Support Us

ރަމަޟާން އަނބުރާ އަތުވެއްޖެ

އޭގެ ޠަބީޢަތާ އެއްގޮތަށް ބަރަކާތްތެރި ރަމަޟާން މަސް އަނބުރާ އަޅުގަނޑުމެންގެ ގާތަށް އަތުވެއްޖެއެވެ. މި މަހަށް ޓަކައި އަޅުގަނޑުމެން ތައްޔާރުވެފައި ވަނީ ކިހާވަރަކަށް ބާވައެވެ! އެ މަހާ އެކަށީގެންވާ ގޮތަށް މަރްޙަބާ ކިޔުމަށް ތައްޔާރުވެވުނު ބާވައެވެ! ޤާބީލާއި ހާބީލުގެ ވާހަކަ ކޮންމެ ދުވަހަކު ތަކުރާރުވަމުން ދާއިރު އަޅުގަނޑުމެންގެ ހަތިޔާރުތައް ޙަރާން ގޮތުގައި ލޭއޮހުރުވުމާ އެއްކިބާ ކުރެވުނީ ކިހާވަރަކަށް ބާވައެވެ! މީސްމީޑިއާ ފަދަ ޒަމާނީ ވަސީލަތްތަކުގެ ތެރެއިން އޯލަ ވާހަކަތައް އޮއްސަމުންދާއިރު ދޮގުހެދުމާއި އަބުރު ކަތިލުމާއި މަލާމާތްކުރުމާއި އާޑަފުރައްސާރަކުރުމާއި ނެތިމޮށުގެ ނުބައި ރޯގާތަކުން ސަލާމަތްވުމަށް މާސްކް އެޅުނީ ކިހާވަރަކަށް ބާވައެވެ! އަޅުގަނޑުމެންގެ ބޮޑެތި މީހުން ކުޑަކުދީންނަށް ރަޙްމު ކުރީ ކިހާވަރަކަށް ބާވައެވެ! އަޅުގަނޑުމެންގެ ކުޑަ ކުދީން ބޮޑެތި މީހުންނަށް އިޙްތިރާމު ކުރީ ކިހާވަރަކަށް ބާވައެވެ! މުހުތާދުވެރީންނަށާއި ފަޤީރުންނަށާއި މިސްކީނުންގެ ކަރުނަތައް ފުހެލަދެވުނީ ކިހާވަރަކަށް ބަވައެވެ!

މި ރަމަޟާން މަހަށް ޓަކައި ވިޔަފާރީވެރީން ޟަރޫރީ މުދާތައް އަގުހެޔޮކޮށް ދިނުމަށް އަޅައިފައި ވަނީ ކޮން ފިޔަވަޅުތަކެއް ބާވައެވެ!

މީސްތަކުން ﷲގެ ޙަޟްރަތާ ދުރުކުރުވާ ކުޅިވަރުތަކާއި މުނިފޫހިފިލުވާދޭ މައިދާންތައް ބަންދުކުރުމަށް ޓަކައި އަޅުގަނޑުމެންނަށް އެޅުނު ފިޔަވަޅުތަކަކީ ކޮބައިބާވައެވެ!

ރަމަޟާން މަހުގެ ރައްބާނީ ނަފަޙާތުތަކުގެ ތެރެއަށް ހުށައެޅި ގަތުމަށް ޓަކައި ﷲގެ ޙަޟްރަތަށް ތައުބާވެ ކުށްފާފަތަކުން ޠާހިރުވުމަށް އަވަސް ގަންނަމާތޯއެވެ.

ރަމަޟާން މަހުގެ މި އުޅަނދަކީ އައްޔަށްވުރެ ބާރަށް ދަތުރުކުރާ ޚާއްޞަ އުޅަނދެކެވެ. މި އުޅަނދުގައި ނުކުންނަންވީ އެންމެ ބޮޑު ޖިހާދަށެވެ. ﷲގެ މި ބަރަކާތްތެރި އުޅަނދުގައި އެއް މަސްދުވަސް ހޭދަކޮށްލާން ޖެހެނީ ބަނޑާއި ޝަހަވާތްތަކާ ދެކޮޅަށެވެ. މި އުޅަނދުގައި ދަތުރު ކުރެވޭނީ އެއަށް ބޭނުންވާ ހަކަތައާއި ކޮއްތު އަތުގައި ހުރިނަމައެވެ. މާތްﷲ ރޯދަ ފަރްޟު ކުރެއްވި މި ކޮއްތު ދެއްވުމަށް ޓަކައެވެ.  މާތް ﷲ ވަޙީ ކުރެއްވިއެވެ. (وَتَزَوَّدوا فَإِنَّ خَيرَ الزّادِ التَّقوىٰ– ބަޤާރާ ސޫރަތް : 197- އަދި ތިޔަބައިމީހުން ދަތުރުމަތީގެ ކޮއްތު ލިބިގަންނާށެވެ! ފަހެ، ހަމަކަށަވަރުން އެންމެ މޮޅު ކޮއްތަކީ تقوى އެވެ.)

މި ކޮއްތު މުއުމިނުންނަށް ތަނަވަސްކޮށްދެއްވުމަށް ޓަކައި މާތްﷲ ރޯދަ ފަރްޟު ކުރެއްވިއެވެ. މި ކަން ބަޔާންކުރައްވައި ވަޙީ ކުރެއްވިއެވެ. (يٰأَيُّهَا الَّذينَ ءامَنوا كُتِبَ عَلَيكُمُ الصِّيامُ كَما كُتِبَ عَلَى الَّذينَ مِن قَبلِكُم لَعَلَّكُم تَتَّقونَ– ބަޤާރާ ސޫރަތް: 183- އޭ إيمان ވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުންގެ ކުރީގެ މީހުންގެ މައްޗަށް فرض ކުރެއްވި ފަދައިން ތިޔަބައިމީހުންގެ މައްޗަށްވެސް ރޯދަ فرض ކުރައްވައިފިއެވެ. (އެއީ) ތިޔަބައިމީހުން تقوى ވެރި ވުމަށްޓަކައެވެ.)

ﷲ ސުބްޙާނަހޫ ވަ ތަޢާލާ އެންގެވި ގޮތުގެ މަތީން މި އުޅަނދު ދަތުރު ކުރަމުންދާއިރު މި އުޅަނދުގައި ދަތުރުކުރާ މީހުންނަށް މާތްﷲ ތައްޔާރުކޮށް ދެއްވައިފައިވާ ސުފުރާކޮޅެއް ވެއެވެ. މި ސުފުރާކޮޅުން ރޫޙާނީ ހަކަތަ ލިބި އިންސާނާގެ މާއްދިއްޔަތުގެ މައްޗަށް އޭނާގެ ރޫޙާނިއްޔަތު ބާރުވެރި ކުރުވަން ތަމްރީނު ލިބެއެވެ. މި ސުފުރާކޮޅަކީ ޙަޤީޤަތުގައި ބޮޑު މަދަރުސާއެކެވެ. މި ތާނގައި މުއުމިނުން ﷲގެ ފޮތާއެކު ވަގުތުތައް ހޭދަކޮށް އެމީހުންގެ އެކައުންޓަށް އުޖޫރަތައް ޖަމާކުރެއެވެ. ކީރިތި ރަސޫލާ ޙަދީޘް ކުރެއްވިއެވެ. (مَن قَرأ حَرفًا مِن كِتابِ اللهِ فله حَسَنةٌ، والحَسَنةُ بعَشَرةِ أمثالِها، لا أقولُ الم حَرفٌ، ألِفٌ حَرفٌ، ولامٌ حَرفٌ، وميمٌ حَرفٌ. – أخرجه الترمذي (٢٩١٠) – ﷲގެ ފޮތުން އަކުރެއް ކިޔެވި މީހާއަށް ހެޔޮކަމެއް ކުރުމުގެ ސަވާބު ހުށްޓެވެ. ކޮންމެ ހެޔޮ ކަމަކަށް އެފަދަ ދިހަ ހެޔޮކަމުގެ ސަވާބު ހުށްޓެވެ. الم އަކީ އެންމެ އަކުރެކޭ ތިމަންކަލޭގެފާނު ޙަދީޘެއް ނުކުރައްވާނަމެވެ. އެހެނަސް އަލިފަކީ އަކުރެކެވެ. ލާމަކީ އަކުރެކެވެ. އަދި މީމަކީ އަކުރެކެވެ.)

މާތްﷲ އަންގަވައިފައިވާ ގޮތަށް އެކަލާނގެ ވަޖްހުފުޅު އަދައިގެން އަތުންނާއި ދުލުންނާއި ގުނަވަންތަކުން ރޯދަހިފައިފިނަމަ އަޅުގަނޑުމެންނަށް މާތްﷲ ދެއްވާ ބޮޑު ސަވާބު ބަޔާންކުރައްވާ ކީރިތި ރަސޫލާ ﷺ ޙަދީޘް ކުރެއްވިއެވެ. (مَن صامَ رَمَضانَ، إيمانًا واحْتِسابًا، غُفِرَ له ما تَقَدَّمَ مِن ذَنْبِهِ- أخرجه البخاري (٣٨)، ومسلم (٧٦٠)- މާތްﷲއަށް އީމާންވެ އެކަލާނގެ ވަޖްހު އަދައިގެން ރަމަޟާން މަހު ރީދަ ހިފިމީހާގެ އިސްވެ ދިޔަހާ ފާފަތައް ފުއްސަވާ ދެއްވާނެތެވެ.)

ރަމަޟާން މަހަކީ މީހުން އުފެއްދުމުގެ ކާރުޚާނާއެކެވެ. އެއީ ކާބޯތަކެތި އުފެއްދުމުގެ ބަދިގެއެއް ނޫނެވެ. އެއީ ބާޒާރު ކުރުމުގެ މައްސަރެއްނޫނެވެ. އެއީ ޤުރްއާނާއި ޤިޔާމުގެ މައްސަރެކެވެ.

 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *