Support Us

ކޮލަމް: ހަވާސް

ޝަހީބުގެ ކޮލަމް: ސަމާލުވޭ! މާސްކު ނެތިއްޔާ ދެން ވާނީ މިހެން

ކޮވިޑް19ގެ އާލަމީ ވަބާގެ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުގައި މާސްކު އެޅުން ހުރިހާ ގައުމެއްގައިހެން މަޖުބޫރުކޮށްފައި އޮތުމަށްފަހު، ރޯގާ މައިތިރިވާން ފެށުމުން މާސްކުގެ މަޖުބޫރުކަމަށް ގިނަ ގައުމުތަކުން އަންނަނީ މަޑުމަޑުން ދޫދެމުންނެވެ. މާސްކު ދޫކޮށްލުމުން ބައެއް މީހުންނަށް ކިތަންމެ ފަސޭހަ ވިޔަސް، އަނެއް ބަޔަކަށް ދަނީ އެކަމުގެ އުނދަގޫތައް ކުރިމަތިވުމުންނެވެ. ކޮވިޑް ފުރަބަންދުތެރޭގައި ބައްދަލުވެ، ރަހުމަތްތެރިކަން އުފެދުނު އަރަބި ގައުމެއްގެ ތިން މީހަކަށް ދާދި ފަހަކުން ދިމާވި މި ހާދިސާއިން ވެސް އެކަން އެނގެއެވެ.

ކަދުރު ފިހާރައެއްގެ ކައުންޓަރު ކައިރީގައި އަބޫސާމީ ހުއްޓައި، އޭނާގެ ރައްޓެއްސަކު އެތަނަށް ދެއެވެ. އަބޫސާމީ ހުރީ މާސްކު އަޅައިގެންނެވެ. އެކަމަކު އަނެއް މީހާ ހުރީ މާސްކު ނާޅައެވެ. އަބޫސާމީ އަށް އޭނާ ގޮވައިލައެވެ.

"އަބޫ ސާމީ…. އަހަރެން އެނގިއްޖެތަ؟"

ނޫން… ﷲ ގަންދީ ބުނަން… ނޭނގުނު…."

"ނޭނގެންވީ ކީއްވެ؟ ފުރަބަންދުގައި 21 ދުވަހު އެކީގައި ކެރަމު ކުޅެން ތިބީމެންނު… ކަލޭ ބަލިވެސް ކުރީމެއްނު…"

"…އެއްގޮތަކަށް ވެސް ހަނދާނެއް ނެތް.."

"އަޢޫޛު ބިﷲ! މާސްކު އަޅަނީ މި…"

ދެން އޭނާ މާސްކު އެޅިއެވެ.

"މަރްހަބާ! އަބޫ ރުކާން ދޯ؟ މިހާރު އެނގިއްޖެ!"

ދެން ދެ މީހުން ސަލާންގަލާންކޮށް ބައްދައި ހަދައެވެ.

އެވަގުތު ތިން ވަނަ މީހަކު ވެސް އެތަނަށް ވަދެގެން އެ މީހުން ކައިރިއަށް އާދެއެވެ. އޭނާގެ ވެސް މާސްކެއް ނެތެވެ. އެކަމަކު މާސްކު އަޅައިފައި ތިބުމުން އޭނާއަށް އަނެއް ދެ މީހުން އެނގެއެވެ. ނަން ވެސް އެނގެއެވެ. އެހެންވެ އެ މީހުންގެ ނަމުން އޭނާ މުޚާތަބު ކުރެއެވެ.

"އަބޫ ރުކާން… އަބޫ ސާމީ… އެނގިއްޖެތަ؟"

ނޭނގުނު… މާތްﷲ ގަންދީ ބުނަން…"

"މާސްކު އަޅަނީ މި…"

ދެން އޭނާ ވެސް މާސްކު އެޅިއެވެ.

"މިހާރު އެނގިއްޖެ… މަރްޙަބާ އަބޫ މޫސާ!"

