Support Us

ކޮލަމް: ރަންދެލި

ކޮލަމް ރަންދެލި: 10 ވަނަ ޤަރުނުގެ ތެރޭގައި ފަރަންސޭސި ޒުވާނެއް ފޮނުވި ސިޓީއެއް، ލޯބިވާ ބައްޕައަށް

ތިރީގައިވާ ލިޔުމަކީ، 10 ވަނަ ޤަރުނުގެ ތެރޭގައި އަންދަލުސްގެ ޤުރުޠުބާގެ ހަސްފަތާލެއްގައި ފަރުވާ ހޯދަމުންދިޔަ ފަރަންސޭސި ޒުވާނަކު، އޭނާގެ ބައްޕައަށް ލިޔުނު ސިޓީއެއްގެ ތަރުޖަމާއެވެ. އެ ސިޓީން އެ ދުވަސްވަރު މުސްލިމުން ބޭސްވެރިކަމާއި ޢިމާރާތްކުރުމާއި އެހެނިހެން ފަންނުގައި ކުރިއަރާފައިވާ މިންވަރު ވަރަށް ރަނގަޅަށް ހާމަކޮށްދެއެވެ. އޭރު ހުޅަނގުގައި ތަރައްޤީވެފައިވާ ހަމައެކަނި ޤައުމަކީ އަންދަލުސްއެވެ. އާދެ، މިހާރުގެ ސްޕޭނެވެ.

ލޯބިވާ ބައްޕައަށް،

ބައްޕަ ފޮނުއްވި ސިޓީގައި އަޅުގަނޑުގެ ބޭސް ފަރުވާއަށް ލާރި ފޮނުއްވާނެ ވާހަކަ ބުނުއްވާފައިވެއެވެ. އަޅުގަނޑަކަށް ލާރިއެއް ބޭނުމެއް ނުވެއެވެ. މި އިސްލާމީ ހަސްފަތާލުން ހުރިހާ ފަރުވާއެއްވެސް ދެނީ ހިލެއެވެ. އަދި މި ހަސްފަތާލާ ގުޅޭގޮތުން އެހެން ކަމެއްވެސް އެބައޮތެވެ. މި ހަސްފަތާލުން ރަނގަޅުވެގެން ދޫކޮށްލާ ކޮންމެ މީހަކަށް އާ ހެދުމަކާއި ފަސް ދީނާރު ލިބެއެވެ. އެއީ، އެ މީހާ އަރާމުކޮށް އެއްކޮށް ގަދަވަންދެން މަޑުކުރަންޖެހޭ ދުވަސްވަރުގައި މަސައްކަތްކުރަން ޖެހިދާނެތީއެވެ.

ލޯބިވާ ބައްޕާއެވެ. ބައްޕަ މިތަނަށް ދުރުވެ، އަޅުގަނޑާ ބައްދަލު ކުރައްވަން ބޭނުންވެލައްވާނަމަ، އަޅުގަނޑާ ދިމާވާނީ ސަރޖަރީއާއި ހުޅުތަކަށް ފަރުވާދޭ ޑިޕާޓްމަންޓުންނެވެ. މައި ދޮރުން ވެންނެވުމަށްފަހު، ދެކުނު ހޯލަށް ދުރުވާށެވެ. އެތަނުން ފެނިލައްވާނީ ފުރަތަމަ އެހީދޭ ޑިޕާޓްމަންޓާއި ބަލިތައް ތަޙުލީލުކޮށް ދެނެގަންނަ ޑިޕާޓްމަންޓެވެ. އެއަށްފަހު، ފެނިލައްވާނީ "ރާއްޖެ ބައްޔާ" ބެހޭ ޑިޕާޓްމަންޓެވެ. އަޅުގަނޑުގެ ކޮޓަރިއާ ޖެހިގެން ކުތުބުޚާނާއަކާއި ބޮޑު ހޯލެއް ބައްޕައަށް ފެނިލައްވާނެއެވެ. އެ ހޯލަށް ކޮންމެ ދުވަހަކު ޑޮކްޓަރުން އެއްތަންވެ، އުސްތާޛުން ކިޔަވައިދެއްވާ ފިލާވަޅުތައް، އަޑުއައްސަވާ ހައްދަވައެވެ. އޭގެ އިތުރުން، އެ ހޯލަކީ ފޮތް ކިޔުމަށްވެސް ބޭނުންކުރާ ތަނެކެވެ.

އަންހެނުންގެ ބަލިތަކާބެހޭ ޑިޕާޓްމަންޓު ހުންނަނީ ހަސްފަތާލުގެ އަނެއް ފަޅީގައެވެ. ފިރިހެނުންނަށް، އެ ބަޔަށް ވަނުމުގެ ހުއްދައެއް ނޯވެއެވެ. ހަސްފަތާލުގެ ކަނާތް ފަރާތުގައިވާ ބޮޑު ހޯލަކީ، ބަލިން ރަނގަޅުވާ މީހުން ތިބުމަށް ހަދާފައިވާ ތަނެކެވެ. އެމީހުން އަރާމުކޮށް ވަކި މުއްދަތެއްގައި ބަލިން އެއްކޮށް ޝިފާ ލިބެންދެން މަޑުކުރާނީ އެ ތަނުގައެވެ. އެތަނުގައި ޚާއްޞަ ކުތުބުޚާނާއަކާއި މިއުޒިކް ކުޅޭ ބައެއް ސާމާނުވެސް ހުރެއެވެ.

އަންދަލުސްގެ ޤުރުޠުބާގެ ހަސްފަތާލެއް

ލޯބިވާ ބައްޕާއެވެ. މި ހަސްފަތާލުގެ ކޮންމެ ތަނެއްވެސް އެހާމެ ސާފުތާހިރެވެ. އެނދުތަކާއި ބާލީސްތަކުގައި ބޭނުންކޮށްފައި ހުންނަނީ ދިމިޝްޤުގެ އޮމާން ހުދު ފޮއްޗެވެ. އެނދުގައި އަޅާފައިވާ ފޮތިތައް ހަދާފައިވަނީ ވަރަށް މަޑު އަގުބޮޑު ފޮއްޗަކުންނެވެ. މި ހަސްފަތާލުގެ ހުރިހާ ކޮޓަރިއަކަށްވެސް ސާފު ފެން ވަނީ ފޯރުކޮށްދީފައެވެ. ކޮޓަރިތަކަށް ފެން ފޯރުކޮށްދެނީ ހޮޅިތަކެއްގެ ތެރެއިންނެވެ. އެ ހޮޅިތައް ގުޅާފައި ހުންނަނީ ވަރަށް ފުޅާކޮށް ހަދާފައިވާ ފެނުގެ ފައްވާރާއަކާއެވެ. އެކަން އެކަންޏެއް ނޫނެވެ. އަދި ފިނި މޫސުމުގައި ހުރިހާ ކޮޓަރިއެއްވެސް ހޫނު ކުރެވޭނެގޮތް ވަނީ ގާއިމުކޮށްފައެވެ. ކާންދެނީ ކުކުޅާއި ތަރުކާރީގެ ބާވަތްތަކެވެ. ކާންލިބޭ ތަކެތި މީރުކަމުން ބައެއް ބަލިމީހުން ހަސްފަތާލު ދޫކޮށްފައި ދާންވެސް ބޭނުމެއް ނުވެއެވެ.