Support Us

ކޮލަމް ކަލާވެހި: ބިދޭސީ މުވައްޒަފުން "ދީވާލްޕާ" ހެދެން ޖާގަ ނުދެއްވާށެވެ!

ފެށުމުގެ ކުރީންވެސް އަޅުގަނޑު ދަންނަވައިލާނެ މުހިންމު ދެތިން ވާހަކައެއް އެބައޮތެވެ. އެއީ، މިރާއްޖެޔަކީ ކޮންމެވެސް ގޮތަކުން ވަގަށް އެތެރެވެވިއްޖެ މީހަކު ދެން ފަސޭހައިން ބޭރުނުކުރޭވޭނޭ މީހެއްކަން އެނގިގެން، ޤަޞްދުގައި އެމަގުން ރާއްޖެ އެތެރެވެގެން އުޅޭ މީހުންނަކީ، އަޅުގަނޑު ދެކޭގޮތުގައި، އެކަމަކުން ރެކެވޭނޭ މަޖުބޫރުކަމެއް ނެތި ހަމަ ޤަޞްދުގައި ރާއްޖޭގެ ޤާނޫނު ބޮޮލައިލައި ޖަހައިފައި ތިބި ކުށްވެރީންނެވެ. ޤަވައިދުން އެތެރެވެފައިމެ، ވަޒީފާ ދިން ފަރާތަށް ހަމަ ޤަޞްދުގައި ފިލައިގެން، ތިމާމީހާގެ ޤައުމުގެ ނާޖާއިޒް އެހީތެރީންނާވެސް ގުޅިގެން ރާއްޖޭގައި އެކި މަސައްކަތް ނުވަތަ ވިޔަފާރިކޮށް އެ އުޅެނީވެސް ހަމަ ޤަޞްދުގައި ރާއްޖޭގެ ޤާނޫނު ބޮޮލައިލައި ޖަހައިފައި ތިބި ކުށްވެރީންނެވެ. މިނޫން ގޮތަކުން ކޮންމެވެސް މީހެއްގެ އިންސާނީ ވަގުވިޔަފާރީގެ ޝިކާރަޔަކަށް ވެގެން އުޅޭ ބިދޭސީންނަކީ ނިސްބަތުން މަދު ބައެކެވެ. އެމީހުންނާމެދު އަޅުގަނޑު އިހަށް ދަންނަވާނޭ އެއްޗެއް ނެތެވެ.

އެކަމަކު އަޅުގަނޑު ދައްކަން މިއުޅެނީ ރާއްޖޭގައި ނުގަވައިދުން އުޅޭ ބިިދޭސީންގެ ވާހަކައެއް ނޫނެވެ. އަޅުގަނޑު މި ދައްކަނީ ޤާނޫނާއި ޤަވާޢިދުގެ މިންތަކާއި އިންތަކަށް ފިސާރި ރަނގަޅަށް ފެތިގެން މިރާއްޖޭގައި ގެންގުޅެވޭ ބިދޭސީ މުވައްޒަފުންގެ ވާހަކައެވެ. ދިވެހީން ކަންނެތޭ، ވަޒީފާޔަށް ކަމޭހިތުމެއް ނުހުރެޔޭ، ފަރުވާކުޑަޔޭ، މިކަހަލަ އެއްޗިހިތަކެއް ކިޔައިގެން ރަސްމީ ހުއްދަޔާއި ކޯޓާ ހޯދައިގެން ބައެއް ކަހަލަ ވިޔަފާރިވެރީން ރާއްޖެޔަށް އެތެރެކޮށްގެން ވަޒީފާދީގެން ގެންގުޅޭ ބިދޭސީންގެ ވާހަކައެވެ. އަދި އެމީހުން ކޮންމެހެން ގެންގުޅެން ޖެހެޔާ އެބުނާ މީހުންގެ ސަލާމަތަށްޓަކައި ކޮންމެހެން ކުރާންވެއްޖެ ކަމެއް ކަމަށް އަޅުގަނޑަށް ފެންނަ ކަމެއްގެ ވާހަކައެވެ.