ދެން، ތިން މީހުން ވެސް ވަރަށް އުފާވެ، އެންމެން ބައްދާލައި ސަލާންގަލާން ކުރެއެވެ.

ތިރީގައި އެވާ ވީޑިއޯއަކީ އެ މަންޒަރު ކުޅެފައިވާ ވީޑިއޯއެކެވެ. މީސްމީޑިއާގައި ދައުރުވަމުން އަންނަ ވީޑިއޯއެކެވެ. މުނިފޫހިފިލުވުމުގެ ބޭނުމުގައެވެ. އެހެން ނަމަވެސް، އެއީ އަދުގެ ހަގީގަތެވެ. މާސްކާއެކު ދެ އަހަރެއްހާ ދުވަހު އުޅެން ޖެހުމުން، ބައެއް މީހުންގެ ސިފަ ނަގައިގަނެވިފައި ވަނީ މާސްކާއެކުގައެވެ. ހަމަ އެގޮތަށް، ކުރީގެ ވަރަށް ގާތް ރައްޓެހިން ކޮވިޑް ތެރޭގައި މާސްކު އަޅައިފައި ތިބުމުން، ކިތަންމެ ކައިރިން ދިމާވިޔަސް އެއީ ކާކުކަން ނޭނގިގެން އެ މައްސަލަ ދިމާވެފައި ވަނީކީ ވެސް މަދެއްކޮށެއް ނޫނެވެ. ނަމުން ގޮވައިލިޔަސް ބަލަހައްޓައިގެން ހުރެވެއެވެ. އޭރު ކާކުކަން އެނގެނީ މާސްކު ނަގައިފައި މޫނު ދައްކާލުމުންނެވެ. މިހާރު، މާސްކު އެޅުމުންނެވެ. މީއިވެސް ވެދާނެ ގޮތެކެވެ. ސަމާލުވުން ބުއްދިވެރިއެވެ.

މާސްކު އަޅަން މަޖުބޫރުވި ދެ އަހަރެއްހާ ދުވަހު ގޭގެ ޚަރަދުގެ ބޮޑު ބައެއް ސަލާމަތް ކުރެވުނީތީ ބައެއް ފިރިން ތިބީ ވަރަށް އުފަލުންނެވެ. އެއީ އަންހެނުންގެ ލިޕްސްޓިކާއި ފައުންޑޭޝަން ގަންނަން ނުޖެހުމުންނެވެ. އެކަމަކު، މާސްކު އެޅުމުގެ މަޖުބޫރުކަން ދޫކޮށްލުމުން އަނެއްކާ ވެސް ކޮސްމެޓިކްސް ގަންނަން ޖެހި، ގޭގެ ބަޖެޓަށް ވަނީ ބުރަބޮޑުވެފައެވެ. އަދި ކޮސްމެޓިކްސް ވިއްކާ ފިހާރަތަކުގެ ކިޔޫ ދިގުވެ، ވިޔަފާރިވެސް ވަނީ ބޮޑު ތަނުން ރަނގަޅުވެފައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
11

One Response

  1. މިކޮލަމްކިޔަންވެގެން ވަރަށް އިރުފަހުން އެކްސެސް ވެވުނީ. ކޮންމެ ދުވަހެއްގެވެސް ހާލަކީ މިއީ. މި ނޫސް އެކަނި މިހެން ވަނީ. ވަރަށް އުދަގުލުން 10 ވަރަކަށް ފަހަރު ޓްރައި ކުރިފަހުން މި ވަދެވެނީީ. ނެޓް ސްލޯނަމަ އެހެން އެއްޗިއްސަށް ކީއްވެ ފަސޭހައިން ވަދެވެންވީ؟ ސަމާލުކަަށް މިކަން ގެންނަން ބޭނުން. ސީރިއަސްކޮށް މިކަން ބައްލަވާދީ. ބަޔަކު ޖެއްސުން ކުރާހެން ހިވަނީ އަދިވެސް ވެބްސައިޓަށް.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *