...

Support Us

ކޮލަމް: ހަވާސް

ލޮރީއެއްގެ ޝުއޫރު

އެ ދުވަހު ކަލޭ ވަނީ ބޮޑާވެގެންފައެވެ.

ކަލެއަށްވުރެ މަތިން އުދުހެވޭ އެހެން އެއްޗެއް ނެތުމުންނެވެ.

ކަލެއަށްވުރެ އަވަހަށް، ބާރަށް ދަތުރުކުރެވޭ

އެހެން އެއްޗެއް ވެސް ނެތް ކަމަށް ދައުވާކުރަމުންނެވެ.

ކަލޭ ބުނަމުއެވެ.

ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި،

ދުނިޔޭގެ އެންމެ ގިނަ ތަންތަނަށް ދެވޭނީ އަހަންނަށް އެކަންޏެވެ.

ދުނިޔޭގެ އެކި ތަންތަނަށް ދާން އެހެން ވަސީލަތްތައް ބޭނުކުރަނީ މޮޔައިންނެވެ.

 

ކަލޭގެ އަވާގައި އެންމެން ޖެއްސިއެވެ.

އެންމެންގެ ހިތް ކަލޭ އަތުލިއެވެ.

އަރާމު ގޮނޑިތައް ދިނެވެ.

މީރު ކާއެއްޗެތި ދިނެވެ.

މީރު ބުއިންތައް ދިނެވެ.

އެކުދިންގެ ހިނިތުންވުމުން މީހުންނަށް އުފާވެރިކަން ގެނެސްދިނެވެ.

ހިތްހަމަޖެހުން ގެނެސްދިނެވެ.

 

ވިލާތަކުގެ ތެރޭގައި ކަލެއަކީ ބައެއް ފަހަރު ކޮޓަރިއެވެ.

އަނެއްބައި ފަހަރު ކާކޮޓަރިއެވެ.

އަނެއްބައި ފަހަރު ސެންޓު ފިހާރައެވެ.

އަދި އަނެއްބައި ފަހަރު ކޮފީ ޝޮޕެވެ.

ބައެއް ފަހަރު އޮފީސްވެސް މެއެވެ.

ކަލޭ އެހާ ފުރިހަމައެވެ.

 

ކަލޭ އެންމެ ބޮޑާވެ، ކިބުރުވެރިވީ ކަލޭގެ މެހެމާނުންގެ ސަބަބުންނެވެ.

ރަސްކަލުންނާއި ރާނީންނެވެ.

އަމީރުންނާއި ޚަލީފާއިންނެވެ.

ރައީސުންނާއި ވަޒީރުންނެވެ.

ޝެއިޚުންނާއި އުސްތާޒުންނެވެ.

ވެރިންނާއި އާންމުންނެވެ.

ކަލޭ ކިބުރުވެރިފައި ބުނަމުއެވެ.

އަހަރެންގެ މެހެމާނުންނަކީ ހުރިހައި ފަންތިއެކެވެ.

ހުރިހައި ގިންތިއެކެވެ.

ހުރިހައި އުމުރެކެވެ.

 

ކަލޭ އެ ދުވަހު ބޮޑާވެފައި ބުނީމުއެވެ.

އެހެން މީހެއްގެ އެހީތެރިކަމެއް އަހަރެން ބޭނުމެއް ނޫނެވެ.

އަހަރެން އަބަދުވެސް އުޅޭނީ އެކަންޏެވެ.

ތަންތަނަށް ދާންވެސް އެހެން މީހެއްގެ އެހީތެރިކަމެއް އަހަރެން ބޭނުމެއް ނުވާނެއެވެ.

ހުރިހައި ކަމެއް ވެސް އަހަރެން އަމިއްލަ އަށް ކުރާނަމެވެ.

 

އެކަމަކު،

މިއަދު ދުނިޔެ ބަދަލުވެއްޖެއެވެ.

ކަލޭ ވެސް "އެކްސްޕަޔަރ" ވެއްޖެއެވެ.

ކަލޭ އެކަނިވެރިވެއްޖެއެވެ.

ކަލޭ ބާކީވެއްޖެއެވެ.

ވިލާ ކަފާފައި އުދުހުނު ދުވަސް މާޒީވެއްޖެއެވެ.

ކަލެއަށް ދެވޭނެ ހިދުމަތެއް މިއަދަކު ނެތެވެ. އެހެންވެ،

ކެލޭގެ ބޭނުމެއް ވެސް މިއަދަކު ނެތެވެ.

 

ވިސްނާށެވެ.

މިއަދު ކަލޭ ތިވަނީ ހަމަބިމަށް ތިރިކޮށްފައެވެ.

މިއަދު ކަލެއަށް ތަނަކަށް ދެވޭނީ އަހަރެންގެ ބުރިކަށިމަތީގައި މަޑުމަޑުން ތިހެން އޮތިއްޔާއެވެ.

އަހަރެން ގެންދިޔައީމާ ގެންދިޔަ އިރަކުންނެވެ.

ބާރެއް ނެތިފައި ތިގޮތަށް އޮންނަން ޖެހޭނެ ކަމަށް ކަލޭ ފަހަރުގައިވެސް ހީނުކުރާނެއެވެ.

 

އަހަންނަށް ނޫދުހެވޭތީ ކަލޭ އެ ދުވަހު އަހަންނަށް މަލާމާތްކުރިއެވެ.

ބައެއް ސާމާނު ހިފައިގެން، ކަލޭ ކައިރިއަށް ދާ ދުވަސް ދުވަހުއެވެ.

އޭޕްރަންމަތީގައި އެހެން މީހުން ވެސް ތިއްބައެވެ.

އެ ދުވަހު އަހަރެންގެ ލޮލުން ކަރުނަ އައެވެ.

މި ނޫން ދުވަހެއް ދައްކަވާތޯ އަހަރެން ދުއާކުރީމެވެ.

އަބަދުއެވެ.

ރެއާއި ދުވާލުއެވެ.

 

އަހަރެންގެ ބުރަކައްޓަށް މިއަދު ތަދުވިޔަސް ހެވެވެ.

ކަލޭ ބޭނުން ތަނަކަށް ކަލޭ ގެންގޮސްދޭނަމެވެ.

އަދި އަހަރެން މިއަދު ކަލެއަށް މަލާމާތެއް ނުކުރާނަމެވެ.

ކަލެއަށް އޭރު ނުވިސްނުނީތާއެވެ.

އުދުހި އުދިހިފައިވެސް އަހަރެންގެ ބުރަކަށިމަތީ

އޮންނަންޖެހޭނެ ދުވަހެއް އަތުވެދާނެކަން ނޭނގުނީއެވެ.

ކަލޭގެ އުނިކަމަކީ އެއީއެވެ.

ބާރެއް ލިބުމުން ބޮޑާކަން ދެއްކުމެވެ.

ކަލޭގެ ހަގީގީ ސައިޒު މިއަދު ކަލެއަށް ތި ފެންނަނީނެއެވެ.

 

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.