...

Support Us

މީގެ 44 އަހަރު ކުރިން ހިންގި ޓީވީ މޯލްޑިވްސް ގާއިމުކުރުމުގެ ބޮޑު މަޝްރޫޢު

ދިވެހިރާއްޖޭގެ ކުލަތަކުގެ ޓެލެވިޒަން ސްޓޭޝަން (ޓީވީ މޯލްޑިވްސް) ގާއިމު ކުރުމަށް ހިންގުނު ބޮޑު މަޝްރޫޢަކީ ސީދާ ރައީސުލްޖުމްހޫރިއްޔާ ސުމުއްވުލްއަމީރު އަލްމަރުހޫމު އިބްރާހީމް ނާޞިރު ރަންނަބަނޑޭރި ކިލެގެފާނު، ނިޝާން ޣާޒީގެ ޢިއްޒަތްތެރި ވެރިޔާގެ ޚާއްޞަ ބެއްލެވުމުގެ ދަށުން ރައީސުލްޖުމުހޫރިއްޔާގެ އޮފީހުގެ ތެރޭގައި ފެށުނު ބޮޑު މަޝްރޫޢެކެވެ.

ރައީސުލްޖުމުހޫރިއްޔާގެ ޚާއްޞަ ބެއްލެވުމުގެ ދަށުން 1976 އިން 1978 އަށް ހިންގެވި މި ބޮޑު މަޝްރޫޢުގެ އިދާރީ މަސައްކަތް ކުރެއްވީ ރައީސުލްޖުމުހޫރިއްޔާގެ އޮފީހުގެ ސެކްރެޓަރީއެއް ކަމުގައިވާ މ. އިރުދޭމާގޭ ނަސީމާ މޫސާއެވެ.

ޓީވީ މޯލްޑިވްސް ގާއިމު ކުރުމުގެ މަޝްރޫޢަކީ ޖަޕާނު ސަރުކާރުގެ އެހީގައި ހިންގުނު ބޮޑު މަޝްރޫއެކެވެ. މި މަޝްރޫޢަށް ބޭރުގެ އެހީ ހޯއްދެވުމުގައި ރައީސުލްޖުމުހޫރިއްޔާގެ ނައިބު އަލްމަރުހޫމު އޮނަރަބްލް ޢަލީ ޢުމަރު މަނިކު މުހިންމު ދައުރެއް އަދާކުރެއްވިއެވެ.

ޓެލެވިޒަން މޯލްޑިވްސް (TVM) އިދާރީ ގޮތުން އުފެއްދެވީ 6 ޖަނަވަރީ 1977ގައެވެ. އެއީ ޑިޕާޓްމަންޓް އޮފް އިންފޮމޭޝަން އެންޑް ބްރޯޑްކާސްޓިންގެ ދަށުން ހިނގާ އޮފީހެއްގެ ގޮތުގައެވެ. އެއިރު ޑިޕާޓްމަންޓް އޮފް އިންފޮމޭޝަން އެންޑް ބްރޯޑްކާސްޓިންގެ ޑިރެކްޓަރަކީ އަންނަބީލާ ޢާއިޝަތު އިބްރާހީމް ދީދީއެވެ. ވީމާ، ޓީވީ މޯލްޑިވްސްގެ ފުރަތަމަ އިސްވެރިޔަކީ އެކަމަނާއެވެ.

ޓީވީ މޯލްޑިވްސްގެ ފުރަތަމަ ވެރިޔަކީ އެސިސްޓެންޓް ޑިރެކްޓަރ ނަސީމާ މޫސާއެވެ.

ޓީވީ މޯލްޑިވްސް ގާއިމު ކުރުމުގެ މަޝްރޫޢުގެ ދަށުން، ޓީވީ މޯލްޑިވްސް ގާއިމުކުރެވުނީ މާލޭ ގަލޮޅު ފަޅުތެރެއިން ހިއްކި ޚާއްސަ ކޮށްޓެއްގައެވެ. (މިހާރު ބުރުޒުމަގާއި އަމީނީމަގާ ދެމެދުގައިވާ ހަތަރުފަރާތުން މަގުހިމެނޭ ކޮށްޓެކެވެ.)

ޓެކުނިކަލް އާލާތްތަކާއި އެއިރު މާލޭގެ އެންމެ ދިގު އެންޓަނާއާއެކު ގިނަ ޓެކްނިކަލް ނުވަތަ އިންޖިނޭރިންގެ ކަންކަން ކުރެވި އަދި ދެބުރި އިމާރާތެއް އެކޮށީގެ ތެރޭގައި މިބޮޑު މަޝްރޫއުގެ ދަށުން ބިނާކުރެވުނެވެ. އެއީ އެއިރަށް ބަލާއިރު ވަރަށް ބޮޑެތި މަސައްކަތްތަކެކެވެ.

މިބޮޑު މަޝްރޫޢުގެ އިންޖިނޭރިންގެ މަސައްކަތްތައް ކުރެއްވީ ޖަޕާނުގެ ޢިލްމީ ޢަމަލީ ތަޖުރިބާކާރު މާހިރުންނެވެ. ދިވެހީންގެ ތެރެއިން މިބޮޑު މަޝްރޫޢުގެ އިންޖީނިއަރިންގެ ކަންކަމުގައި ޢަމަލީ ގޮތުން އިސްވެ ހުންނެވީ ސަރުކާރުގެ އިސް އިންޖިނޭރު ހ. ހިކަރި، އަޙްމަދު އާދަމެވެ.

ޓީވީ މޯލްޑިވްސްގެ ޚިދުމަތް ފެށުނީ 29 މާރިޗު 1978 ގައުމީ މިނިވަންދުވަހުގެ ރަސްމީ އިޙުތިފާލުތަކުގެ ތެރެއިން އެދުވަހުގެ ރޭގަނޑު ބޭއްވުނު ޚާއްޞަ އިހުތިފާލެއްގައެވެ. މި ޚިދުމަތް އިފުތިތާހުކޮށްދެއްވީ އޮނަރަބްލް އިބްރާހީމް ޝިހާބެވެ. އެރޭ 9 ޖެހިއިރު ރާއްޖޭގެ ޓީވީގެ ފުރަތަމަ މަންޒަރަކަށް ފެނުނީ ދިވެހިރާއްޖޭގެ ޤައުމީ ދިދައެވެ.

މި އިހުތިފާލްގަައި ސަރުކާރުގެ އިސް އިންޖިނޭރު ހ. ހިކަރި، އަޙްމަދު އާދަމު ބައިވެރިވެވަޑައިގަތެވެ. އަދި ޓީވީ މޯލްޑިވްސްގެ އިސްވެރިޔާ އަންނަބީލާ ޢާއިޝަތު އިބްރާހީމް ދީދީއާއި ޓީވީ މޯލްޑިވްސްގެ ފުރަތަމަ ވެރިޔާ ނަސީމާ މޫސާ މި އިހުތިފާލުގައި ބައިވެރިވެވަޑައިގެން ރަސްމީ ކަންކަން ކުރެއްވިއެވެ. އަދި އެއިރުގެ ބައެއް ނޫސްވެރިންވެސް މި އިހުތިފާލުގައި ބައިވެރިވިއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.