Support Us

މި އަހަރުގެ ރަމަޟާން މަހުގެ ހަނދު

ރަމަޟާން މަސް އަންނާން ގާތްވުމުން ދުނިޔޭގެ އެތަންމިތާނގައި ދިރިއުޅޭ މުސްލިމުން ރަމަޟާން މަހުގެ ހަނދާ ބެހޭގޮތުން ސުވާލުކުރާން ފަށައެވެ. ހަނދު ފެންނާނެތޯ ނުވަތަ ނޫންތޯއެވެ؟ ކަލަންޑަރާ އެއްގޮތަށް ރަމަޟާން މަސް އަންނާނެތޯއެވެ؟ ނުވަތަ ނޫންތޯއެވެ؟

ހަނދަކީ ބިމުގެ ވަށައިގެން ދައުރުކުރާ ޖިސްމެކެވެ. މިއަދުގެ ދިރާސާތައް ބުނާގޮތުގައި ހަނދަށް ދުނިޔެ ވަށައި ބުރެއް ޖެހެނީ ގާތްގަނޑަކަށް 29.5 ދުވަހުންނެވެ. ކޮންމެ ދުވަހަކުވެސް ހަނދު އޮއްސުމުގައި ގާތްގަނޑަކަށް 50 މިނެޓު ލަސްވެއެވެ. އެއީ ހަނދު ހުންނަ ފަލަކެއްގެ ސަބަބުން ދިމާވާ ކަމެކެވެ. މި ކަމުގެ ސަބަބުން ހަނދު ފެންނަމުން ދާނީ އޭގެ ސިފައަށް ބަދަލުވަމުން އަންނަމުންދާ ފިޔަވަހިތަކެއްގެ ގޮތުގައެވެ.

އެންމެ ފަހު ފިޔަވަހީގައި ބިމާއި ހަނދާއި އިރު އެއް ރޮނގަކަށް ނުވަތަ އެއްއުއިވެގެން (الإقْتِرَانُ ނުވަތަ conjunction) ދެއެވެ. އެއަށްފަހު  އަނެއް މަހުގެ ހަނދު ވިހައެވެ. ނުވަތަ ފާޅުވެއެވެ. އެ ހިސާބުން ހަނދުގެ އައު ދައުރެއް ފެށެއެވެ.

ހުޅެވި ހަނދު ފެނުމުގެ ޝަރްޠުތައް

ހުޅެވި ހަނދު ފެނުމަށް ޓަކައި ފަލަކީ ނިޒާމުގައި ކަނޑައެޅިފައިވާ އަސާސީ މިންގަނޑުތަކެއް ވެއެވެ. އެއީ؛

  • ބިމާއި ހަނދާއި އިރު އެއްތެދުވުން ނުވަތަ އިޤްތިރާންވުން. މިއީ ކައުނީ ހާދިސާއެކެވެ. މި ކަމުގައި ފަލަކީ ޢިލްމުވެރީންގެ ދެބަސްވުމެއް ނެތެވެ.
  • އިރު އޮއްސުމަށްފަހު ހަނދު އޮއްސުން
  • އިރު އޮއްސުމަށްފަހު ހަނދު ފެނުން

މި ޝަރްޠުތަކަކީ ދީނީ ޢިލްމުވެރީން ވެސް އެއްބަސްވެ ވަޑައިގެންފައިވާ ޝަރްޠުތަކެކެވެ. މި އަސާސީ ޝަރްޠުތަކުގެ އިތުރަށް ސާނަވީ ޝަރްޠުތަކެއް ވެއެވެ. މި ސާނަވީ ޝަރްޠުތަކުގެ ތެރޭގައި ހިމެނޭ ޝަރްޠުތަކަކީ؛

  • އިރު އޮއްސުމަށް ފަހު ހަނދު ފެންމަތީގައި ވަކި މުއްދަތަކަށް ހުރުން
  • ހަނދުގެ ޢުމުރު. ހަނދުގެ ޢުމުރަކީ ހަނދު އިޤްތިރާންވާ ވަގުތާ އިރު އޮއްސުމާ ދެމެދުގައި ހޭދަވާ ވަގުތެވެ.
  • ހަނދާ އިރާ ދެމެދުގައިވާ ދުރުމިން (ނުވަތަ elongation ނުވަތަ اِسْتِطَالَة)
  • އުދަރެހުން މަތީގައި ހަނދު ހުރި އުސްމިނާއި ހުޅެވި ހަނދުގެ ބޯމިނާއި ހަނދުގެ ޤައުސުގެ ނުވަތަ ބުރެކެޓުގެ ދިގުމިން

ހަނދު ވިހެއުމަށްފަހު އިރާ ވަކިވަރަކަށް ދުރުވެގެން މެނުވީ ހަނދަށް ލިބޭ އިރުގެ އަލި ރިވެއްޔެއް (ރިފްލެކްޓް) ނުކުރެވޭނެއެވެ. އަޅުގަނޑުމެންނަށް ހަނދު ފެންނަނީ އެއަށް އެޅޭ އިރުގެ އަލި ރިވެލިވުމުންނެވެ.

ހަނދު ފެންމަތީގައި ހުންނަ ވަގުތޭ ބުނުމުން އޭގެ މާނައަކީ އިރު އޮއްސުމާއި ހަނދު އޮއްސުމާ ދެމެދުގައި ހޭދަވާ ވަގުތެވެ.

އިރާއި ހަނދާ ދެމެދުގައިވާ ދުރުމިނަށް ބަލާއިރު ސައެންސީން ވިދާޅުވާ ގޮތުގައި ހަތް ދަރަޖައަށް ދުރަށް ގޮސްގެން މެނުވީ އިރުގެ އަލި ހަނދަށް ރިވެއްޔެއް ނުކުރެވޭނެއެވެ. މިއީ ފަރަންސޭސިވިލާތުގެ ސައެންސީއެއް ކަމުގައިވާ ޑަންޖަން 1936ވަނަ އަހަރު ސާބިތުކޮށް ދެއްވައިފައިވާ ޢިލްމީ ޙަޤީޤަތެކެވެ.

1443 ވަނަ އަހަރުގެ ރަމަޟާން މަހުގެ ހަނދު

އިސްވެ ބަޔާންކުރި ޝަރްޠުތަކަށް ބަލާއިރު މި އަހަރު ރަމަޟާންމަހުގެ ފުރަތަމަ ދުވަހަށް ވާނީ (މުލަރޯދަ ދުވަހަށް ވާނީ) ދޭއް އޭޕްރީލް ވާ ހޮނިހިރު ދުވަހެވެ. އަޅުގަނޑުމެންގެ ފަލަކީ ޢިލްމުވެރިއެއް ކަމުގައި ކެޕްޓަން މުޙައްމަދު މި ކަން ކަށަވަރުކޮށް ދެއްވައެވެ. އޭނާ ވަނީ މި އަހަރުގެ ރަމަޟާން މަހުގެ ހަނދާ ބެހޭ ދިރާސާއެއް ކުރައްވައިފައެވެ.

1 އެޕްރީލުގައި (29 ޝަޢުބާން) ގައި އިރުއޮއްސޭއިރު އައު ހަނދުގެ ޢުމުރަކަށް ވާނީ ގާތްގަނޑަކަށް 9 ގަޑިއިރާއި 11 މިނެޓެވެ. ރިޔާޟަށް ބަލާއިރު ހަނދު ބަލާ ރޭ އިރު އޮއްސޭނީ 6 ގަޑި 9 މިނެޓްގައެވެ. ހަނދު އޮއްސޭނީ 6 ގަޑި 24 މިނެޓްގައެވެ. ވީމާ ހަނދު ހުންނާނީ 15 މިނެޓްއިރުއެވެ.

ބައެއް ޢަރަބި ޤައުމުތަކަށާއި ޔޫރަޕަށް ބަލާއިރު ހަނދު ފެނުން

  • ޤާހިރާއަށް ބަލާއިރު އެޕްރީލް 1 ގައި އިރުއޮއްސޭނީ 6 ގަޑި 13 މިނެޓްގައެވެ. އެރޭ ހަނދުގެ ޢުމުރަކަށް ވާނީ 9 ގަޑިއިރާއި 49 މިނެޓެވެ.  މި ހަނދު ފެންމަތީގައި ހުންނާނީ 17 މިނެޓް އިރެވެ.
  • ޢައްމާނުގައި އިރު އޮއްސުމަށްފަހު ހަނދު 16 މިނެޓް އިރު ފެންމަތީގައި ހުންނާނެއެވެ.
  • ތޫނިހާއި ޖަޒާއިރާއި ޕެރިހާއި ލަންޑަނަށް ބަލާއިރު ހުކުރު ދުވަހު އިރުއޮއްސޭ ފަހުން 20 މިނެޓް އިރު ހަނދު އުދަރެހުން މަތީގައި ހުންނާނެއެވެ.

ހުކުރު ދުވަސް މުލަރޯދައަށް ވާނެތަ؟

އިސްވެ ބަޔާންކުރި މިންގަނޑުތަކަށާއި ޝަރްޠުތަކަށް ބަލާއިރު 1 އެޕްރީލް ވާ ހުކުރު ދުވަސް ރަމަޟާން މަހުގެ ފުރަތަމަ ދުވަހަށް ނުވާނެ ކަމަށް ފަލަކީ ހިސާބުތައް ބުނެއެވެ. ގްރީނިޗް ރޮނގުގެ އިރުމަތިން ފަށައިގެން ގޮސް އިރުމަތީ ރަޝިޔާއާ ދެމެދުގެ އެއްވެސް ޤައުމަކަށް ހަނދެއް ނުފެންނާނެއެވެ.

ޢައްމާނުގެ ފަލަކީ ޖަމްޢިއްޔާއިން މި އަހަރުގެ ރަމަޟާން މަހުގެ ހަނދާ ބެހޭގޮތުން ކޮށްފައިވާ ދިރާސާތައް ބުނާގޮތުގައި ދުނިޔޭގެ ބައެއް ޤައުމުތަކަށް ހަނދު ޓެލެސްކޯޕްގެ ޒަރީޢާއިން ފެނިދާނެއެވެ. މި ރަށްތަކުގެ ތެރޭގައި ސެނެގޯލްގެ ވެރިރަށް ޑާކާރ (ހަނދު 26 މިނެޓް އިރު ހުންނާނެތީ) އާއި ހުޅަނގު އެފްރިކާގެ އެންމެ ދުރު ބިތުގައި އޮންނަ ޤައުމުތަކާއި އުތުރު އެމެރިކާ (ވޮޝިންގްޓަންގައި އިރުއޮއްސޭ ފަހުން 35 މިނެޓްއިރު ހަނދު ހުންނާނެ) ވެއެވެ.

ރަމަޟާން މަހުގެ ފުރަތަމަ ދުވަސް ވާނީ ކޮން ދުވަހަކަށް 

ފަލަކީ ޢިލްމާ ބެހޭ ތޫނިސްގެ ޖަމްޢިއްޔާގެ ރައީސް ޑރ. ސުފްޔާނު ކައްމޫން ވިދާޅުވާ ގޮތުގައި 29 ޝަޢުބާނުގައި ހަނދުގެ ޙާލަތަށް ބަލާއިރު ރަމަޟާން މަހުގެ ފުރަތަމަ ދުވަސް ކަނޑައެޅުމުގައި ދެބަސްވުންތައް އުފެދުމުގެ އިޙްތިމާލު އެބަ އޮތެވެ. އެޕްރީލް 1ގައި އިރާއި ހަނދާއި ބިން މަރްކަޒީ ގޮތުން އެއްތެދުވެގެންދާނެއެވެ.

އިސްތަންބޯލުގައި އިސްލާމީ ޤައުމުތައް ހިޖްރީ ކަލަންޑަރާ ބެހޭގޮތުން އެއްބަސްވެފައިވާ އެއްބަސްވުމެއް އޮތަސް ބައެއް ޤައުމުތަކުން މި އެއްބަސްވުން އެއްފަރާތްކޮށްފައި އެ ޤައުމަކަށް ޚާއްޞަ މިންގަނޑުތަކެއްގެ މައްޗަށް ބަރޯސާވަމުންދާތަން ފެނެއެވެ. މިހެންވެ ބައެއް ޤައުމުތަކުން އެޕްރީލް 2 ރަމަޟާންމަހުގެ އެއްވަނަ ދުވަސްކަމުގައި ބަލާއިރު އަނެއް ބައިޤައުމުތަކުން ބަލާނީ ފުރަތަމަ ދުވަހަކީ އޭޕްރީލް 3 ވާ އާދީއްތަ ދުވަސް ކަމަށެވެ.

އިސްތަންބޯލްގައި 2016ވަނަ އަހަރު ބޭއްވުނު މަހާސިންތާގައި އިސްލާމީ ޤައުމުތަކުގެ ފިޤްހީ ޢިލްމުވެރީންނާއި ފަލަކީ ޢިލްމުވެރީން ބައިވެރިވެ ވަޑައިގަތެވެ. މި ބޭފުޅުން ބަހުސްކުރައްވައި އެއްބަސްވެވަޑައިގެންފައި ވަނީ ބައިނަލްއަޤްވާމީ ހިޖްރީ އެއް ކަލަންޑަރަކަށް ތަބާވުމަށެވެ. އިރުއަރާ އޮއްސުމުގައި ހުންނަ ތަފާތުތަކަށް ނުބަލައެވެ. އެބޭފުޅުން އެއްބަސްވެވަޑައިގެންފައިވާ ގޮތުގައި މިއީ ޝަރްޢީ އެއްވެސް ނައްޞަކާ އަދި ފަލަކީ ޤަޠަޢި އެއްވެސް ޤަވާޢިދަކާ އަރާރުންވާ ކަމެއްނޫނެވެ. ނަމަވެސް އިސްލާމީ ބައެއް ޤައުމުތަކުން މި އެއްބަސްވުމަށް ޢަމަލުކުރަމުންދާ ތަނެއް ނުފެނެއެވެ. ބައެއް ބޭފުޅުން ވިދާޅުވާ ގޮތުގައި ހަނދު ބެލުމަށް ޓަކައި މައްކާ އެއީ އަސާސެއް ކަމުގައި ބެލިދާނެއެވެ. އުއްމުލް ޤުރާ ކަލަންޑަރުގެ ނަމުގައި މި ކަލަންޑަރު ހެދިދާނެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
ޚިޔާލު ފާޅުކުރައްވާ!

One Response

  1. އެެހެންވީމަ އެޕްރީލް 2 އެއީ މުލަރޯދަ ދެއްތޯ.
    ބަރަކާތްރެރި ރަމަޟާންމަހުގެ ހެޔޮ ދަރުމައާއި ޘަވާބު ހުރިހާ މުސްލިމް އަޚުންނާއި އުޚުތުންނަށް އަރިސް ކުރަމެވެ. އަޅަމެންނަކީ އެކަކު އަނެކަކުގެ ސިއްރުތައް ފޮރުވައި ކީރިތި ޤުރުއާނަށް ލޯބި ޖެހިފައިވާ ބައެއް ކަމަށް ލައްވާނދޭވެ. އަޅުގަނޑުމެންގެ ތެރެއިން މަރުވެ ގޮސްފައިވާ މީހުންގެ ފާފަ ފުއްސަވައި ދެއްވާނދޭވެ. އަދި އަޅަމެންގެ މައިންބަފައިންނަށް މަތިވެރި ޖަންނަތުލް ފިރްދައުސްގެ އުފާ ދެއްވާނދޭވެ.
    މިރަމަޟާންމަހުގައި މުސްލިމުންގެ ހިތާމަތައް ފިއްލަވައިދެއްވައި ރިޒުގު ތަނަވަސް ކުރައްވާނދޭވެ. އާމީން

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *