Support Us

ސިފައިންނާއި ފުލުހުން މިއަދު ޢަމަލުކުރީ އިންޑިއާގެ އޯޑަރަށްކަން ހާމަވެއްޖެ: އިދިކޮޅު

ގާނޫނާ ޚިލާފަށް އިންޑިއާއާއެކު ހަދައިފައިވާ ނުރައްކާތެރި އެއްބަސްވުންތައް ހާމަކޮށް، ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ރާއްޖެއިން ބޭރުކުރާން ގޮވައިލައި މާލޭގައި މިއަދު ކުރިއަށް ގެންދާން އުޅުނު ޙަރަކާތަށް ހުރަސްއަޅައި ހާލަތާ އެކަށީގެންނުވާ ބާރުގެ ބޭނުންކޮށްފައިވަނީ ސީދާ އިންޑިއާގެ ސިފައިންގެ އޯޑަރަށްކަން ހާމަވެއްޖެ ކަމަށް އިދިކޮޅު ކޯލީޝަނުން ބުނެފިއެވެ.

މިރޭ ޕީޕީއެމް-ޕީއެންސީ ކޯލިޝަނުން ބޭއްވި ނޫސް ކޮންފަރެންސެއްގައި ޕީއެންސީގެ ރައީސް ޢަބްދުއްރަޙީމް ހާމަކުރެއްވި ގޮތުގައި ފުލުހުންގެ ވެހިކަލެއްގައި އިން ދިވެއްސެއް ނޫން މީހަކު ދޭ އޯޑަރަށް ފުލުހުން ޢަމަލުކުރިއެވެ. އަދި ޢަބްދުއްރަޙީމް އެ ވިދާޅުވާ މީހެއްގެ ފޮޓޯ ވެސް ވަނީ ހާމަވެފައެވެ. އެއީ ކޮން ގައުމެއްގެ މީހެއްތޯ ސުވާލުކުރުމުން ރަސްމީ ގޮތުން ފުލުހުން ޖަވާބެއް ނުދެއްވި ކަމަށާއި ނަމަވެސް އެއީ އިންޑިއާ މީހެއްކަން ނުރަސްމީކޮށް ހާމަކޮށްފައިވާ ކަމަށް ވެސް ޢަބްދުއްރަޙީމް ވިދާޅުވިއެވެ.

މީގެ އިތުރަށް ކުރީގެ ސޯމިލުކައިރީގައި ރީނދޫ ގަންޖުފަރާހެއް ލައިގެން އިން ބިދޭސީއެއްގެ އިރުޝާދު ފުލުހުން ހޯދަމުން ދިޔަ މަންޒަރު ވެސް މުޒާހަރާގެ ބައިވެރީންނަށް ފެނިފައިވާ ކަމަށް ވެސް ޢަބްދުއްރަހީމް ވިދާޅުވިއެވެ. އިދިކޮޅުން ތުހުމަތުކުރާ ގޮތުގައި އެއީ އިންޑިއާގެ ރޯ އެޖެންޓުންނެވެ. އިންޑިއާ ސިފައިންނެވެ. ރާއްޖޭގެ ޙާލަތު މި ހިސާބަށް ގޮސްފައިވާއިރު މިހާރު ދިވެހިރާއްޖޭގައި ދިވެހި ސަރުކާރުގެ އެއްވެސް ބާރެއް ނެތްކަން ރައްޔިތުން މިވަނީ ގަބޫލުކުރާންޖެހިފައި ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ. މިއީ މާ ކުރީއްސުރެ އިދިކޮޅުން އިންޒާރު ދެމުން ގެންދިޔަ ކަންތައް ކަމަށާއި ކައިރި މުސްތަޤުބަލެއްގައި އިންޑިއާ ސިފައިން ރައްޔިތުންނަށް ސީދާ އަމުރު ހިންގާ ތަން ވެސް ފެނުމަކީ ވަރަށް އެކަށީގެންވާ ކަމެއްކަން ވެސް ޢަބްދުއްރަޙީމް ހާމަކުރެއްވިއެވެ.

އަދި ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދާއި ގުރައިދޫ ދާއިރާގެ މެންބަރު ޣައްސާނު މައުމޫނާއި މާލޭގެ ޑެޕިޔުޓީ މޭޔަރު އަޙުމަދު ނަރީޝާއި ލީޑަރޝިޕްގެ ކިތަންމެ ބޭފުޅުންނަކާއި އިސް އެކްޓިވިސްޓުންތަކެއް ޤާނޫނާ ޚިލާފަށް ހައްޔަރުކޮށްފައިވާ ކަމަށް ވެސް އިދިކޮޅު ކޯލިޝަނުން ހާމަކުރެއެވެ. އަދި އެ ހުރިހާ ހައްޔަރީން ވަގުތުން ވަގުތަށް ދޫކޮށްލާން ވެސް އިދިކޮޅު ކޯލިޝަނުން ވަނީ ގޮވައިލައިފައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
31
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *