Support Us

ކޮލަމް: ރަންދެލި

ކޮލަމް ރަންދެލި: "ދިގު ޢުމުރު"

މަތީގައިވާ ސުރުޚީއަކީ އިންޑިއާގައި ރަސްކަންކުރެއްވި މޫޣަލް ޚާންދާނުގެ އެންމެފަހުގެ އަމްބަރާޠޫރު ބަހާދުރު ޝާހު ޒަފަރު ހައްދަވާފައިވާ ޅެމެއްގެ ސުރުޚީއެކެވެ.

ބަހާދުރު ޝާހު ޒަފަރު މި ޅެން ހައްދަވާފައިވަނީ، އިނގިރޭސިން އިންޑިއާއަށް އަރައި، ބަހާދުރު ޝާހު ޒަފަރު ހިފައި ހައްޔަރުކޮށް، އޭރު އިނގިރޭސިންގެ ބާރުގެ ދަށުގައި އޮތް މިޔަންމާގެ ރަންގޫނުގައި ބަންދުކޮށްފައި ހުންނެވި ދުވަސްވަރު، އެތަނުގައެވެ. ބުނެވޭގޮތުގައި އިނގިރޭސިން ވަނީ، ގަލަމާއި ކަރުދާސް ބޭނުންފުޅު ކުރެއްވުން ބަހާދުރު ޝާހު ޒަފަރަށް މަނާކޮށްފައެވެ. އެހެންކަމުން ބަހާދުރު ޝާހު ޒަފަރުގެ ހަޔާތްޕުޅުގެ އެ ދުވަސްވަރު ހެއްދެވި ޅެންތައް ލިޔުއްވާފައިވަނީ، ދުންފޮދު ހިއްޕަވަން ބޭނުންފުޅު ކުރެއްވި ދެލި ބޭނުންފުޅު ކުރައްވައިގެންނެވެ. ބަންދުކޮށްފައި ހުރި ތަނުގެ ފާރުތަކުގައެވެ. އިނގިރޭސިން ބަހާދުރު ޝާހު ޒަފަރު ހައްޔަރުކުރީ 20 ސެޕްޓެމްބަރ 1857 ގައެވެ. މުސްލިމުންގެ ލެޔަށް ފެންބޮވައިގެންފައިވާ އިނގިރޭސިން، އޭގެ އަނެއް ދުވަހު، އޭނާގެ ދެ ދަރިކަލުން ކަމަށްވާ މިރުޒާ މޫޣަލްއާއި މިރުޒާ ޚިޒުރު ސުލްޠާން އަދި ކާފަ ދަރިކަލުން މިރުޒާ އަބޫ ބަޚުތު ބަޑިޖަހާ ޝަހީދު ކޮށްލިއެވެ.

އިނގިރޭސިން ގަބޫލުކުރި ގޮތުގައި، އަމްބަރާޠޫރުގެ ހައިސިއްޔަތުން އިނގިރޭސިންނާ ދެކޮޅަށް ހަނގުރާމަ ކުރަން ލަޝްކަރެއް ނުފޮނުވިއެއް ކަމަކު، އިންޑިއާގެ މުސްލިމުންނާއި ހިންދޫއިން އެކަތިގަނޑަކަށް ހައްދަވައި އިނގިރޭސިންނާ ދެކޮޅަށް ތެދުވުމަށް ހިތްވަރު ދެއްވައި އެކަން އެމަގަށް ކުރެއްވުމުގެ ޙަޤީޤީ މޭސްތިރިއަކީ ބަހާދުރު ޝާހު ޒަފަރެވެ. އެހެންކަމުން މިއަދު މިދެކޭ އިންޑިއާގެ މިނިވަންކަމުގައި މުސްލިމުންވީ ޤުރުބާނީއަކީ ބަޔަކު ފަސްއަޅައި ފޮރުވަން އުޅުނަސް ފޮރުވޭނޭ ޙަޤީޤަތެއް ނޫނެވެ.

ތިން ދަރިކަލުން އަވަހާރަވުމުގެ ހިތާމައާއި، އޭނާގެ ގައުމާއި އަދި ލޯބިފުޅުވާ މީހުންނާއި ދުރުގައި ހުންނަވަން ޖެހިވަޑައިގަތުމުން ކުރިމަތިވެ ވަޑައިގެންނެވި ހިތާމައާ ހިތްދަތިކަން، މި ޅެމުން ވަރަށް ބޮޑަށް އެނގިގެންދެއެވެ. ބަހާދުރު ޝާހު ޒަފަރު އަވަހާރަވީ، ހައްޔަރުގައި ރަންގޫނުގައި ހުންނަވަނިކޮށް 07 ނޮވެމްބަރ 1862 ގައެވެ. ބަހާދުރު ޝާހު ޒަފަރު އަވަހާރަވުމުން، ޖަނާޒާގައި ބައިވެރިވުމުގެ ފުރުޞަތު ގާތްމީހުންނަށްވެސް ނުދީ ވަރަށް އިހާނެތި ގޮތެއްގައި ފަސްދާނުލާފައިވަނީ މިޔަންމާގެ ރަންގޫނުގައެވެ. އަދި ބަހާދުރު ޝާހު ޒަފަރު ފަސްދާނުލާފައިވާ ތަންވެސް ވަނީ ސިއްރުކޮށްފައެވެ.

"ދިގު ޢުމުރު"

لگتا نہیں ہے جی مرا اُجڑے دیار میں
کس کی بنی ہے عالمِ ناپائدار میں

ބަރުބާދުވެފައިވާ މި ބިމުގައި އަހުރެންގެ ހިތަކަށް ހަމަޖެހުމެއް ނުލިބެއެވެ.
މި ފަނާވެދަނިވި ދުނިޔޭގައި، އާރާސްތުވީ ކާކުގެ ދިރިއުޅުމެއް ހެއްޔެވެ؟

بُلبُل کو باغباں سے نہ صَیَّاد سے گلہ
قسمت میں قید لکّھی تھی فصلِ بہار میں
ބަގީޗާ ބަލަހައްޓާ މީހާއާއި ޝިކާރަވެރިޔާއާ މެދުވެސް ބުލްބުލްގެ ޝަކުވާއެއް ނެތެވެ.
ބަހާރު މޫސުމުގައި (ޒުވާން ޢުމުރުގައި) ގައިދުވުން އޮތީ ނަސީބުގައި ލިއުއްވާފައެވެ.

کہہ دو اِن حسرتوں سے کہیں اور جا بسیں
اتنی جگہ کہاں ہے دلِ داغدار میں
ކޮންމެވެސް އެހެން ތަނެއްގައި އާބާދުވާށޭ މި މޮޅިވެރިކަމަށް ބުނެދޭށެވެ.
އަހުރެންގެ މި ވީރާނާވެފައިވާ ހިތުގައި އެ މޮޅިވެރިކަމަށް އޮތީ ކޮން ޖާގައެއް ހެއްޔެވެ؟

عُمْرِ دراز مانگ کے لائے تھے چار دن
دو آرزو میں کٹ گئے دو انتظار میں
ދިގު ޢުމުރަކަށް އެދި ދެންނެވުމުން އަހުރެންނަށް ލިބުނީ ހަތަރު ދުވަހެވެ.
ދެ ދުވަސް އުއްމީދުގައި އަނެއް ދެ ދުވަސް އިންތިޒާރުގައި ހޭދަވެއްޖެއެވެ.

دِن زندگی کے ختم ہوئے شام ہو گئی
پھیلا کے پاؤں سوئیں گے کُنجِ مزار میں
ދިރިހުރުމުގެ ދުވަސްތައް ނިމި، ހަވީރު (މަރުވުމުގެ ވަގުތު) ވެއްޖެއެވެ.
މިހާރު އަހުރެންނަށް ކަށްވަޅުގައި ފައިދަމާލައިގެން (ހަމަޖެހިލައިގެން) ތާއަބަދަށް ނިދި ދާނެއެވެ.

کتنا ہے بدنصیب ظفر دفن کے لیے
دو گز زمین بھی نہ ملی کوئے یار میں
ޒަފަރު، ކިހާ ބަދުނަސީބުވެރި ހެއްޔެވެ؟ ވަޅުލުމަށްޓަކާ،
ލޯބިވާ ބިމުން ދެ ގަޒުވަރުގެ (ހަފޫޓުގެ) ބިންކޮޅެއްވެސް ނުލިބުނެވެ.

ބަހާދުރު ޝާހު ޒަފަރަކީ ޅެންވެރިކަމަށް ވަރަށް ލޯބި ކުރެއްވި ބޭފުޅެކެވެ. ބަހާދުރު ޝާހު ޒަފަރުގެ ޝާހީ ދަރުބާރުގައި ޅެންވެރިއެއްގެ ގޮތުގައި މަޝްހޫރު މިރުޒާ ޣާލިބުވެސް މަސައްކަތް ކުރެއްވިއެވެ. މި ޅެމުގެ އެންމެ ފަހު ދެބައިތުން، އޭނައާ މެދު ކަންތައްތައް ވެގެންދާނެގޮތް ބަހާދުރު ޝާހު ޒަފަރަށް އެނގިވަޑައިގަންނަވާ ކަހަލައެވެ. އެއީ ޢުމުރުފުޅުގައި ދެން މާކަގިނަ ދުވަސްތަކެއް ނެތްކަމާއި، އަދި އަވަހާރަވުމުން، އެންމެކުޑަމިނުން އޭނާ ލޯބިފުޅުވާ ވަޒަނުގައި، އާދެ އިންޑިއާގައި ވަޅުފުޅުލެވުމުގެ ނަސީބުވެސް ލިބިވަޑައި ނުގަންނަވާނެކަމެވެ.