Support Us

ކޮލަމް: ރަންދެލި

ކޮލަމް ރަންދެލި: މޫޣަލް އެމްޕެރަރ އައުރެންޒޭބު އަލަމްޤީރުގެ ހަނދާނުގައި…

މީގެ 304 އަހަރު ކުރިން، މީލާދީން 1707 ވަނަ އަހަރު މާރިޗް މަހުގެ ތިން ވަނަ ދުވަހަކީ، މޫޣަލް ޚާންދާނުގެ މަތިވެރި ރަސްގެފާނު އައުރެންޒޭބް އަލަމްޤީރު އަވަހާރަވީ ދުވަހެވެ.

އައުރެންޒޭބަކީ އިންޑިއާގައި 1526 އިން 1761 އަށް ރަސްކަންކުރި މޫޣަލް ޚާންދާނުގެ ހަތް ވަނަ ރަސްގެފާނެވެ. އެ ރަސްގެފާނުގެ ފުރިހަމަ ނަންފުޅަކީ މުހުޔިއްދީނު މުޙައްމަދެވެ. އެ ރަސްގެފާނުގެ ރަސްކަމުގައި ސީދާ އޭނާގެ ބެއްލެވުމުގެ ދަށުން އިންޑިއާ ބައްރުގައި އިސްލާމްދީން ވަރަށް ބޮޑަށް ފުޅާކުރައްވާފައިވެއެވެ.

އައުރެންޒޭބުގެ ދުވަސްވަރު ދެކުނު އިންޑިއާގެ ސަރަހައްދުތައް ހިއްޕަވައި، މޫޣަލް އެމްޕަޔަރގެ ސަރަޙައްދު ހަތަރު މިލިއަން އަކަމޭލަށް ފުޅާ ކުރައްވައި 158 މިލިއަން މީހުންގެ މައްޗަށް ރަސްކަން ކުރެއްވިއެވެ. އަދި އެ ސަރަޙައްދުތަކުގެ އިގްތިސާދު ފުޅާކުރައްވައި، އަހަރީ އާމްދަނީގެ ގޮތުގައި ޑޮލަރުން ބަލާނަމަ 450 މިލިއަން ޑޮލަރު ލިބިވަޑައިގެންނެވިއެވެ. އެއީ އޭރު ފްރާންސްގެ ރަސްގެފާނު ލުއިސް 14 ގެ ރަސްކަމުގައި އެ ގައުމަށް ލިބުނު އާމްދަނީއަށްވުރެ 10 ގުނަ އިތުރު މިންވަރެކެވެ. އައުރެންޒޭބުގެ ރަސްކަމުގައި މޫޣަލް އެމްޕަޔަރގެ އިޤުތިޞާދު، ޗައިނާގެ އިޤުޞާދަށްވުރެ ފުޅާކުރައްވާ، އޭރު ދުނިޔޭގައި އޮތް އެންމެބޮޑު އެންމެ ވަރުގަދަ އިޤުތިޞާދަށް ހެއްދެވިއެވެ. މީލާދީން 1700 ގެ ތެރޭގައި މޫޣަލް އެމްޕަޔަރގެ އިޤްތިޞާދުގެ ޖުމްލަ އަގަކީ 90 ބިލިއަން ޑޮލަރެވެ. އެއީ އެ ދުވަސްވަރު މުޅި ދުނިޔޭގެ ޖީޑީޕީގެ 25 އިންސައްތައެވެ.

އައުރެންޒޭބު އަލަމްގީރު އުފަންވެވަޑައިގަތީ 3 ނޮވެމްބަރ 1618 ގައި އިންޑިއާގެ ގުޖުރާތުގެ ދަހޯދުގައެވެ. އެއީ ޝާހު ޖަހާންއާއި މުމްތާޒު މަހާލްއަށް ލިބިވަޑައިގެންނެވި ހަ ބޭފުޅުންގެ ތެރެއިން ތިން ވަނަ ބޭފުޅާއެވެ. ތުއްޕުޅުއިރުން ފެށިގެންވެސް އައުރެންޒޭބުގެ ފަރާތްޕުޅުން، މާތްކަމާއި މަތިވެރިކަމުގެ ސިފަތައް ފެނިވަޑައިގެންނެވިއެވެ. އައުރެންޒޭބަކީ އަސް ދުއްވެވުމާއި އަދި އަހަށް ސަވާރުވެވަޑައިގެން ހަނގުރާމަ ކުރެއްވުމުގައި ވަރަށް ކުޅަދާނަ ފަހުލަވާނެކެވެ.

