Support Us

ކޮލަމް: ވިނަވި

ކޮލަމް ވިނަވި: އަހިވަކަކީ ސިއްހަތަށް ފާއިދާ ހުރި އެއްޗެއްބާ؟

އަހިވަކަކީ މާލޭގެ މިސްކިތްތަކުގައި ބޮޑެތި ގޯތި ހުރި ދުވަސްވަރުގައި އެ ތަންތަނުގައި ވަރަށް ގިނައިން ހެދުނު އެއްޗެކެވެ. މިހާރުވެސް އަތޮޅުތެރޭގެ ރަށްރަށުގެ ވަލުގައި ވަރަށް ގިނައިން ހެދެއެވެ. އަހިގަހަކީ ދެކުނާއި ދެކުނު އިރުމަތީ އޭޝިއާގެ އަހުލުވެރި އެއްޗެކެވެ. އެހެނަސް މިހާރު އެ ގަސް ވަނީ ހޫނު ޤައުމުތަކަށް ހިޖުރަކޮށްފައެވެ.

އައްސަކީ މެދު ސައިޒުގެ ގަހެކެވެ. ބައެއް ގަސް 15 މީޓަރަށް ހެދެއެވެ. އަހި ގަހުގައި އަޅަނީ ހުދު ކުލައިގެ ރީތި ކުދި މާތަކެކެވެ. އަހިވަކަކީ އަސްލުގައި އެތަކެއް ފުރުޓް އެކުވެގެން އުފެދިފައި ހުންނަ އެއްޗެކެވެ. އަހިވައް ގިތިއިރު ހުންނަނީ މަޑުފެހި ކުލައިގައެވެ. ދޮންވީމާ ހުދުކުލައިގައެވެ. އަހި ފަތް ހުންނަނީ ހައެއްކަ އިންޗި ދިގުކޮށް 3.5 ވަރަކަށް އިންޗި ފުޅާކޮށް، ކޮޅު ހިމަކޮށް، ގަދަފެހި ކުލައިގައެވެ. ފަތުގައި ހިތި ވަހެއް ދުވިޔަސް އެއީ އެހާ ހިތި އެއްޗެއް ނޫނެވެ. ތައިލޭންޑްގައި އެއިން ސެލަޑް ހަދައިއުޅެއެވެ.

އަހިވަކަކީ ޒަވި ރަހައެއް ލާ އެއްޗެކެވެ. އަދި ބައެއް މީހުންނަށް އޭގައި ހޮޑު ރަހައެއް ވެސް ލާކަމަށް ބުނެއެވެ. މިހެންވެ އަހިވަކަކީ އެއްވެސް ތަނެއްގައި އާއްމު ކެއުމެއް ނޫނެވެ. އެހެނަސް ކާބޯތަކެތި ދަތިވީމާ ކައި އުޅެއެވެ. ރާއްޖޭގައި ހަކުރާއި ހުނި އަޅައިގެން މޮޑެގެން އަހިވައް ކައި އުޅުނެވެ.

ރާއްޖޭގައި އަހިގަހުން ހިފި އެއްމެ މުހިންމު ބޭނުމަކީ އޭގެ މުލުން ކުލަ އުފެއްދުމެވެ. އެއީ އޮރެންޖު-ރީނދޫ ކުލައެކެވެ. އެ ބޭނުންކޮށް ހެދީ ލަކުޑިއާއި ފޮތީގައި ކުލަ ޖެއްސުމެވެ.

 

އަހިވައް މިފަހުން މަޝްހޫރުވީ އެއިން އުފައްދާ ރީތީގެ ޕްރޮޑަކްޓްތައް ސިންގަޕޯރާއި މެލޭޝިއާގައި އިޝްތިހާރުކުރުމުގެ ސަބަބުންނެވެ. މި ޕްރޮޑަކްޓްތަކުގެ ތެރޭގައި ލޯޝަނާއި ސައިބޯންޏާއި ތެޔޮ ހިމެނެއެވެ.

ޘަޤާފީ ބޭސްވެރިކަމުގައި އާއްމު ސިއްހަތު ރަނގަޅުކުރުމަށް ޓޮނިކެއްގެ ގޮތުގައި އަހިވައް ބޭނުން ކުރެއެވެ. އެހެނަސް އަހިވަކުން ސިއްހަތަށް ފާއިދާއެއް ކުރާ ކަމަކަށް ދިރާސާތަކުން ސާބިތެއް ނުވެއެވެ.

ރެފަރެންސް: Wikipedia (2021) Morinda citrifolia