޔަކު މިތާނގައި ނެތުނީތޯއެވެ؟

ޝައްކެއްވެސް ނެތެވެ. އެމީހުން އެދައްކަނީ ހައްތާވެސް ރަނގަޅު ވާހަކައެވެ. އެކަމަކު…

ޔޫރަޕުގެ ބައެއް ޤައުމުގައި އިންސާނީ ޙައްޤުތަކުން އެތައް ބައެއް އުނިވަމުންދާ ވާހަކަ ނޫސްތަކުގައި ލިޔެފައި ހުއްޓައި ފެނުނީމައި، ނުވަތަ ޓީވީންނާއި އިންޓަނެޓުން ފެނުނީމައި އެމީހުންގެ ޙައްޤުތައް ހޯދައިދޭން ބައިނަލް އަޤްވާމީ އެތައް މަންސައެއްގައި ވަކާލާތު ކުރާނޭ ދިވެހީން މިރާއްޖޭގައި ނުވަތަ ރާއްޖޭން ބޭރުގައި އެބަތިއްބެވެ. ރެފިޔުޖީން ގެނެސްގެން، ފިނި ކޮޓަރީގައި ނިންދަވައިގެން، ރެސްޓޯރަންޓުން ކާންދީގެން، އެ މީހުންގެ ޒުވާން ދަރީންނަށް ދާންދެން ބަލައިދޭނޭ މީހުންވެސް މިތާނގައި އެބަތިއްބޯލައެވެ. އެހެންނަމަވެސް، އިންސާނީ ޙައްޤުތަކަށް ހުރަސްއެޅޭ ކަންކަމުގެ ތެރޭގައި ހިމެނޭކަމަށް ލިޔުންތަކުން ފެންނަން އެހެރަ، ރައްޔިތުން ދިރިއުޅޭ ’ރެސިޑެންޝަލް އޭރިޔާ‘ތަކުގެ ވެށީގައި ވިހަ ދުން އެރުވުމާއި، އިންސާނާގެ ޞިއްޙަތަށް ގެންލުންދެނިވި ގަދަ އަޑުތައް އަބަދުމެ އުފައްދައުފައްދައި އެހުންނަ ޒާތުގެ ޞިނާޢީ މަސައްކަތް ކުރުމާއި، ނުރައްކާތެރި ކެމިކަލް ގުދަން ކުރުމާއި، ރޭގަނޑު މީހުން ނިދާ ގަޑީގައި ބައެއް ކަހަލަ ބާވަތްތަކުގެ ވިޔާފާރީގެ މަސައްކަތް ކުރުމާއި… މިހިރިމިހިރީ ޒިންމާދާރު ބައެއް މީހުންނަށް ހަމަ ނޭނގޭ ކަންކަން ބާވައެވެ؟ ނޫނީ، ވާހަކަ ދައްކައި، ކަންކަން ހަމަ މަގުން ހިންގައި އިޞްލާޙުކުރާން ތިބި މީހުން ތިބެނީ އެޔަށްވުރެ ބޮޑަށް ފުދިފައި ނުވަތަ ބާވަތަކުގެ ފިތުމަކުން ފިތިފައި ބާވައެވެ؟

ކޮންމެހެނެއް ވިޔަސް، އެމީހުން އެދައްކަނީ ހައްތާވެސް ރަނގަޅު ވާހަކައެވެ. އެކަމަކު…

އަޅުގަނޑުމެންގެ ތެރެއިން އެންމެ އާދައިގެ، މިލްކިއްޔާތާއި ހަރުމުދަލުގައި އެކަތަޔަށް ވުރެ މޮޅަށް ޖާހުގައި ފަންވަރު ހުރި މީހުންގެ ގިންތީން ބޭރު، ރިސޯޓުތައް ގިނަވެފައި ގޭދޮށު ބިލެތްޅޮހުގެ ދާމޫގަނޑު ވަރުގަދަ ކަމަށް ބުނެވެން ނެތް، ފައިމަގުގައި އުޅޭ، ދެރަވަރުގެ ޓިނުފުރާޅު ދަށުގައި ނިދަންއުޅޭ، ޤާނޫނުގެ އޮތް ދިގުމިނެއްގެ އަތެއް އެބައޮތްކަން އަދިވެސް ޤަބޫލުކުރާ، އަދި މިހައިތަނަށް ނިސްބަތުން ކިޔަމަންތެރި، ނިކަމެތި ފަޤީރުން އެ ވާހަކަތައް ޤަބޫލުކުރެއެވެ. މިރާއްޖެޔަށްވުރެ ޞިއްހީގޮތުން ގޮތުން ދުޅަހެއު ތަނެއް މުޅި ޢާލަމުގައިވެސް ނެތް ވާހަކަޔާއި، މީސްމީހުންގެ ޞިއްޙަތު އެޔާ އަރައިހަމަކޮށްގެން މި ނުއުޅެވެނީ ހަމަ އުޅެވޭ ގޮތުންނޭ ބުނެވޭ ވާހަކަވެސް އޭގައި ހިމެނޭ ގޮތުންނެވެ.

އެމީހުން އެދައްކަނީ ހައްތާވެސް ރަނގަޅު ވާހަކައެވެ. އެކަމަކު… ހުވަފެނުން ހޭލެވުންވެސް އެއީ ވާ ކަމެކެވެ.