އަޅުގަނޑުގެ މި ލިޔުމުގެ އެއް އަސާސް ކަމަށް އަޅުގަނޑު މި ބަލަނީ، މިހައިރަކަށް އައިސް ވިޔަފާރީގެ ދާއިރާއިން މަތީ ފެންވަރުގެ ޑިގުރީތައް ނަގާ ދަރިވަރުންނަށްވެސް ކޮންމެވެސް ސިފައެއްގައި ކިޔަވައިދޭ ކަމެއްގެ ވާހަކައެވެ. ގިނަ ފަހަރަށް މިދަންނަވާ ކަންތައް ކިޔަވައިދޭނީވެސް އެއީ ވަރަށް ރަނގަޅު ކަމެކޭ ޕުރޮފެސަރުން ވިދާޅުވަމުންނެވެ. އާދެ! އެއީ އިނގިރޭސި ބަހުން ދަންނަވާނަމަ، ’އެތްނިކް ޑައިވަރސިޓީ އިން ދަ ވާރކްޕްލޭސް‘ އެވެ. ވަޒީފާ ނުވަތަ މަސައްކަތުގެ ވެށީގައި ތަފާތު ނަސްލުތަކުގެ މީހުން ގެންގުޅުމުގެ ވާހަކައެވެ. އެކަމުގެ މުހިންމުކަމުގެ ވާހަކަ މެއެވެ.

އަޅުގަނޑު ހަމަ ތާއީދެވެ! ބިދޭސީން ރާއްޖޭގެ އެކި ތަންތަނުގައި ގެންގުޅުމަކީ، ތަފާތު އެކި ޒަރޫރަތްތަކުގެ ސަބަބުން، ނުވަތަ ތަފާތު އެކި ހުއްޖަތްތަކުގެ ސަބަބުން ކަމަށް ވިޔަސް، ކޮންމެހެން ކުރާންވެއްޖެ ކަމަކަށް ވަންޏާ، ވަޒީފާ ނުވަތަ މަސައްކަތުގެ ވެށީގައި ތަފާތު ނަސްލުތަކުގެ މީހުން ގެންގުޅުމަކީ ކޮންމެހެން ކުރާންވެއްޖެ ކަމެއްކަމަށް އަޅުގަނޑު ދަންްނަވަމެވެ. ސަބަބުތަކަކާއި މިސާލުތަކަކާ އެކުގައެވެ.

އަޅުގަނޑު އެންމެ ފުރަތަމަ މިސާލަކަށް ނަގާނީ ރާއްޖޭގެ ބައެއް ކުންފުނިތަކުގައި ވަޒީފާދީގެން ގެންގުޅޭ ބިދޭސީ އެކައުންޓެންޓުންގެ ވާހަކައެވެ. މިބާވަތުގެ މީހުންގެ ތަފްޞީލު މިސާލެއް އަޅުގަނޑު މީގެ ކުރީންވެސް ހަމަ މިނޫހުގައި ލިޔުނީމެވެ. އެއީ 14 މާޗް 2021 ގައި ’ކަލާވެހި ކޮލަމް‘ ގައި ޝާއިޢުކުރެވުނު "ބިދޭސީ އެކައުންޓަންޓެއްގެ ވާހަކަ" މި ލިޔުމުގައެވެ. ރާއްޖެ އައިއިރު ތިމާމީހާގެ މުޅި މިލްކިއްޔާތުގައި ހިމެނެނީ ބައުވެފައިވާ ދެތިން ފަޓޫލޫނަކާއި ތިންހަތަރު ގަމީސް ކަމަށް ވީ މީހާ، ރާއްޖޭގައި ދެތިންހަތަރުފަސް އަހަރުވާއިރު އޭނާގެ ނަމުގައި އޭނާގެ ޤައުމުގައި ތިންހަތަރު ފިހާރަ ހުންނަ ވާހަކައެވެ. އެ ވާހަކަ އެ ކޮލަމުން ވިދާޅުވެލައްވާށެވެ.

ބިދޭސީ އެކައުންޓަންޓެއްގެ ވާހަކަ

ދެވަނަ މިސާލަކަށް އަޅުގަނޑު ނަގާނީ ރިސޯޓެއްގެ މެނޭޖަރެއްގެ ވަޒީފާ ވަކި ޤައުމެއްގެ މީހަކަށް ދިނީމައި، އެތާ ވަޒީފާ އަދާކުރާ ދިވެހީން ވަޒީފާއިން ކަނޑައިލައިފައި މެނޭޖަރުގެ ޤައުމުގެ މީހުންނަށް އެ ވަޒީފާތައް ދޭ ވާހަކައެވެ. އަޅުގަނޑު މި ކޮލަމް ލިޔަން ފެށިތަނާ ހަމަ އެ ވާހަކަ މިރާއްޖޭގެ ނޫހަކުން ފެނުނީމައި އެ ވާހަކަވެސް އެ ހިސާބުން ހުއްޓައިލާނަމެވެ.

ތިންވަނަ މިސާލަކަށް އަޅުގަނޑު ނަގާނީ ބައެއް މީހުންގެ ނަމުގައި ހިންގާ ރިސޯޓުތަކުގައި ތިބޭ ބިދޭސީީ ސަޕްލައި މެނޭޖަރުންގެ ވާހަކައެވެ. އެ މީސްމީހުން ތިބޭ ތަންތަނަށް ބޭނުންވާ ކާޑާއި، އަލުވި ބިސް ފިޔަޔާއި، ތަރުކާރީއާއި، ހަވާދާއި، ބަނގުރާޔާއި، ޓިޝޫ ފޮށްޓަށް ދަންދެން ’ސަޕްލައި ކުރާނީ‘ ހަމަ ސަޕްލައި މެނޭޖަރުގެ ޤައުމުގެ މީހުންނެވެ. ޞައްޙަ ގޮތްގޮތުންނާއި ނުޞައްޙަ ގޮތްގޮތުން ރާއްޖޭގައި ވިޔަފާރި ކުރާ ބިދޭސީންނެވެ.

މިކަން ނުފެންނާނީ ކޮންތާކުން ކަމަށްތޯއޭ، މުއްސަނދި ހާޑުވެއާ ސޭޓުގެ ގުދަނުގައި މަސައްކަތްކުރާ ބިދޭސީ ލޭބަރުންވެސް ތިބެނީ ހަމަ އެހައި ’ފުއްޕާފައެވެ.‘ ގުދަނާ އިންވެގެން ހުންނަ ގޭގޭގެ ދޮރޯށިވެސް ބަންދުކޮށްގެން، މޭޔަރު އޮފީހުން ނެންގެވި ޕެލެޓުތައް ހުރި ތާނގައި ކުރައްސަވައިދެއްވި ’ޑަބަލް ޔެލޯ‘ މަތީ ބޮޑެތި ލޯރި ބާއްވައިގެން، އެކަކު އަނެކަކާ މައްލަވަކޮށް ހަޅޭލަވާށެވެ. ތިމާމެންނަށް ފަސޭހަ ގަޑިޔަކީ މުދާ އަރުވައި ބާލައި ހަދާ ގަޑިއެވެ. ދަންވަރެއް، ފަތިސްނަމާދު ވަގުތެއް ނޯންނާނެއެވެ. މިހުރިހައި ކަމެއް ބަލަން ވިޔަފާރީގެ ވެރިޔާ ކަމަށް ދައްކައިފައި ހުންނަ މީހާ މިއީ ސަރުދާރޭ ކިޔައިފައި އެތަނަށް ފޮނުވައިފައި އެ ހުންނަ ހިމަތޮޅި، ގައިގައި ހަކަތައިގެން ކަންފުޅެއްވެސް ނުހުންނަ ދިވެހި ކުޑަ ފަކީރަށް ހިކިއަމުރު ކުރާނީވެސް ހަމަ އެއްކަލަ ބިދޭސީންނެވެ. ކުރާނީ ކީއްތޯއެވެ!

މިކަންކަން މި ގޮތަށް ހިނގާ ސަބަބެއް ނުވަތަ ސަބަބުތަކެއް ކަމަށް އަޅުގަނޑަށް ފެންނަ ބައެއް ކަންކަން ކުރުކޮށް ދަންނަވައިލުމަށްފަހު އަޅުގަނޑަށް ފެންނަ ދެތިން ޙައްލު މިތާނގައި ހުށައަޅައިލާނަމެވެ. ސަބަބު ، އެހެންނޫންތޯއެވެ! ފުރަތަމަ ސަބަބެއް ކަމަށް އަޅުގަނޑަށް ފެންނަނީ، ވަޒީފާ ދޭ މީހާޔާ ވަޒީފާޔަށް އަލަށް ގެންނަ ބިދޭސީޔަކާ ދޭތެރޭ އުފެދޭ ޚާއްޞަ، އެކަމަކު ’ޕްރޮފެޝަނަލް‘ ދާއިރާއިން ބޭރުގައި ބޭއްވޭ ގުޅުންތަކެވެ. ބިދޭސީ މުވައްޒަފު ގެޔަށް މަސްގަންނަން މާރުކޭޓަށް ފޮނުވުން ފަދަ، ވަޒީފާ ދޭ މީހާޔާ ބިދޭސީ މުވައްޒިފާޔާ ދެމީހުންނަކީ ދެޖިންސުގެ ދެ މީހުންނަށް ވެފައި އެ ދެމެދުގައި ފިނިފެންމާ ފޮޅުން ފަދަ، ވަޒީފާ ދޭ މީހާ ޤާނޫނާއި ޤަވައިދުން ބޭރުން ކުރާ ކަންކަން ބިދޭސީ މުވައްޒަފުގެ ބައިވެރިވުމާ އެކު ކުރުން ފަދަ ކަންކަމެވެ. ޤާނޫނާ ޤަވައިދަކީ މިޤައުމުގައި ހަމައެކަނި ’ލާރި ނެތް ސޭޓު‘ގެ މައްޗަށް ހިނގާ އެއްޗިހިކަން ބިދޭސީ މުވައްޒަފަށް ވިސްނައިދިނުން ފަދަ ކަންކަމެވެ. މިހިރީ ވަޒީފާގައި ތިބޭ ބިދޭސީން ވަޒީފާ ދޭ މީހާގެ ބޮލަށާއި މިނިވަންކަމުގެ މައްޗަށް ސަވާރުވެ، ވިޔަފާރީގެ ޙަޤީޤީ ވެރިޔާޔަކީ ބިދޭސީ މީހާޔަށްވެސް ވެ ދާ ފަދަ ސަބަބުތަކެވެ. އެ ހިސާބުން ދެން ފެނިގެންދާނީ ވިޔަފާރި ނުވަތަ  ކުންފުނީގެ މުހިންމު ނުވަތަ ހެޔޮވަރުގެ އުޖޫރައެއް ލިބޭ އެންމެހައި މުވައްޒަފުން މަޑުމަޑުން ނަމަވެސް ބިދޭސީންނަށް ބަދަލުވެގެން ދާ ތަނެވެ. ދިވެހީންނަށް ދޭންވާ މުސާރަ ދިނުން ލަސްކުރުން، މުސާރަ ޢަމުދުން ނުދިނުން، ދިވެހީންގެ ޝަކުވާޔައިގެން ބޮޑެތި ބިދޭސީން ވެރިމީހާ އަރިހަށް ދިޔުން، ދިވެހީންގެ ބޮލުގައި ފަރުވާކުޑަކަމުގެ އިލްޒާމުން ފެށިގެން ގޮސް ވަގުބަދުނާމަށް ދާންދެން   އަޅުވައިގެން ނަމަވެސް އެ ބަދަލު ގެންނަ ތަނެވެ.