ބޮޑުފުޅުވަމުން އައިއިރު، ލިބިވަޑައިގެންނެވި ތަރުބިއްޔަތުގެ ސަބަބުން އައުރެންޒޭބުވެ ވަޑައިގަތީ ޢިލްމަށް ވަރަށް ލޯބި ކުރައްވާ އަދި އިސްލާމްދީނަށް ލޯބިކުރެއްވާ ބޭފުޅަކަށެވެ. ޒުވާން ޢުމުރުފުޅުން ފެށިގެންވެސް ގަނޑުވަރުތެރޭގެ އަގުބޮޑު ދިރިއުޅުއްވުމާއި ދުރުގައި ހުންނެވޭތޯ ވަރަށް މަސައްކަތްޕުޅު ކުރެއްވިއެވެ. އިންޑިއާގެ މެދުތެރޭގެ ސްޓޭޓެއް ކަމަށްވާ، ޑެއްކަން ސްޓޭޓް ހިންގެވުމާ ހަވާލުވެ ވަޑައިގެން، ވަރަށް އަވަހަށް ހިންގުމުގެ ދާއިރާގެ ތަޢުލީމާއި ތަޖުރިބާ ހާޞިލްކުރެއްވިއެވެ.

އައުރެންޒޭބުގެ ޢުމުރުފުޅުގެ 52 އަހަރުފުޅު ހޭދަކުރެއްވީ ޖިހާދު ކުރެއްވުމުގައެވެ. އިންޑިއާ ބައްރުގައި މޫޣަލް އެމްޕަޔަރ އެންމެ ބޮޑަށް ފުޅާވެގެން ގޮސްފައިވަނީ އޭރު ކުރެއްވި ހަނގުރާމަތަކުގެ ސަބަބުންނެވެ. އައުރެންޒޭބުގެ ރަސްކަމުގައި، މޫޣަލް އެމްޕަޔަރއިން 30 ހަނގުރާމައެއް ކުރައްވާފައިވާއިރު، އޭގެތެރެއިން 11 ހަނގުރާމައެއްގައި ލަޝްކަރުގެ ކޮމާންޑަރެއްގެ ގޮތުގައި ހުންނެވީ ޚުދު އައުރެންޒޭބުއެވެ.

އިންޑިއާ ބައްރުގައި މޫޣަލް އެމްޕަޔަރގެ ބިޔަ ރަސްކަން އެކެއްގެ ލީޑަރޝިޕްގެ ދަށަށް ގެންނެވުމުގައި އައުރެންޒޭބު ކާމިޔާބު ހޯއްދެވިއެވެ. އައުރެންޒޭބުގެ ރަސްކަމުގައި އިސްލާމީ ޝަރުޢީ ނިޒާމު ގާއިމްކުރައްވައި ޖިނާޢީ ޢަދުލުގެ ނިޒާމް އިސްލާޙު ކުރެއްވިއެވެ. އަދި އިންޑިއާގެ ނިއު ދިއްލީއަކީ، އޭރު ދުނިޔޭގައި އޮތް އެންމެ ތަރައްޤީވެފައިވާ އެންމެ ތަހުޒީބު ސިޓީއަށް ހެއްދެވިއެވެ. އެކި ނަންނަމުގައި ރައްޔިތުންގެ އަތުން ނަގަމުން އައި، 80 އަށް ވުރެ ގިނަ ބާވަތުގެ ޓެކްސްތައް ނެންގެވުން ހުއްޓަވާ ލެއްވިއެވެ. އަދި ކުރީގެ ރަސްރަސްކަލުން، ޣައިރު މުސްލިމުން އަތުން ނަންގަވަމުން އައި ޖިޒީވެސް ނެންގެވުން ހުއްޓަވާލެއްވިއެވެ.

އައުރެންޒޭބުގެ ރަސްކަމުގައި ވަރަށްގިނަ މިސްކިތްތަކާއި، ފައްޅިތަކާއި، ސްކޫލްތަކާއި، ހަސްފަތާލުތަކާއި އަދި ހައްމާމުތައް ބިނާކުރެއްވިއެވެ. އަދި ބަގީޗާތައް ހައްދަވައި، މަގުތައް މަރާމާތު ކުރެއްވިއެވެ. ޕާކިސްތާނުގެ ލާހޯރުގައި އެހެރަ ފެންނަ ރީތި ބިޔަ "ބާދު ޝާހީ" މިސްކިތަކީ އައުރެންޒޭބުގެ ބެއްލެވުމުގެ ދަށުން ބިނާ ކުރައްވާފައިވާ މިސްކިތެކެވެ.

"ބާދު ޝާހީ" މިސްކިތް

އާދަކޮށް ސުންނަތް ރޯދަ ހިއްޕަވާ އުޅުއްވިއެވެ. އަދި ކޮންމެ ނަމާދަކަށްވެސް މިސްކިތަށް ވަޑައިގަތުމަކީ އައުރެންޒޭބުގެ އާދަފުޅެކެވެ. އަދި ވަރަށް ގިނައިން ޤުރުއާން ކިޔަވާ ވިދާޅުވެ ހައްދަވައެވެ. އައުރެންޒޭބަކީ މޫޣަލް އެމްޕަޔަރގެ އެހެން ރަސްރަސްކަލުންނާ ޚިލާފަށް ވަރަށް ތަޤުވާވެރި އަދި ވަރަށް ތަވާޟުޢުވެރި ބޭފުޅެކެވެ.

އިންސާނީ ވަސީލަތް (ހިއުމަން ރިސޯސް) ތަރައްޤީ ކުރެއްވުމަށްޓަކައި މުވައްޒަފުން އައްޔަން ކުރައްވައި އެކަމާބެހޭ ދިރާސާތައް ހައްދަވައި، އެ މަނިކުފާނަށް ހުށަހެޅުއްވުމަށް އަންގަވައެވެ. އަދި އެ ދިރާސާތަކުގެ އަލީގައި އިންސާނީ ވަސީލަތް ތަރައްޤީ ކުރައްވާ ހެއްދެވިއެވެ. އެއްވެސް ހަށިފާރަވެރިޔަކާ ނުލައި ކޮންމެ ދުވަހަކު ތިންފަހަރު އިށީދެވަޑައިގެން، ސީދާ ރައްޔިތުންގެ ޝަކުވާތައް އަޑުއައްސަވާ، އެކަންކަން ހައްލުކޮށް ދެއްވިއެވެ. އިސްލާމީ ޝަރީޢަތުން ކުރައްވާ ޙުކުމްތައް، އެންމެ ފުރަތަމަ ލިޔުމަށް އަމުރުކުރައްވައި، އާންމު ޤާނޫނުގެ ގޮތުގައި އެފަދަ ޙުކުމްތައް ބޭނުންކުރެއްވުމަށް އަމުރު ކުރެއްވީވެސް އައުރެންޒޭބެވެ.

އަވަހާރަވުމުގެ ވަގުތު ގާތްވެއްޖެކަން އެނގިވަޑައިގެން، ޢާއިލާގެ ބޭފުޅުން ގެންނަވައި، އެ މަނިކުފާނުގެ ޖަނާޒާގެ ކަންތައްތައް ކުރެއްވުމުގައި ސަންދޯއްޕުޅުގެ އަގު ފަސް ރުޕީސްއަށްވުރެ ބޮޑު ނުކުރުމަށް އަމުރު ކުރެއްވިއެވެ. އޭރު އައުރެންޒޭބުގެ ޢުމުރުފުޅުން 89 އަހަރުފުޅެވެ. އެކަމަކުވެސް، ހަނގުރާމައިގެ ލަޝްކަރުތަކަށް އަމުރުފުޅު ކުރައްވައި ހައްދަވައެވެ. އަދި އަމިއްލަފުޅަށް ޤުރުއާން ކިޔަވާ ވިދާޅުވެ ހައްދަވައެވެ.

ޖުމްލަ 52 އަހަރު ރަސްކަން ކުރެއްވުމަށްފަހު، އައުރެންޒޭބު އަލަމްޤީރު އަވަހާރަވީ 03 މާރިޗް 1707 ގައި އިންޑިއާގެ މަހާރަޝްތުރާގެ އަހުމަދުނަގަރުގައެވެ. އައުރެންޒޭބު އަވަހާރަވުމަށްފަހު، މޫޣަލް އެމްޕަޔަރއިން އިންޑިއާ ބައްރުގައި ގާއިމުކުރި ވަރުގަދަ އިސްލާމީ އެމްޕަޔަރ މަޑުމަޑުން އުވިގެންދިޔައީއެވެ. އައުރެންޒޭބުގެ ފަހުން އައި ބަލިކަށި ރަސްރަސްކަލުންނަށް އެ ވަރުގަދަ އެމްޕަޔަރ އެގޮތުގައި ހިފަހައްޓައެއް ނުލެވުނެވެ. އެންމެފަހުން، ބަހާދުރު ޝާހު ޒަފަރުގެ ރަސްކަމުގައި، އިނގިރޭސިން ބަހާދުރު ޝާހު ޒަފަރު ހައްޔަރުކޮށް، 235 އަހަރުވަންދެން މޫޣަލް ޚާންދާނުން އިންޑިއާގައި ކުރަމުން އައި ރަސްކަން އުވާލީއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
4111

One Response

  1. ވަރަށް އަގުހުރި ތާރީޚީ ލިޔުމެއް. ލިޔުންތެރިޔާއަށާއި "އަދިވެސް"އަށް ޝުކުރު ދަންނަވަން. މޫޣަލް އެއީ ކިޔާ ގޮތެއް ނޫން. ރަނގަޅު ގޮތަކީ "މުޣަލް". ވީމާ ލިޔުންތެރިޔާއަށް ދަންނަވާލައިގެން ވިޔަސް އެ ކުށް އިސްލާހުކޮށްލެއްވުން ރަނގަޅު.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *