ތެލުގެ އަގު ބޮޑުވިޔަސް ސްޓެލްކޯއިން ދޭ ކަރަންޓުގެ އަގު ބޮޑުނުކުރާނެ ކަމުގައި މެނޭޖިން ޑިރެކްޓަރ އަހުމަދު ޝަރީފު ވިދާޅުވެއްޖެއެވެ.
މިއަދު ކުރެއްވި ޓްވީޓެއްގައި ޝަރީފު ވިދާޅުވީ ފްލެޓް ރޭޓެއްގައި ސްޓެލްކޯ އަށް ތެޔޮ ފޯރުކޮށްދިނުމުގެ އިންތިޒާމް ސަރުކާރުން ހަމަޖައްސައިދީފައިވާ ކަމަށެވެ.
Thelu ge agu boduvumaa gulhigen stelco in dhey karrantu khidhumathu ge agu bodu nukuraane, flat rate ehga stelco ah theyo foarukohdhinumuge inthizaamu sarukaarun vanee hama jassaidheefa
— Ahmed Shareef (@ShareefRangondi) March 12, 2022
ރަޝިޔާ-ޔުކްރޭނު ހަނގުރާމައާ ވިދިގެން، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމުން ތެލުގެ އަގު ރާއްޖޭގައި ވެސް ވަނީ ބޮޑުވެފައެވެ. މިގޮތުން މި މަހު ފަހަކުން ފެށިގެން ޕެޓްރޯލް ލީޓަރެއް ވިއްކަނީ 14.60ރ. އަށެވެ. ޑީސަލް ލީޓަރެއް 14.80ރ. އަށެވެ. މިއީ ޕެޓްރޯލް ލީޓަރަކުން 2.54ރ. އަދި ޑީސަލް ލީޓަރަކުން 2.36ރ.ގެ ބޮޑުވުމެކެވެ. އެސްޓީއޯ އިން ކުރިން ޕެޓްރޯލް ލީޓަރެއް ވިއްކީ 12.06ރ. އަށް އަދި ޑީސަލް ލީޓަރެއް 12.44ރ. އަށެވެ.
ތެލުގެ އަގު ބޮޑުވުމުން، އެ މީހުންނަށް ލިބޭ ފައިދާ ކުޑަވެގެން، މާލޭ ޓެކްސީތަކުން ވަނީ ދެ ދުވަހެއްގެ މަތީން ހަޅުތާލުކޮށް، ދަތުރުތައް މެދުކަނޑާލައި، އެންމެ ފަހުން ދަތުރުގެ އަގުތައް އެމީހުން އަމިއްލައަށް ބޮޑުކޮށްފައެވެ. ނަމަވެސް ޓްރާންސްޕޯޓް މިނިސްޓްރީން ބުނަމުން ދަނީ އެގޮތަށް އަގުތައް ބޮޑުނުކުރެވޭނެ ކަމަށެވެ. އަދި ބޮޑު އަގު ނަގާ ޓެކްސީތަކަށް ފިޔަވަޅު އަޅާނެ ކަމަށެވެ.



advertisment

