ކޭކު ވިޔަފާރީގައި ރާއްޖޭގެ އެންމެ ބޮޑު ފިހާރަ "ފްރޫޓީ މެލޯ"އިން މިއަދު ހުޅުވައިފިއެވެ. "ބޭކްސް ވިތު ފްރޫޓީ މެލޯ" ނަމުގައި މި ފިހާރަ ހުޅުވައިފައި ވަނީ ބާ އިންޖީނުގޭ ހުޅަނގު މަގުގައި، ސޯސަން މާޓް ކުރިމަތީގައެވެ.
ދެ ފަންގިފިލާގެ "ބޭކްސް ވިތު ފްރޫޓީ މެލޯ" އަކީ، އައްޑޫ ހިތަދުއަށް އުފަން މަޝްހޫރު ކޭކުއެޅުންތެރިޔާ ފާޠިމަތު ޝިފާގެ ތިން ވަނަ ފިހާރައެވެ. އެކި ބާވަތުގެ މަސައްކަތް ކުރުމާއި ކުރިއެރުވުމުގެ ރޮނގުން ގައުމީ އިނާމު މިދިޔަ އަހަރު ހާސިލްކޮށްފައިވާ ޝިފާގެ މި ފިހާރަ އޭނާ ތައްޔާރުކޮށްފައި ވަނީ ކޭކުއަޅަން ބޭނުންކުރާ ތަކެއްޗާއި ކޭކު ޒީނަތްތެރިކުރަން ބޭނުންވާ އެއްޗެއްސާއި ކުޑަކުދިންގެ ޕާޓީތައް ޒީނަތްތެރިކުރުމަށް ބޭނުންވާ ހުރިހައި ސާމާނެއް ވަކިވަކިންނާއި ގަނޑުކޮށްވެސް ލިބޭ ގޮތަށެވެ. އޭގެތެރެއިން ބައެއް ތަކެއްޗަކީ ދުވަހު ކުއްޔަށް ވެސް ދޫކުރާ ތަކެއްޗެވެ.

"މި ހުރިހައި ތަކެއްޗަކީވެސް ބޭރުން ގެނެސްފައި ހުރި ތަކެތި. ރާއްޖޭގެ އެކި ރަށްރަށަށާއި ރިސޯޓުތަކަށް ވެސް މި ތަކެތި ހޯލްސޭލްކޮށް ވެސް އަޅުގަނޑުމެން ސަޕްލައިކޮށްދެން،" "ބޭކްސް ވިތު ފްރޫޓީ މެލޯ"ގެ އިސް އޮފިޝަލަކު ބުންޏެވެ.

"ބޭކްސް ވިތު ފްރޫޓީ މެލޯ" ރަސްމީކޮށް ހުޅުވުމުގެ ގޮތުން މިއަދު ހަވީރު ވަނީ ކުޑަ ހަފުލާއެއް ބާއްވައިފައެވެ. މި ހަފުލާގައި "ފްރޫޓީ މެލޯ"ގެ ބައެއް ކަސްޓަމަރުން ބައިވެރިވިއެވެ.

ގޭގައި އަމިއްލައަށް ކޭކު ޒިނަތްތެރިކުރަން ބޭނުންވާ މީހުންނަށް، ގޭގައި ކޭކު އެޅުމުގެ ބަދަލުގައި، އެކި ރަހަތަކުގެ އާދައިގެ ކޭކާއި ކަޕް ކޭކުވެސް ވަގުތުން ލިބޭނެ ކަމަށް "ބޭކްސް ވިތު ފްރޫޓީ މެލޯ" އިން ބުނެއެވެ. އޭގެ އިތުރުން އައިސިން އާއި ކޭކަށް ބޭނުންވާ އެހެނިހެން ހުރިހައި ސާމާނެއް ވެސް އެތަނުގައި އެބަހުއްޓެވެ.

އިތުރު ފޮޓޯތައް: ފޮޓޯ ގެލަރީގައި



advertisment