އެހެން ވެއްޖިއްޔާ، މައްސަލަ ޙައްލުކުރާނީ ކިހިނެއްހޭ ބައެއް ބޭފުޅުން އައްސަވާފާނެއެވެ. އެ ބޭބޭފުޅުންނަށް އަޅުގަނޑު ދަންނަވާނެ ދެތިން ކަމެއް އެބައޮތެވެ. އައްސަވާށެވެ!

އެންމެ ފުރަތަމަ، ބިދޭސީން އެމީހުންގެ ވަޒީފާގެ ހައިސިއްޔަތުގައި ބައިތިއްބަވަން ފަރިތަކުރައްވާށެވެ. ބިދޭސީ އެކައުންޓަންޓަކީ ވިޔަފާރީގެ މުސްތަޝާރަށް ނުހައްދަވާށެވެ. މި ރާއްޖޭގައި މިހައިރު ކަމެއް އަވަހަށް ކޮށް ނިންމަންޏާ ހަދަން ޖެހޭ ކަހަލަ ’ޑީލް‘ ހައްދަވާއިރު އެކަމުގެ ސިއްރުވެރިޔަކަށް އޭނާ ނުހައްދަވާށެވެ. ބިދޭސީ މުވައްޒަފަކު ނުވަތަ ދެތިން މުވައްޒަފަކު މާ ހެޔޮއެދިގެން އައިސް ދިވެހި މުވައްޒަފެއްގެ ޝަކުވާ ކުރީމައި އެ ޝަކުވާ ނާއްސަވާށެވެ. އަދި ދެވަނަ ފަހަރަށް އެ ފުރުޞަތުވެސް އެމީހުންނަށް ނުދެއްވާށެވެ. ރިސެޕްޝަނިސްޓަކަށް ނުވަތަ އެއަރޕޯޓު ރެޕަކަށް ގެންނަ ބިދޭސީ އަންހެން ޒުވާނާ ’ޕަރސަނަލް ސެކްރެޓަރީ‘ އަށް ނުހައްދަވާށެވެ. އަދި ހެއްދެވުނު ނަމަވެސް، އޭނާގެ ދެބެންގެދެދަރި ކުދީންނާއި އެއްބަނޑު ކުދީން ތަނަށް އައިސް ފުރައިލިޔަ ނުދެއްވާށެވެ.

ދެވަނަޔަށް، ބިދޭސީން ކޮންމެހެން ގެންގުޅުއްވަން ވެއްޖިއްޔާ، މި މަޒުމޫނުގެ ދެވަނަ ޕެރެގުރާފަށް ބައްލަވާލައްވާށެވެ. އާދެ! އެއީ އިނގިރޭސި ބަހުން ދަންނަވާނަމަ، ’އެތްނިކް ޑައިވަރސިޓީ އިން ދަ ވާރކްޕްލޭސް‘ އެވެ. ވަޒީފާ ނުވަތަ މަސައްކަތުގެ ވެށީގައި ތަފާތު ނަސްލުތަކުގެ މީހުން ގެންގުޅުމުގެ ވާހަކައެވެ. އެއް ޤައުމެއްގެ ބިދޭސީންނަށް ވަޒީފާ ދެއްވުމުން ދުރުވެ ވަޑައިގަންނަވާށެވެ. އެކި ޤައުމުގެ މީހުން އެއްތަނެއްގައި ވަޒީފާ ދެއްވައިގެން ގެންގުޅުއްވާށެވެ. ތެދުފުޅެކެވެ. މިހެން ހައްދަވައިފިނަމަ މައްސަލަތަކާއި ޝަކުވާތައް ފުނިޖެހޭނެވެ. އެކަމަކު އެއީ ކުރީން މިދެންނެވި ޒާތުގެ ’ދީވާލްޕާ‘ އިންގެ ރޭވުންތަކުގެ ތެރެއިން އަންނާނޭ ކަންކަމެވެ. ޙަޤީޤީ މައްސަލަތަކެއްގެ ޝަކުވާތަކެއް ނޫނެވެ. އެކަންކަން ޙައްލުކުރައްވަން ބިދޭސީންގެ ދަށުނުވާ ޒާތުގެ އާރުލާ،ރަނގަޅު ދިވެހި އެޗް.އާރު މެނޭޖަރެއް ހޯއްދަވައިފައި، އޭނާޔަށް ވަޒީފާ ދެއްވައިފައި ބާރުވެރި ކުރައްވާށެވެ. އިސާހިތަކު ޝަކުވާތައް ހުއްޓިދާނެއެވެ.

ބިދޭސީ މުވައްޒަފުންނަށް ވެރިމީހާގެ ’ބޮލަށް ޗިޕުޖެހޭނީ‘ އެމީހުންނަށް ވެރިމީހާޔާ ހަމަޔަށް އާދެވެންޏާ، ނޫންތޯއެވެ؟ އެގޮތަށް ރާވައިގެން އާދެވޭނީ ވެރިމީހާގެ އިސްތަށިފުޅުގައި އެމީހުން އަޅުވާން އެ ހިފާ ޒާތުގެ ޗާލާކީ މަޅިތަކުން ރެކިވަޑައިގެންނެވޭ ވަރުގެ ތެތްކަމެއް ހަމަ ނެތީމައި، ނޫންތޯއެވެ؟ އެހެންވީމައި، އެ މީހުން އެ މަޅިފަތި ހިފައިގެން ގޮތަށް އަންނަން ހުރި ހުރިހައި ސީދާ އަދި ނުސީދާ މަގުތައް ބަންދުކުރައްވާށެވެ. އަޅުގަނޑުމެން ކަހަލަ ’ބިޒިނަސް ނޭނގޭ ދެރަސޮޑާއިން‘ވެސް ތިޔަބޭފުޅުން ބިދޭސީންގެ ދަށުވެވަޑައިގެން ތިޔަހަރަ އުޅުއްވަން ޖެހިވަޑައިގަންނަވާ ހެއްވާ ދެރަވަރުގެ ޙާލުކޮޅު ދެކެފައި ސިއްރުން ހޭން ޖެހޭ ވަރު ނުކުރައްވާށެވެ! ’އެތްނިކް ޑައިވަރސިޓީ އިން ދަ ވާރކްޕްލޭސް‘ގެ ބޭނުން އޭގެ އެންމެ ފުރިހަމަ ގޮތުގައި، ވިސްނޭ މީހުން ބޭނުންކުރާ ގޮތުގައި، އަދި މިރާއްޖޭގެ ވެށްޓަށް ފެތޭގޮތުގައި ހިއްޕަވާށެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
46

5 Responses

  1. ދިވެހިން އުޅެނީ އެމީހުންގެ އަޅުވެތިކަމުގާ، އެމީހުނަކަށް ގާނޫނެއް ނުހިގާ. ވިޔަފާރިތައް ކުރަނީ ޓެކްސް ދައްކާކަށްނުޖެހޭ. ބޭނުން އެއްޗެއް ހަދަނީ. ސާރުކާރަކުން ނުބަލާ. އަހަރެމެން އެއިން ގައުމަކަށް ގޮސްފިނަމަ އަބަދުވެސް ޕާސްޕޯޓު އަތުގައި އޮންނަންޖެހޭ. މިމީހުން އަހަރެމެނަށްވުރެ މިނިވަންކޮށް އުޅެ، މިގައުމު ލޫޓުވަނީ

  2. މި ލިޔުމުގައި އޮތް އެއް މައްސަލައާ ބެހޭ ގޮތުން އެއްޗެއް ބުނެލަން ބޭނުން. 'އެތްނިކް ޑައިވަރސިޓީ' (ތަފާތު ނަސްލުތަކުގެ މީހުން ވަޒީފައި ގެންގުޅުމުގެ މައްސަލަ) މި ލިޔުމުގައި ގެނެސްދެވިފައި ވަނީ މުޅިން ސާފުވާ ގޮތަކަށް ނޫނޭ ހެން ހީވޭ. 'ހުޅަނގު’ގެ ގައުމުތަކުގައި (މިސާލަކަށް، އިނގިރޭސިވިލާތާއި އެމެރިކާ އަދި އޮސްޓްރޭލިޔާއި އާއި ނިޔޫޒީލންޑުގައި) މި ވާޙަކަ ދައްކާއިރު ދައްކަނީ އެތާގެ މުވާތިނުންނަކީ ތަފާތު ނަސްލުތަކުގެ މީހުންނަށް ވެފައި، އެންމެންނަށް ހަމަހަމަ ގޮތެއްގައި، އެބަހީ ނަސްލީ ތަފާތު ކުރުމެއް ނެތި ވަޒީފާގެ ފުރުސަތު ހުޅުވާލެވުމަށްޓަކައި. މުވާތިނުންގެ ތެރެއިން ވަކި ނަސްލަކަށް އިސްކަން ނުދިނުމަށްޓަކައި. ތަފާތު ނަސްލުތަކުގެ މީހުންނަށް ވަޒީފާ ދިނުމަށޭ ކިޔައިފައި، ފަހަރެއްގައި ވެސް، ބޭރު ގައުމުތަކުން އެކިއެކި ނަސްލުތަކުގެ މީހުން ގެނެސްގެން ވަޒީފާ ދިނުމަކަށް ނޫން. ހުޅަނގު ގައުމުތަކުގައި ވެސް، ވަޒީފާގެ ބާޒާރަށް ބޭނުންވާ ވަރަށް މުވާތިނުންގެ ތެރެއިން މީހުން ނުވުމުން، އެހެން ތަންތަނުން މީހުން ގެނެވޭ. ނަމަވެސް، އޭގެ މާނައަކީ ތަފާތު ނަސްލުތަކުގެ މީހުންނަށް ވަޒީފާ ދޭންވެގެންނޭ ކިޔާފައި ވަޒީފާ ދޭން ގެންނަ މީހުންނެއް ނޫން.

  3. މިކަންކަން ރަނގަޅު ކުރެވޭނީ އިބްރާހިމް ނާސިރު ކަހަލަ "ދަގަނޑު" ވެރިއަކަށް. ނާސިރުއާ އެއްމެ ގާތްކުރާ މީހަކަށް ވެރިއަކަށް އައީ ޔާމީން. އެކަމަކު ދިވެހިންނަށް ކަމަކު ނުދޭ އެގޮތެއް. އެމީހުން ބޭނުންވަނީ ކޮންމެވެސް ގައުމެއްގެ ތައްޕާހަށް ވެއްޓޭ އެމީހުންގެ ޕަޕެޓް ވެރިއެއް.

  4. "ބިޒިނަސް ނޭނގޭ ދެރަސޮޑާއިން"
    ސޮޑާއިންނަކީ ކޮބައިކަން ނުވަތަ ސޮޑާގެ މާނަ ކޮންމެވެސް މީހަކު މިތަނުގައި ލިޔެދީބަލަ. ކޮލަމް ކިޔައ ނިމުނުއިރުވެސް ސޮޑާގެ މާނަ ނޭނގުނު. ސަމީރު، އބސ، އަދި ހިމާރުލްގައުމު އަށް އޭގެ މާނަ އެނގުނެއް ކަމަކު އަހަންނަކަށް އޭގެ މާނައެއް ނޭނގުނު. ވަރަށް ދެރަވެއްޖެ ދިވެހި ބަހަށް އަހަރެން ފަގީރު ވީމަ. ޕްލީޒް ކޮންމެވެސް މީހަކު މިކަން ކޮށްދީ.

  5. ހާދަ ވިޔަފާރިވެރިންނެކޭ މިރާއްޖޭގަ މިހާރު ބިދޭސީންގެ ދަށުވެފަ ތިބީ! ބިދޭސީން ލައްވާ 'ކުދިކުދި ގޯސް' ހެއްދީމާ ފަހުން ބިދޭސީން ދިވެހި ވިޔަފާރިވެރިޔާ ބުލެކުމޭލު ކޮށްގެން.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *