Support Us

ގްރޭޓާ މާލެ ގްރިޑް މެދުވެރިކޮށް އެއް ވިއުގައަކުން ކަރަންޓުދިނުމުގެ މަސައްކަތް ސްޓެލްކޯގެ އިންޖިނިއަރުންކުރަނީ -ފޮޓޯ: ސްޓެލްކޯ

ސްޓެލްކޯގެ ސަރވަރަށް ދިން ރެންސަމްވެއަރ ހަމަލާގެ މައްސަލަ ފުލުހަށް ހުށަހަޅައިފި

 

ސްޓެލްކޯގެ ސަރވަރަށް ދިން ރެންސަމްވެއަރ ހަމަލާގެ މައްސަލަ ބަލައި ތަޙްޤީޤްކޮށްދިނުމަށް އެދި ފުލުހަށް ހުށަހަޅައިފިއެވެ.

ސްޓެލްކޯއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އެ ކުންފުނީގެ ސަރވަރަށް ރެންސަމްވެއަރ ހަމަލާއެއް ދިނުމާ ގުޅިގެން، ކުންފުނީގެ އައި.ޓީ ނެޓްވާރކް މެދުވެރިކޮށް ދެމުންދާ ޚިދުމަތްތަކާއެކު އެ ކުންފުނީގެ ވެބްސައިޓާއި މޯބައިލް އެޕްލިކޭޝަނާއި މޯބައިލް އައުޓްލެޓްތަކާއި އަދި ކައުންޓަރުތަކުން ދެމުންދާ ޚިދުމަތްތައް މާރިޗު 24 އިން ފެށިގެން މެދުކެނޑުނު ކަމަށެވެ.

"އަދި މި ހަމަލާގެ ސަބަބުން މި ކުންފުނީގެ އައިޓީ ނެޓްވޯކަށް ލިބުނު ގެއްލުންތަކުގެ ސަބަބުން، ކުންފުނީގެ ޚިދުމަތްތައް ހޯދުމުގައި ކަސްޓަމަރުންނަށް ވަރަށް ގިނަ ދަތިތަކާ ކުރިމަތިލާން ޖެހިފައިވާކަން ހިތާމައާއެކު ފާހަގަކުރަމެވެ. މި ހަމަލާގެ ސަބަބުން ދިމާވި މައްސަލަތައް އަދިވެސް އެއްކޮށް ރަނގަޅުކުރެވިފައި ނުވިނަމަވެސް، މިހާތަނަށް ކުރެވުނު މަސައްކަތުން ކުންފުނީގެ ހެޑް އޮފީހުން ފޯރުކޮށްދޭ ޚިދުމަތަށް އެދި ފޯމް ހުށަހެޅުމާއި ބިލްދެއްކުމުގެ ޚިދުމަތް ވަނީ ފެށިފައެވެ." ސްޓެލްކޯގެ ބަޔާނުގައިވެއެވެ.

"މި ހަމަލާގެ ސަބަބުން ދިމާވެފައިވާ އެންމެހާ މައްސަލަތައް ހައްލުކޮށް، މެދުކެނޑިފައިވާ އެންމެހާ ޚިދުމަތްތައް އަލުން ދިނުމުގެ މަސައްކަތް ކުންފުނިން މި ގެންދަނީ ކުރަމުންނެވެ. އަދި މި މައްސަލަތައް ވީހާވެސް އަވަހަށް ޙައްލުކުރުމުގެ ގޮތުން ދައުލަތުގެ ކަމާބެހޭ މުވައްސަސާތަކާއި މަޝްވަރާކުރެވި، އެ ފަރާތްތަކުގެ ލަފާއާއި އެހީތެރިކަމާއެކު ގިނަ މަސައްކަތްތަކެއް ކުރެވެމުންދެއެވެ. އަދި މި މައްސަލަ ބަލާ ތަޙްޤީޤްކޮށްދެއްވުން އެދި މޯލްޑިވްސް ޕޮލިސް ސަރވިސަސްއަށް ހުށަހަޅާފައިވާކަންވެސް މި ފުރުޞަތުގައި ފާހަގަކުރަމެވެ."

ސްޓެލްކޯ އިން އަދި ބުނީ އެ މައްސަލަ ހައްލުކޮށް، އެ ކުންފުނިން ދެމުންގެންދާ ޚިދުމަތްތައް "ދެމެހެއްޓެނިވި އަދި އިތުބާރު ހުރި ގޮތެއްގައި ރައްޔިތުންނަށް ފޯރުކޮށްދިނުމަށް މި ކުންފުނިން ކެނޑިނޭޅި މަސައްކަތް ކުރަމުންދާކަމުގެ ޔަޤީންކަން ލޮބުވެތި ރައްޔިތުންނަށް އަރުވަ"ން ކަމަށެވެ.

"އަދި މިފަދަ ކަންކަން ތަކުރާރުވިޔަ ނުދިނުމަށްޓަކައި އަޅަންޖެހޭ އެންމެހާ ފިޔަވަޅުތައްވެސް އަޅަމުންދާ ކަމަށް ލޮބުވެތި ރައްޔިތުންނާއި މިކުންފުނީގެ އެންމެހާ ލޮބުވެތި ކަސްޓަމަރުންނަށް ހާމަކޮށްދިނުމަށް މި ފުރުޞަތުގެ ބޭނުން ހިފީމެވެ. އަދި މި ހަމަލާގެ ސަބަބުން ކަސްޓަމަރުންނަށް ދިމާވި ދަތިތަކަށް ނިހާޔަތަށް މަޢާފަށް އެދެމެވެ. އަދި މި ދަނޑިވަޅުގައި ދައުލަތުގެ އެކި މުވައްސަސާތަކުންނާއި ތިޔަ ލޮބުވެތި ކަސްޓަމަރުންގެ ފަރާތުން ލިބެމުންދާ އެއްބާރުލެއްވުމަށް ނިހާޔަތަށް ޝުކުރު ދަންނަވަމެވެ."

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ގުޅުންހުރި ލިޔުންތައް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *