ބޭންކް އޮފް މޯލްޑިވްސް (ބީ.އެމް.އެލް) އިން ކަސްޓަމަރުންނަށް ޖެއްސުންކުރާތީ އަނެއްކާ ވެސް ޝަކުވާތައް ގިނަވެއްޖެއެވެ.
މި ފަހަރު ޝަކުވާތައް ގިނަވެގެން އުޅެނީ ރާއްޖެއިން ބޭރުގައި ކިޔަވާ ކުދިންނަށް ކާޑުން ފައިސާ ނެގޭ މިންވަރު މަތިކުރަން އެދުމުން ތަފާތު ބަހަނާތައް ދައްކާތީއެވެ.
"އެކޮމޮޑޭޝަނަށާއި އެހެނިހެން ކަންކަމަށް ފައިސާ ނަގަން ޖެހޭތީ ކާޑުން ފައިސާ ނެގޭ މިންވަރު އިތުރުކޮށްދޭން ބީ.އެމް.އެލްގައި އެދުނިން. މިއަށްވުރެ ފަސޭހަ ގޮތަކަށް މިކަން ވާންޖެހެނޭ. މިގޮތަށް ކޮންމެ މަހަކު އެދޭތާ މިހާރު ގާތްގަނޑަކަށް ދެ އަހަރު ވަނީމި. އޮފާ ލެޓާ ސަބްމިޓް ކުރީމާ ބުނާނެ އެއީ މިއަހަރުގެ ލިޔުމެއް ނޫނޭ. ބަލަ އަހަރެން ކިޔަވަން ފެށީ ދެ އަހަރު ކުރިންނޭ!" ނަޝް ނަޝީދު އޭނާގެ ޓްވިޓަރގައި ޝަކުވާކުރިއެވެ.
އެއާއެކު އޭނާގެ ވަރަށް ގިނަ ރައްޓެހިން ވަނީ މި މައްސަލަ އާއި ބީ.އެމް.އެލްގެ އެހެނިހެން ހިދުމަތްތަކާ ބެހޭ ގޮތުން ޝަކުވާކޮށްފައެވެ.
"ވަރަށް ހެއްވާ ކަމެއް ތިއީ "ވެލިއުބަލް ކަސްޓަމަރޭ" ބޭންކުން ބުނެފައި ތިމާގެ އަމިއްލަ ފައިސާ، ތިމާ އަށް ބޭނުންނުކުރެވޭ ގޮތް ހަދައިފައި އޮންނާތީ. އެހާ އަގުހުރި ކަސްޓަމަރަކަށް ވަނީ ތިމާގެ ފައިސާ ތިމާ ބޭނުންކުރިޔަނުދީ، އެ ފައިސާ ބޭނުންކޮށްގެން ބޭންކުން ފައިދާ ނަގާތީ ކަމަށް ވެދާނެ،" އަހުމަދު އާމިރު ބުންޏެވެ.

"ޕެންޑަމިކް މިހާރު ނިމިއްޖެ. އަހަރުމެންގެ އިކޮނޮމީ މަޑުމަޑުން ރަނގަޅުވަމުން އަންނަނީ. އަހަންނަށް ހީވަނީ ބޭރުގައި ތިބި ކުދިންނަށް "ފައިސާ ނެގޭ މިންވަރު" ހިފެހެއްޓުން ބީ.އެމް.އެލްއިން ދޫކޮށްލަންވެއްޖެހެން. ކިޔަވާށާއި އެހެނިހެން ބޭނުންތަކުގައި ރާއްޖެއިން ބޭރުގައި އުޅޭ ކުދިންނަށާއި އާއިލާތަކަށް މިކަމުގެ ސަބަބުން ވަރަށް ބޮޑެތި ދަތިތައް ކުރިމަތިވަމުންދަނީ. އަހަރެމެންގެ މި ހުށަހެޅުމަށް ބޭންކުން އިޖާބަދޭނެ ކަމަށް އުންމީދުކުރަން،" އަނޫޝާ އަބްދުލްލަތީފު ބުނެފައިވެއެވެ.
ހަމްދޫން ކިޔާ މީހަކު ބުނީ ރާއްޖެއިން ބޭރުގައި ފައިސާ ނެގުން ލިމިޓްކޮށްފައި އޮތަސް ވަކި ބަޔަކަށް އެ ލިމިޓް ނޯންނަ ކަމަށެވެ.
"އެކަމަކު ވަކި ބައެއްގެ ކާޑު ލިމިޓްނުވޭ. މި ބޭންކް އެބަޖެހޭ ހަމައަކަށް އަޅުވާން."
ޒޫޝާން ބުނީ މި މައްސަލައަކީ ސްޓޫޑަންޓް ލޯނުގައި ބޭރުގައި ކިޔަވަން ތިބޭ ކުދިންނަށް މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަނުން ހައްލުކޮށްދޭންޖެހޭ މައްސަލައެއް ކަމަށެވެ.
"ކެމްޕަސް ނުވަތަ ކެމްޕަހުން ބޭރުގައި ނަމަވެސް އެކޮމަޑޭޝަނަށް ކުލި ދެއްކުމަކީ ކިޔެވުމުގެ ބައެއް. އެހެންވެ މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަނުން އެބަޖެހޭ ބޭނުންކާއެކު އެއްބަސްވުމަކަށް އަންނަން ކުއްޔަކީ ވެސް "ކިޔެވުމުގެ ހަރަދެއް"ގެ ގޮތުގައި ހަމަޖައްސަން،" ހަމްދޫން ބުނެއެވެ.
ތިރީގައި މި ވަނީ މީގެ ބައެއް ޝަކުވާތަކެވެ.






advertisment

